ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން: ވެށިފަހި ފްލެޓުގެ ޔަގީންކަން ދޭން އެ ޕާޓީން ގުޅާ މައްސަލައިިގައި ވަނީ ފާޑުކިއުން ވަނީ އަމާޒުވެފައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
20 މާޗް 2019 - 11:13
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމަށް ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ގުޅުމަކީ އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބާ ގުޅުވައި ހިންގާ ރިޝްވަތުގެ އަމަލެއް ކަމަށް ބުނެ އެ ޕާޓީ އަށް ފާޑުކިއުން އަމާޒު ވެއްޖެ އެވެ.
ވެށިފަހި މާލެ މަޝްރޫއަށް ކުރިމަތިލީ ބައެއް މީހުންނަށް އެމްޑީޕީ އޮފީހުގެ ނަމުގައި އަންނަނީ ގުޅަމުންނެވެ. އެ ނަމްބަރަށް "މިހާރު" އިން އިއްޔެ ގުޅުމުން ވާހަކަ ދެއްކި މީހަކު ބުނީ ވެށިފަހިމާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން 4،000 މީހުންގެ ނަން ހިމެނޭ ފައިލެއް އެ އޮފީހުގައި އެބައޮތް ކަމަށެވެ. އެއީ، އެ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ ދަތިހާލުގައި ދިރިއުޅޭ އަދި ފްލެޓް ލިބެން ޖެހޭ ކަމަށް ގަބޫލުކުރެވޭ މީހުންގެ ލިސްޓެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.
ވެށިފަހި މާލެ ޕްރޮގްރާމުން ފްލެޓު ނުލިބުނު މީހުންނަށް ޚާއްސަކޮށްގެން މިރޭ ކާނިވާ ސަރަހައްދުގައި ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން ގުޅި ބައެއް މީހުން ވަނީ، ކޯލް ރެކޯޑިން އާއްމުކޮށްފަ އެވެ. ބައެއް ކޯލްތަކުގައި، ވެށިފަހި މާލެ ޕްރޮގްރާމް އަލުން ކުރިއަށް ގެންގޮސް ހުޅުމާލެ އިން ފްލެޓް ދޭން ނިންމާފައިވާ ކަމުގެ ޔަގީންކަން ލިބޭ މޭރަމުން ވަނީ ވާހަކަ ދައްކައިފަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މި އަމަލު އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ، މަޖިލިސް އިންތިޚާބަށް ދޭ ރިޝްވަތެއްގެ ގޮތުގަ އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ފްލެޓް ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު އަދި ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި ކެމްޕޭން ކުރުމަށް ދައުލަތުގެ ވަސީލަތްތައް ސަރުކާރުގެ ވެރިން ބޭނުން ކުރުމަކީ ރައްޔިތުންގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރުން،" ޚަލީލް ވިދާޅުވި އެވެ.
އެމްޑީޕީ އަށް ޚަލީލް ފާޑުވިދާޅުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ނުހައްގުން ގިނަ އަދަދެއްގެ ފްލެޓް އޭނާގެ އާއިލާ އަށް ލިބުނު ކަމުގެ ތުހުމަތު ޚަލީލްގެ މައްޗަށް ކުރެ އެވެ. އެކަމަކު އެ ތުހުމަތު އޭނާ ދޮގު ކުރައްވަ އެވެ.
Rayyithunge majlisge majority nagan MDP ge candidatun vote hoadhumah Flat dheyne kamah bunumakee rishwathuge adhi corruption ge amaleh. Adhi campaign kurumah dhaulathuge vaseelaithah sarukaaruge verin beynun kurumakee rayyithunge mudhaa nahamagothugai beynunkurun.
— Dr. Abdulla Khaleel (@abkhaleel) March 19, 2019
ޚަލީލް ކުރެއްވި ޓުވީޓް
އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.
މަޖިލީސް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ގުޅައި ފްލެޓް ދޭނެ ކަމަށް ބުނެ މީހުން އެއްކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައުސިން އަކީ ވަކި މީހެއްގެ ކެމްޕޭން ހަތިޔާރަކަށް ނުހެދޭނެ،" އަލްހާން ވިދާޅުވި އެވެ.
މި ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީން ބުނެފައި ވަނީ، ފްލެޓް ދޭނެ ކަމަށް ބުނެ އެއްވެސް މީހަކަށް ގުޅާފައި ނުވާނެ ކަމަށެވެ. އަދި މިރޭ ބާއްވަނީ ވެށިފަހި މާލެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އެކަމަކު އެމްޑީޕީގެ ނަމުގައި ފޯން ކޯލް ލިބުނު ބައެއް މީހުން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފައިވާ ކަމަށެވެ. "އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް. ގޯތި، ފްލެޓު ދިނުމަކީ ސިޔާސީ ޕާޓީ އަކަށް ކުރެވޭނެ ކަމެއް ނޫން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީން ބުންޏެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބައްދަލުވުމެއް ބާއްވަނީ މަޖިލިސް އިންތިޚާބަށް އެމްޑީޕީން ގެންގުޅޭ 'އެޖެންޑާ 19' ގައި ހިމެނޭ ވެށިފަހި މާލެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމަށް ކަމަށާއި އެ ބައްދަލުވުމަށް ދައުވަތު ދީފައިވާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
21 March 2019
ކޮންމެގޮތެއްވިޔަސް މިވަގުތު ތިކުރާކަމަކީ ސީދާ ކަރޮޕްޝަން
ލީމަން ޒާހިރު
20 March 2019
ރައިޔަތުންގެ ވިންދާއި ކުޅެލީ ދޯ؟ ނަޝީދު ވޯޓު ހޯދުމަށް ދެން ރާއްޖެ ތެރެއަށް ނާންނާތި.. މާލޭގައި ދިރިއުޅޭ ރަށްރަށުމީހުން ކާރިޔަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުހުމަށް އެއްވެސް ފަރާތަކުން ނޭދޭތި! ބާރު ހަމަ އެކަނި ލިބޭފަރާތަކީ ވެރީންނެއްނޫން ރައިޔަތުންނަށް ވެސް ކިތަންމެ ކުޑަކޮށް ނަމަވެސް 5 އަހަރުން އެއްފަހަރު އެބަލިބޭ. ހީލަތްތެރި ރޭވުން ރޭވުމަކީއަޅުގަނޑުމެން ރައިޔަތުން ބަލައިގަންނަ.. އަދި އެކަން ކަމަށް މާފުކުރާނެ ކަންކަމެއްނޫން.. އަންނި އަށް
ލަބީބު
20 March 2019
7000 ފްލެޓު އިއުލާނުކޮށް މީހަކާށް 37، އަނެކަކަށް 5 ގެ މަގުން ބަހާލިއިރު ސަމާލުކަމަށް އައިތޯ؟
ކޯލް
20 March 2019
ސީދާ ރައީސަށް ޝަކުވާ އެ ހުށަހެޅެނީ ރައީސްގެ ކިބައިގައި އިޚްލާސްތެރިކަމާ އިންސާފަށް ލޯބިކުރާ ސިފަ އަށަގެންފައިވާތީ. ތުހުމަތުތަކަށް ވެސް ފުރިހަމައަށް އިޖާބަދީ މިނިސްޓަރުންވެސް ގޭގަ ބަހައްޓަން ޖެހޭ ހާލަތުގަ ގޭގަ ބެހެއްޓުމުން ހަމަހަމަކަން ވަރަށް ސާފް. ކުރީސަރުކާރާއި އެސަރުކާރަށް ވާގިވި މީހުން ލައިގެން މިކަން ނުވާނެ ކަން ވަރަށް ސާފު. މިފަދަ ރައީސެއް މިގައުމަށް ބޭނުންވަނީ
ވަތަން އިސްކުރަންޖެހޭ
20 March 2019
ޤައުމު ދެކެ ލޯބިވާ ބެއްނުން އެމްޑީޕީއަކީ. އޮޅުވާލުމާ މަކަރުން ހުރިހާކަމެ މިކުރަނީ. ރާއްޖޭގެ މިނިވަންކަމަ މީގެ އަސަރު ކުރާނެ. ވަރައްދެރަ.
ތެދުވެރިޔާ
20 March 2019
ޔާމިން ކޮއްދިންކަންތަ ނަޝީދު މީގެ ފައިދާ މިނަގަނީ.
މިލިޓަރީ
20 March 2019
އެމްޑީޕީއަކީ މަކަރާ ހީލަތުން ކަންތަ ކުރާ ސަރުކާރެ.
މަންޑޭލާ
20 March 2019
ދިވެހިންގެ ގައުމީޔަތު ވެއްޔާމޮޑެވިގެން މިދަނީ. އިންޑިޔަގެ އަޅުވެތިކަމަ. ދިވެހިން މީގެ ހިތި ވަރައް ވޭނުގަ ކުރާނެ އަދި.
ޝޮކްތެރަޕީ
20 March 2019
މިސަރުކަރުން އެއްވެސް ފުލެޓެ ނާޅަ. ޔާމިން ހެދި 7 ހާސް ފުލެޓު ހިތުހުރި ގޮތަކަ ނެހެދުމަ އަޅުގަނޑު ގޮވާލަން.
ދުންނާ
20 March 2019
ކޮރަޕްޝަނަށް ވާނީ ޕޕމ މީހުން ކުރުމުން އެކަނި
ޔުމްނާ
20 March 2019
ކޮރަޕްޝަނީ ކަމެއް ކުރީމާ އެކަމަކަށް ކިޔާ އެއްޗެއް. ސަރުކާރަކުން އެއްވެސް މީހަކަށް ފްލެޓެއް ނުދޭ. އިއުލާނެއްވެސް ނުކުރޭ.