އެމްޑީޕީގެ ކެމްޕޭން ނިންމަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގިނަ ހައްލުތަކެއް އެޖެންޑާ 19 ގައި ހިމެނޭ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
04 އެޕްރީލް 2019 - 23:11
އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި މި ސަރުކާރަކީ ވީ ވައުދުތައް ފުއްދައި ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން މަޖިލީސް އިންތިޚާބަށް ކުރި ކެމްޕޭން ނިންމަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުވާނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދުމަށް އެހީވުމަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 އަށް ތައުރީފް ކުރައްވައި ވިދާޅުވީ އެއީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ ގާނޫނީ އޮނިގަނޑެއް ކަމަށެވެ.
އެހެންކަމުން އިންތިޚާބުގައި އެންމެންގެ ވޯޓު ތިލަފަތަށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
"ކެމްޕެއިން ދަތުރުތަކާއި ބައްދަލުވުންތަކުން އަޅުގަނޑަށް ޔަގީންވެ ސާފުވެގެން ދިޔައީ ވަރަށް ގިނަ ރައްޔިތުން ތިބީ ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކެތްމަދުވެފައި ކަން،" ކެމްޕެއިންނަށް ގިނަ ރަށްތަކަކަށް ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
މަޖިލީސް އިންތިޚާބުގެ ކެމްޕޭން ނިންމަން އެމްޑީޕީން ބޭއްވި ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް އިންތިޚާބު ކުރަން ޖެހޭނީ ފައިސާ އަށް ނުވިކޭ، ނުފޫޒަށް ނުގުޑާ މެމްބަރުންނެވެ. އެ މެމްބަރުން ވާން ޖެހޭނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ނިންމާފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅުން ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ސަރުކާރަށް މިހާރު އަޣުލަބިއްޔަތު އޮތް ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަން ތަކުރާރު ކުރައްވައި މި ސަރުކާރުން ފޮނުވި 23 ބިލްގެ ތެރެއިން ފާސްކޮށްދީފައި ވަނީ އެންމެ އަށް ބިލް ކަމަށް ރައީސް ވިދާޅުވި އެވެ. ފާސް ނުކޮށްދިން ބިލްތަކުގެ ތެރޭގައި އެމަނިކުފާނުގެ މުހިންމު ވައުދުތަކެއް ފުއްދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރު އައީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި މި ސަރުކާރަކީ ނަތީޖާ ނެރޭނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރައްވައި ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ހޯދައި ދެވިއްޖެ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި މާލެއާއި އެއް ހަމައަކަށް ރަށްތަކުގެ ކަރަންޓްގެ އަގު ދަށް ކުރުމާއި ވިޔަފާރިތަކުގެ ކަރަންޓް ބިލް ކުޑަ ކުރައްވާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ކޮށްދިނުމަށް އެސްއެމްއީ ބެންކެއް އުފެއްދެވިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަށް ރައްޔިތުން ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނުނެތޭނެ ކަމަށާއި އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އިންކަމް ޓެކްސް ގެނައުން ފަދަ ކަންކަމަށް ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި ކައުންސިލްތަކަށް ބާރުތައް ދީ އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ 31 ޕަސެންޓް މެމްބަރުންނަކީ އަންހެނުން ކަމުގައި ހެދުމަށް ވެސް މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެކަންކަމުގެ ހައްލު އޮތީ އެމްޑީޕީގެ އެޖެންޑާ 19 ގައި ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގައި ތިބެން ވާނީ މިސިޔާސަތުތައް ދަންނަ ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލު ކުރާ ބޭފުޅުން. ފައިސާއަށް ނުވިކޭނެ ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ބޭއްވޭ އެންމެ އަމާން އަދި އެއްވެސް ކެންޑިޑޭޓަކަށް ބިރުވެރިކަމެއް ނެތި ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބުނު އިންތިޚާބު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
05 April 2019
މެޖޯރިޓީ ނުދޭތި. ރަޢީސް ޞާލިޙް ރަގަޅުވާނެ. އެކަމަކު އަންނި ބުނާގޮތަށް ކަންކުރަންޖެހޭނީ. ކަންކުރާނީވެސް އެގޮތަށް. ވީމާ ރާއްޖެ ހަލާކުކޮށްލާނެ. މެޖޯރިޓީ ނުދޭތި.
އިމަނާ
05 April 2019
ތިޔަބައިމީހުންނަށް ވޯޓްލާން ހިޔޮނުވާނެ. މިވީ ކުޑަދުވަސްކޮޅުގައި އެެވެރިންނަށް ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރަން ފޫގަޅާލިވަރު ނިކަން ދެކިބަލަ. ވިސްނާތި ރާއްޖެ ހަލާކުކޮށްލާނެ.
ގާސިމް
05 April 2019
ނުގޮސްފިއްޔާ ވަޒީފާ ގެއްލޭނެ އެހެން ނުބުނާކަން
ކާސިންން
05 April 2019
ސަރުކާރަށް މެޖޯރެޓީ ދީފިނަމަ 3 ބާރު ތެރެއިން 2 ބާރު އެއްވީ ދެބާރު އެކުވުމުން 3 ވަނަ ބާރު ގޮތް ހުސްވެ 3 ބާރު އެއްވާނެ. އަނެއްކޮޅުން ސަރުކާރަށް މެޖޯރެޓީ ނުލިބިއްޖެއްޔާ ވެރިކަން ހިންގުމުގައި އުނދަގޫތަކެއްވާނެ އެކަމަކު އިދިކޮޅުމީހުން ޖެއްސުން ނުކޮށް ޒިންމާދާރުވެއްޖެ ނަމަ ރައްޔިތުންނަށް ފައިދާވާނެ ސުވާލަކީ އެކަން ވާނެހޭ.
ރައްޔިތު މަންޖެ
05 April 2019
އީސީ މީހުނެއްނޫންތަ ތިބީ ތަބަކަށް ލާފަ މަޖިލިސް އެމްޑީޕީ އަށް ދޭން ކެތްމަދުވެފަ؟ މީނަ އަށް ރައިސްކަން ދިންގޮތަށް؟؟
hassan
05 April 2019
ކަައުންސިލްތައް ބާރުވެރިކުރުވާ ވާހަކަޏުދައްކާ ނުވާނެ ކައުނސިލް އިންތިހާބު ގެ މެޖޯރެޓީ ނުލިބިއްޖިއްޔާ ތީ ކުރާނެ ކަމެއްނޫން ކުރިންފަހަރުވެސް ހަޖަމު ނުވެގެން ގައުމީ އިދާރާހަދައިގެން ބާރުތައްމުށުތެރެއައް ލީ ކަން ދިވެހިން ދަނޭ މަޖުލިސް މެޖޯރެތީ ނުލިބިއްޖިއްޔާ ދެންފަށާނީ މެމްބަރުންނައް ރިށްވަތު ދީގެން މެމްބަރުން ގަންނަން އިބޫ އަކީވެސް ހަރުކަށި މީހެއްކަން މިހާރު ދައްކަމުން އެދަނީ..މަޑުން އިންނަގުރާ ބާރައްދައިގަންނާނެ އޭ ބުނާހެން..
ވިލްސް
05 April 2019
ތިކަން އެނގިދާނެ ރައްޔިތުން ވޯޓް ދިނީމަ. އޭގެ ކުރިއަކުން ނޭނގޭނެ.
ޢަފޫރު
05 April 2019
ސޮރީ މައިފަނިހުރިޕާޓީއައް އަޅުގަނދުމެނެންނަކައްނެތް ވޯޓުދެވޭކައް މަނިކުފާނުގެބާރުފުޅުޕާޓީގައޮތްނަމަ އަޅުގަނޑުމެން ވޯޓުދިނީމުސް މަނިކުފާނުންގެ ބާރުފުޅެއްނެތް ދެންވިދާޅުވެގެން ދީފިނަމަ ދޭނީކޮންގެއްލުމެއްކަމެއްވެސްނޭންގެ ފަހަރުގާމަނިކުފާނުވެސް ފޮނުވާލަފާނެ
ވިސްނަވާލައްވާ
05 April 2019
ކޮންމެ އެޖެންޑާއެއްގަ އޮތަސް ފައިދާހުރި ކުރެވޭނެ ކަމަކަށް ބެލެންސް މަޖްލިސެއްގަ މެޖޯރިޓީ ހުރަސްނާޅާނެ. އެކަން ކުރަނީ އެއްމެ ޕާޓީއަކުން ހިސޯރުވެފައި އޮންނަ މަޖްލިސް. ތިޔަ އެމްޑީޕީއަށް މެޖޯރިޓީ ލިބުމަކީ މަނިކުފާނު މިހާރަށްވުރެ ތާށިވުން ބޮޑުވެ، "ފަނިއަޅުވާބެއަށް" ގައުމުގެ މިލްކިއްޔާތާ މުއައްސަސާތައް ޚަރާބުކުރަން މުޅި ދައުލަތުގެ މައްޗަށް އަތްގަދަ ކޮށްދިނުން.
ޖެނެރަލް އަންދަރޭ
05 April 2019
އެކަމަކު އަޅުގަނޑު ބޭނުމީ ޕާޓީތަކަށް ވޯޓުނުދީ ޕާޓީ ސިސްޓަމް އުވާލަން. އަޅުގަނޑުގެ ވިންދެއް ނޭނގުނުދޯ ރައީސް މީހަޔަކަށް.