ޚަބަރު / ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ރިފްހާން

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރިފްހާނަށް، އެސްޓީއޯގެ ޗެއާމަން ނިޔާޒު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

21 ސެޕްޓެމްބަރ 2016 - 11:58

1 comments

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ރިފްހާން ރަޝީދު ރޭ ހޮވައިފި އެވެ.

މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް އަދާކުރި ރިފްހާން ވަނީ އޯ ލެވެލްއިން ރާއްޖޭގެ ގައުމީ ގަދަ 10 ގެ ދެ ވަނަ ހޯދައިފަ އެވެ.

ދަރުބާރުގޭގައ ރޭ ބޭއްވި ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ރިފްހާނަށް އިނާމު ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ދެ ވަނަ މަގާމު ހޯދީ އިބްރާހިމްް ޝާދިން މުހައްމަދު ރަޝީދެވެ. އޭނާ ވަނީ ރާއްޖޭގެ ގަދަ 10 ގެ އެއް ވަނަ ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ އޯ ލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ 10 ގެ ހަތަރު ވަނަ ހޯދި ފާރިހު މުހައްމަދު ވަހީދަށެވެ.

ދަރުމަވަންތަ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ ތައުލީމީ ސިޔާސަތުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރުމަކީ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށާއި އޭގެ ސަބަބުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ ސްކޫލުގައި ހިންގާ ދަސްވާރާއި ބީޓެކް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތައިގެ އެއްވަނަ ދަރިވަރު ރިފްހާން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ ނަތީޖާ ރަނގަޅުކުރަން އިމްތިހާނަށް ދުރާލައި ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކްލާހުގައި ކިޔަވައިދޭ ފިލާވަޅުތައް ރަނގަޅަށް އަޑުއަހައި އަމިއްލައަށް އެ އެއްޗެހިތައް ދަސްކުރުމަކީ ނަތީޖާ ރަނގަޅުކުރަން ބޭނުންވާ ދަރިވަރަކު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ހަފުތާތައް ބަހާލައިގެން ވަކިވަކި ފިލާވަޅުތައް އަޅުގަނޑު ދަސްކުރީ. އެހެން ދަސްކުރީމަ އެ ފިލާވަޅެއް ވަރަށް ރަނގަޅަށް ދަސްކުރެވޭ،" އޭވިއޭޝަންގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުރި ރިފްހާން ބުންޏެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު ތިން ވަނަ ހޯދި ފާރިހު އަށް، އެސްޓީއޯގެ ޗެއާމަން ނިޔާޒު (ވ) ރޭ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭނާ ބުނީ ޅައުމުރުގައި ބައްޕަ ނިޔާވި ދުވަހު ދިން ނަސީހަތަކީ ކާމިޔާބީގެ ސިއްރެވެ. އަދި ރޭގެ ހަފުލާގައި ރިފްހާން ވަނީ އެ ކާމިޔާބީތައް، އޭނާގެ ހުރިހާ ކަމެއް ބަލަހައްޓައިދިން މަންމައަށް ހަދިޔާކޮށްފަ އެވެ.

ދަރުމަވަންތަ ސްކޫލުން މިދިޔަ އަހަރު 106 ދަރިވަރަކު އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 13 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފަ އެވެ. ހުރިހާ މާއްދާއަކުން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 35ގަ އެވެ. އަދި 70 ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަހާމު އިދްރީސް

21 September 2016

ރިފްހާން ރަޝީދު އަށް މަރުހަބާއެވެ. އެހާ ކާމިޔާބު ދަރިވަރަކަށްވީތީއެވެ. ޝުކުރު އަދާކުރުމަށް ދެއްކި ވާހަކައިން ކަރުނަ ހިލިގެން ދިޔައެވެ. ތުއްތު ތުއްތު އިރު ބައްޕަ މި ދުނިޔެއިން ވަކިވެގެން ދިއުމަށްފަހު ބައްޕައާއި، މަންމަގެ ރޯލުވެސް އަދާކޮށްދެއްވި ހީވާގި ނަމޫނާ މަންމަގެ ވާހަކައެވެ. އަދި، އެއްބަރު އެއްބަފާ ބޭބެގެ ވާހަކައެވެ. ގައިމު ރަނގަޅު ތަރުބިއްޔަތެއް ދެވުނު ކަމުގެ ނަތީޖާ ނޫން އެހެންކަމަކަށް މިކަން ނުވާނެއެވެ. މަންމައަށް މަރުހަބާއެވެ. އަދި، އެހެންމައިން ބަފައިންވެސް، އަދި ދަރިވަރުންވެސް މިފަދަ ނަމޫނާ ދެއްކޭތޯ ބެލުން ކީއްތޯއެވެ. އެކަމަށް ގަދައަޅާ މަސައްކަތްކުރުން ކީއްތޯއެވެ. އަޑިގަނޑެއް އަޔަސް އުސްގަނޑެއް އަންނާނެކަން ޤަބޫލުކޮށް ހިތްމަތާއެކު މަސައްކަތްކުރުމަތީ ރިފްހާން ރަޝީދު ދެމި ހުންނާނެކަމަށް ހީކުރަމެވެ. އަދި، ހަޔާތުގައި ވެސް ކާމިޔާބީތަކެއް ހާސިލުކުރާނެ ކުއްޖަކަށް ވާނޭކަމަށް އުންމިދު ކުރަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454