ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް އަރިހުގައި ގާސިމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
06 އޮކްޓޯބަރ 2019 - 23:37
އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަަވަޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދީނަށް ފުރަައްސާރަ ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ރައީސް ނުދެއްވާނެ ކަމަށެވެ. އެފަދަ ކަންކަމުގައި އެމަނިކުފާނު ފިޔަވަޅު އަޅުއްވާނީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައި ކަަމަށް ގާސިމް ވިދާޅުވި އެވެ.
ދީނަށް ފުރައްްސާރަ ކުރި މައްސަލައިގައި ފަސާދަ އުފައްދަން "ކަނޑިބަޑި ހިފައިގެން ނުކުމެ އުޅެން ނުޖެހޭ" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އެ އިޝާރާތް ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ކަމަށް ބެލެވެ އެވެ. ދީނީ އިލްމުވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ އެ ރިޕޯޓާ ގުޅިގެން ނުރުހުންފާޅުކޮށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނު އަސާސީން އެއްވެސް މީހަކަށް ދީފައި ނެތް ކަމަށާއި އެފަދަ ކަންތައް ހުއްޓުވުމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ހުވާކޮށްގެން ތިބި ގިނަ ފަރާތްތަކެއް އެބަތިބި ކަމަށެވެ. އެމްޑީއެން އިން ދީނަށް ފުރައްސާރަ ކުރި މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު ސަރުކާރުގެ ތެރެއިން ވެސް އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާށޭ، މި ގައުުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނޭ. ކީރިތި ޤުުރުއާނަށް މަލާމާތްކޮށް ޖޯކު ޖަހައި ނުހެދޭނޭ. ކީރިތި ރަސޫލާއަށް މަލާމާތްކޮށް، އެގޮތަށް އެކަންތައްތައް ކުރުމުގެ އެއްވެސް ޖާގައެއް ނެތޭ. ބޭޒާރުވެ ނިކަމެތިވެގެން ދާނީ އެ މީހެކޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާނެ މުއައްސަސާތައް ރާއްޖޭގައި މަދެއް ނޫނެވެ.
"ދިވެހި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ހަވާލުކޮށްފައިވާ މަތިކޮށްފައިވާ ވާޖިބާ، ފަރުޟާ، ސުންނަތް އަދާ ނުކުރައްވާނެ ކަމަށް އަަޅުގަނޑުމެން ގަބޫލުކޮށްގެންހޭ މި ތިބީ. ނޫން، އެއްގޮތަކަށް ވެސް އެހެންނެއް ނޫން،" ރައީސަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ރިޕޯޓްގައި ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
އެ މައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ރައީސް އަދި އެ ރިޕޯޓާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
07 October 2019
ގާސިމް ތިބުނީ ހެޔޮކޮށް. މިހާތަނަށްވެސް ރައީސް ސޯލިހު ތިޔަރިޕޯޓާ ބެހޭގޮތުން އެއްޗެއްނުބުނެ ފިޔަވަޅެއް ނާޅުއްވާ އެހުންނަވަނީ އެރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވާކަމަށް ރައީސަށް ފެނިވަޑައި ނުގަންނަވާތީ. ނުވަތަ އެރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައި ވާކަމަށް ރައީސް ގަބޫލު ނުކުރައްވާތީ. އެއީ ފުރައްސާރަ ކަމަށްވާނަމަ މިހާރު ހުރީހީ ގާސިމް ތިބުނާގޮތުން ފިޔަވަޅު އަޅުއްވާފާ. އެހެންތޯ ތިބުނަނީ.
ހަކީމް
07 October 2019
އެހެންވެތޮ ހަފްތާއެއް ވިއިރުވެސް ޗުއްޕު ވެސް ބުނަން ނުކެރިފަ އެއިނީ ...
ގައުމީ ވިންދު
07 October 2019
ރައީސް އަށް ފިޔަވަޅު އެޅުއްވެނީ އަލަށްވިހެއި ތުއްތުކުއްޖަކަށް ފިޔަވަޅު އެޅޭހާ ދުވަހުންބާ؟!
ޝޮކްތެރަޕީ
07 October 2019
ރައިސް ޔާމިންގެ ދައުރުގާ އެކަހަލަ މީހުން ބިރުން ތިބީ ރާއްޖޭން ބޭރުގަ. ސަރިކާރު ބަދަލުވީތަނުން އެމީހުން ރާއްޖެއައީ.
ކައުންސެލަރު
07 October 2019
ބަލަ ބްރަދާ ގާސިމް. ތީގެމާނައަކީ މިސާލަކަސް ރައީސް ތިޔަކަމާ ފިޔަވަޅުނޭޅިއްޔޯ؟ އެހެންވެއްޖިއްޔާ އޭގެމާނައަކީ ދިވެހިރާއްޖޭގައި ދީނަށް ފުރައްސާރައެއް ނުކުރެއޭތަ؟ ސުބުޙާނަﷲ. ގާސިމްމެންގެ ތިހުންނަނީ ކޮންކަހަލަ ވިސްނުމެއްބާއޭ މަހިތަށްއަރާ. އަޅައިފި އަތަކަށް މަރުދޯ! މިތާއުޅޭ އެންމެކުޑަކުއްޖާއަށްވެސް ރާއްޖޭގައި ލާދީނީބައިގަނޑެއް އުޅޭކަމާއެބައިގަނޑުން ދީނަށްހުތުރުހާ ކަންކަން ކުރަމުންދާކަން އެންމެކުޑަކުއްޖާއަށްވެސް މިހާރު އޮތީއެނގިސާފުވެފަ! ވަރަށް ވެދުން
ކޮރަލް
07 October 2019
ދީނައް ފުރައްސާރަ ކުރާ މައްސަލއިގާ ގާނޫނު ނުހެދެއެވެ. ގާނޫނު ހަދަން އެދުނިމަ އެއްބަހެއް ނުވިއެވެ. މިނިސްޓްރީ އިން މައްސަލަ ބެލުމަށް އެދުނީއެވެ. މިނިސްޓްރީ އަކީ ތަހުގީގު ކުރާ ތަނެއް ނޫނެވެ.
ރަދީފް
07 October 2019
ގާސިމާއި އަހަރެން ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް. (އަހަރެން ކިހިނެއް އަހަރެންގެ ކަނާއަތުން ވަައަތް ކަނޑާނީ؟؟ ، ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައިގެ ސަމަރީއެއް މިބުނީ) ވ.ވެދުން
އިޙްސާސް
07 October 2019
ތިހެންޏާ ޝަހިންދަ އިސް މާއިލް ހައްޔަރުކުރޭ.
ޚާފަ
07 October 2019
ބަލަގަ އިބޫގެ ދީނާއި ޚިލާފު ނުވަންޏާ ފިޔަވަޅެއް ނާޅުއްވާނެނޫންތޯ؟
ގާސިމެއްކަމަކު
07 October 2019
ގަނޫނާ ހިލާފް ވާހަކަ ނުދައްކާ. ކޯޓެއް ގައި ކުށް ސާބިތު ވީމާ ފިޔަވަޅު އެޅޭނީ.