ލައިފްސްޓައިލް / ރޯދަ މަސް

މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ: ޢިލްމުގެ ގަދަރާއި ޢިލްމުވެރިންގެ އަޚްލާޤު

ޑރ. ސަޢުދުﷲ ޢަލީ

03 ޖޫން 2019 - 08:32

3 comments

ކީރިތި ޤުރްއާނުގެ ކަހްފު ސޫރަތުގައި ބަޔާންވެފައިވާ ހަތަރު ވާހަކައިގެ ތެރެއިން މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކާގައި އެތައް ސިއްރުތަކަކާއި ޙިކުމަތްތަކަކާއި ފިލާވަޅުތަކެއް ހިމެނެ އެވެ. މިފަދަ ލިޔުމެއްގައި އެ ހުރިހާ ވާހަކަތަކެއް ޚުލާޞާކޮށްގެން ވެސް ގެންނަން ދަތިވާނެ އެވެ. އެހެންކަމުން އެ ވާހަކައިން ފާހަގަވާ ބައިވަރު ކަންތައްތަކުގެ ތެރެއިން މި މަޒްމޫނުގައި މި ބަލައިލަނީ ޢިލްމުގެ ގަދަރާއި ޢިލްމުވެރިންގެ އަޚްލާޤުގެ މައްޗަށެވެ.

ޢިލްމު ހޯދުމަށް މޫސާގެފާނުގެ އަޒުމްފުޅުގެ ވަރުގަދަކަން

މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ ފަށާފައިވަނީ މޫސާގެފާނުގެ ޚާދިމުކުއްޖާ އަށް ވިދާޅުވާ ބަސްފުޅަކުންނެވެ. އެއީ "ދެ ކަނޑު ގުޅުނު ހިސާބަށް ދެވިއްޖައުމަށް ދާންދެން ނުވަތަ އެކަމުގައި ޒަމާންތަކެއް ވޭތުކުރައްވައިފުމަށް ދާންދެން ހިންގެވުން ދޫނުކުރައްވާނެ" (ކަހްފު 60) ކަމަށް ކަނޑައެޅުއްވި ވަރުގަދަ އަޒުމެވެ. މިފަދަ އަޒުމެއް މޫސާގެފާނުގެ ކިބައިން ފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫނެވެ.

އެކަލޭގެފާނުގެ ރިސާލަތު ފޯރުކޮށްދެއްވުމުގަ އާއި އަނިޔާވެރި ފިރުޢައުނާ ދެކޮޅަށް ނުކުންނެވުމުގަ އާއި ކިޔަމަންތެރިކަމާއި ކެތްތެރިކަން ކުޑަ ބަނީ އިސްރާއީލުންނާ މުޢާމަލާތު ކުރެއްވުމުގައި މީގެ ކުރިން ވަނީ އެ އަޒުމް ދައްކަވައިދެއްވައިފަ އެވެ. ﷲ ގެ ކަލީމެއްގެ ގޮތުގައި އެކަލޭގެފާނު އިޚްތިޔާރު ކުރެވިގެން ދިއުމާއި (އަލްއަޢުރާފު 144) މިފަދަ ވަރުގަދަ ދައުރުތަކަށް އެކަލޭގެފާނު ތައްޔާރުކުރެވިގެންވުމާއި (ޠާހާ 41) ﷲ ގެ ލޯތްބާއި ޢިނާޔަތް ލިބިފައިވުން (ޠާހާ 39) ވެގެންދިޔައީ ﷲ ގެ މި އަމުރުފުޅަށް ވެސް އެއްވެސް ޖެހިލުމެއް ނެތި ކިޔަމަންވުމުގެ އަޒުމެއް އުފަންވި ކަމަކަށެވެ. މި އަޒުމުގައި ހިންގަވަމުން ވަޑައިގެން އަމާޒު ފަހަނަޅައި ވަޑައިގެންނެވުނު އިރު ވެސް ޖެހިގެން އައި ދުވަހު މެނުވީ ވަރުބަލިކަމެއް ވެސް އިހުސާސް ނުކުރެއްވުނެވެ. މި އަޒުމަކީ ދުނިޔަވީ މަންފާއަކަށްޓަކައި އޮތް އަޒުމެއް ނޫނެވެ. ﷲ ގެ އަމުރަށް ކިޔަމަންވުމާއި އެ އަމުރުގެ ދަށުން ކަންކަން އުނގެނި ދަސްކުރުމަށްޓަކައި އޮތް އަޒުމެކެވެ. (އަހަރެމެންގެ ވެސް މިފަދަ އަޒުމެއް ﷲ އަށް ކިޔަމަންވުމަށާއި އުނގެނުމަށްޓަކައި އޮންނާނެ ނަމަ އެވެ.)

ޢިލްމުވެރިކަން ﷲ އަށް ނިސްބަތް ކުރަން ޖެހޭ

ޢިލްމު ހޯއްދެވުމަށް މޫސާގެފާނު އަޒުމް ކަނޑައެޅުއްވީ ކީއްވެގެންކަމެއް އަދި އެކަމެއް މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ޤުރްއާނުގައި ބަޔާންކުރައްވައިފައެއް ނުވެ އެވެ. އެކަމަކު ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސުން މިކަން އެނގެ އެވެ. އެއީ ބަނީއިސްރާއީލުންގެ މީހަކު، "އެންމެ ޢިލްމުވެރި މީހަކީ ކާކުތޯ؟" ކުރި ސުވާލަށް މޫސާގެފާނު އަވަސްވެޑައިގެން ދެއްވި ޖަވާބުގައި ޢިލްމުވެރިކަން އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ނިސްބަތް ކުރެއްވުމެވެ.

މިއީ ﷲ ގެ ހަޒްރަތުން މިކަމަށް އެއްވެސް އުޒުރެއް ގަބޫލުކުރައްވާނެ ކަމެއް ނޫނެވެ. މި ކުށުގެ ނަތީޖާއަކީ މިކަން ތަޞައްވުރު ކުރުމުގެ ގޮތުން ﷲ ގެ ޙަޟްރަތުން ތަކުލީފެއް އައުމެވެ. އެއީ އެކަލޭގެފާނު ނޫނަސް ﷲ ޢިލްމު ދެއްވާ އެތައް ބަޔަކު ތިބެދާނެކަން ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވުމަށެވެ.

މިގޮތުން ﷲ މޫސާގެފާނަށް އެންގެވީ ﷲ ޚާއްޞަ ޢިލްމެއް ދެއްވި ޚާއްޞަ ޞާލިޙު އަޅަކާ ބައްދަލު ކުރެއްވުމަށެވެ. މޫސާގެފާނަކީ މިފަދަ ކަމެއް ގަސްދުގައި ކުރައްވާނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެނީ ތަވާޟުޢުވެރިކަމާއި ﷲ އަށް ކުއްތަންވެވަޑައިގަތުމާއި ކުށަށް އިޢުތިރާފުވެ ވަޑައިގަތުމާއި (އަލްޤަޞަޞް 16) ނިކަމެތިކަން ބަޔާން ކުރެއްވުމާއި (އަލްޤަޞަޞް 24) އެހެން މީހުން އެކަލޭގެފާނަށް ވުރެ މޮޅުކަން ބަޔާންކުރެއްވުމަކީ (އަލްޤަޞަޞް 34) އެކަލޭގެފާނުގެ އާދަފުޅެކެވެ.

ވީއިރު މިއީ ގަސްދެއް ނެތި އެކަލޭގެފާނަށް ކުރެއްވެވުނު ކަމެކެވެ. ފަހަރެއްގައި ކީރިތި ޤުރްއާނުގައި މިވާހަކަ ބަޔާންކުރައްވާފައި ނެތީ އެހެންވެގެން ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް މޫސާގެފާނު ފަދަ ނަބީބޭކަލެއްގެ ފަރާތުން ގަސްދަކާ ނުލައި ވިއަސް މިފަދަ ކަމެއް ފެނުމުން ﷲ އެކަން ދޫކޮށްނުލައްވައި ތަކުލީފު ޖެއްސެވީ އެވެ. އަދި މިކަން ޤުރްއާނުގައި ބަޔާން ކުރައްވާފައިވަނީ މީސްތަކުން މިކަމުން ޢިބްރަތް ލިބިގަތުމަށްޓަކައި ވެސް މެއެވެ.

ލިބިގަންނަންވީ އިބުރަތަކީ ޢިލްމެއް ލިބުމުން ބޮޑާވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެއް ކަމެވެ. ޤާރޫނު ފަދައިން މުދާވެރިކަން ވިއަސް އަދި ޢިލްމުވެރިކަން ވިއަސް ބޮޑާވެ އަމިއްލަ ނަފްސަށް ނިސްބަތް ނުކުރުމެވެ. ސަބަބަކީ މިފަދަ ކަމެއްގައި ތިމާގެ އޮންނަ ދައުރަކީ ހަމައެކަނި އެކަމުގެ ސަބަބުތަކުގައި ހިފުން ކަމަށް ވުމެވެ. އެކަމަކު ސަބަބުތައް ލެއްވުމާއި އެ ސަބަބުތަކާ އެއްގޮތަށް ކަންކަން ހިންމެވުން އެއީ ތިމާއަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ ﷲ ގެ އިރާދަފުޅާއި މިންވަރުފުޅެވެ. ވީމާ ޢިލްމެއް ލިބުނަސް ﷲ އަށް އެކަން ނިސްބަތް ކުރުމާއި ތިމާ އަށް ލިބިފައިވަނީ ހުރިހާ ޢިލްމެއް ނޫންކަމާއި މޮޅަށް ދެނެވޮޑިގެންވާނީ ﷲ ކަން އަބަދުވެސް ތިމާ ގަބޫލުކުރަން ޖެހޭނެ އެވެ.

ޢިލްމުގެ ގަދަރާއި ޢިލްމުވެރިންގެ އަޚްލާޤު

ޢިލްމަކަށް ވާން ޖެހޭނީ ހައްގު ޢިލްމެވެ. އެހެންކަމަށް ވާ ނަމަ ޢިލްމަކީ އޭގެ ގަދަރު އުފުލިގެންވާ އެއްޗެކެވެ. އެއާ ގުޅޭ މުހިންމު އަދަބުތަކެއް އެކުލެވޭ އެއްޗެކެވެ. އެ އަދަބުތައް ނެތިއްޖެ ނަމަ ޢިލްމުގެ އަގު ވެއްޓިދާ އެއްޗެކެވެ.

މޫސާގެފާނު ޚިޟްރުގެފާނާ ބައްދަލުކުރެއްވީ ﷲ ގެ އަމުރަށެވެ. ޚިޟްރުގެފާނަށް ﷲ އުނގަންނައިދެއްވި އެއްޗެއް އުނގެނިވަޑައިގަތުމަށެވެ. އަދި މި އުނގެނުމަކީ ކިހާވަރެއްގެ މުހިންމު އަދި މަތިވެރި ކަމެއްކަން އެނގިވަޑައިގެން ހުންނަވަ އެވެ. މި ސަބަބުތަކަށްޓަކައި ޚިޟްރުގެފާނުގެ އަރިއަހުން މިކަމަށް އެދި މޫސާގެފާނު ސުވާލު ދެންނެވީ ވަރަށް އަދަބުވެރި ކަމާއި އިޙުތިރާމާ އެކު އެވެ. އާދެ، "ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯ އެވެ؟" (ކަހްފު 66). އަނެއްކޮޅުން ﷲ އެބޭކަލަކަށް ޢިލްމު ދެއްވި ޚިޟްރުގެފާނު ތަވާޟުޢުވެރިވެވަޑައިގަތެވެ.

ހަދީސުން އެނގޭ ގޮތުގައި ޚިޟްރުގެފާނު ވިދާޅުވި އެވެ. "އޭ މޫސާގެފާނެވެ. ﷲ ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވި ޢިލްމަކުން ތިމަންކަލޭގެފާނަށް ޢިލްމު ލިބިވަޑައިގެންފައިވެ އެވެ. އެ ޢިލްމު ކަލޭގެފާނަކަށް އެނގިވަޑައި ނުގަންނަވަ އެވެ. އަދި ﷲ ކަލޭގެފާނަށް އުނގަންނަވައިދެއްވި ޢިލްމަކުން ކަލޭގެފާނަށް ޢިލްމު ލިބިވަޑައިގެންފައިވެ އެވެ. އެ ޢިލްމު ތިމަންކަލޭގެފާނަކަށް އެނގިވަޑައި ނުގަންނަވަ އެވެ."

މިއިން އަހަރެމެން ލިބިގަންނަންވީ ފިލާވަޅަކީ މީހެއްގެ ޢިލްމުވެރިކަން ކިތަންމެ މައްޗަށް ދިޔަސް އެމީހަކަށް ނޭނގޭ ކަންކަން އެތައް ގުނައެއް ބޮޑުވެގެންވާނެ ކަމެވެ. ﷲ އިންސާނުންނަށް ދެއްވާފައި ވަނީ ޢިލްމުގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެކެވެ (އަލްއިސްރާއު 85). އަދި އެ ކުޑަ މިންވަރު ދެނެގަތުމަށް އިންސާނާ އަށް ލިބިގެންވަނީ ވަކި ހައްދެއް އެކުލެވޭ ވަސީލަތްތަކެކެވެ. އިންސާނާގެ ހުރިހާ ހިއްސެއް ބޭނުން ކުރިއަސް އަދި ހިތާއި ސިކުނޑީގެ ހުރިހާ ބާރުތަކެއް ބޭނުން ކުރިއަސް ދެނެގަތުން ވަނީ ވަކި ހައްދެއްގަ އެވެ.

އެހެންކަމުން މި ކުޑަ މިންވަރުގެ ތެރެއިން ވެސް އިންސާނާ އަށް ނޭނގޭ ކަންކަން ވަރަށް ވެސް ގިނައެވެ. ހަމައެފަދައިން ތިމާ އަށް ނޭނގޭ ވަރަށް ކުޑަކުޑަ ކަމެއް ކިތަންމެ އާދައިގެ މީހަކަށް ވެސް އެނގިދާނެ އެވެ.

ސުލައިމާނުގެ ފާނަށް ވެސް ކުޑަކުޑަ ދޫންޏަކަށް އެނގިފައިވި މަޢުލޫމާތެއް އެ ދޫނީގެ ފަރާތުން ނޫނީ އެނގިވަޑައެއް ނުގަތެވެ. ސުލައިމާނުގެފާނު ބޮޑާވެވަޑައެއްނުގަންނަވަ އެވެ. އެ ދޫނީގެ ފަރާތުން އެ މައުލޫމާތު ބަލައިގެންނެވި އެވެ.

ދުނިޔަވީ ހަޔާތުން އެތައް ބާރުތަކެއް އެބޭކަލަކަށްޓަކައި ﷲ ކިޔަމަންތެރިކޮށްދެއްވި ސުލައިމާނުގެ ފާނަށް ވެސް ކުޑަކުޑަ ދޫންޏަކަށް އެނގިފައިވި މަޢުލޫމާތެއް އެ ދޫނީގެ ފަރާތުން ނޫނީ އެނގިވަޑައެއް ނުގަތެވެ. ސުލައިމާނުގެފާނު ބޮޑާވެވަޑައެއްނުގަންނަވަ އެވެ. އެ ދޫނީގެ ފަރާތުން އެ މައުލޫމާތު ބަލައިގެންނެވި އެވެ.

ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ނޫޙުގެފާނަށް ވެސް ﷲ އުނގަންނައިދެއްވީ ޣައިބުގައިވާ ކަންކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެބޭކަލުންގެ ގައުމުގެ މީހުން ގާތުގައި ވިދާޅުވުމަށެވެ (އަލްއަންޢާމް 50، ހޫދު 31). ޢުމަރުގެފާނު އެކަލޭގެފާނުގެ ޢާމިލަކަށް ސިޓީފުޅެއް ފޮނުއްވި އިރު ކާތިބު ލިޔުއްވީ "މިއީ ޢުމަރުގެފާނަށް މިކަން ﷲ ދައްކަވައިދެއްވި ގޮތެވެ." ޢުމަރުގެފާނު ވަގުތުން ވިދާޅުވީ އެބައި ފޮހެލެއްވުމަށެވެ. އަދި އަންނަނިވި ގޮތަށް ލިޔުއްވުމަށެވެ. "މިއީ ޢުމަރުގެފާނަށް މިކަން ފެންނަ ގޮތެވެ. މިގޮތް ސައްހަ ކަމުގައި ވަނީ ނަމަ އެއީ ﷲ ގެ ޙަޟްރަތުން ދައްކަވައިދެއްވި ގޮތެވެ. ސައްހަ ކަމުގައި ނުވާ ނަމަ އެއީ ޢުމަރުގެފާނުގެ ކުށެކެވެ."

ޙިކުމަތްތެރިންނާއި މާތް މީހުން އެމީހުންގެ މާތްކަމާއި ޙިކުމަތްތެރިކަން ލިބިގަންނަނީ އެމީހުންގެ އަދަބުވެރިކަމާއި ހިތް ސަލާމަތުންވުމުގެ ސަބަބުންނެވެ. އަދި ކިބުރުވެރިކަމާއި ބޮޑާކަމާއި ފަޚުރުވެރިވުން ފަދަ ކަންކަމުން ދުރުހެލިވެގެންވާތީ އެވެ. އެބޭކަލުންގެ އެންމެ ރިވެތި އެއް ސިފައަކީ ތަވާޟުޢުވެރިކަން ނުވަތަ ހިތްތިރިކަމެވެ. އަރަބި މިސާލެއްގައި، "ކުރާގަނޑު ގޮވާމުން ފުފެމުންދާ މިންވަރަކަށް އޭތި ތިރިއަށް އެލޭނެ" ކަމަށް ބުނާ ފަދައިން ޢިލްމާއި ޙިކުމަތާއި ތަޖުރިބާ އިތުރުވަމުންދާ މިންވަރަކަށް ހިތްތިރިވެ ޒާތު ހަޖަމްކުރަން ފަހިވެގެންދެ އެވެ.

މި ފާހަގަކުރި ކަންކަމުން އެނގެނީ ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ޢިލްމު ދެއްވާ ފަރާތަކީ ﷲ ކަމަށް ވާތީ އެކަން ނިސްބަތްކުރަން ޖެހޭނީ އެފަރާތަށް ކަމެވެ. ޢިލްމު އޭގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެއަށް ހައްގު ދަރަޖަ ދޭން ޖެހޭ ކަމެވެ. ކިތަންމެ ޢިލްމުވެރިވީ ކަމަށް ހީވިއަސް ތަވާޟުޢުވެރިވާން ޖެހޭނެ ކަމެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރައިމަރީ

18 June 2019

އަޑު ގެނެސްދިނުން މާފިރިހަމަވާނެ!

The name is already taken The name is available. Register?

އަހުމަދު1

03 June 2019

ވ ފުރިހަމަ ލިޔުމެއް. މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ ތަފްސީލްކޮށް ގެނެސްދެއްވާނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ޢެޑްމުންޑޯ

03 June 2019

އިބްރަތްތެރި އިލްމީ ލިއުންކޮޅެއް ، ގިނަގިނައިން މިފަދަ ލިއުއްވުންތައް ގެނެސްދެއްވިއްޔާ ރަގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454