ރިޕޯޓް / ޖުޑީޝަރީ

ފަނޑިޔާރުންނަށް ނުފޫޒު: އަދިވެސް އިއްތިފާގެއްތަ؟

ޖޭއެސްސީގެ މެމްބަރުންތަކެއް: ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ އެކު ފަނޑިޔާރުންނާ މެދު ކުއްލި ފިޔަވަޅުތައް އައުމަކީ އަބަދުވެސް ހިނގާ ކަމެއް -- ފޮޓޯ/މިހާރު

ފަނޑިޔާރުންގެ މައްޗަށް ކުރެވޭ އެކިއެކި ތުހުމަތުތަކާއި އެކި ގޮތްގޮތުން ފަނޑިޔާރުންނަށް އަންނަ ނުފޫޒުތަކުގެ ވާހަކަ އަބަދު ވެސް އަޑު އިވެ އެވެ. ވަކިން ޚާއްސަކޮށް ސިޔާސީ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގަމުންދާއިރު، މި އަޑުތައް ވަކިން ގަދަ އެވެ. އެއިރެއްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ޝަރީއަތްތަކަށް ދައުލަތުގެ ބާރުވެރި ފަރާތްތަކުގެ ނުފޫޒު ފޯރުވާ ވާހަކަ އާއި އޭގެފަހުން އަނެއްކާ ވެސް މުޅިން އަނެއްކޮޅަށް މަންޒަރު ބަދަލުވާ ގޮތް އެތައް ފަހަރަކު ތަޖްރިބާ ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ފުރަތަމަ އިސް ގާޒީ އަބްދުﷲ މުހައްމަދު ކުއްލި ގޮތަކަށް 2016 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް އެ ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އޭގެފަހުން އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލު ކުރުން ވެސް ދިޔައީ އެފަދަ ގޮތަކަށެވެ. އެ ބަދަލު އައީ ކުރީގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކުރި މައްސަލައެއް އަނބުރާ ފޮނުވާލަން އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން ނިންމެވުމާ އެކު އެވެ.

ކޯޓުގެ އެ ނިންމުމަށް މަދު ގަޑިއިރުތަކެއް ފާއިތު ނުވަނީސް، އެރެއިން އެރެއަށް ޖޭއެސްސީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގަތް އެހެން ފަނޑިޔާރަކު ފެމިލީ ކޯޓަށް ވެސް ބަދަލު ކޮށްލީ އެވެ. އަބްދުﷲ ގާޒީ އާއި ގާޒީ ބާރީ އެހެން ކޯޓަކަށް ބަދަލުކުރީ ސުލޫކީ ފިޔަވަޅެއް އެޅުމަކަށް ނުވާ ގޮތަށް، ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށް ކަމަށް ބުނެ އެވެ. އެކަމަކު އެ "އިއްތިފާގީ" ބަދަލު ގުޅިފައި އޮތީ އެ ކޯޓުގައި އޭރު ހިނގަމުންދިޔަ ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ ކަމަށް އޭރު ވެސް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.

އަނެއްކާވެސް ދައްކަން މިޖެހެނީ އެފަދަ ވާހަކަ އެވެ. އެކަމަކު ކުރިއަށް ވުރެ ތަފާތު ގޮތަކަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ހިސާބުން ވެސް މިހާރު އަމާޒުވެފައި މި އޮތީ އެފަދަ ތުހުމަތުތަކެކެވެ. ދިގު އަޑުއެހުންތަކަކަށް ފަހު، ހުކުމް އައުމަށް ކުޑަތަންވެފައި ވަނިކޮށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރީ އެވެ. މިފަހަރު ވެސް މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟

ހައިލަމް ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ފޮޓޯއެއްގެ މައްސަލާގަ އެވެ. ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ފޮނުއްވި ފޮޓޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ހުރި ކުރެހުމެއް ހުރި މައްސަލަ ފެންމަތިިވުމާ އެކު އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން 24 ގަޑިއިރަށް ގާތްވެފައި ވަނިކޮށެވެ.

ފޮޓޯގެ މައްސަލަ އާންމުވުމާ އެކު ހައިލަމް މައާފަށް އެދިވަޑައިގެން ބަޔާން ނެރުއްވި އެވެ. އެކަމަކު ޖޭއެސްސީން އެންގީ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވުމަށެވެ. ސިޓީއެއް ފޮނުއްވުމަށް ފަހު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެ ވަޑައިނުގަތުމުން ލަހެއް ފަހެއް ނެތި ވަގުތުން ވަގުތަށް އޭނާ ސަސްޕެންޑް ކުރުމާ އެކު، އަނެއްކާ ވެސް ސިފަވެގެން ދަނީ ކުރީގެ މަންޒަރުތަކެވެ.

ސުވާލަކީ، އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް ވިދާޅުވެ، ހައިލަމް މައާފަށް އެދިވަޑައިގެންފައި ވަނިކޮށް އެއީ ކޮންމެހެން ވަގުތުން ވަގުތަށް އޭނާ ސަސްޕެންޑް ކުރަން ޖެހޭ ފަދަ މައްސަލައެއްތޯ އެވެ؟ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެކި ތުހުމަތުތައް ކޮށް، އެކަމަށް ފާޑު ކިޔަމުން ދަނިކޮށް އަދި ޔާމީންގެ މައްސަލާގެ ހުކުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ސަސްޕެންޝަން އައި އައުމަކީ އަނެއްކާ ވެސް ސުވާލު އުފައްދަން ހުޅުވޭ ދޮރެކެވެ.

ފަނޑިޔާރަކު ވަކި މައްސަލައެއް ބަލަމުން ގެންދިއުމަކީ އެ ފަނޑިޔާރަކާ މެދު ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެއް ބެލުމަށް ނުވަތަ ފިޔަވަޅު އެޅުމަށް އޭގެ ޒާތުގައި ގާނޫނީ ގޮތުން އޮތް ހުރަހެއް ނޫނެވެ. އެއީ ގާނޫނީ ގޮތުން ޖޭއެސްސީ އަށް އޮތް ބާރެކެވެ. އެހެނަސް، ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ މައްސަލައާ ހިސާބުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ފެންމަތިވުން ނުވަތަ ފަނޑިޔާރު މަސައްކަތް ކުރާ ކޯޓު ބަދަލު ކުރަން ޖެހޭ ހިސާބަށް ކޮންމެ ފަހަރަކު އަންނަ އައުމަކީ އެއިރު ވެސް މިހާރު ސުވާލު އުފެދޭ ކަންކަމެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ ކުރިން އޭނާއާ ގުޅޭ އެހެން މައްސަލައެއް ޖޭއެސްސީން ބަލަމުން ދިޔަ އެވެ. އެއީ ކޮން މައްސަލައެއް ކަން ހާމަ ނުކުރިޔަސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެހާތަނަށް އެ ކޮޮމިޝަނުން ނާޅަ އެވެ. އެކަމަކު ފޮޓޯގެ މައްސަލާގައި ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާއާ ގުޅޭ އިތުރު މައްސަލަަ ވެސް ކުއްލިއަކަށް ފެންމަތިވީ އެވެ. ހައިލަމްގެ އެކައުންޓަކަށް މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ދެ ލައްކަ ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ޖޭއެސްސީގެ ސަމާލު ކަމަށް ފުލުހުން ގެނައުމުން އެ މައްސަލަ ވެސް ވަކިން ބަލަން ނިންމީ އެވެ.

އެކައުންޓަށް ފައިސާ ޖަމާވި މައްސަލައަކީ މިދިޔަ ޖުލައި މަހުން ފެށިގެން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި އޮތް ކަމެކެވެ. އެކަމަކު އެކަން ޖޭއެސްސީގެ ސަމާލު ކަމަށް ފުލުހުން ގެނައީ ހައިލަމް ސަސްޕެންޑްކުރި ފަހުން އަދި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި އެ ވާހަކަ ވިދާޅުވި ފަހުންނެވެ. އެކަން ޖޭއެސްސީގެ ސަމާލު ކަމަށް ނުގެނެސް އެހާތަނަށް ބާއްވާފައި އޮތް އޮތުމަކީ ފުލުހުންގެ ނިޔަތާ މެދު ވެސް ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެކެވެ.

އިސް ގާޒީ ހައިލަމް -- މިހާރު ފޮޓޯ/ހުސައިން ވަހީދު

މި ހުރިހާ ކަމަކީ ވެސް އިއްތިފާގެއް ކަމަށް ބުނެވެން ނެތީ ޖޭއެސްސީއަކީ އެއްވެސް ޒަމާނެއްގައި އިތުބާރު އޮތް ކޮމިޝަނަކަށް ނުވާތީ އެވެ. ސަރުކާރު ބަދަލުވުމާ އެކު ކޮމިޝަންގެ މެމްބަރުން ބަދަލު ވިޔަސް، ކުރިން މިއަދު ވެސް ކަން ކުރާ ގޮތަކަސް ބަދަލު އައި ތަނެއް އަދި ނުފެނެ އެވެ. އެހެން ފަހަރުތަކާ ޚިލާފަށް، މިހާރު ޖޭއެސްސީގެ މެމްބަރުުންގެ ތެރޭގައި ސިޔާސީ ގޮތުން ބަސް ވިކޭ ބާރުގަދަ ބައެއް ބޭފުޅުން ތިއްބަވާ ތިއްބެވުމަކީ ކުރިއަށް ވުރެ ބޮޑަށް މި ތުހުމަތުގެ އިނގިލި އެ ކޮމިޝަނަށް އަމާޒުވާ ސަބަބެވެ.

ޖޭއެސްސީގައި ސިޔާސީ ބޭޭފުޅުން ތިއްބަވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރަން އެންމެ ބޮޑަށް ވަކާލާތުކުރީ މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ އެމްޑީޕީންނެވެ. ކުރީގެ ސަރުކާރުގައި ޖޭއެސްސީން އަމަލު ކުރަމުންދިޔަ ގޮތާ މެދު އިތުބާރު ނެތުމުން ޖޭއެސްސީ އަށް ގެންނަންޖެހޭ ބަދަލުތަކުގެ އެކި ފޯމިއުލާތައް ލިޔެގެން ވެސް އުޅުނެވެ.

ސަރުކާރާއި މަޖިލީހުގެ ކޮންޓްރޯލް މިހާރު އޮތުމުން ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ނުކުރަން ދެއްކޭނެ އެއްވެސް ހުއްޖަތެއް މިއަދު ނެތެވެ. އެކަމަކު މިހާރު އޭގެ އެއްވެސް އަޑެއް ނެތެވެ. މިއަދު ޖޭއެސްސީ އެކުލެވޭ ގޮތް ގޯސްވެގެން އުޅެނީ ކުރިން ސަރުކާރުގައި ތިއްބެވި އަދި މިހާރުގެ އިދިކޮޅު ފަރާތްތަކުންނެވެ. އެހެންވެ، ޖޭއެސްސީ ބަދަލު ކުރަން ގޮވާލާ ގޮވާލުމަކީ އަބަދުވެސް އެއިރެއްގައި އިދިކޮޅު ޕާޓީއެއްގެ ޒިންމާއެއްހެން އޮންނަ ކަމެކޭ ބުނެވިދާނެ އެވެ.

މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ޔާމީން ޖަލަށްލާން ހުކުމް ކުރާނެ ކަމުގެ ޔަގީންކަން ހޯދަން ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއްގެ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، އިސް ގާޒީ ހައިލަމް ބަޔާން ނެރުއްވި ހިސާބުންނެވެ. އެ ބަޔާނުގައި އޮތީ ހަގީގަތުގައި ވެސް ސީރިއަސް ތުހުމަތުތަކެކެވެ. ސަބަބަކީ ފަނޑިޔާރަކު އިއްވާނެ ހުކުމެއް އެއީ ދުރާލާ އެއްވެސް ފަރާތަކަށް އެނގެން ޖެހޭނެ މައުލޫމާތެއް ނޫނެވެ. އެއީ ހަގީގަތެއް ނަމަ، އެއީ ކަނޑައެޅިގެން ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ނޫނީ ބެލެވޭކަށް ނޯންނާނެ އެވެ.

އެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރިޔަސް، އެއީ އެހާ ހިސާބުން ނިންމާލަން ޖެހޭނެ ކަމެއް ނޫނެވެ. ސަބަބަކީ ފަނޑިޔާރަކު އަމިއްލަ އަށް ބަޔާން ނެރުއްވައި، ވަކި މައްސަލައެއް ނިންމަން ބާރުގަދަ ފަރާތަކުން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވުމަކީ މަދުން ނޫނީ ނުހިނގާ ކަމެކެވެ. އަނެއްކޮޅުން، އެ ތުހުމަތުތަކުގެ ހަގީގަތް ނުބެލޭ ނަމަ، އެހެން ފަނޑިޔާރަކާ އެ މައްސަލަ ހަވާލު ކުރިޔަސް، ދެން އެ މައްސަލަ ނިމިގެން އަންނަ ގޮތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެ އެވެ.

ޚާއްސަކޮށް، އިދިކޮޅު ސިޔާސީ ލީޑަރުގެ މައްޗަށް ކުރާ ދައުވާއެއްގެ ހުކުމް ވަކި ގޮތަކަށް އޮންނާނެ ކަމުގެ ޔަގީންކަން ހޯދަން ދައުލަތުގެ އިސް ފަރާތްތަކަކުން މުއާމަލާތް ކުރި ކަމަށް ބުނާ ނަމަ، އެއީ ވަކިން ސީރިއަސްކޮށް ބަލަންޖެހޭ ކަމެކެވެ. މިއީ ހަމައެކަނި ސަރުކާރުން ދޮގު ކޮށްލުމަކުން ނިންމާލެވެން އޮތް ކަމަކަށް ނުވަނީ މި ސަބަބާ ހެދި އެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއްގެ ތުހުމަތު ކުރެވުނަސް، ޖިނާއީ މައްސަލައެއް ނެތް ނަމަ، ވަގުތުން ވަގުތަށް ސަސްޕެންޝަނާ ހަމައަށް ދިއުމަކީ ގާނޫނުގެ ރޫހެއް ނޫނެވެ. އިސް ގާޒީ ހައިލަމްގެ މައްސަލާގައި ޖަވާބުދާރީވުމަށް ކޮމިޝަނަށް ހާޒިރުވާން ފުރުސަތު ދިނަސް، ކުއްލި ގޮތަކަށް އެ ދުވަހުން އެދުވަހަށް އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމެއް ނެތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވަރަށް ގިނަ މައްސަލަތަކެއް އެބަ ބަލާ. ކްރިމިނަލް ކޯޓުގެ އެހެން ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް އެބަ ބަލާ. އެކަމަކު އެ ބޭފުޅުން ސަސްޕެންޑެއް ނުކުރޭ. ސަސްޕެންޑް ކުރުމުގައި ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމަށް ނުފެނޭ. އެކަމަކު ސަސްޕެންޑް ކުރުމުގެ ކުރިން ވަގުތު ދީގެން ފުރުސަތު ދީގެން އެކަމެއް ބެލެން ޖެހޭނެ." އެއް ވަކީލަކު ވިދާޅުވި އެވެ.

އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އިސް ގާޒީ ހައިލަމްގެ ސަސްޕެންޝަނާ އެކު ޖޭއެސްސީ އަށް އަމާޒުވާ ތުހުމަތުތަކުގެ އެންމެ ބޮޑު މައްސަލައަކީ އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބެވުމާއި ކުއްލި ގޮތަކަށް އެ ސަސްޕެންޝަން އައި ގޮތާއި ވަގުތެވެ. ކޮމިޝަން މިހާރު އޮތްގޮތުން، ސަރުކާރުން ނުރުހޭ ގޮތަކަށް ނިންމުންތައް ނިންމަން ފަނޑިޔާރުން ޖެހިލުންވާނެ ކަމުގެ ތަސައްވުރު އޮންނާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ އެކު، ނިޒާމީ ގޮތެއްގައި ފަނޑިޔާރުންގެ މައްޗަށް ކުއްލިއަކަށް އަންނަ ފިޔަވަޅުތަކަކީ އިއްތިފާގެއް ކަމަށް ބެލެވެން ނެތީ އެ މަންޒަރު އެތައް ފަހަރަކު ފެނިގެން ގޮސްފައިވާތީ އެވެ. ޖޭއެސްސީގެ މެމްބަރުން ބަދަލު ވިޔަސް، އެ ކޮމިޝަނާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އަދިވެސް އޮތީ ކުރިން ވެސް އޮތްގޮތަށެވެ. އެ ކޮމިޝަނަށް ބަދަލު ނާންނަހާ ހިނދަކު، ޝަރުއީ ދާއިރާ އާއި ފަނޑިޔާރުންނަށް ފުރިހަމަ މިނިވަންކަން ދެވުނީ ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.

30 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 4%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިން5

13 November 2019

ރަގަޅު ވާހަކަ ދައްކައިގެން އާޚިރުގައި ކުރަން އުޅޭ ކަމެއް އެނގެންނެތް ހާލު ގަބޫލުކުރެވޭނީ އެވަގުތަކު އެދައްކާ ވާހަކައެއް. ގޯސްކޮށް އޮތްކަމެއް ބަދަލުވާނެއޭ ހީކޮށް މަސައްކަތްކުރުމަކީ ކުރަންވާނެ ކަމެއް. އެކަމު ބަޔަކު އޮޅުވާލާ އޮޅުވާލުން ސާފުކޮށް ފާޅުވާން ނެތް ހާލު ހަގީގީ އިސްލާހަށް ކުރެވޭނެ ކަމެއްނެތް.

The name is already taken The name is available. Register?

ފަނޑިޔާރުުގެ

13 November 2019

ހަގީގަތަކީ ފަނޑިޔާރުގެ ތަކަށް ވަލު ދޮރާށިން ވަން މީހުން އެބައުޅެއެވެ. އެކި މީހުން ކައިރިއަށް ހިނގައިގެންނާއި ސިޔާސީ ފަރާތްތަކުން އޮފާ ކުރުމުން މަގާމު ތަކަށް އައިސްފައި ތިބި ފަނޑިޔާރުން އެބަތިއްބެވެ. އެމީހުން ފަނޑިޔާރުގެއަށް ވަން ގޮތް ވެސް ބަލަން ޖެހެއެވެ. ފަނޑިޔާރުގެއަށް ވަނުމަށްފަހު އިސް ފަނޑިޔާރުކަން ހޯދި ގޮތްވެސް ބަލަން ޖެހެއެވެ. މިމީސްމީހުން މިތަންތަނުން ނުނެރެ ފަނޑިޔާރުގޭގެ ވާހަކަ ދައްކާނެކަމެއްނެތެވެ.

The name is already taken The name is available. Register?

ހަސަން ފުޅާ

13 November 2019

ވަރަ ބޮޑު ތެދުފުޅެއް.. މި ޖއސީ އަކީ ހަމަ އެއް ލަމައެއް ބަލާ ބައެއް ނޫން.. މި މީހުން ނުރުހޭ ކޮންމެ ފަރާތަކީ ކުށްވެރި ޔަކަށް ހަދާ ބައިގަނޑެއް..ބާ ؟ ޤާނޫނުން ނުލިބޭ ބާރުގެ ބޭނުން ހިފާކަން މިހާރު ގިނަރައިޔަތުންނަށް ވެސް ފާހަގަކުރެވޭނެ ؟ ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ރައިޔަތުން ބަސްބުނާ ދުވަހަށް މަޑު މިކުރަނީ..! މިހާރު މަޖިލީހާއި ޖޭއެސް ސީއަކީ އަންނިގެ (އެމްޑީޕީގެ) ހަރުގެ ތަކެއް ހެން ހީވަނީ..!

The name is already taken The name is available. Register?

އާދަންބަރޯސާ

13 November 2019

ގާޒީ ހައިލަމް އަށް ލިބުނު އިސްގާޒީ ކަމަކީ ކުރިން އިންސާފަށް ޙުކުމްކުރަން އުޅުއްވި 2 އިސްގާޒީން ދުރުކޮށްފައި ކުރިކަމެއް. ކޮންމެ ފަހަރަކު ވެސް 24 ގަޑިއިރު ނުވަނީސް އިސްގާޒީން ބަދަލުކުރި. ބޭނުމަކީ ވެރިކަން ވެއްޓުނަސް ރައީސް ޔާމީން ކޯޓުން ސަލާމަތްވާނެ މަގުފަހިކުރުން.

The name is already taken The name is available. Register?

ސާދާސީދާ

13 November 2019

އަޑުއެހުންތަކުން އެނގޭ ގާޒީ ހައިލަމް ހުންނެވީ ރައީސް ޔާމީންގެ ވަކީލުކަމުގައިކަން. ބޮޑު ޢަދަދެއް އޮފަރކުރީމައި ވައިބަރ އަށް ފޮޓޯލާފައި ސަލާމަތްވީ!

The name is already taken The name is available. Register?

ޢަލީބެ

13 November 2019

ޖޭއެސްސީއަށް އޮޅިފަ އޮތީ ކޮންކަމެއްބާއޭ ހިތަށްއަރަނީ. މިގައުމުގެ ފަނޑިޔާރުންގެ ބޮޑެތި މައްސަލަތަކެއް ނެތޭ އަހަރެން ބުނެފިނަމަ ބައެއްމީހުން ވަރަށް ހިތްހަމަނުޖެހޭނެ. އެކަމަކު ބުނަންމިއުޅެނީ ސަރުކާރުގެ ނުފޫޒުގަދަ މީހުންގެ ނުފޫޒުން ފަނޑިޔާރުންލައްވާ ގޯސް ހައްދުވާ ވާހަކަ. ކުރީގެ ސަރުކާރުން ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވަނީ ބާރު ކަނޑުވާލާފަ. ކޮން މުއައްސަސާއަކަށް ކޮންކަމެއްތޯ އޭރު ކުރެވުނީ؟ ނުފޫޒުން އެއްކިބާވެއްޖެނަމަ ފަނޑިޔާރުންވެސް ރަނގަޅުވާނެ.

The name is already taken The name is available. Register?

ޢަހްމަދު007

13 November 2019

ކޮންމެ ބަޔަކުވެސް ވެރިކަމަށް އައިސް ބޭނުންވަނީ ޖުޑީޝަރީވެސް އެމީހުުންގެ ބާރުގެ ދަށުގައި ބާއްވަން.. މީހަގީގަތަކީ.

The name is already taken The name is available. Register?

ކުޑަހުވަދޫ ކުދިން

13 November 2019

މިއާރޓިކަލް ލިއުއްވި ލިއުންތެރިޔާ ޤާޟީ ހައިލަމް ހުންނެވި މަޤާމަށް ގެނެވުނުގޮތް ބުނެދެއްވި ނަމަ ވަރަށް ރަނގަޅުވީސް ކަމަށްދެކެން އަދި ނުފުޒު ފޯރުވިކަން ހާމަކުރަން އެންމެ ރަނގަޅު ވަގުތު ބުނެދިންނަމަ ވަރަށް ފުރިހަމވީސް. ޤާޟީ އަކަށް ނުފޫޒު ފޯރުވާކަން ހާމަ ކުރަންޖެހެނީ ސަންޕެންޑް ކުރީމަތޯ؟ ތުހުމަތަކުން ސަލާމަތް ވުމަށް ތުހުމަތެއް ކުރުމަކީ ތާކުންތާކު ޖެހޭ ކަމެއްތޯ؟

The name is already taken The name is available. Register?

ޒިކް

13 November 2019

ކޮން ނުފޫޒެކޭ ކިޔާކަށް.. ބަލަ ތޮތިބަ ފަސްބައި ކިލަނބު ފަނޑިޔާރުން ބޭރުކުރަން ރައްޔިތުން ވޯޓު ދިނީ.. އެކަން ކުރަން ޖެހޭނެ ވެވުނު ގޮތަކުން.. އެއީ ނިފޫޒު ފޯރުވުމެއް ނޫން ފަނޑިޔާރުގެ އިސްލާހުކުރުން.. ތި ހުރިހާ އެންމެނާ ޕީޖީ ބިޝާމު ބޭރު ނުކޮށް މަގޭ އާއިލާއިން ބައި ވޯޓުވެސް ދެން އެމްޑީޕީއަށް ނިދޭނަން

The name is already taken The name is available. Register?

ހެޔޮ ހިތުން

13 November 2019

ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ބާރު ޖޭއެސްސީގެ ދަށަށް ގެންދިއުމަކީ ޤާނޫނު އަސާސީ ގެ ރޫހާއި ނިޔަތާއި ޚިލާފު ކަމެކެވެ.ސުޕްރޯމް ކޯޓުން ރޫލިންގ އެއް ނެރެފައިވާ ކަމެއްގައި އެރޫލިންއަށް ގޮންޖަހާފައި ހަދާ ޤާނޫނަކީ ބާތިލް ޤާނޫނެއް ވެސް މެއެވެ. ޖުޑީޝަލް އެޑްމިނިސްޓްެރޭޝަން ހުންނަނަނަ ވާނީ ސުޕްރީމް ކޯޓްގެ ދަށުގައެވެ. އެކަމަކު އުއްތަމަ ފަނޑިޔާރުގެ ދަށުގާ އެެއް ނޫނެވެ. ޑީޖޭއޭ ހިންގަންވީ ޖުޑީޝަރީ ތެރެއިން ނަގާ ދައުރުވާ ކޮމެޓީ އަކުން ނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454