އަލްހާން: އޭނާއަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2019 - 14:54
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަލްހާނަށް 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ތޫނު އެއްޗަކުން ހަމަލާދިނީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓްގައި އޭނާ އިންނަވަނިކޮށެވެ. އަލްހާން ބުރަކަށްޓަށް ދިން އެ ހަމަލާގައި އޭނާގެ މައިބަދައަށް ގެއްލުންވެ، ރާއްޖެއިން ބޭރުގައި ވެސް ފަރުވާ ހޯދަން ޖެހުނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ނަސީމް އެ ދައުވާ އަށް އިންކާރު ކުރިޔަސް، އަލްހާނަށް ހަމަލާދިނީ ނަސީމް ކަމަށް ސިއްރު ހެކިވެރިއަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާ އަށް ފަހު އެ ސަރަހައްދު ގެއެއްގެ ތެރެއިން ލޭ ހޭކިފައި އޮތް ވަޅިއެއް ފެނުނު ކަން ހެކިންގެ ބަހުން އެނގޭއިރު އެ ވަޅި އަކީ ނަސީމްގެ އަތުގައި އޮތް ވަޅި ކަމަށް ސިއްރު ހެކިވެރިޔާ ބުނެފައިވާ ކަމަށާއި އަދި އެ ވަޅީގެ ތަހުލީލުތައް ހެދިއިރު އެ ވަޅިން އަލްހާންގެ ޑީއެންއޭ ފެނުނު ކަން ފޮރެންސިކް ތަހުލީލުތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހަމަލާ ދިން މީހާ ދުވެފައި ދަނިކޮށް އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހާ އާއި ނަސީމާ އެއްގޮތް ތިން ސިފައެއް އެކުލެވޭ ކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ ސަރަހައްދުގައި ހުރި ގެއެއްގެ ތެރޭގައި ނަސީމް ފިލަން ވަދެ ހުއްޓާ ހައްޔަރު ކުރިކަން އެހެން ހެކިންގެ ބަހުން އެނގޭތީ ހެކިންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ނަސީމްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ނަސީމް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި އެ ކުށް ކުރުމުގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އިތުރު ދެ އަހަރުގެ ޖަލު ހުކުމަކާ އެކު، ޖުމްލަ ހަތް އަހަރަށް ނަސީމް ޖަލަށްލާން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަލްހާނަށް ހަމަލާދިން މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޙީދު
14 October 2019
އަލްހާނު ނުކުޅެދޭ މީހަކަށްވެ މުޅި އުމުރު އެހާލުގައި އުޅެން ޖެހުނީ، އަނިޔާދިން މީހާ ޖަލުގައި އޮވެގެން 7 އަހަރު ދައުލަތުގެ ޚަރަދުގައި ދިރިއުޅޭނީ.
މުބީނު މާރނީ
14 October 2019
އަލްހާން މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ! ވަޅި ހެރި މީހާ އެންމެ ހަތް އަހަރުތެރޭ ގައި އަނެއްކާ ވެސް މިނިވަނަކަށް. އަލްހާން މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވުމާއި، މުޅި އުމުރަށް ކޮރު ޖަހަން ޖެހޭ ޖެހުމާއި 7 އަހަރާއި އެއްވަރެއް ނޫން. އިންސާފު ލިބުނު ހުމުމެއް ނޫން. އިންސާފު ލިބޭވަރުގެ ހުމުމެއް އައިސްގެން މިކަލަ ނުބައި ކަންތައް ކުރާ އެހެން މީހުން ކުޑަކޮށް ނަމަވެސް ޖެހިލުންވާނީ !
ޒުވާނާ.
13 October 2019
2014 ގަކުރިކަ މެއް ތަންކޮޅެއް ލަސް މިވަރު ތަންކޮޅެއް އަވަސް ކޮއްލާ މިގޮތައް ވާންޖެހޭނެ މީވަރައް ފުރިހަ މަ ހުކު މެއް
ކޮލެޖު ބޯއި
13 October 2019
އަލްހާނަށް އަދި ސަރުކާރުން ވާނެ ދޯ ބަދަލު ދޭން. ރަނގަޅުވާނެ 100 މިލިޔަން ޑޮލަރު
ފުންއަސަރު
13 October 2019
މައްސަލަ ނިމުނުގޮތް ގޯހެއްނޫން. އެކަމަކު މައްސަލަތައް ނިންމަން ނަގާވަގުތާ ދުވަސްދޯ؟؟؟
ދެން މިނިވަން ކުރެ
13 October 2019
އަލްހާނު ކިތައްމެ ޑާޓީ ކަމަށް ވިޔަސް އަލްހާނަށް ވެސް މިފަދަ އަނިޔާއެއް ދީގެން ނުވާނެއެވެ.
ހިގޮ
13 October 2019
ފަހަތު ހުރިމީހެއް ކުރިމަތީ ހުރި މީހެއް ކިޔާނެ ކަމެއް ނެއް ތިފަދަ އަނިޔާތައް މީހުންނަށް ދޭ އެންމެންނަށް އަދަބު ލިބެންޖެހޭ ތިހުކުމް ތިގޮތައް ދަމަހައްޓާ ފިއްޔާ ރަގަޅު ވާނެ ކަމަށް ބެލެވެނީ އެއްގޮތަކަށް ވެސް ދޫކުރާނެ ކަމެއްނެއް
ޝުކުރިއްޔާ
13 October 2019
ތިއީ ވަރަށް ނުވާ ކަމެއް. ގިނަ ފަހަރަށް ދޫކޮށްލާނީ.
ސަސު
13 October 2019
މިއީ 2021 ވަނަ އަހަރު ކުރަންޖެހޭ ހުކުމެކޭ. މާއަވަސް ކޮށް މި ނިމުނީ
ބޭރު
13 October 2019
ކޯބާ އޭނާގެ މޯޓިވް އަކީ!؟ އަލްހާނާ އޭނައާ ދޭތެރޭ އެއްވެސް މައްސަލައެއް ދެބަސްވުމެއ އޮތްބާ؟ މިގޮތަށް ވަޅި ޖަހާ ކުދިން ޖަލަށް ލިޔަސް މިކަމެއް ނުހުއްޓޭނެއެވެ. ފަހަތުގައި ތިބި މީހުން ނުހޯދޭ ކަމަށްވާނަމަ އަނެއްކާވެސް އެހެން ކުޖައްކު ލައްވާ އެކަން ކުރާނެއެވެ.
ބައްޔެއް!
13 October 2019
މޯޓިވް ބަލަނީ ކާކު؟ މި ފެންނަނީ ގައުމުގަ ބާރު އޮތް މީހުނަށް ހަމަލާ ދިނީމަ ވާގޮތް. ކޮބާ ގޭންގް ތަކުން މަރާފައިވާ އާދައިގެ ދިވެހިން؟ އެމީހުންނަށް އިންސާފު ލިބޭނީ ކޮންދުވަހަކުން؟