ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމުރް (މ) އަދި ބައެއް ޑައިރެކްޓަރުން: އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯގެ ގެއްލުމުގެ އަސަރު އެސްޓީއޯގެ ވިޔަފާރި އަށް ވެސް އަންނަނީ ކުރަމުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
17 މެއި 2019 - 17:33
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް، މިދިޔަ ފަސް އަހަރު 839 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި، މިފްކޯ އަށް ވަމުންދާ ގެންލުންތަކާ ގުޅޭ ގޮތުން އަމްރު ވިދާޅުވީ، މިދިޔަ އަހަރު އެކަނި ވެސް 199 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ގެއްލުން ވަނީ އެންމެ ސަަބަބަކާ ހުރެ. މިދިޔަ އަހަަރު މިފްކޯ އިން 42،000 ޓަނުގެ މަސް ގަނެފައިވޭ. އޭގެ ތެރެއިން ވެލިއު އެޑް ކުރެވުނީ އޭގެ 30 ޕަސެންޓު. އަނެއް 70 ޕަސެންޓް ވިއްކާލަން ޖެހެނީ ގަނޑުކޮށްފައި ބޭރަށް،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި، ގަނޑުކޮށްގެން މަސް ވިއްކުމުން 1،925 ޑޮލަރު ޖެހޭ އިރު މިދިޔަ އަހަރު އެވްރެޖުކޮށް މަސް ވިއްކާފައި ވަނީ 1،722 ޑޮލަރަށެވެ. އެހެން ކަމުން މިފްކޯ އިން ޓަނެއް ވިއްކަނީ 203 ޑޮލަރު ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 228 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު އޭގެ ތެރެއިން 199 މިލިއަން ރުފިޔާ މިފްކޯގެ ގެއްލުމަށް ކަނޑަން ޖެހުނެވެ. އެއާ އެކީ މުޅި ގްރޫޕްގެ ފައިދާ 30 މިލިއަން ރުފިޔާ އަށް ދަށަށް ދިޔަ އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަށް ދިޔަ އެ ކުންފުނީގެ ބައެއް ހިއްސާދާރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ބޮޑު ގެއްލުމެއް ވަމުންދާ އިރު މިދިޔަ ދުވަސްތަކުގައި އެސްޓީއޯ އިން ވަނީ މިފްކޯ އަށް ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 85 މިލިއަން ރުފިޔާ އެސްޓީއޯ އިން މިފްކޯ އަށް ދީފައި ވެ އެވެ. އަދި މިދިޔަ އަހަރު 366 މިލިއަން ރުފިޔާ އެސްޓީއޯ އިން މިފްކޯ އަށް ދޭން ޖެހުނެވެ.
އަމްރު ވިދާޅުވީ، މިފްކޯ އިން ލިބޭ ގެއްލުން ކުޑަ ކުރެވޭނީ ދަޅުގައި ބަންދުކުރާ މަސް އިތުރު ކޮށްގެން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިފްކޯ އަށް 839 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެސްޓީއޯ އިން ބުނި ނަމަވެސް ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ނޮވެމްބަރު 2017 ގައި ވިދާޅުވީ އެއީ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށްފަައިވާ ކަމަށެވެ.
އޭނާ އޭރު ވިދާޅުވެފައި ވަނީ ފައިދާވާ ކުންފުންޏަކަށް މިފްކޯ ބަދަލުވެފައިވާ އިރު 2017 ވަނަ އަހަރު ނިމޭއިރު ވެސް އެއީ ފައިދާވާ ކުންފުންޏަކަށް ވާނެ ކަމަށެވެ.
މިފްކޯގެ އިތުރުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހޮޓަލުގެ ސަބަބުން ވެސް އެސްޓީއޯ ގްރޫޕަށް ގެއްލުންތަކާ ކުރިމަތިވެ އެވެ. އެގޮތުން، އެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެސްޓީއޯ އިން ދައްކަންޖެހޭ ފައިސާގެ އަދަދު ފަސް މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
18 May 2019
އަދުލީއަށް ހާދަފައޮތް ކޮމްޕެނީއެއް ތިއީ، އޭރުވެސް މިހާރުވެސް ގެއްލުން
ޙިނި
18 May 2019
މީ މަޖާކަމެއް ސަރުކާރު ކުންފުނިތައް ރިސޯޓު ހިންގިޔަސް ގެއްލުން ވަނީ، ރިސޯޓެއް ކުއްޔައްދިނަސް ގެލުން ވަނީ،
ޙިނި
18 May 2019
މިފްކޯ ބަންގުރޫޓުވަނީ ޕުރައިވެޓު މަސްކުންފުނިތައް މުއްސަންދިވަނީ. ސަރުކާރު ކުންފުނިވީމަ އެއްވެސް ޒިންމާއެއް ނަގާކައް ނުޖެހޭނެ މަސައްކަތް ނުކުރިޔަސް ބަރާބަލައް މުސާރަލިބޭނެ
ފޮނިޓައްޕު ހަސަނު
18 May 2019
މިފްކޯއަށް 839 މިލިއަން ރުފިޔާގެ ގެއްލުން ވާނަމަ ތިކުންފުނި ވަގުތުން ބަންދު ކޮށްލާ އަދި މަސްވެރިން ބާނާ މަސް ވާދަވެރިއަގެއްގައި ގަންނާނެ އަމިއްލަ ކުންފުނިތަކަކަށް ފުރުސަތު ހުޅުވާލާ.
ދިމަލެއް ނުވޭ
18 May 2019
މިދިޔަ އަހަަރު މިފްކޯ އިން 42،000 ޓަނުގެ މަސް ގަނެފައިވޭ. %70 ނުއަގުގަ ބޭރަށް ވިއްކަނީ 29،400 ޓަނު 2018 ވަނަ އަހަރު އެވްރެޖުކޮށް މަސް ވިއްކާފައި ވަނީ 1،722 ޑޮލަރަށް 780 މިލިއަން ރުފިޔާ އަގުހުރި %30 ދަޅުގަބަންދުކުރެވެނީ ބާކީ 12،600 ޓަނު! ކިތައް ދަޅު؟ 70 - 60 މިލިއަން ދަޅު ؟ 1 ބިލިއަން ރުފިޔާގެ އަގުހުރި!؟ ފަސް އަހަރު 839 މިލިއަންގެ ގެއްލުންވި! ދިމަލެއް ނުވޭ ތީތީ!
ކަންއޮތްގޮތް
18 May 2019
މިފަދަ ކުންފުނިތައް ހިންގަން ޙަވާލުކުރާ ފަރާތްތައް އެމީހެއްގެ ދައުރު ނިންމާލާއިރު ފިސާރި ރަނގަޅަށް ހިންދަމާލާކަމަކީ ޒަމާނުއްސުރެ ފާހަގަކުރެވެމުން ފެންނަމުން އަންނަކަމެކެވެ. އެފްޕީއައިޑީގެ ޒަމާނުއްސުރެ ތިތަނުގެކަންތައް ދަނީ ތިހިންނެވެ. އެކަމާއިމެދު އެއްވެސް ސަރުކާރަކަށް އެއްވެސް ވެރިއަކަށް އެޅުނު އެއްވެސް ފިޔަވަޅެއްވެސް އަދި ކުރެވުނުކަމެއްވެސް ނެތެވެ. މިހުރިހައި ގެއްލުމެއް ބޮލުއަޅަންމިޖެހެނީ ރައްޔިތުންނަށެވެ. ހިއްސާދާރުންނަށެވެ. ހުއްޓުމެއް ނެތެވެ
މޫސަަ
18 May 2019
ދެން އަވަހައް ކޮންމެވެސް ބޭރު ބަޔަކައްދީ..
ވޯލް
18 May 2019
މިއޮތީވާ އަޖާބެއް، އަމިއްލަށް މީހުން ހިންގާ މަސްކުންފުންޏަށްވަނީ ފައިދާ މިމީހުންނަށްވަނީ ގެއްލުން،ސަބަބަކީ މުވައްޒަފުންނަށް ކުރާ ބޭކާރު ޚަރަދާއި ކޮރަޕްޝަން ހަމަ ބޮޑީ
ފިޝީ
17 May 2019
18 ރިފިޔާއަށް މަސްކިލޯއެއް ގަނެގެން ކުޑަ މަސްފޮއްޗެއް ދަޅެއްގައި ބަންދުކޮށްގެން 15، 18 މަތިން ވިއްކީމަ ލިބެނީ ގެންލުންހޭ؟ މީ އަޖައިބު ހައިރާންވާވަރުގެ ކަމެއްނު! މަހުގެ ވިޔަފާރި ކުރާ އެހެންކުންފުނިތަކަށް ވަނީ ފައިދާ ގައިމު. ކޮރޮޕްޝަން ލެވެލް އުޅެނީ ކިހާވަރެއްގައި؟ ކުންފުނީގެ ހުރިހާ މުއައްޒިފުން ބަދަލުކުރަންވީނު.
ދަޅުކައްކާ
18 May 2019
ދަޅުގަބަންދުކުރެވެނީ %30 އަނެއް %70 ނުއަގުގަ ބޭރަށް ވިއްކަނީ ދެން ކޮންފައިދާއެެއްވާނީ.
ކޮންވައްތަރެއް
17 May 2019
އެމްޑީ އިން މިއުޅެނީ ކޮން ފާޑަކަށް. ގާބިލު އެމްޑީ އިން އަނެކުން ކޮށްފައިވާ ކަންކަމަށް ނުބަލާނެ. އެ އެއްޗިއްސެއް ނޮގޮވާނެ އިރުއިރުކޮޅަކާ. އެމީހުން ބަސް މަދުވާނެ ޢަމަލު ގިނަކޮށް އަވަހަށް ޓާގެޓަށް ދަތުރުކުރާނެ.