ގޯލާންގައި ތިބި އިޒްރޭލް ސިފައިން ތިބީ ކުއްލި ހާލަތުގައި. --ފޮޓޯ:އީޕީއޭ
26 އޯގަސްޓް 2019 - 13:57
ތެލް އަވީވް (އޮގަސްޓް 26) - ސީރިއާގައިވާ އީރާނުގެ ޑްރޯން ސައިޓަކަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ސީރިއާގައި ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު އިޒްރޭލުން ދެނީ ވަރަށް މަދުންނެވެ. އިޒްރޭލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެ ސަބަބުން ޑްރޯން ހަމަލާއަކުން އިޒްރޭލް ސަލާމަތްވެފައިވާ ކަމަށެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަސްކަރިއްޔާގެ އޮޕަރޭޝަނަށް ތައުރީފް ކުރައްވައިފަ އެވެ.
ސީރިއާގައި ދާޚިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނު ފަހުން އިޒްރޭލުން ވަނީ އެ ގައުމަށް ވަރަށް ގިނަ ފަހަރު ވައިގެ ހަމަލާދީފަ އެވެ. ބޭނުމަކީ އީރާނުން ސީރިއާގައި އަތްގަދަ ކުރުން ހުއްޓުމެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ އިޒްރޭލުން ހަމަލާދިނީ ސީރިއާގެ ވެރިރަށް ދިމިޝްގުގެ އިރު ދެކުގައިވާ އަގްރަބާގައި ގާއިމްވެ ތިބޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސް އަށް ކަމަށެވެ.
ސީރިއާގެ އަސްކަރީ ފަރާތްތަކުން ބުނެފައި ވަނީ އިޒްރޭލުން ދޭން އުޅުނު ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ގޮއްވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަތަންޔާހޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި އީރާނަށް ހިމާޔަތް ލިބިގެން ނުވާ ކަމަށެވެ.
އަނެއްކޮޅުން އިޒްރޭލުގެ ދެ ޑްރޯން ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy