ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބުގެ އޯޑަރަށް ފުލުހުންތަކެއް ހިންގީ ބޮޑު ޖަރީމާތަކެއް!

އަދީބު. އެމަނިކުފާނުގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާ އިން ވަނީ އެދިފައި. - ފޮޓޯ: މިހާރު

ސަރުކާރުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވައި ވަކިވަކި ފުލުހުންތަކެއް ލައްވައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަކުން ކަށަވަރުވެއްޖެ އެވެ.

އޭގެ ތެރޭގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ސައިކަލްގައި ރޯކޮށްލުމާއި ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒްގެ އޮފީހުގައި ރޯކޮށްލަން އުޅުމާއި އެކި ތުހުމަތު އަޅުވައި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކުރުމުގެ ރޭވުންތައް ހިންގުން ހިމެނެ އެވެ.

މި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތު ކުރަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބުނު އޮފިސަރުންނާއި ފުލުހުންނެވެ. މަންފާ ލިބުނު ފުލުހުންގެ ތެރޭގައި، ފުލުހުން މިހާތަނަށް ނަން ހާމަކޮށްފައި ނުވި ނަމަވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޚިޔާނާތާ ގުޅޭ މައުލޫމާތަކެއް "މިހާރު" އަށް ލިބިފައިވާ އިރު އޭގެތެރޭގައި، އަދީބު ފުލުހުންގެ މުއައްސަސާ ކޮންޓްރޯލް ކުރެއްވި ގޮތް ހިމެނެ އެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ގާނޫނާ ޚިލާފު އަމަލުތަކަށް މަގުދެއްކެވި އެއް ބޭފުޅަކީ، އެ މައުލޫމާތުތަކުގައިވާ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. އެކަމަކު މި ތުހުމަތު "މިހާރު" އިން ގުޅުމުން އޭނާ މިއަދު ދޮގު ކުރެއްވި އެވެ.

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ޖެހޭ މުއައްސަސާގެ ހާލަތު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ސިޔާސީ ނުފޫޒު ފޯރާފައިވާ ތަހުގީގުތަކާއި މީހުން ހައްޔަރުކުރުން ފަދަ ކަންކަން އެއީ ހިނގި ކަންކަމެވެ. އަދީބާއި ހުސެއިން ވަހީދުގެ މުއާމަލާތުތަކެއް "މިހާރު" އަށް ލިބިފައިވާ އިރު، ދެ ބޭފުޅުން ވެސް ވިސްނުން ގެންގުޅުއްވި ގޮތް އޮތީ ފެންނާށެވެ!

ވިސްނުން ސިޔާސީ ބާރު ދެމެހެއްޓުމަށް!

އަދީބާއި ހުސެއިން ވަހީދުގެ އެންމެ މުހިއްމު އަމާޒަކީ، ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމެވެ. ނަތީޖާއަކަށް ވީ، ގާނޫނާ ޚިލާފު އަމަލުތަކަށް ފުލުހުން ލައްވައި އަރައިގަތުމެވެ.

ފުލުހުންގެ އިންޓެލިޖެންސް ހުރިހާ މައުލޫމާތެއް ހުސެއިން ވަހީދު، އަދީބަށް ފޯރުކޮށްދެއްވި އެވެ. ބައެއް ކަންކަން ރައީސް ޔާމީނަށް އަންގަވަންވީތޯ ވެސް އައްސަވައި އަދީބުގެ އަރިހުން ލަފާ ހޯއްދަވާފައިވާ ކަން ދެ ބޭފުޅުންގެ މުއާމަލާތްތަކުން އެނގެ އެވެ. އަދި ބައެއް ކަންކަން ހިނގީ ޔާމީނަށް ވެސް އެނގިވަޑައިގެންނެވެ.

އިދިކޮޅު ސިޔާސީ ބޭފުުޅުންގެ ބައްދަލުވުންތައް ބާއްވާ ތަނާއި ބައެއް ފަހަރަށް ދެއްކެވީ ކޮން ވާހަކަތަކެއް ކަން ވެސް ހޯއްދަވައި އަދީބަށް ފޯރުކޮށްދެއްވަ އެވެ. ހުސެއިން ވަހީދަށް އެނގިވަޑައިގެން، އަދީބު ފުލުސް އޮފީހުގެ ކޮންޓްރޯލް ނެންގެވުމާ އެކު ކިތަންމެ ކުޑަ ކަމެއް ވެސް ފުލުހުންގެ ތެރޭގައި ހިންގީ އޭނާގެ ހުއްދައާ އެކުގަ އެވެ. ސިޔާސީ ބައެއް ބޭފުޅުންނަށް ކުރިމަތިވި ނުރައްކާތަކާ ގުޅިގެން ސިކިއުރިޓީ އަށް އެދުމުން ވެސް އެކަން ފުރަތަމަ ހިއްސާކުރަނީ އަދީބަށެވެ.

ގެއްލިގެން ހޯދަމުން ދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައިދޭން އާއިލާ އާއި ރަހުމަތްތެރިން މަސައްކަތް ކުރަމުން ދިޔައިރު ވެސް ހުސެއިން ވަހީދު ވަނީ އަދީބު ރުއްސަން، ސިޔާސީ ގޮތުން ފައިދާ ނެގިދާނެ ޚިޔާލުތައް ހުށަހަޅުއްވައިފަ އެވެ. ރިލްވާނާ އެންމެ ފަހުން، ފެރީން ބައްދަލުވީ ދީން ގަބޫލުނުކުރާ މީހެއް ކަމަށާއި އެ ވާހަކަ އާއްމު ކުރުމަކީ އެ ވަގުތުގައި ސަރުކާރަށް މުހިއްމު "ޕޮލިޓިކަލް ސްޓަންޓަކަށް" ވާނެ ކަމަށް ވެސް ހުސެއިން ވަހީދު އަދީބަށް މެސެޖްކޮށްފައިވެ އެވެ.

ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި ޖަރީމާތަކެއް!

ރޯކުރުމާއި ބިރު ދެއްކުންތަކެވެ. މީހުންނަށް އިންޒާރު ދިނުމެވެ. ބަދުނާމު އަޅުވައި ހައްޔަރު ކުރުމެވެ. މި ޖަރީމާތައް ހިންގީ މުޅި މުއައްސަސާ ޝާމިލްވެގެން ނޫނެވެ. އަދީބަށް 100 ޕަސެންޓް އިތުބާރު އޮންނަ މަދު އޮފިސަރުންތަކެއް ލައްވަ އެވެ. ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ އިތުރުން ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް)ގައި ވެސް އަދީބުގެ އަމުރު ތަންފީޒުކުރާ ބަޔަކު ތިބެ އެވެ.

އެ އޮފިސަރުންނަކީ އަދީބާ ދެކޮޅަށް އަމިއްލަ އެޖެންޑާއެއް ކުރިއަށް ނުނެރޭނެ ކަމުގެ ޔަގީންކަން އޮންނަ މީހުންނެވެ. އަދީބާ ގާތް ގުޅުމެއް އޮތް، އެސްއޯގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް (ޑީޑީ) އާއި ސްވޮޓްގެ ކޮމާންޑަރު، ހުސެއިން ސައިފު ވަނީ ތުހުމަތުތަކަކާ އެކު މަގާމުން ވަކިކޮށްފަ އެވެ.

އަދީބުގެ އޯޑަރު ތަންފީޒުކުރުމުގައި އިސްކޮށް އުޅުނީ މި ދެ ފުލުހުންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ސައިކަލްގައި ރޯކޮށް ގެއްލުން ދިނީ ވެސް އަދީބަށް އެނގިވަޑައިގެންނެވެ.

ރިޔާޒަށް ހަމަލާ އަމާޒުކުރީ، ފުލުހުން ހިންގާ ކަންކަމާ ބެހިވަޑައިނުގެން ދުރުގައި ހުންނެވުމުގެ އިންޒާރެއްގެ ގޮތުގަ އެވެ. އޭނާ އަށް ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ޖަރީމާތަކުގެ މައުލޫމާތު އެނގިވަޑައިގަތުމަކީ، އަދީބުގެ ޓީމަށް ކުރިމަތިވި ބިރެކެވެ. ސައިކަލްގައި ރޯކޮށްލުމަށް ފަހު، އެކަން އަދީބަށް އަންގަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގާ ކަން އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ނިޔާޒަށް އެނގިވަޑައިގަތުން ވީ އަދީބަށް ނުރައްކާ ބޮޑުވި ކަމަކަށެވެ. އެ ރުޅިގަނޑުގައި އޮޑިޓް އޮފީސް ރޯކޮށްލަން ވެސް އަދީބު މެސެޖް ކުރައްވާފައި ވެ އެވެ. އަދީބުގެ އެންގުމަށް ފުލުހުން ނިޔާޒަށް ފާރަލައި ހެދި އެވެ.

ފުލުހުން ހިންގި ޖަރީމާތައް ރޭކާލާ ފުލުހަކު ހުރި ނަމަ އެ މީހަކަށް ވެސް ފާރަލަ އެވެ. ކޮފީ ބައްދަލުވުންތަކާއި ކެއުންތަކުގައި އެއް އޮފިސަރަކު އަނެއް އޮފިސަރަކާ މަޖަލަށް ދައްކާ ވާހަކަތައް ވެސް އަދީބުގެ ކަންފަތާ ހަމައަށް ދެ އެވެ.

ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅު ހައްދަވާ އޮފިސަރަކު ހުރި ނަމަ އެ މީހެއްގެ ބާރުކަނޑުވާލައި އެކަހެރި ކުރުމުގެ ވިސްނުން ވެސް ގެންގުޅުނު ކަން މެސެޖްތަކުން އޮތީ ފެންނާށެވެ.

ގާނޫނާ ޚިލާފު މި އަމަލުތަކާ ހެދި ސަރުކާރަށް ޕްރެޝަރު ބޮޑުވުމަކީ ހުސެއިން ވަހީދަށް ވެސް ޕްރެޝަރު ބޮޑުވި ކަމެކެވެ. ސަރުކާރާ ދެކޮޅަށް ރިޕޯޓް ނެރޭތީ، ރާއްޖެ ޓީވީ އަށް ކޮންމެވެސް ފިޔަވަޅެއް އަޅަން ހުސެއިން ވަހީދު އެދިވަޑައިގަނެ އެވެ. އަަނެއްކާވެސް ރޯކޮށްލަން ވީއޭ އަދީބު ވިދާޅުވުމުން، ހުސެއިން ވަހީދު އެކަމަށް އެއްބަސްވެވަޑައެއް ނުގަތެވެ. އޭނާ އެދިވަޑައިގަތީ ބައެއް ކުންފުނިތަކުން ދޭ ސްޕޮންސާތައް ހުއްޓާލަން ބާރުއެޅުމަށެވެ.

އެގޮތަށް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ދެއްވަ އެވެ.

އުމަރާއި އަދީބާ ދެމެދު "ހަނގުރާމައެއް"!

ގާނޫނީ އިމުން ބޭރުވެ، ވަކިވަކި ފުލުހުން ލައްވައި ހިންގަމުން ދިޔަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރައްވަން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އުޅުއްވި އެވެ. އަދީބަކީ "ގޭންގް ލީޑަރެއް" ކަމުގެ ތުހުމަތުތަކަކާ އެކު އުމަރުގެ އުނދަގޫ ބޮޑުވި އެވެ.

އަދީބަށް ކުރިމަތިވި ބިރަކީ، ފުލުހުންގެ އޮފިސަރުންތަކެއް ލައްވައި އޭނާ ހިންގެވި ގާނޫނާ ޚިލާފު އަމަލުތައް އުމަރު ތަހުގީގުކޮށްފާނެ ކަމުގެ ބިރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، އުމަރުގެ "ފިޔަކޮށާލައި" ފުލުހުންނަށް އަމުރު ކުރުމުގެ ބާރު އޭނާގެ އަތުން ނެންގެވީ، އަދީބު އުމަރަށް ދެއްވި އިންޒާރުތަކަކާ އެކުގަ އެވެ.

އުމަރު، ބައެއް ކަންކަން، ތަހުގީގު ކުރައްވަން އުޅުއްވި ކަން ހުސެއިން ވަހީދާ އެކު އަދީބު ދެއްކެވި ވާހަކަތަކުން އެނގެ އެވެ.

އަދީބު، އުމަރަށް ގުޅުއްވައި އިންޒާރު ދެއްވި ކަން ހުސެއިން ވަހީދުގެ ސަމާލުކަމަށް ގެންނެވުމުން އޭނާ އެކަން ހިއްސާކުރެއްވީ އަދީބަށެވެ. އަދީބުގެ އިންޒާރުގެ ކުރިން ވެސް ފުލުހުން މުއައްސަސާ ތެރެއިން އަދީބަށް ހުރަސްތަކެއް ހުރުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން އަދީބު ހުސެއިން ވަހީދަށް ޝަކުވާ ކުރެއްވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު.---ފޮޓޯ: ރައީސް އޮފީސް

"މެޑަލް ޖަހާތީ" ހުސެއިން ވަހީދުގެ ބާރު ކަނޑުވާލި!

އުމަރު އެކަހެރިކުރުމާ އެކު، އެސްއޯ އާއި ސްވޮޓް މެދުވެރިކޮށް ގާނޫނާ ޚިލާފު އޮޕަރޭޝަންސްތައް ހިންގަން އަދީބަށް ޖާގަ ލިބުނެވެ. ކޮމާންޑަރެއްގެ ގޮތުގައި އަދީބު ހުންނަވައި ފުލުފުލުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި އެވެ.

ވަކި ހިސާބަކުން ހުސެއިން ވަހީދަށް ވުރެ ވެސް ސްވޮޓާއި އެސްއޯ ޓީމުގެ ބާރު ގަދަވި އެވެ. އެ ޓީމުތައް ލައްވައި އަދީބު ހިންގެވި ބައެއް އޮޕަރޭޝަންތަކުގެ މައުލޫމާތު ހުސެއިން ވަހީދަށް އެނގިވަޑައިނުގަންނަވާ ކަން ވެސް ބައެއް މެސެޖްތަކުން އެނގެ އެވެ. ހުސެއިން ވަހީދުގެ "ފިނޑިކަމުން" ހިތްހަމަނުޖެހި އަދީބަށް އޭނާގެ ލޯޔަލް އޮފިސަރުން ޝަކުވާ ވެސް ކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނީ، އަދީބު ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވާފައި ވަނިކޮށެވެ. އެއީ އަދީބުގެ ހަމަލާއެއް ކަމުގެ ތުހުމަތާ އެކު އޭނާ ހައްޔަރުކޮށް، ހުސެއިން ވަހީދު ވެސް މަގާމުން އެކަހެރިކުރީ އެވެ.

އޭނާ އަށް ތުހުމަތު ކުރެވުނު ކަންކަމުގެ ތަހުގީގެއް ހިންގުމެއް ނެތި، ބަދަލުކުރީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ޖަރީމާތަކުން ނަން ކިލަނބުވި މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ގެއްލުނު އިތުބާރު އަނބުރާ ހޯދުމަކީ، ގޮންޖެހުން ބޮޑުވާނެ ކަމެކެވެ.

88 ކޮމެންޓް, 274 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 5%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަ އެކައްޗެއް

28 October 2019

"ނަން ކިލަނބުވި މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ގެއްލުނު އިތުބާރު އަނބުރާ ހޯދުމަކީ، ގޮންޖެހުން ބޮޑުވާނެ ކަމެކެވެ." ކިހިނެއްތޯ އިތުބާރު ހޯދާނީ. ބަދަލުވީ ހަމައެކަނި މީހުން. ކަންހިނގަނީ ހަމަ އެއްގޮތަކަށް. ފާޑެއްގެ މުޑުދާރު ޖަމިއްޔާއަކާއި އެމީހުންގެ ދެތިން އައުވާނުނަށްވުރެ މިހާރުވެސް ފުލުހުންގެ ބާރު ދަށް.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

28 October 2019

ކަލޯ އެކަމަކުވާދޯ، އެބައިގަނޑު މިއޮތީ މުޅި ގައުމު ފުނޑާލާފައޭދޯ، 3.3 ބިލިއަން ރުފިޔާ އެކަނި ދިރުވާލީކީނޫނޭ، ބޮޑެތި މާސިންގާ ވަރުގެ ޖަރީމާތައްވެސް ހިންގިއްޔޭ އުތަ، އެކަމަކުވާ، ޤައުމެއް ނެތް.....

The name is already taken The name is available. Register?

ލުތުފީ

28 October 2019

މީ ހަމަ ފިތްކަޑައިގެންދާކަހަލަ ބިރުވެރި ވާހަކަތަކެއް. އަދީބް އަދީބަކަށް ހެދީ ސީދާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވައްކަންކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އެފައިސާ ބޭނުންކޮށްގެން އަދީބް ހިންގިހާ ޖަރީމާ ހިންގީ ސީދާ ރައީސްޔާމީން ގެ ވިސްނުމާއެއްގޮތަށް.

The name is already taken The name is available. Register?

ދަތުރު ވެރިއެއް

28 October 2019

ތިޔަ މުވައްސަސާ ތަކަށް އެވެސް އިތުބާރެއްނެތް. އެކަމަކު ގަބޫލު ކުރަން ރަނގަޅު މީހުން ދައްމަގާމު ތަކުގައި އުޅެދާނެކަން. އެއްޗަކަށްވާ ކަހަލަ ފައިދާ ހުރި ކަންތައްތައް ކުރުމަށް ވުރެން ބޮޑަށް، ބޮޑެތިމީހުން އިސްކަންދެނީ އަމިއްލަ މަންފާ. ދައްމަގާމުގައި އުޅޭ ކުދިން ހަލާކު ވަނީ މިހެންވާތީ.

The name is already taken The name is available. Register?

ޭޔޯކޯ އޯނޯ

28 October 2019

މިއަދު 2019. އުފާވެއި މިކަމަށް ވާހަކަ ދައްކާތީ. 2013އިން ފެށިގެން މިއަދާހަމައަށް ވަރަށް ގެއްލުން ލިބުނު ބައިވަރު މީހުން އަދި އާއިލާތައް ގިނަގުނަ! ޥޯޓުލާފަ ޒިންމާ ނަގަން ހޮވި މީހާ ބިޒީކޮށް އެސްކޮރޯ އެކައުންޓަށް ޑޮލަރު މިލިއަން ނޭޅިގެން!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

28 October 2019

އަޅާފަ އޮތް ބިޔަބޮޑު ބުރިޖު ނުފެނޭތަ، މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ވަނުން އެއީ މުޅިން އެހެން ކަމެއް ނޫންތޭ، އަހަރުމެންނަށްވެސް ދީގެން ކޭވާހަކަ ކޮންމެވެސް ދައްތައަކު ބުނާތީ ދުށީމު.

The name is already taken The name is available. Register?

ހިގާމީހެއް

28 October 2019

ނަޝިދު ގެ ވެރިކަމުގައި ޕޮލިހާ އެމްއެންޑީއެފް ސިޔާސީ ހަތިޔާރެއް ގޮތުގައި ނަޝިދު ބޭނުންކުރި. ކޮބާ އަބުދުﷲ ގަޒީ ވަގައް ނެގުން. ކޮބާ ނަޝިދު ވެރިކަމުގައި ހިންގި ކޮރަޕްޝަންތައް

The name is already taken The name is available. Register?

ލޮނު އީސާ

28 October 2019

އަބްދުﷲ ގާޒީގެ ވާހަކަ އޮޅުވާލައިގެން ދެއްކިޔަސް ގިނަ މީހުންނަށް ހަގީގަތް އިނގޭ، ޔާމީނަށްވެސް އުނދަގޫ ބޮޑުވެގެން އަބްދުﷲ ގާޒީ އެކަހެރި ކުރި، އަބްދުﷲ ގާޒީގެ މައްސަލައަކީ ސަރުކާރަށް ޖެއްސުން ކުރަން ބޮޑެތި ކުއްވެރިން ދޫކުރުން، މަސްތުވާތަކެތީގެ ބޮޑުން ދޫކުރުން، މިއީ މީހަކު ބޮޑާހާކަން ކުރާ ވަރުގެ ކަމެއްނޫން

The name is already taken The name is available. Register?

ޑާޑާ

28 October 2019

ހިގާމީހެއް، ތިބުނާ ގޮތުން ވިއްޔާ، 3.3 ބިލިއަން ރުފިޔާ ޔާމީނުގެ ވެރިކަމުގަ ދިރުވާލިހެން ދެން ވެރިކަމަށް އަރާ އެންމެންވެސް އަދި އެއަށްވުރެ ގިނައިން ދަވާލަން ޖެހޭނެ އުތަ، ކުރަފި ވިސްނުންވިއްޔަ ގެންގުޅެނީ....

The name is already taken The name is available. Register?

ޝާއިރާ

28 October 2019

އަދީބު ނައިބު ރައީސް ކަމަށް ގެންނަން ނަޝީދު ކުރި ބުރަ މަސައްކަތް މަތިން އެންމެން ހަނދާން ނެތުނީތޯ؟ ޖަސްޓް އާސްކިން.

The name is already taken The name is available. Register?

އަހަންމާ.

28 October 2019

ކާނަލް ނާޒިމްގެ ވާހަކަ މި އާޓީކަލްގައި ކޮބައިތޯ؟ އެއީ ވެސް މިސިލްސިލާގެ އެއްބައި...ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާގައި އަދީބުގެ ފިންގަރ ޕްރިންޓް ނޫންތޯ އޮތީ..ނާޒިމް އަންހެނުންނާ ސުވާލު ކުރައްވާ،ފިސްތޯލު ނާޒިމް ކޮޓަރި ވަތްގަޑަށްލި ކަމަށް ވަނީ މީގައި މިބުނާ ސޮވޮޓް ކޮމާންޑަރު ޙުސޭން ސައިފް.

The name is already taken The name is available. Register?

ޤައުމިއްޔަތު

27 October 2019

#ބޭންއެމްޑީއެން

The name is already taken The name is available. Register?

އަލި

27 October 2019

ހުރިހާ ނުބައެއްގެ މުގުލުން މިފެންނަނީ އަދީބު.

The name is already taken The name is available. Register?

ޭޔޯކޯ އޯނޯ

28 October 2019

ކޮބާ ޔާން؟ މިނިސްޓަރަކަށް ޤާނޫނު ބަދަލު ކުރުމަށް ބާރާއި އެހެން މުއައްސަސާތަކަށް އަތްފޯރުވާއިރު ނޯންނައިރު އަދި ނުވިތާކަށް އޮޑިޓަރ ނިޔާޒަށް ވޯރނިންގ ދިން ޔާން ހަމަ ހުދު ކާފުރުބާ؟

The name is already taken The name is available. Register?

ކަޅުކަޅު ދޮނޭ

27 October 2019

ޢެމްެއެންޑީއެންނޯ ކަލޭގެ ލަދުހަޔާތް ކޮބާތަ؟ ތިތަނަކީވެސް ހާދައިއްޒަތް ތެރިންން ތަކަކާ، ގައުމަށްޓަކާ އިހްލާސްތެރި ހިދްމަތް ތަކެއްކޮށް ގައުމަށާއި އެބައިމީހުންގެ ދަރީންނަށް ބަތޮލުން ތަކެއްގެ ގޮތުގައި ބަލައިގަންނާނެ ކަމުގެ ޔަގީންކަމަށް އަމާޒު ޙިފާފައި ތިބި ބޭފުޅުން ތަކެއް ތިއްބެވި މުއަށްސަސާއެކޭ.. އެކަމް ދެން އެބޭފުޅުންވެސް ކޮންމޫނެއްތޯ ރައްޔިތުނަށާ އެބައިހުންގެ ދަރީންނަށް ދައްކާނި.. ޔުނީފޯމުގަ ގެއިން ނުކުންނަމުން ކީތޯ ހިތަށް އަރާނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454