ކޯޑުކުރަން ދަސްކޮށްދިނުމަށް ޓެކްނޮލޮޖީ މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިންގި ހަރަކާތެއްގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ސައިންސް، ޓެކްނޮލޮޖީ މިނިސްޓްރީ
03 ފެބުރުއަރީ 2020 - 14:31
ޕްރައިމަރީ ގްރޭޑުތަކުން ފެށިގެން ސްކޫލުތަކުގައި ކޯޑިން ދަސްކޮށްދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް، މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ އަމާޒުތަކަށް ވާސިލް ވުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެވޭނީ ޒަމާނީ އާ ޓެކްނޮލޮޖީގެ ބޭނުން ހިފި ވަރަކުން ކަމަށެވެ. އެގޮތަށް ދުނިޔޭގެ އިގުތިސޯދީ ދުވެއްޔާ ފައި ހަމަކޮށް، އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރި އާއި މަސައްކަތް ހޯދާނެ ޖީލެއް އުފެއްދުމަށް ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އަދި ސައިންސަށް އަހުލުވެރި ކުރުވަމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން، ގައުމީ މަންހަޖަށް ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން އަދި މެތުމަޓިކްސް (ސްޓެމް) ގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދޭން ސަރުކާރުން މަސައްކަތް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން ކޯޑުކުރަން ދަސްކޮށްދިނުމަކީ ސަރުކާރުން އެހާ ބޮޑަށް ސަމާލުކަމެއް ދިން ކަމެއް ނޫނެވެ. ނަމަވެސް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ވަކިން އާ މިނިސްޓްރީ އަށް ހަދައި ކޯޑުކުރަން ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. އޭގެ އިތުރުން މަންހަޖުގެ ތެރެއަށް އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ތައާރަފުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކެއްގައި މިހާރު ވެސް ކޯޑުކުރަން ދަސްކޮށްދެ އެވެ. އޭގެ ތެރެއިން އެއް ސްކޫލަކީ ތ. ތިމަރަފުށީ ސްކޫލެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ވެސް އަންނަނީ ކޯޑިން ދަސްކޮށްދެމުންނެވެ. އަދި ތ. ކިނބިދޫ ސްކޫލްގެ ކުދިންގެ ޓައިމް ޓޭބަލްގައި ހިމަނައިގެން ވަކި މާއްދާއެއްގެ ގޮތުގައި މިހާރު ކޯޑިން ދަސްކޮށްދެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ސްކޫލެއްގައި ކޯޑް ކްލަބެއް އުފެއްދުމުގެ މަސައްކަތް ޓެކްނޮލޮޖީ މިނިސްޓްރީން މިހާރު ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން، އއ. ބޮޑުފުޅަދޫ ސްކޫލްގައި ވަނީ ކޯޑް ކްލަބެއް އުފައްދައިފަ އެވެ.
އަދި "ކޯޑް ކްލަބް ވޯލްޑް" އާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ 300 ކުދިންނަށް "އަވާ އޮފް ކޯޑް" ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
04 February 2020
އެންމެ ރަނގަޅުވާނީ ދަރިވަރުންނަށް ރަނގަޅު އަޚްލާޤެއް ދަސްކޮށްދިނުން. ތިޔަގޮތަށް މޮޅަށް ޒަމާނީ ތަޢުލީމް ކިޔަވައިގެން އައިސް އަޚްލާޤު ސުމެއްވުމުން ގައުމަށް އެމީހުންގެ ބޭނުމެއްނުކުރެވޭ. ނުވިތާކަށް އެމީހުން އަމިއްލަހާލަށްވެސް ނޫޅެވޭ. ދުރޫސުލް އަޚްލާޤު ކިޔަވައިދީބަލަ. އޭރުން ގައިމު ހަލާލު ހަރާމް އެނގޭނެ. މައިންބަފައިންނަށް އިހްތިރާމްކުރާނެ. ގައުމަށް ފައިދާކުރާނެ.
ޔާނު
04 February 2020
އިސްލާމާއި ޤުރުއާން ފިޔަވައި ހުރިހާ އެއްޗެއް ކިޔަވަދޭނެ. މި ގައުމު މި ދާ މިސްރާބު އެބަ ސާފުވޭ.
މުހައްމަދު އާމިރު
04 February 2020
ދަންވަންތޯއެވެ.ރާއްޖޭގެ ސްކޫލްތަކުގައި ކޮމްޕިއުޓަރު ލެބްތައް ހެދިއެވެ.އެތަންތަން ހުއްޓުމަކަށް އައީ އެތަންތަނަށް ޓީޗަރަކު ނުދޭތީއެވެ.ކިޔަވައިދޭނެ ވަކި އެއްޗެއް ނެތީމައެވެ.ދެން އައީ ޓީޗަރުންނަށް ލެޕްޓޮޕް ސްކީމެކެވެ.ހިގިތޯއެވެ.ވަރަށް ގިނަ ސްކޫލްތަކުގެ ކިލާސްތަކުގައި ވައިޓް ބޯޑާއި،އައި.ސީ.ޓީ.އާލާތްތައް ހަރުކުރީ ބެލެނިވެރިން އަތުން ޗަންދާ ނަގައިގެންނެވެ.މި ޖީލަކީ މީ 4 ވަނަ އިންޑަސްޓްރިއަލް ރިވޮލިއުޝަން ތަޖުރިބާ ކުރާނެ މީހުންނެވެ.
ހަސަދު
04 February 2020
ތައުލީމީ މަންހަޖުގައި ވަކި ހުނަރެއްގެ ބަދަލުގައި ވިސްނުން ރަނގަޅު، އަޚުލާގު ރަނގަޅު، ދުނިޔެއަށް ލޯހުޅުވިފައި ހުރި ދަރިވަރުން އުފެއްދޭތޯ ބެލުން މާރަނގަޅު ކަމަށް ފެންނަނީ. މިހާރު އެބަފެނޭ ކިޔަވައިގެން ތިބި، ވިސްނުން ސުމެއްގެ އެއްވެސް އަޚުލާގެއްނެތް އެތަށް ބަޔަކު.
ާއުނިމާ
04 February 2020
އެވެނިކަމެއް މިވެނިކަމެއް ކުރަންޖެހޭ، އެވެނިކަމެއް މިވެނިކަމެއް ކުރެވޭނެ، ދެން ފޮނިއަގަތައް ނުތަޅުވައި ކޮށްބަލަ! މުސްކުޅިން ބުނެއުޅޭ ބަސްމަދުކޮށް އަމަލު ގިނަކުރާށޭ! ކަތިވަޅިޔާ މަރިޔަބާ ދަނޑުތައްވެސް ތިޔައޮތީ ހިތަކަށް ދީފަ، ދެން ރައްޔިތުންނަށް ގޮވާންކޮށްދީބަލަ!ސިސްޓަމް ރަނގަޅުކުރަންޖެހެންޔާ، އެކަންވެސް ކުރުމުގެ ފުރިހަމަ ބާރު މިސަރުކާރަށް އެބައޮތް!ދެން ކައުންސިލޭ، ކޯލިޝަނޭ ކިޔައި ބަހަނާ ނުދައްކާ ތިޔަހުރިވަރެއް ދައްކާބަލަ! ތީ އަގައިން 1، އަމަލުން 0
ޙުސާމް
04 February 2020
ލޮބުވެތި ރައީސް. 2019 ވަނަ އަހަރު ނިމިގެން ދިޔައީ ރާއްޖޭގެ އެއްވެސް ސްކޫލަކަށް ފަރްނީޗަރ ނުލިބި. 2020 ވަނަ އަހަރު 214 ސްކޫކުގެ ފަރނިޗަރ ގަންނަން ބަޖެޓް ކުރެވިފައިވަނީ އެންމެ 4 މިލިއަން ރުފިޔާ. ގޮނޑިއާއި ޑެސްކު ބާވެގެން މިހާރު ދަނީ ބޭނުން ނުކުރެވޭ ޙާލަތަކަށް
ލިލީއާ
03 February 2020
ކޯޑު ކުރަންދަސް ކޮއްދިނުމުގެ ބަދަލުގަ ގުރުއާން ހިތުދަސްކުރަން ހުރިހާ ސުކޫލެއްގެ ހުރިހާ ދަރިވަރުންނަށް ކުލާސް ހިންގިއްޔާ ދުނިޔެއާއި އާހިރަތް މާ ބާއްޖެވެރި ވާނެ އެކުދިންގެ.
ޞުޗާ
04 February 2020
އެއްވެސް ކަމަކީ ހުރިހާ ކުދިންނަށް ކުރެވޭނެ ކަންކަމެއް ނޫން. އެ ކުއްޖެއްގެ ޝައުގުވެރިކަމާ ޤާބިލުކަން ހުރި ދާއިރާއަކުން މެނުވީ އެ ކުއްޖަކު ކުރިއެއް ނޭރުވޭނެ.
ދޮންބެއްޔާ
04 February 2020
ކޯޑުތޯ ކުދިންނަށް ދަސްކޮށް ނުދެވިގެން މިއުޅެނީ. ޤުރްއާން ކިޔަވަން ދަސްކޮށްދިނިމާއި، އެ ފޮތް ހިތުން ދަސްކުރުމުގެ މަސައްކަތް ފެށިއްޔާ ދެދުނިޔޭގައި ވެސް ފައިދާ ބޮޑުވާނެކަން ކަށަވަރު. ރިވެތި އަޚްލާގު ދަސްކޮށްދިނުން ވެސް ތިޔަށްވުރެން މާރަނގަޅުވާނެ
އަހްމަސް
04 February 2020
ގުރާން މިހާރުވެސް ކިޔަވަން ދަސްކޮށްދޭ! ކޯޑު ކޮށްގެން ލިބޭފައިދާ އަދި ނުވިސްނެނީ ދިވެހިންނަށް.
ހަކީމް
03 February 2020
އަބަދުވެސް ބޭނުންވިކަމެއް ... ވަރަށް ސަޅި. އެހެނަސް މިހާރު ނާސްތާދެނީޔޭ ކިޔާފަ ހަޑިހާވާހެން އެއްޗަކަށް އެއްޗެއް ނަހަދާތި.
ޢަންތަރީސް
03 February 2020
މަޑު ކޮއްބަަލަ ކޯޑް ކުރުމަކީ ކޮބާ؟؟
ފޮރިންބެ
03 February 2020
ކޮމްޕިއުޓަރު ލައްވައި ކަމެއްކުރަން ، ކޮމްޕިއުޓަރަށް އެގޭ ބަހުރުވަޔަކުން ކޮމްޕިއުޓަރު ކައިރީ ބުނާ ބުނުންތަކަށް ކިޔަނީ ކޯޑު. މިސާލަކަށް އިފް ކޯޑެއް ދިވެހިން ލިޔެލާނަން. ނަމަ( ކަލޭގެ މޮޔަކަން < ކަލޭގެ ރަގަޅުކަން) { ކަލޭ ނަފުސާނީ ޑޮކްޓަރަކަށް ދައްކާ}؛ މަތީގައި އެވަނީ ކޯޑެއް.
ފޮރިންބެއަށް
04 February 2020
އެހެންވީމާ މޮޔަކަމަށްވުރެ ރަނގަޅުކަން އިތުރުވީމާތަ ނަފްސާނީ ޑޮކްޓަރަކަށް ދައްކަންވީ؟؟ ހިތުން މޮޅުއެއްޗެއް ލިޔާއިރު އަތަށް ނުގޮވާގޮތަށް ލިޔުއްވަން ހަނދުމަ ބަހައްޓަވާތި..
ނަގިލި
03 February 2020
ޕުރައި މަރީ ގްރޭޑުން ފެށިގެން ވަޑާމުގެ މަސައްކަތް ދަސްކޮށްދިނިއްޔާ ދިރިއުޅުމުގަ ބޭނުމެއްވެސް ހިފޭނެ.