އިންޑިއާގެ ސުޕްރީމް ކޯޓު: ހަމަނުޖެހުމަށް ހިތްވަރު ދިނުމެއް ނެތި ފާޑު ކިޔޭނެ ކަމަށް އެ ކޯޓުން ކުރިން އޮތީ ނިންމާފައި --ފޮޓޯ/ގޫގުލް
06 ސެޕްޓެމްބަރ 2016 - 14:40
ނިއު ދިއްލީ (ސެޕްޓެމްބަރު 6) - ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ފިތުނަ އުފެއްދުމާއި އަމަން ނަގާލަން ހިތްވަރު ދިނުމުގެ ދައުވާ ކުރެވޭނެ ސަބަބެއް ނޫން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އެގޮތަށް ބުނީ ފިތުނަ އުފެއްދުމާއި އަމަން ނަގާލަން ހިތްވަރު ދިނުމުގެ ގިނަ ދައުވާތަކެއް ގިނަ ބަޔަކާ ދެކޮޅަށް އުފުލާފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދޭން އެދި އަމިއްލަ ޖަމިއްޔާއަކުން އެ ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
ކަނޑައެޅިގެން ގާނޫނާއި ޚިލާފް ކަމަކަށް ގޮވާ ނުލާ ނަމަ، ސަރުކާރަށް ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް 1962 ގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމިޔަސް އެ ނިންމުމަށް ސަރުކާރުން އަމަލު ނުކޮށް، އެތައް ބަޔަކަށް އެފަދަ ދައުވާތައް ކުރަމުންދާ ކަމަށް ޖަމިއްޔާ އިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުން ބެންޗުން ބުނީ އެ ކޯޓުން 1962 ގައި ނިންމާ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަންޖެހޭނެ ކަމަށެވެ. އެހެންވެ ކޮންމެހެން އެފަދަ ނިންމުމެއް އަލުން ނިންމަންޖެހޭނެ ކަމަށް ނުޖެހޭނެ ކަމަށް އެ ބެންޗުން ބުންޏެވެ.
"އަމަން ނަގާލަން ހިތްވަރު ދިނުމާއި ފިތުނަ އުފެއްދުމުގެ މައްސަލަތަކާ ގުޅިގެން މި ކޯޓުގެ ދުސްތޫރީ ބެންޗުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް ހުރިހާ އިދާރާތަކުން ވެސް އަމަލުކުރަން ޖެހޭނެ. އެހެންވެ ކޮންމެހެން އެފަދަ އާ ނިންމުމެއް ނިންމަންޖެހޭނެ ކަމަށް ނުފެނޭ،" ބެންޗުން ބުނެފައިވެ އެވެ.
އެ ކޯޓުން ކުރިން ނިންމި މައްސަލައިގައި ބުނެފައިވަނީ ގާނޫނާއި ޚިލާފް ކަމަކަށް ގޮވާލުމެއް ނެތި، ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ކޮންމެ ވާހަކައެއް ވެސް ދެއްކޭނެ ކަމަށާއި އެ ހައްގު އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ.
ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައިގެން އިންޑިއާގައި އެތައް ބަޔަކާއި ދެކޮޅަށް ޖިނާއީ ދައުވާތައް ވަނީ އުފުލައިފަ އެވެ.
އިންޑިއާ ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފާޑު ކިޔުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށް ބުނެފަ އެވެ. އެފަދަ ފާޑު ކިޔުންތައް އައުމުން އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ރަނގަޅަށް ހިންގަން އުޅެން ވެސް އެ ކޯޓުން ގޮވާލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
06 September 2016
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ނާމޫނާއަކަށް ބަލާބަލަ ނޯތު ކޮރެޔާ ހެން ކަންތައް ނުކޮށް!
އުދުހޭ
06 September 2016
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހެން ބުނެފާނެބާ؟ ރާއްޖޭގޭ ގާނޫނުއަސާސީގަވެސް އޮތީ ޑިމޮކްރެސީ. އަދި ގާނޫނުއަސާސީއާ ޚިލާފު ގާގޫނުތަކަކީވެސް ބާތިލް އެއްޗެހިކަމަށް ލިޔެފައިވާތީ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގަ އޮންނަންވާނީ ވަރަށް ހުޅުވިފައިވާ ކަންކަމަށް އަދި މީސްމީހުންނަށްވެސް ފާޑުކިޔޭ މާހައުލެއް. އެފަދަ މާހައުލަކަށް ސުޕްރީމްކޯޓް ކުރަސް އަޅާފާނެބާ؟ އަޅާތޯ ނާޅާތޯ ޗެކްކޮށްލުމަކީވެސް ކޮންމެވެސް ބަޔަކު އިސްނަގައިގެން ބަލަންވެއްޖެ ކަމެއް! އޭރުންތާ އެނގޭނީ ފަނޑިޔާރުންގެ ގާބިލިއްޔަތު!
އަލިފުބާގަ
06 September 2016
އެއްވެސް މީހަކަށް ވާނުވާ ނޭނގިގެނެއް ނޫޅޭ. މިއުޅެނީ ތިމާގެ ބާރު އެހެން މީހަކު އަތުލަފާނެތީ ގަންނާކުރައްވާބިރުން.
ސުކުރި
06 September 2016
މިހަބަރުގެ ލިންކު ފެނިގެން ލިންކައް ކުލިކް ކޮއްލީ ރާއްޖޭގެ ޖުޑިސަރީ އިތިބާރު ހޯދުގު މަގައް ފާނެގީ ކަމައް ހީކޮއް އުފަލުން........ ހަބަރު ކިޔާލުމުން ހިތައް އެރީ މިހަބަރުން ފިލާވަޅު ހާސިލްކުރާނެ ބަޔަކު އުޅޭނެ އޭ. އުއްމީދަކީ ބައެއްފަހަރު އޭގެކޮޅު ނުފެއްނަ އެއްޗެއްކަށް ވެ އަދި ބައެއްފަހަރު ދާދި އަވަހައް ހާސިލު ވާ އެއްޗެއް.. الله ކަމަކަ އިރާދަކުރައްވާފި ނަމަ އެކަމަކައް ލަހެއް ފަހެއްނުވެއެ..
ކަޅޭ
06 September 2016
ހީވާގޮތުން އިންޑިޔާގެ ކޯޓުތަކުގެ ފަޑިޔާރުން ތަންކޮޅެއް ސިކުޑިޅައީ... އަޅުގަނޑު ގޮވާލަން ރާއްޖެކަހަލަ ފުރިހަމަ ފަޑިޔާރުގެއް އޮތްގައުމެއްގެ ތަޖުރިބާހޯދާލަން މިކޮޅަށް ޖައްސާލަން، އޭރުން ތިބޭފުޅުން ފުރާފުރިހަމަވާނީ.
ރަދީފް
06 September 2016
ދިވެހި ޑެސްޕޮޓަށް ފެނޭތަ؟؟؟
ނިރު
06 September 2016
ތިއިންވެސް އިގިގެންދަނީ އިންޑިޔާގެ ޤާނޫން ޢަސާސީ އަށްވުރެ ދިވެހިރާއްޖޭގެ ޤާނޫން އަސާސީ މާފުރިހަކަން.
އަބުރުބޮޑޭ
06 September 2016
މީގެންއެގެނީކީ ޤާނޫނުއަސާސީގެ ފުރިހަމަކަމާ އުނިކަމެއްނޫން. ޙުކުމްކުރަންތިބޭ ފަނޑިޔާރުންގެ ފުރިހަމަކަމާ އުނިކަން. މިބުނި އެއްޗެއްގެ މާނަ ފަހުމްވާނެކަމަށް ހީކުރަން. އަބުރުޤާނޫނާހެދި އިތުރަށް ތަފްޞީލުކޮށްދެވޭކަށްނެތް