12 މާޗް 2019 - 06:45
ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނަކި އިންޑިއާ އާއި ބޭރުގެ ބައެއް ގައުމުތަކުގެ ޓޫރިޒަމް އިޝްތިހާރުކުރަން ކަނޑައަޅާފައިވާ އެމްބެސެޑަރުންނެވެ. މިފަދަ ފުރުސަތެއް މި ފަހަރު ލިބިފައި ވަނީ ސަލްމާން ހާނަށެވެ.
އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ ޓޫރިޒަމް އިޝްތިހާރުކޮށް، ޕްރޮމޯޓްކޮށް ދޭން ސަލްމާން ވަނީ އެއްބަސްވެފަ އެވެ. ކުރިއަށް ރިލީޒްވާން އޮތް އޭނާގެ ފިލްމު "ބާރަތު" ގެ ޝޫޓިން ވެސް މިހާރު ނިމިފައިވާތީ ވަގުތު ދެވެން އޮތުމުން އަންނަ މަހުގެ ތެރޭގައި ސަލްމާން މަދިޔަ ޕްރަދޭޝް އަށް ޒިޔާރަތް ކުރާނެ އެވެ.
މިކަމާ ބެހޭ ގޮތުން އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމަލް ނާތު ވިދާޅުވީ ސަލްމާންގެ ދަތުރު ކުރިއަށް ދާނީ އަންނަ މަހުގެ 1-18 އަށް ކަމަށެވެ.
"މިކަމާ ބެހޭ ގޮތުން ސަލްމާނާ އެކު ފޯނުން ދެކެވުނު ވާހަކައިގެ ތެރެއިން މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި. އެހެންވީމާ މަދިޔަ ޕްރަދޭޝްގެ ޓޫރިޒަމާއި ހެރިޓޭޖް އިޝްތިހާރުކޮށް، ޓޫރިސްޓުންގެ ސަމާލުކަން ހޯދަން ހިންގާ ގިނަ ހަރަކާތްތަކަށް އޭނަގެ ބައިވެރިވުން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މިކަމާ އަހަރެމެން ވަރަށް އުފާކުރަން."
ކަމަލް ވިދާޅުވި ގޮތުގައި ސަލްމާންގެ އެހީއާ އެކު މަދިޔަ ޕްރަދޭޝްގެ ޓޫރިޒަމް އިޝްތިހާރުކޮށްގެން ބޮޑު އާމްދަނީއެއް ވެސް ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.
އަންނަ މަހު މަދިޔަ ޕްރަދޭޝް އަށް ސަލްމާން ދާން ނިންމާފައިވާ އިރު، އެ މަހު އޭނާގެ "ދަބަންގް 3" ގެ ޝޫޓިން ވެސް ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ސަލްމާން، 53، ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނެ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ "ބާރަތު" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފިތުރު އީދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy