ބަންޑާރަ ނައިބު ރިފްއަތު: މަދަނީ އިޖްރާއާތުގެ ބިލް އަނެއްކާވެސް ވަނީ އާންމުންގެ ޚިޔާލަށް ހުޅުވާލާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
12 ޑިސެމްބަރ 2019 - 19:24
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖްރާއާތުގެ ބިލް އާންމުންގެ ޚިޔާލަށް މިއަދު ހުޅުވާލައިފި އެވެ.
މަދަނީ އިޖްރާއާތުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވާއިރު، އެ ބިލް ޑްރާފްޓް ކުރުމަށް ފަހު މަޖިލީހަށް ފޮނުވުމުގެ ކުރިން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ކުރިން ވަނީ އެ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ބިލް އަނެއްކާވެސް އާންމުންގެ ޚިޔާލަށް ހުޅުވާލީ އަންނަ އަހަރު މަޖިލީހުގެ ދައުރު ފެށިގެން އެ ބިލުގެ މަސައްކަތް ކުރުމާ ހަމައަށް ވެސް ވީހާ ވެސް ގިނަ ބައެއްގެ ޚިޔާލު ހޯދައި، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ. އެ ބިލާ ބެހޭގޮތުން ޚިޔާލެއް ހުށަހަޅަން ބޭނުންވާ ނަމަ މިމަސް ނިމުމުގެ ކުރިން އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ވެސް އެ އޮފީހަށް ޚިޔާލު ހުށަހެޅޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަދަނީ އިޖްރާއާތުގެ ބިލަކީ މަދަނީ ދައުވާތައް ކޯޓުތަކަށް ހުށަހެޅުމުގެ އިޖްރާއާތުތަކާއި ދައުވާ ކުރުމުގެ މުއްދަތުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުމުގެ އިތުރުން މައްސަލަތަކުގެ ކުޑަ ބޮޑު މިނަށް ބަލައި، ވަކި ކެޓަގަރީތަކަކަށް މައްސަލަތައް ބަހާލައިގެން ޚާއްސަ އިޖްރާއާތުތަކެއް ދަށުން މައްސަލަތައް ބެލުމާއި ހެކިބަސް ނެގުމާއި ޝަރީއަތްތަކާ ގުޅިގެން ހިނގާ ޚަރަދުތަކަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ، އަދި ވަގުތީ އަމުރު ނެރުމާއި ހުކުމްތައް އިސްތިއުނާފް ކުރުމާއި ހުކުމްތައް ތަންފީޒު ކުރުމުގެ ޚާއްސަ އުސޫލުތަކެއް ވެސް އެ ބިލުގައި ހިމެނެ އެވެ.
މަދަނީ އިޖްރާއާތުގެ ބިލް އެކުލަވާލާފައިވަނީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ. މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ވެސް އެކުލަވާލީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭޖީއެވެ
13 December 2019
މިގައުމުގަ ތިވަރު ކަމެއް ކޮށްލެވޭނެ މީހަކުވެސަ ނެތީތަ ހަމަ..؟؟
އިބްރާހިމު
12 December 2019
ބޭނުން ގޮތަކަށް މޮޑެ ނިންމާފަ އެހީމޭ ބުނަން ހިޔާލަށް ހުޅުވާލީ؟ ފާސް ކުރާނި އޮތް ގޮތައް ކަން %100 ޔަގީން. ރަބަރު ސްޓޭމްޕް މަޖިލިސް އެއްތީ.
އަންޑާޕޫލްމާ
12 December 2019
މީދެން އާއްމުންނާ ގުޅޭބިލެއްވެސް ނޫނެއްނު. ދެން ކީއްވެ ޢައްމުންގެ ޚިޔާލަށް ހުޅުވާލީ.