ޚަބަރު / ޖެންޑާ، ފެމިލީ، ހިއުމަން ރައިޓްސް މިނިސްޓްރީ

ކުޑަކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތުގެ ދޮރެއް ހުޅުވިއްޖެ

ކުދިންތަކެއް ސަގާފީ ނެށުމެއް ހުށަހަޅައިދެނީ: އާ ގާނޫނުގައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އިސްކަންދީ ރައްކާތެރި މާހައުލެއް ކަށަވަރުކުރަން ބާރުއަޅާފައި. --ފޮޓޯ/މިހާރު

އުމުރުން 18 ނުފުރޭ ކުދިންނާ ކައިވެނިކުރުން ކުށަކަށް ހަދައި ވެކްސިން މަޖުބޫރުކޮށް، ތައުލީމުން މަހްރޫމްކުރުމުގެ އުޒުރުތަކަށް ގާނޫނީ ހައްލަކާއި ޖިންސީ ގޯނާ އާއި އަނިޔާތަކުން ކުދިން ހިމާޔަތްކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމުގެ އާ ދޮރެއް، މިއަދު އަމަލުކުރަން ފެށި ކުޑަކުދިންގެ ގާނޫނުން ހުޅުވައިދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވި އާ ގާނޫނަށް، އަމަލުކުރަން މި ފެށީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި އިހުމާލުވުމާއި ނާޖާއިޒު ފައިދާ ހޯދުމާއި އަޅާނުލުން ފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅި ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް ތިލަވެފައި ވަނިކޮށެވެ. މި ހުރިހާ އަނިޔާތަކަކުން، ކުދިން ރައްކާތެރިކުރެވޭނެ ވަށައި ޖެހޭ ނިޒާމެއް ދައުލަތުން ކަށަވަރުކުރަން އާ ގާނޫނުގައި މަޖުބޫރުކޮށްފައިވެ އެވެ.

ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގާނޫނުގައި، އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާތަކެއް މަތިކޮށްފައިވެ އެވެ. އެހީތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރި މާހައުލު ކަށަވަރު ކޮށްދޭން ވެސް ލާޒިމެވެ.

ކުޑަކުދިންތަކެއް ވިއްސާރަޔާއި ތެމިގެން، މަގުމަތީގައި ދުވެ މަޖާކުރަނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މައިމީހާގެ ބަނޑުގައި ކުއްޖާ އުފެދުނީއްސުރެ އެ ކުއްޖާ އާއި މައިމީހާ އަށް ސިއްހީ ފަރުވާ އާއި އެހެނިހެން ހައްގުތައް ކަށަވަރުކޮށްދޭން ޖެހެ އެވެ. ކުއްޖާގެ މަސްލަހަތާއި ކަރާމާތައި ކުއްޖާ ހެދި ބޮޑުވުމަށް ނޭދޭ އަސަރު ފޯރާ ހުރިހާ ކަމަކުން ރައްކާތެރިކޮށްދޭން ފިޔަވަޅު އަޅަމުންދޭތޯ ބެލުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ބަލިތަކުން ސަލާމަތްވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކުދިންނަށް އެ ވެކްސިން ޖެހުމަށް އިއުތިރާޒްކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާކަން ގާނޫނުން ވަނީ ކަނޑައަޅައިފަ އެވެ.

18 އަހަރު ނުވަނީސް ކައިވެނިކުރުވުމަކީ ކުށެއް

ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއްވަރަކަށް ހެދި ބޮޑުވެފައިވާ ބައަކަށް ނުވާކަން ގާނޫނުގައި ފާހަގަކޮށްފައިވެ އެވެ. މިއަށް ބާރުދީ ކުދިންނަށް ރައްކާތެރިކަން ހޯދައިދޭން، ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ހަވާލާދީ 18 އަހަރު ނުފުރޭ ކުދިންގެ ކައިވެނި އޮތީ މަނާކޮށްފަ އެވެ.

ކުޑަކުދިން ލައްވައި މަސައްކަތެއް ވެސް ނުކުރެވޭނެ އެވެ. އެ ކުއްޖަކަށް ތައުލީމާއި ތަމްރީން ދިނުން ނޫން ގޮތަކަށް އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ވަޒީފާ ނުވަތަ މަސައްކަތް ކުރުވުމަކީ ވެސް ކުށެކެވެ.

އަނިޔާ ސިއްރުކުރުމުން ޖަލު ހުކުމެއް

އެއްވެސް މާހައުލެއްގެ ތެރެއިން ކުޑަ ކުއްޖަކު ނުރައްކަލަކަށް ހުށަހެޅި އަނިޔާ ލިބެމުންދާ ކަން އެނގިތިބެ ރިޕޯޓްނުކުރުން ގާނޫނުގައި އޮތީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި ޖިންސީ އަނިޔާ އާއި ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިމެނެ އެވެ. މިއިން ކަމަކަށް ފެތޭ ކަމެއް ރިޕޯޓް ނުކުރުމުގެ އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާ، ރިޕޯޓް ނުކުރީ އަމިއްލަ މަންފާ އަަށް ކަމަށްވާ ނަމަ އަދަބު ބޮޑެވެ. މި ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.

އަނިޔާގެ އަމަލުތައް ރިޕޯޓް ކުރަން ޖެހެނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތް ކުރާ ދައުލަތުގެ އިދާރާއަށެވެ.

ސްކޫލެއްގެ ކުދިންތަކެއް މަޑުކޮށްލައިގެން: އާ ގާނޫނަކީ ކުދިންގެ ރައްކާތެރިކަމަށް ހުޅުވުނު އާ ދޮރެއް.

ޒާތީ މައުލޫމާތު އާއްމުކުރުން މަނާ

ކުޑަކުދިން ކުރާ އުމުރާ ނުގުޅޭ ކަންކަމާއި އަޚުލާގީ މައްސަލަތައް ވީޑިއޯކޮށް އާއްމުކުރުމާއި ޖިންސީގޯނާ ލިބޭ ކުދިން އެނގޭ ގޮތަށް ޒާތީ މައުލޫމާތު އާއްމުކުރުމަކީ މިއަދުން ފެށިގެން ކުށެކެވެ.

އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ.

ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.

ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރު ދިނުން މަނާކޮށް، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކުރެ އެވެ.

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" އުފައްދަން ޖެހޭ

ގާނޫނުގައި ބުނާ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ އިދާރާއެއް އުފައްދަން ޖެހެ އެވެ. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ނަމުގައި އުފައްދާ މި އިދާރާ ހިންގާނީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

މި އިދާރާ އަށް ކުޑަކުދިންނާ ގުޅޭ ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވެ އެވެ.

ކުޑަކުދިންގެ ކައުންސިލެއް އުފައްދަން ޖެހޭ

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ އެވެ. އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމުގެ ބާރު އޮތީ ރައީސަށެވެ. ޖެންޑާ މިނިސްޓްރީން އިދާރީ ކަންކަން ބަލަހައްޓާ މި ކައުންސިލް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށެވެ.

މި ކައުންސިލްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ހުރިހާ އިދާރާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ފުލުހުންނާއި އެޑިއުކޭޝަނާއި ޕީޖީ އޮފީހާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ ހިމެނެ އެވެ.

މި ހައްލުތަކާ އެކު ގާނޫނު އޮތީ، ކުޑަކުދިންގެ ހައްގުތައް މިހާރަށް ވުރެން ބޮޑަށް ކަށަވަރުވެ، އިހުމާލުވާ ފަރާތްތަކަށް އަދަބު ލިބޭ ގޮތަށެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 25%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުނިމާމަ

20 February 2020

ބަލަ ދޮރުތައް ހުޅުވާތީއޭ މައްސަލަޔަކީ، އާދޮރުތައް ނުހުޅުވާ ބާގަޑުތައް ބައްދަ ބަލަ، މިހާރު މިއޮތް ނާގާބިލު ބައިގަޑައް ރަތްޔިތުންނައް ކޮއްދެވޭ އެއްކަމެއްވެސް ނެތީއޭ، ހުސް ހެޑްލައިން ހަދަނީ، ރަތްޔިތުން ބިކަކޮއް އަޅުވެތިކޮއްފި

The name is already taken The name is available. Register?

ތަންޑު

20 February 2020

ތިިދޮރުން ވަދެނިކުމެވާ ކަންކަން ބަލާނެ ފާރައެރިޔަކުވެސް ލާން ޖެހޭ.

The name is already taken The name is available. Register?

ހަސަނުގެ ހަސަން

20 February 2020

ހައްތަހާވެސް އިންތިހާބަށްޖަހާ ސްޓަންޓް! މިގައުމަށް އަންނަ ވެރިން ދަސްވެއްޖެ.

The name is already taken The name is available. Register?

ރުޅި

20 February 2020

ފަޒީނާ ގާނޫނު ހަދައިގެން މުވައްސަސާތައް ހަދައިގެން މަގާމުތައް އިތުރުކޮށްގެން މިގައުމުގައި ކަމެއް ރަނގަޅުވާނަމަ މިހާރު މިގައުމުއޮތީހީ ރަނގަޅުވެފަ. އެކަމަކު މި ގައުމުގައި ނެތީ އިޚްލާޞްތެރިން. މި ގައުމުގައި ނެތީ އަމާނާތްތެރިން، މިގައުމުގައި ނެތީ ހަމަޔާއި އުޞޫލު ގަބޫލުކުރާ ވެރިން. އަދި މި ގައުމުގައި ނެތީ ހެޔޮލަފާ ރައްޔިތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454