ހުޅުމާލޭގައި މިދިޔަ ހުކުރުދުވަހުގެ ރޭ ދަންވަރު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކެފޭއެއްގެ ތެރެއަށް ވަދެ ބިއްލޫރި ތަޅައިގެން ގޮސްފައި.---ފޮޓޯ: ކިޔުންތެރިއެއް
19 ސެޕްޓެމްބަރ 2016 - 11:39
ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، އެ ރަށުގައި ޓްރެފިކް ފުލުހުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ކަމަށާއި އެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެހެން ބުނިއިރު މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 28 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. ރ. ރަސްގެތީމު ފާތުމަތު ޝިއުނާ އެ އެކްސިޑެންޓުގައި މަރުވިއިރު، ސައިކަލް ދުއްވަން އިން މުހައްމަދު ޝާހިދު 35، އަށް ސީރިއަސް އަނިޔާތަކެއްވި އެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހަލާކުވެފައިވާ ކާރު: ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ އާންމުވަމުން.---ފޮޓޯ: ފޭސްބުކް
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވެސް ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެގެން ގޮސް ކެފޭއެއްގެ ތެރެއަށް ވަދެ އެތަނުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.
ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް "މިހާރު" އަށް ވިދާޅުވީ ޓްރެފިކް ފުލުހުންގެ ދައުރު ހަރުދަނާ ކުރެވިއްޖެ ނަމަ، ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް އާދަޔާ ހިލާފަށް ބާރު ސްޕީޑްގައި ހުޅުމާލޭގައި ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން މިހާރަށް ވުރެ ގިނައިން މަގުމަތީގައި ހަރަކާތްތެރިވުމަކީ ކުރަން މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނީ މިކަން މައިތިރިއެއް ނުކުރެވޭނެ. ހުޅުމާލޭގެ މަގުތަކުގައި ބަމްޕަރު އަދިވެސް މަދު. ބައެއް ސަރަހައްދުތައް އެހާ އަނދިރި،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓްރެފިކް މައްސަލަތަކަށް ބޮޑު ހައްލެއް ލިބޭނީ ގާނޫނުތަކަށް އިސްލާހު ގެނެސްގެންނެވެ. ހާއްސަކޮށް ޓްރެފިކާ ހިލާފުވުމަކީ ޖިނާއީ ކުށަކަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒް: ހުޅުމާލޭގައި ބޮޑެތި އެކްސިޑެންޓްތައް ހިނގުން ކޮންޓްރޯލް ކުރުމަށްޓަކައި، އެ ރަށުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
"މިހާރު ބޮޑަށް މި ކުރަނީ ޖޫރިމަނާތައް. ލައިސަންސް ނެތި ސައިކަލް ދުއްވާ ކަމަށް އަދަބު ދެވޭނެ ޑިގްރީތަކެއް އަންނަން އެބަޖެހޭ. ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ޖޫރިމަނާ، ތިންވަނަ ފަހަރު ލައިސަންސް އަތުލުން އަދި ހަތަރު ވަނަ ފަހަރު ޖަލަށް ލުން ފަދަ އަދަބުތައް ކަނޑައަޅަން ވެއްޖެ. އެހެން ނޫނީ މި މައްސަލަތަކަށް ހައްލެއް ނެތް،" ނާފިޒް ވިދާޅުވި އެވެ.
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމުވާ މައްސަލާގައި، އެ ރަށުގައި އުޅޭ ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯސް
19 September 2016
ހުޅުމާލެ ރަގަޅެއް ނުވާނެ. ތި އެކްސިޑެންޓް ވީ ދުވަހު މަގުތަށް ބަންދު ކޮށްގެން އުޅުނީ ބުރޯތައް. ކޯން ބަހައްޓައިގެން މަގު ބަންދުކޮށްގެން މަގުން ދިޔަ މީހުނަށް އަމުރުކުރަމުން ދިޔައީ ބުރޯ ތަށް. ޓޫރިސްޓުން ތަކަކަށް ވަދެވުނީމަ ހިފަހައްޓައިގެންވެސް އުޅުނު. އެމީހުން ދާނެ ދިމާ ނޭގިފަ ތިބީ، ބުރޯތައް ވަށާލާފަ. ގައުމެއް ނެތް.
ވައްޑޭ
19 September 2016
ހުޅުމާލޭގައި ބާރަށް ދުއްވާ މީހުން ޕޮލިހުންނަކަށް ކިޔަމަނެއް ނުވޭ. ޕޮލިހުން ޗެކްޕޮއިންޓަކަށް މަޑުކުރަން ބުނީމަ މަޑުކޮށްލާށޭ އެބަ އަންނަމޭ ކިޔާފަ ދާމިޙުން ފެނޭ. ޕޮލިހުންގެ ބާރެއް ނޯވޭ!!!
މުހައްމަދު
19 September 2016
އަހަރެއްގެ ތެރޭގައި ގިނަވެގެން 6 ފަހަރަށްވުރެ ގިނަފަހަރު މަގުމަތީގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ މީހުންނަށް 6 މަސްދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ޤާނޫނު އިޞްލާޙުކުރުމާއި، އެކްސިޑެންޓެއްގައި މީހެއްގެ މުދަލަކަށް ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އިތުރު 6 މަސްދުވަހުގެ ޙުކުމެއް އަންނަ ގޮތަށް، އަދި މީހެއްގެ ޖިސްމަށް އަނިޔާއެއްވެއްޖެނަމަ ގުނަވަނެއް މުގުރިއްޖެނަމަ އިތުރު 6 ދުވަސް، އަދި މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ 20 އަހަރުދުވަހުގެ ޖަލުގެ ޙުކުމެއް އަންނަ ގޮތަށް ޤާނޫނު އިޞްލާޙުކޮށްގެން ނޫނީ މިކަމަކަށް ހައްލެއް ނުލިބޭނެއެވެ.
އެމްސް
19 September 2016
ޙުކުމް ކަނޑައެޅިފަ ހުރި ކަންކަން ނުހުއްޓި ހިގަންޖެހޭ ސަބަބަކީ ކޮބައިބާ؟
ޢަމަން
19 September 2016
ތިއީ ވަރަށް ރަގަނޅު ވާހަކައެއް. ޢެކަމަކު ކީއްކުރާނީ ހުޅުމާލެ ޓުރެފިކް ޔުނިޓަކީ އެތާނގައި މަސައްކަތް ކުރާ ސްޓާފުންގެ ކުންފުނި. ޢެމީހުން ބޭނުން ގޮތަކަށް ޑިއުޓީކޮށް އޮފް ނަގާ ހަދަނީ. ޢެންމެ ބާރުބޮޑު ވީކެންޑް އޮފް ކޮށްފައި އޮންނަނީ.
ބިސްތޮށި
19 September 2016
މިހާރު މިތަނައް މަރުމާލެ ކިޔަންވީ. ކިތަށް މީހުންނައް މިހާރު އަނިޔާވެ ފުރާނަ ދުއްވާލައިފި. މަވެސް ބިރުގަނޭ އެތާ ދުއްވަންވެސް.
އިސްލާޙު
19 September 2016
ކޮއްކޯ ! ހުޅުމާލޭ ގައި ޓްރެފިކްގެ މައްސަލަތަށް ބޮޑުވެގެން އުޅެނީ ފުލުހުން ގެ ދައުރު ކުޑަ ވެގެނެއްނޫނެވެ. ވެހިކަލް ދުއްވާ "ޒުވާން ބޭބޭފުޅުން " އެންމެނަށް ވުރެމަތީ ގައި ތިބޭތީއެވެ.
މުހައްމަދު
19 September 2016
ވަރަށް ރަނގަޅު ތެދު ވާހަކައެކެވެ. މިޤައުމުގައި މިއުޅޭ ޒުވާނަކާ ދިމާލަށް ބަލާލިޔަސް ދެން އެމީހެއްގެ ކަންތައް ނިމުނީއެވެ. ޒުވާނުންނަކީ ޤައުމުގެ ހަރުމީހުންނާއި މަގުދައްކަން ތިބި މީހުންނަށްވުރެ ދަށުގައި އެމީހުން ދައްކާ މަގުން ހިނގަން ތިބި ބައެއްކަން އެމީހުންނަށް ވިސްނޭ މިންވަރަށް ދައުލަތުގެ ސިޔާސަތު އޮވެގެން ނޫނީ ހައްލެއް ނެތެވެ.
އަބްދުﷲ
19 September 2016
މީހުން ދިރިއުޅެން ފެށިތާ 10 އަހަރު ، އަދިވެސް ރަނގަޅު ސްޓޭޝަނެއް ނެތް.
އެމްސް
19 September 2016
މަގުތަކުގައި ބަމްޕަރު މަދުނުކުރަން މަގުތައް ނުހަދާ ބޭއްވުން ކިހިނެއްތޯ؟ ރާއްޖޭގައި ނުޙައްޤުން މީހުން މެރުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތީ އެކަން ޖިނާއީ ކުށަކަށް ނުވެގެންތޯ؟ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވުމަކީ އެއާރކޯންކުރި ޖީޕް ދުއްވުންކަމަށް ވެގެން ޓްރެފިކް މައްސަލައަށް ޙައްލެއް ނެތް!
ޛަޑިބު
19 September 2016
ނާފިޒަށް ދަންނަވާލަން ލައިސަންސް ނެތި ދުއްވުން ހުއްޓިދާނެ ގޮތެއް. ލައިސަންސް ނެތްމީހަކު ދުއްވާ އުޅަނދުގެ ވެރިމީހާ ޒިންމާކުރުން. ހަދާނެގޮތް ފުރަތަމަ ފަހަރުވެސް ބޮޑުއަދަދަކުން ޖުރުމަނާ ކުރުން. ހަފްތާއެއްގެ މުހުލަތު ދީފާ އުޅަނދު ހިފެހެއްޓުން. ނުދައްކައިފިނަމަ އުޅަނދު ނީލަންކިޔާފަ ޖުރުމަނާ ހޯދުން ބާކީ ވެރިފަރާތަށް. ލައިސަންސް ނެތި ދުއްވުން ހައްލުވީ.
އެމްސް
19 September 2016
ވެރިފަރާތް އަތުން ސައިކަލު ގެންދާ މީހާ އެހެންމީހަކަށް ސައިކަލު ދުއްވާލަން ދީފިއްޔާވެސް ޖުރިމަނާ ދާންވީ ހަމަ ވެރިފަރާތަށް ބާ؟ މީހަކު ކުރާ ކުށަކަށް އަނެއްމީހާއަށް އަދަބު އައުންވެސް އެއީ ހަމަ އިންސާފުބާ؟
ޕޮލިޕޮލޮސް
19 September 2016
ފުލުހުން ތެދުވެރި ވާންވީ އޭރުން ހުރިހާކަމެއްވެސް ހަމަމަގަށް އެޅޭނެ!