ވަކީލުންތަކެއް ހުވާ ކުރަނީ: ބާ ކައުންސިލްގެ އިންތިޚާބު މިމަހު 13 ގައި ބާއްވަން ވަނީ ނިންމާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
01 ޖުލައި 2019 - 16:52
ގާނޫނީ ފަންނުގެ ގާނޫނާ އެކު އުފެދުނު ބާ ކައުންސިލްގެ އިންތިޚާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ގާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބު އެ ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަސް ތެރޭގައި ބާއްވަން ޖެހެ އެވެ. އެ ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، އެ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވަނީ ރައީސާއި ނައިބު ރައީސްގެ އިތުރުން ބަންޑާރަ ނައިބާއި ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy