ފްލެޓްތަކުގެ އަގު ބޮޑު ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކުރަނީ. --ފޮޓޯ/ސޯޝަލް މީޑިއާ
06 އޮކްޓޯބަރ 2019 - 14:09
ސޯޝަލް ހައުސިން ސްކީމުން ފުވައްމުލަކުގައި ދޫކުރި ފްލެޓްތަކަށް ކަނޑައެޅީ އަތްފޯރާ އަގެއް ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށް، ނައިބު ރައީސް ފައިސަލް ނަސީމްއާ ޕެޓިޝަނެއް އިއްޔެ ހަވާލުކޮށްފި އެވެ.
ފުވައްމުލަކުގައި އިމާރާތްކުރި 200 ފްލެޓް ދޫކުރަން ނިންމި އަގު ބޮޑުވެގެން ހައްލެއް ހޯދައިދޭން އެދި ނައިބު ރައީސާ ޕެޓިޝަން ހަވާލުކުރީ، ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު އިއްޔެ އެ ރަށަށް ވަޑައިގަތުމުންނެވެ. އުފަން ރަށަށް ނައިބު ރައީސް ވަޑައިގަތް އިރު، ފްލެޓްތަކުގެ އަގާ މެދު ކަންބޮޑުވުމުގެ ޝުއޫރުތައް ލިއެފައިވާ ބޯޑުތައް ހިފައިގެން ބަޔަކު ތިއްބެވެ.
އެ މީހުން ވަނީ، ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަނެއް އެމަނިކުފާނާ ހިއްސާކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި އެ ފްލެޓްތަކަށް ޝަރުތު ހަމަވި މީހުން ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ، ފުވައްމުލަކުގައި ވަޒީފާ އަދާކުރާ މީހުންގެ އެވްރެޖް މުސާރައަކީ މަހަކު 5،000ރ. ކަމަށެވެ. ވަޒީފާގެ މާހައުލު ހުރި ގޮތުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ނެތް އިރު، ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ ބޮޑު އަގެއް ކަމަށް ޕެޓިޝަންގައިވެ އެވެ.
"ހައުސިން ޔުނިޓްތައް މިހާރު ދޫކުރަން ނިންމާފައިވާ އަގުތަކަށް ބަލާއިރު ޑައުންޕޭމަންޓުގެ ގޮތުގައި 19،000ރ. އަދި މަހު ކުއްޔާއި މެއިޓަނަންސް ފީގެ ގޮތުގައި 3،800ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ،" ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަންގައި ބުނީ މަހު ކުލީގެ އިތުރުން ކަރަންޓާއި ފެނާއި އެހެން ވެސް ޚަރަދުތައް ޖުމްލަކޮށްލާ އިރު މަހެއްގެ މައްޗަށް 10،000ރ. ހޭދަވާނެ އެވެ. ފްލެޓްތަކަށް ބަދަލުވާން ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު، މިހާރު ކަނޑައަޅާފައި ވަނީ އަތްފޯރާ އަގެއް ނޫން ކަމަށް ޕެޓިޝަންގައިވެ އެވެ.
ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހް މިއަދު "މިހާރު" އަށް ވިދާޅުވީ ފުވައްމުލަކުގައި އިމާރާތްކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 19،000ރ. ކަމަށެވެ. އަދި މަހު ކުއްޔާއި މަރާމާތު ކުރުމުގެ ޚަރަދުގެ ގޮތުގައި 3،000ރ. އަށް ވުރެން ބޮޑު އަދަދެއް ނަގަން ހަމަަޖައްސާފައި ވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ފްލެޓްތަކަށް މަހު ކުއްޔާއި އެހެން ޚަރަދުތަކުގެ ގޮތުގައި 5،000ރ. އަށް ވުރެން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ތަކުލީފަކަށް ވާނެ ކަމަށް ރައްޔިތުން ބުނާ ވާހަކަ އޭނާ ވެސް ގަބޫލުކުރައްވަ އެވެ.
"ސޯޝަލް ހައުސިން ސްކީމެއްގައި އެއީ ބޮޑު އަގެކޭ. އާމްދަނީގެ ގޮތުގައި 5،000ރ. ލިބޭ މީހުން އެ އަދަދު ދައްކަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ފްލެޓްތަކުގެ އަގު ބޮޑުވުމުގެ އިތުރުން އިމާރާތްކުރުމުގެ ފެންވަރު ދަށްވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އެ ފްލެޓްތަކަށް ވަދެވޭނީ މަރާމާތުތަކެއް ކޮށްގެން ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސަށް ޕެޓިޝަން ހުށަހެޅި މީހުން އެދިފައި ވަނީ ފްލެޓްތަކުގެ މަހު ކުލި 1،500ރ. އަށް ބަދަލު ކޮށްދިނުމަށެވެ.
ފްލެޓްތަކާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތައް ހައުސިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކުގައި ދެ ސަރަހައްދެއްގައި އިމާރާތް ކުރި ފްލެޓްތައް ދޫކުރީ ދެ ކެޓަގަރިީއެއްގެ ދަށުންނެވެ. އެއީ އެ ރަށުގެ ރައްޔިތުންނަށް ދޫކުރާ ފްލެޓްތަކާއި ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ދޫކުރަން އިއުލާން ކުރީ 120 ފްލެޓެވެ. އަނެއް ކެޓަގަރީން ހުޅުވައިލީ 20 ފްލެޓެވެ.
ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސެ1010
07 October 2019
3800 ރުފިޔާ ދައްކަން މިޖެހެނީ ކިތައް ކޮޓަރީގެ ފްލެޓް ތަކަކަށް؟
އަމީތާބް
07 October 2019
މި މީހުން ހީކުރަނީ ވެރިކަމުގަ ހުރީ ގައްޒަފިީ ކަމަށް ތަ! ހިލޭ ގެދޮރު ބަހަން.
މާލެމާ
07 October 2019
މާލޭގަ އެވްރެޖްމީހަކަށް މާބޮޑު އެއްޗެއް ލިބެނީތަ؟ ސިވިލް ސާވެންޓަކަށް އެވްރެޖް ލިބެނީ 6000 ހަމަ. ދައްކުރަންޔާ ހުރިހާތާކުން ވެސް ކުރަން ވާނެ.. އެމްއެން އަށް ހަމަހަމަ ވުމަށް ގޮވާލަން. އެމްއެން އަކީވެސް ދިވެހިން. ދެން އާންމުންވެސް ނަގާ ކުލި ފުކެއް ބޮޑީ.. ކޮންޓުރޯލް ކުރަން ޖެހޭ!
އަންނި33
07 October 2019
މާލެ ސަރަހައްދުން ފްލެޓް ގެ ކުލި 7000 އަށް އެންމެ ރަގަޅު. އެހެން ހިސާބު ތަކުގަ 3800 މެއިންޓެނަންސް ހަރަދާ އެކީގަ މާ ބޮޑު. މާލެ ސަރަހައްދު ގަ އުޅެނީ ދިވެހިންނެއް ނޫންތަ؟ ނޫނިއްޔާ ބިލްޑިންގްތަައް ހުންނަނީ ކޮންކަހަލަ އެއްޗަކުންތަ ހަދާފަ.
ކާލާ2
07 October 2019
ނޭގޭތަ ފޯމުލީއިރު އެއަށް ލާރި ދައްކަންޖެހޭކަމެއް! ކޮންމެވެސް އެއްޗެކޭ ކިޔާފަ ތިއުޅެނީ ސަރުކާރު ބަދުނާމުކުރަން.
ހޫރު
07 October 2019
ބަލަ ފްލެޓް ފޯމްފުރި އިރު އާމްދަނީލިބޭ ފްލެޓް ލިބުނީމަ ފަގީރު
މިޝްކާ
06 October 2019
މައްސަލައަކީ ފުވައްމުލަކާއި މާލެ އާއި އެއްމިންގަޑަކުން މިނުމުގެ ވިސްނުން ގެންގުޅޭތީ މާލެއިން 3ކޮޓަރީގެ ގެއެއްގެ އަގަކީ 20 ހާސް އާއި 30ހާސް އާއި ދެމެދު ފުވައްމުލަކުގެ އަގަކީ 1500ސަތޭކަ އާއި 3ހާސްއާއި ދެމެދު މިކުލި ސޯޝަލް ހައުސިން އަށް ފުވައްމުލަކަށް ބޮޑު! މިކަން އެހެން ރަށްރަށު މީހުންނަކަށްނޭގޭނެ ފުވައްމުލަކު ރައްޔިތުންނާ މަޝްވަރާކޮށްފަ އެމީހުންނަށް އެފޯޑުވާ ހައުސިން ސުކީމެއް ފުވައްމުލަކު މީހުން ބޭނުންވަނީ!
މަރީނާއްތަ
07 October 2019
ދެން ތިބެންވީނު އަމިއްލަގޭގަ އެފޯޑު ނުވައްޏާ ނުޖެހޭނެ ހިލޭދޭކަށް ފުވައްމުލަކޭ ކިޔާފަ. އަނެއްކާ އެއަރޕޯޓުގައި މުޒާހަރާ ކުރުމަކީ ކުށެއް. އަދަބުނުދީ ތިބިކަންވެސް ރަނގަޅެއްނު. ގައުމު ހަލަބޮލިނުކޮށް މަޑުންތިބޭ
އަހްމަދު
07 October 2019
މި ރާއްޖޭގަ ވަކި ބަޔަކަށް ވަކި އަގުތަކެއް ނުހެދޭނެ. މާލެ ވިޔަސް އައްޑޫވިޔަސް ފުވައްމުލަކު ވިޔަސް ކޮންކްރީޓް ވާނީ ހަމަ ކޮންކްރީޓަށް. އަގަށް ބަދަލެއް އަންނަންޔާ ވާންޖެހޭނީ ބޮޑު.
ސްޓެޓިސްޓިކްސް
06 October 2019
އެވްރެޖް އެކަނި ކީމާ ތީގައި އޮޅުވާލުމެއް އޮވެދާނެ ކަމުގައި ފެނޭ. މިބުނީ މިސާލަކަށް 10 މީހުންގެ ތެރެއިން 8 މީހުނަށް މަހަކު 7،000 ލިބިފައި ދެ މީހުނަކީ މުސާރައެއް ނުލިބޭ ބައެއްކަމުގައި ވެެއްޖެޔާ އެވަރެޖް ވާނީ 5،600 ކަމަށް. އެކަމު ޙަޤީޤަތަކީ ގިނަ މީހުނަށް ލިބެނީ 7،000 ކަން. ދެން ފްލެޓް ދޫކުރި އިރު ޝަރުތަކަށް ވާންޖެހޭނެ އެ ދެއްކޭ ވަރުގެ ބަޔަކަށްވުންވެސް އެއަށްވުރެ ބޮޑަށް، ފުލެޓަކީ އެކަކު އެކަނި އުޅޭ ތަނެއް ނޫން. އާއިލާއެއްވިއްޔާ މަދުވެގެން 2 ތިބޭނެ.
މިހާދު
06 October 2019
5000 ވެސް ނުލިބޭ. ތައުލީމާއި ތަޖުރިބާ ހުރެގެން ވެސް ވަޒީފާއެއް ނުލިބޭ. މަދުވާ ޝަރުތަކީ ގާނޫނާއި ޚިލާފަށް މަސަައްކަތް ނުކުރުން. އެހެވީމާ މުސްކުޅިވާއިރުވެސް ދިރިއުޅޭނެ ތަނެއްލިބޭކަށް ނެތް. މީހަކު ދިނީމާ ނިދާނެ ތަނެއްވެސް ކާންވެސް ލިބެނީ. އެހެން ޚަރަދުވެސް ކުރެވެނީ ކޮންމެވެސް މީހަކު އެހީވީމަ. ރައްޔިތުންނަށް ގިނަދުވަހު ތެދުވެރިކަމާއެކީ މަސައްކަތްކުރުމުގެ އިނާމަކީ މިއީތޯ؟މިކަންކަމާ ވިސްނާބަޔަކު އުޅޭތޯ؟
ސީނާ
06 October 2019
200 ފުލެޓު އެޅީމަ އަގުބޮޑުވެ، އަގުނުދެއްކިގެން މުޒާހަރާ ކުރަމުންދާއިރު ،އަދިވެސް އިތުރު 800 ފުލެޓު އަޅާވާހަކަ އެބަދައްކާ. އަޅުގަނޑު ވެސް ގަބޫލު ކުރަން 5000ރ. މަހު މުސާރައަށް ލިބޭ މީހަކަށް 3800ރ. ހަމަ އެކަނި ކުއްޔަށް ހޭދަކުރުމަކީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫންކަން. ނަމަވެސް ، އެއުސޫލުން ބަލާނަމަ ރާއްޖޭގައި ސަރުކާރުން އަޅާ ފުލެޓުތަކުގައި ދިރިއުޅެވޭނީ ގައުމުގެ އާބާދީގެ ކިތައް ޕަސެންޓުތޯ މިއީ 20-30ހާސް ފުލެޓު އަޅެމުގެ ވައުދުވާއިރު ވިސްނަންޖެހޭކަމެއް.