ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ބަންގްލަދޭޝް ސަޕޯޓަރުން ކުރިމަތީ ރާއްޖޭން ބޮޑު މޮޅެއް ހޯދައިފި

އަސަދުﷲ (ވ) އާއި ހަމްޕު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ 9000 ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ކުރިމަތީގައި ގަލޮޅު ދަނޑުގައި ކުޅެ އެ ޓީމު އަތުން ތަފާތު ބޮޑުކޮށް 5-0 އިން ދިވެހިރާއްޖެ މޮޅުވެއްޖެ އެވެ.

އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދިއިރު ފޯވާޑް އަސަދުﷲ އަބްދުﷲ ހެޓްރިކެއް ހެދި އެވެ. ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ރާއްޖޭގެ އަނެއް ދެ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިސްމާއިލް އީސާ އެވެ.

ގަލޮޅު ދަނޑުގެ ސިޑިބަރީގައި ހުސް ބަންގްލަދޭޝް ސަޕޯޓަރުން ތިބިއިރު، އެ ޓީމުގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު އޮތީ ގުގުމާލައިފަ އެވެ. މިރޭގެ މެޗު ސިފަވެގެން ދިޔައީ ރާއްޖެއަށް އަވޭ މެޗެއްގެ ގޮތުގަ އެވެ. ޔަގީނުން ވެސް ސަޕޯޓަރުންގެ ފަރާތުން ރާއްޖެއަށް ހޯމް އެޑްވާންޓޭޖެއް މިރޭ ނުނެގުނެވެ. ރާއްޖޭގެ ދެ ވަނަ ލަނޑާ އެކު ބަންގްލަދޭޝް ސަޕޯޓަރުން މަޑުމަޑުން ދަނޑުން ނުކުންނަން ފެށިއިރު ސިޑީބަރީގައި ތިބި މަދު ދިވެހިންކޮޅު ވަނީ މެޗުގެ ފަހުބައިގައި، ދަނޑުގެ ކޮންޓްރޯލް ނަގައިފަ އެވެ.

ބަންގްލަދޭޝް ސަޕޯޓަރުން ދަނޑުގައި ޓީމަށް ތަރުހީބު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހުގެރޭ ލާއޮސްއާ ދެކޮޅަށް ކުޅެން ތައްޔާރުވުމަށް ރާއްޖެ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ނަމަވެސް ގޯލް ޖަހާނެ ރަނގަޅު މާ ގިނަ ފުރުސަތެއް ތަނަވެސް ނުކުރެވުނެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ގަދަފަދަ އަޑާ އެކު އަދި އެ ޓީމުގެ ފިޒިކަލް ކުޅުމާ އެކު ރާއްޖޭގެ ކުޅުންތެރިން ތިބީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ.

މި ހާފުގައި ބަންގްލަދޭޝް އިން ކުރިއަށް ޖެހި ރާއްޖެ އަށް ކޮންމެވެސް ވަރަކަށް ބާރުބޮޑުކުރި އެވެ. އެކަމަކު އޭރިއާ ތެރެއަށް އެ ޓީމުން ހުރަސްކުރި ނުރައްކާތެރި ތިން ބޯޅަ އަދި އޭރިއާ ތެރެއިން ފޮނުވާލި ދެ ހަމަލަ ގޯލްކީޕަރު އިމްރާން މުހައްމަދު ހުށިޔާރުކަމާ އެކު ސަލާމަތްކުރި އެވެ.

މި ހާފުގައި ރާއްޖޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އަސްހަދު އަލީ (އަޑުބަރޭ) އާއި އަހުމަދު އިމާޒް (އާއްކޮ) އަށެވެ. އުމެއިރު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ އަމްދާން އަލީ (އެންޑީ) ބޮލުގައި ޖެހިފައި ގޯލްކުރިމަތީ އެކަނިމާއެކަނި ހުރެ އަޑުބަރޭ އަށް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް މަތިންނެވެ. އަދި އަނިޔާގެ ސަބަބުން ނާއިޒް ހަސަން (ދާދު) ބޭލުވުމަށް ފަހު އެރި އާއްކޮ އަށް އޭރިއާ ތެރެއިން އަސަދުﷲ ދިން ބޯޅަ އޭނާ އަށް ވެސް ގޯލާ އަމާޒުކުރެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލިއިރު އެ ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު ދިފާއު ކުރި އެވެ.

ބަންގްލަދޭޝް ކެޕްޓަން ކައިރިން ދަގަނޑޭ (ކ) ދެމި ގަންނަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ރާއްޖޭން ލީޑު ނެގި އެވެ. ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އަހުމަދު އަބްދުﷲ (ލިލީ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ މެއިން ޖައްސާލުމަށް ފަހު އަސަދުﷲ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މި ގޯލާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ހަމަޖެހުމެއް ލިބި، އިތުބާރާ އެކު ކުޅެން ފެށި އެވެ. ނަތީޖާއަކަށްވީ އޭގެ ހަތް މިނެޓު ފަހުން ރާއްޖޭން ލީޑު ފުޅާކުރުމެވެ. ބަންގްލަދޭޝްގެ ޑިފެންޑަރެއްގެ އަތުން ބޯޅަ އަތުމަށް ފަހު ދަގަނޑޭ ބޭރު ރޮނގު ކައިރިން ނެގި ހުރަސް ލިބުނީ އޭރިއާ ތެރޭ ހުރި އަސަދުﷲ އަށެވެ. އޭނާ ވަނީ އެ ބޯޅަ ބާރު ސްޕީޑުގައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ރާއްޖޭގެ ތިން ވަނަ ލަނޑު ޖަހަން އާއްކޮށް އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ދަގަނޑޭ މެދުތެރެއަށް ޖެހި ކުރިއަށް ދޭން ފެށި ބޯޅަތަކުގެ ސިލްސިލާގެ ފުރަތަމަ ބޯޅަ އާއްކޮއަށް މުޅިން ހުސްކޮށް ލިބުނު ނަމަވެސް އޭނާ ފޮނުވާލުމުން ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. ކީޕަރު ކުރިއަށް ޖެހިފައި ހުރި ވަގުތަށް ވުމާ އެކު އެ ބޯޅަ ގޯލުގެ ބޭނުން ދިމާލަކަށް ވައްދާލަން ފުރުސަތު ލިބުނު ނަމަވެސް އާއްކޮ އަށް އެކަން ކާމިޔާބެއް ނުވި އެވެ.

ބަންގްލަދޭޝްގެ ޑިފެންޑަރަކާއި ރާއްޖޭގެ އާއްކޮ (ކ) ބޯޅައަށް މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ދަގަނޑޭ އަނެއްކާ ވެސް އެކަހަލަ ރީތި ބޯޅައެއް ކުރިއަށް ވައްޓާލި އެވެ. މި ފަހަރު އަހުމަދު ރިޒްވާން (ރިޒޭ) އަރައި ފޮނުވާލި، ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު ދަގަނޑޭ ދިން ތިން ވަނަ ބޯޅަ ހަމްޕު ވަނީ ގޯލަށް ވައްދާލައިފަ އެވެ. އޭނާ ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ، ބަންގްލަދޭޝް ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އެވެ.

ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އަސަދުﷲ ހެޓްރިކް ފުރިހަމަކުރީ 83 ވަނަ މިނެޓުގަ އެވެ. މިދިޔަ ދެ އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަސަދުﷲ، ގައުމީ ޓީމާ އެކު ފުރަތަމަ ހެޓްރިކް ހެދީ، އަރިމަތިން ލިލީ ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ގޯލާ އެކު ބަންގްލަދޭޝް ސަޕޯޓަރުން ދަނޑުން ނުކުތެވެ. ރާއްޖޭގެ ފަސް ވަނަ ލަނޑު އީސަ ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގަ އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ ގޯލުގެ އެތެރެއަށް ވައްދާލީ ބަންގްލަދޭޝްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އެވެ.

މެޗުގެ ފަހު ހާފުގައި ރާއްޖޭގެ ފަރާތުން ވަނީ ރީތި ކުޅުމެއް ފެނިފަ އެވެ. ޕާސިން ގިނަ އަދި އުފެއްދުންތެރި ކުޅުމެއް ފެނުނުއިރު އިތުރު ތިން ގޯލް ޖަހަން މުޅިން ހުސް ފުރުސަތު ލިބުނެވެ. ކޯޗު ވަނީ މިރޭގެ މެޗުގައި ރާއްޖޭގެ އެޓޭކިން ޑިޕާޓްމަންޓުގެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ޒުވާން ފޯވާޑް ހަމްޕު (ކ) ގެ ލަނޑަށް ފަހު ދަގަނޑޭ އޭނާ އަށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގިޢްޔާ

02 September 2016

އޭކޮންކަހަލަ ޓީވީ ކޮމެންޓްރީއެއް. އަސަދުﷲ ލަނޑުޖެހީމަ ކިޔާއަޑުއިވޭ "އަސަދުﷲ އަކީ ވަރަށް ގޯލްޖަހާ ކުޅުން ތެރިއެކޭ......" މަގޭ ސުވާލަކީ ކޮމެންޓޭޓަރަށް ނޭގެނީ ބާއޭ އަސަދުﷲ އަކީ ފޯވަޑެއް ކަމެއް. ލަނޑުޖަހަން ހުރިމީހެއްކަމެއް.

The name is already taken The name is available. Register?

އައްޓަމަސް

02 September 2016

"ބަންގާޅީ ސަޕޯޓަރުން ދަނޑުން ނުކުމެގެން ދިޔަޔީ ދިވެހި ޤައުމީ ޓީމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހިންމަތާއި މިންނަތުން ކާމިޔާބުކުރި ޗާލު ފަސް ލަނޑުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންނެވެ." ވަގުތުގެ މިހެޑިން އަށް މަގޭ ރައްދަކީ: ޤައުމީ ޖޯޝު ދިވެހިންގެ ކިބައިން ނުފެނިގެން ލިޔުންތެރިޔަކު ލިޔުނު ލިޔުމެއްމީ! ޤައުމީ ޖޯޝްދިވެހިން ނުދައްކާތަ؟! ޤައުމީ ޖޯޝް އެބަހުރި އަދިވެސް ދިވެހިންގެ އެކަމަކު ޤައުމީ ޖޯޝް މިވަގުތު އޮތީ ނިދާފަ! ޤައުމީ ޖޯޝް ނިންދެވީ ފްޓްބޯޅައިގެ ތެރެޔަށް ސިޔާސީ މީހުން ދަނޑިދިގުއުދުޅި ބާނައިގަނެގެން! މެމްބަރކަމުން ލިބޭ ލާރިކޮޅުން "އަނގަޔާ އަތާ ދިމާނުވާތީ" އެބޭފުޅުން ފުޓްބޯޅައިގެ ތެރެޔަށް ވަނީމައި! ކަމެއް ކުރިއަރުވަން ބޭނުމިއްޔާ ފުލްޓައިމް މީހުން ތިބެން ޖެހޭނީ އެތަނެއްގައި، ހާފް ޓައިމް މީހުން ވަނީމާ ޓިމް ކުޅުންތެރިންގެ ވެސް ހުންނާނީ "ހާފް ޓައިމް ބުންވަރު" ބަލަން ތިބޭ ލާއޯސް މެޗުން ނުކުންނަ ނަތީޖާ ވެސް. ރާއްޖޭގައި ފުޓްބޯޅަ ކުރިއަކަށް ނާރާ! ހަމައެކަނި ދަނގަޑޭ ތަފާތަކީ! އޭނާ ނެތިއްޔާ ޓީމެކޭ ހުންގާނު ނެތް އޮޑިއެކޭ ހަމަވާނެ.

The name is already taken The name is available. Register?

ކޫރި

02 September 2016

ކޮބާބާ އަސަދުﷲ އަށް މަލާމާތްކުރާ ކުދިންކޮޅު. އަސަދުﷲ ގެ ވާޖިބު އަދާކުރެވޭނީ ޓީމު ރަނގަޅަށް ކުޅެ އޭނާއަށް ބޯޅަ ފޯރުކޮށްދިނީމަ، އޭނައަކީ ސެންޓަރ ފޯވަޑެއް. އޭނައަށް ރޭގައި ގާތްގަނޑަކަށް ލިބުނު ހުރިހާ ބޯޅައެއް ގޯލަށް ބަދަލުކުރި. އެއީ ވަރަށް މަދުކުޅުންތެރިއަކަށް ނޫނީ ނުވާ ކަމެއް. އަސަދުﷲ ހިއްވަރުކުރޭ.

The name is already taken The name is available. Register?

ކޮމެންޓޭ

02 September 2016

ފުރަތަމަ ލަނޑު އޮފްސައިޑުހެން ހާދަ ހީވޭ. ދިވެހި ރެފްރީން ލައިގެން ކުޅުނީ ކީއްވެބާ. ޓީމުގެ މަސައްކަތަށް ވަރަށް ބޮޑަށް މަރުހަބާ. ދެވަނަފަހަރަށް ބަންގްލަދޭސް މެޗަކަށް އެވަރަ ށް ސަޕޯރޓަރުން ނުދާނެ ވަރުކޮށްލީތީ ޝުކުރުދަންނަވަން. ވަރަށް ހުނަރުވެރި މޮޅު ސުކޮޑެއް އެބައޮތް. ރަނގަޅު ނަތީޖާ ތަކެއް ނެރޭނެ ކަމަށް އުއްމީދު ކުރަން. އެހެންނާ ގޮތަށް މޯބޮޑަށް ފޮނިނުވާނެ ކަމަށް އުއްމީދުކުރަން އެއްމެޗު ލިބުނީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454