ސުޕްރީމް ކޯޓު: އެ ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގެ ބައެއް ބައިތައް އެ ކޯޓުން ފަހުން ވަނީ ބާތިލް ކޮށްފައި -- ފޮޓޯ/މިހާރު
26 ޖޫން 2019 - 08:12
މިދިޔަ އަހަރުގެ ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން މުޅި ރާއްޖެ ސިއްސުވާލި އެވެ. އެކި މައްސަލަތަކުގައި ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރަން އަމުރުކޮށް، އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައެޅުމުގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ކަނޑައަޅައި، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރަށް މުޅި ދުނިޔޭގެ ސަމާލުކަން ވެސް ހުއްޓުނެވެ.
އެކަމަކު އަމުރު ނެރުނުތާ ފަސް ވަނައަށް ވީ ދުވަހު އަމުރު ތަންފީޒު ކުރަން ސަރުކާރުން ދެކޮޅުހަދައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމާ އެކު އަނެއްކާވެސް މަންޒަރު ބަދަލު ވެގެންދިޔަ އެވެ. ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި، ނެރުއްވި އަމުރަކުން ކުރީގެ އަމުރުގެ ގިނަ ބައިތަކެއް ބާތިލްކުރި އެވެ. އޭގެ ތެރޭގައި އިދިކޮޅު ނުވަ ބޭފުޅަކު ދޫކުރަން ނެރުނު އަމުރާއި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ވެސް ހިމެނެ އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތައް ދޫކޮށްލަން އެންގި ބަޔާއި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ތިން ފަނޑިޔާރުން ބާތިލް ކުރުމުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވިި އެވެ. އެކަމަކު ފަހުން ވެރިކަން ބަދަލުވެ، އެ ހުރިހާ ބޭފުޅުން ވެސް މިނިވަންވެ، އަދި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ފަހުން ސުޕްރީމް ކޯޓުން ނިންމުމާ އެކު ފާޑުކިއުމުގެ އަޑުތައް މަޑުވި އެވެ. ނަމަވެސް އަނެއްކާވެސް މިހާރު މިވަނީ އެ އަމުރުގެ ވާހަކަ ފެންމަތިވެފަ އެވެ.
ދާދި ފަހުން ފެނުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް، އެ ދެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމެވެ. ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގެ ބަހުސް އަނެއްކާވެސް ފެށުނީ ހައި ކޯޓުގެ އެ ދެ ނިންމުމާ ހިސާބުންނެވެ.
ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމާއި ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމް ބިނާވީ ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އަމުރާއި އޭގެ ފަހުން ނެރުނު އަމުރަށެވެ.
ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީ އަމުރުގައި، އެ ނުވަ ބޭފުޅުން ދޫކޮށްލަން އެންގީ އެ ބޭފުޅުންގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ތަހުގީގުތަކަށް ވާތީ އާއި އެ ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތަކީ ޕްރޮސެކިއުޓާ ޖެނެރަލަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކެއް ކަމަށް ބެލެވޭތީ އެ މައްސަލަތައް އަލުން ބަލަން ކަމަށް ބުނެ އެވެ.
ފަހުން ތިން ފަނޑިޔާރު ސޮއިކުރައްވައި ނެރުއްވި ދެވަނަ އަމުރުގައި، އެ ނުވަ ބޭފުޅުން ދޫކޮށްލަން އަމުރުކުރި ބައި ބާތިލް ކުރިޔަސް، އެ ނުވަ ބޭފުޅުންގެ މައްސަލަތަކަކީ ޕްރޮސެކިއުޓާ ޖެނެރަލާއި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކެއް ކަމަށް ކުރީގެ އަމުރުގައި ބުނާ ބައި ބާތިލް ކުރި ކަމަކަށް ސާފުކޮށް ބުނެފައެއް ނެތެވެ. އަދީބުގެ ދެ މައްސަލާގައި ވެސް ހައި ކޯޓުން ފާހަގަކުރި ކަމަކީ އެއީ އެވެ.
ހައި ކޯޓުން ހަވާލާދެނީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި ހިމެނޭ "ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖްރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ..." އޮތް މި އިބާރާތަށެވެ.
އެކަން ފާހަގަކޮށް، ހައި ކޯޓުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލާއި ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް އެ އަމުރުގައި އޮތް ބައިގެ ސައްހަކަން އެގޮތުގައި ދެމި އެބަ އޮތް ކަމަށެވެ. އެހެންވެ، އަދީބުގެ މައްޗަށް ހިންގި ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށާއި އެހެންވެ، އެ ދެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ އެވެ.
ހައި ކޯޓުގެ އެ ނިންމުމާ އެކު އެ ދެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމުން އަލުން ބެލުމުގެ ބަދަލުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އަދީބަށް ދައުވާކުރާ އެހެން ބައެއް މައްސަލަތައް ވެސް އަނބުރާ ޕީޖީއަށް ފޮނުވާލުމަށެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ވެސް ބިނާކުރީ ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށެވެ. އެ ކޯޓުން ހަވާލާދެނީ އުސޫލުތަކާ ޚިލާފަށް ޖިނާއީ ތަހުގީގު ހިންގި ކަމަށް އެ އަމުރުގައި އޮތް ބަޔަށެވެ.
ކްރިމިނަލް ކޯޓުން ހަވާލާދެނީ ސުޕްރީމް ކޯޓުގެ އަމުރުގައި އޮތް "ސިޔާސީ އެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ދިވެހިރާއްޖޭ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް،" މި ބަޔަށެވެ،.
އުސޫލުތަކާ ޚިލާފަށް ޖިނާއީ ތަހުގީގު ހިންގި ކަމަށް އެ އަމުރުގައި އޮތް ބައި ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުން ވެސް ބާތިލް ކޮށްފައި ނެތުމުން ކްރިމިނަލް ކޯޓުން ނިންމީ އުސޫލާ ޚިލާފަށް ހިންގާ ތަހުގީގަކަށް ބިނާކޮށް އުފުލާފައިވާ ދައުވާ ވެސް ސައްހަ ނުވާނެތީ އެ ދައުވާތައް ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލުމަށެވެ.
ކުރުކޮށް ބުނާ ނަމަ، ހައި ކޯޓާއި ކްރިމިނަލް ކޯޓުން އެ މައްސަލަތަކުގައި ފާހަގަކުރި ސަބަބުތައް ތަފާތު ވިޔަސް، އެ ދެ ކޯޓުގެ ނިންމުން ވެސް ބިނާވެފައި އޮތީ ސުޕްރީމް ކޯޓުގެ އަމުރަށެވެ. ފުރަތަމަ ނެރުނު އަމުރުގައި އޮތް ދެ އިބާރާތެއް ފަހުން ނެރުނު އަމުރުން ވެސް ބާތިލް ކޮށްފައި ނެތުމުން އެކަމުގެ މައްޗަށެވެ. މިއީ އޭރު އެ އަމުރު ނެރުމާ ގުޅިގެން ބައެއް ވަކީލުން ވެސް ފާހަގަކުރި ކަމެކެވެ.
ކުރީގެ ނައިބު ރައީސް އަދީބު ކޯޓަށް ގެންދަނީ: ހުރިހާ ދައުވާއެއް ވަނީ އަނބުރާ ފޮނުވާލައިފައި
ހައި ކޯޓުގެ ނިންމުމާ މެދު ފާހަގަކުރެވޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އެންގި ބޭފުޅުންގެ ތެރޭގައި މާބިންހުރާ ޚިޔާނާތުގެ މައްސަލާގައި އަދީބާ އެކު ދެ އަހަރަށް ޖަލަށްލި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވެސް ހިމެނެ އެވެ. އަދީބާއި ހާމިދުގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެއްކޮށް ހިންގި ޝަރީއަތެއްގަ އެވެ. އެކަމަކު އަދީބުގެ މައްސަލައާ ތަފާތުކޮށް، ހައި ކޯޓުން ކުރިން އޮތީ ހާމިދުގެ ޖަލު ހުކުމް ދަަމަހައްޓައިފަ އެވެ.
ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އޮތުމުން އެކަމުގެ މައްޗަށް ބިނާކޮށް އަދީބުގެ ހުކުމް ބާތިލްކޮށް، އަލުން ބަލަން އެންގިއިރު އެ އުސޫލުން ހާމިދުގެ މައްސަލާގައި ހައި ކޯޓުން އަމަލު ކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި ހައި ކޯޓުން ނިިންމީ ހާމިދަށް އިއްވި ޖަލު ހުކުމް ރަނގަޅު ކަމަށެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މާބިންހުރާގެ ޚިޔާނާތުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ދައުލަތުން އެ މައްސަލަ ހުށަހެޅީ ހައި ކޯޓުގެ ހުކުމަކީ ސުޕްރީމް ކޯޓުގެ ފެބްރުއަރީގެ 1ގެ އަމުރާއި ފަހުން ނެރުނު ދެވަނަ އަމުރުގެ މަގްސަދު އޮޅޭ ގޮތަށް ނިންމި ނިންމުމަށް ކަމަށް ބުނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައި ވެސް ގެންފަ އެވެ. އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމޭއިރު، އެ ދެ އަމުރާ ގުޅޭ ގޮތުން މިހާރު އުފެދިފައި އޮތް ގާނޫނީ ސުވާލަށް ޖަވާބު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ސުޕްރީމް ކޯޓުގެ ބޮޑު އަމުރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް، އެ އަމުރާ މެދު ހުރި ގާނޫނީ ބަހުސްތަކަށް ނިމުމެއް ނެތެވެ. ދައުލަތުން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލާގެ ތެރެއިން އެއަށް ޖަވާބުތަކެއް ލިބެން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދު
26 June 2019
1 ފެބްރުއަރީ އަމުރު ތަންފީޒުކުރަން މިހާރުގެ ރައީސް ސޯލިހު މަގުމައްޗަށް ނުކުމެއުޅެނިކޮށް ޖަލަށްލީ. މިހާރު ސްޕްރީމްކޯޓުން ކުރާ ހުކުމްތަންފީޒުކުރަން ރައީސް ސޯލިހު މަގުމައްޗަށް ނުނިކުންނަނީ ކީއްވެތޯ. ނުކުމެ ވަޑައިގަންނަވާ އަވަހަށް. އަޅުގަނޑުވެސް މަނިކުފާނާއި އެކު ނުކުންނާނަން.
ކަންއޮތްގޮތް
26 June 2019
ފެބުރުވަރީ 1ގެ އަމުތުތިއޮތީ ހިބަރުވަދެއްގަޖެހިފަ، ނެއްޓޭނެ އެއްގޮތެއްވެސް ނޯންނާނެ. ބޭނެންދެން ޖެހޭނީ އޮންނަން.
ރަށުދެވި
26 June 2019
އެއްދޮގު ފޮރުން ހަދޮގު ހަދާނެ ލުތުފީ ކިޔާފިއްޔާ ތިނޫން މީހަކާ ދިލެއް މަށެއްނުވޭ ކިވައިގެން ހުޓަސް ނުކިޔަވާ ހުއްޓަސް އެއްހާލެއްގަ ލުތުފީންތައް ތިބެނީ ފީވެފަ
ފެކްޓް
26 June 2019
1 ފެބްރުއަރީގެ އަމުރަކީ ކަޑައެޅިގެން އޭރުގެ އިދިކޮޅުފަރާތްތައް ސކ އަށް އަތްބާނައިގެން ނެރުނު އަމުރެއް! ހެއްކަކީ، ތިރީގައިވާ ތިންކަމަކީ އެންމެނަން އަޑު އިވި ފެނުނު ކަންކަމަށް ވާތީ،1- މިހާރު ގެ ފޮރިން މިނިސްޓަރ، "މަރިޔަން މާ ފެންތައްޓަށް ލައިގެން ވެސް ސަރުކާރު ބަދަލުކުރާނެ" ކަމަށް މާރޗް މަސް ނިމެނިކޮށް ބުނި.2- މިހާރުގެ ޔޫތު މިނިސްޓަރ "ބޮޑު ރާޅެއް ނަގާކަމުގެ އިންޒާރު ދިނުމަށްފަހު، 31 ޖެނުއަރީ ދުވަހު ހަވީރުއްސުރެ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޮޑު އިވެންޓަކަށް ތައްޔާރުވެ، ސައުންޑް ސިސްޓަމާއެކު ލޮރީވެސް އޮތީ ރޭގަޑުގެ އަމުރަށް ތައްޔާރު ވެގެން".3- ޒަޢީމު "ވަރަށް ރީތި ހަނދު ކޭތައެއް ވަރަށް އަވަހަށް ފެންނާނެ" ކަމަށްބުނި.
ބުލްބުލޭ
26 June 2019
ކޮންހާ ބޭކާރުވާހަކައެއް ދައްކާކައްތަ. މިރާއްޖޭގެ ފަޑިޔާރުން ތިބެންޖެހޭނީ އޭރަކު ސިޔާސީގޮތުން އެއްމެ ނުފޫޒުގަދަމީހާ މުށުތެރޭ، އެހެންނޫނީ އުއްތަފަފަޑިޔާރު އަބުދުﷲ ސައީދާއި، އަބުދުﷲ ޤާޒީ އަށް ވީހެންވާނީ. ވަރަށް ސާފު! ކޮންއިންސާފެއްތަ؟
ޟަރިޔާ
26 June 2019
ފެބް 1 ގެ އަމުރަކީ މޑޕ އާއި ގުޅިގެން ސކން ކުރި ބަޣާވާތެއް..
ކަލަމިންޖާ
26 June 2019
ތި އުފެދިފައިވާ ގާނޫނީ ސުވާލުގެ ޖަވާބު ވަރަށް ސާފު. ދައުލަތުން އިސްތިއުނާފު ކުރި މާބިންހުރާ މައްސަލައިގަ ބުނާނީ 1 ފެބުރުވަރީ ހުކުމާ ގުޅިގެން ބާތިލުކުރި ބައިގައި ސިޔާސީ ނުފޫޒުބައި ބާތިލު ނުކުރިޔަސް ބާތިލުކުރިބައިގެ މަގްސަދާ ހިލާފަށޭ ހައިކޯޓުން އެމައްސަލަ ބާތިލުކުރީ. ސަބަބަކީ 1 ފެބުރުވަރީގެ ހުކުމުން ބާތިލުކުރި ބައި ބާތިލުކުރި މީހުން މިއަދުވެސް ސުޕްރީމް ކޯޓުގަ ތިބުން. އެ 3 މީހުންވެގެން ކުރި ހުކުމް އެ3 މީހުން ދިފާއުކުރާނެކަން ޔަގީން.
haneef
26 June 2019
ކަން ހިނގި ގޮތް ވަރަށް ރީއްޗަށް ފެން ނަން އެއޮތީ ކޮއްފައިވަނީ މުޅިން ވެސް ސިޔާ ސީ ހުކުން. ކޮންމެ ބަޔަކު ވެސް ބަލިވާން ފެށީމަ މޮޅުވާން ވެގެން ހުކުމުން ކުޅުން ތަން ފެން ނަން މިއޮތީ .
އަލީގ
26 June 2019
"ސުޕްރީމް ކޯޓުން ނިމޭއިރު، އެ ދެ އަމުރާ ގުޅޭ ގޮތުން މިހާރު އުފެދިފައި އޮތް ގާނޫނީ ސުވާލަށް ޖަވާބު ލިބިގެންދާނެ ކަމަށް ބެލެވެ އެވެ." ނުލިބޭނެ، ޖަވާބުލިބޭނީ މިހާރު އެބޭފުޅުން ތިބީ ކޮންފަރާތެއްގަކަމާމެދު އުފެދޭސުވާލައް.
މައުލާނާ
26 June 2019
އެމީހަކު ކުޅަ ނުބައިކަމެއްގެ ޖަޒާ މިދުނިޔެ މަތީގަ ވެސް އެތައްބަޔަކައް ވަނީ ފެނި ލިބި އިބުރަތް ތަކެއް ހާސިލް ކޮއްފައެވެ ﷲއީ ހުރިހާމެއް މޮޅައްދެނެ ވޮޑިގެންވާއިލާހެވެ ގިޔާމަތް ދުވަހަަކީ ކަށަވަރުންވެސް އަންނާނެދުވަހެކެވެ.ފަންޑިޔާރުންނާ ގާޒީން ދެންވެސްއެދާއިރާގަ ތިބި މީހުނައް އިންސާފުގާއިމް ނުކުރެވޭނަމަ ދެދުނިޔޭގަވެސް އެމީހުނައް ގެއްލުމާ ހަލާކު ނޫން އެއްޗެއްނެތެވެ ވަﷲއައުލަމް.