އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
27 ފެބުރުއަރީ 2020 - 14:05
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މުވައްޒަފުންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދޭން، ވޯޓު ފޮށި ބަހައްޓަން 14 ރިސޯޓަކުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޕްރީލް 4 ގައި ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން ވޯޓުލާން ރަޖިސްޓްރީވެފައިވާ ރިސޯޓްތަކުގައި އެކަންޏެވެ. ވޯޓު ފޮށި ބަހައްޓަން ރިސޯޓްތަކުން ވެސް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިއަދެވެ.
އިލެކްޝަންސުން އުއްމީދުކުރަނީ ވޯޓު ފޮށި ބަހައްޓައިދޭން އެދި ގިނަ ރިސޯޓްތަކުން މިއަދު ހުށަހަޅާނެ ކަމަށެވެ.
"މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭވަރުވީ 14 ރިސޯޓެއްގައި. އިތުރު ރިސޯޓްތަކަކުން މިއަދު ފޯމުތައް ލިބޭނެ ކަމުގެ ޔަގީންކަން އޮތީ ލިބިފައި،" އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓި އަދަދަށް ބަލައި، 50 މުވައްޒަފުން ހަމަވާނެ ގާތްގަނޑަކަށް 53 ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
މި އިންތިޚާބުގައި 540 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ. ވޯޓު އޮފިޝަލުންގެ ގޮތުގައި 6،500 އާއި 7،000 އާ ދެމެދުގެ އަދަދަކަށް މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސުން ވަނީ ލަފާކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ބާއްވާ ފުރަތަމަ އިންތިޚާބުގައި ޖުމްލަ 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ، ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި އެމްޑީޕީން 877 ގޮނޑި، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފި އެވެ. ޖުމްހޫރީ ޕާޓީން 115 އަދި އަދާލަތު ޕާޓީން 30 ގޮނޑިއަށް ކުރިމަތިލި އެވެ. އެކަމަކު އިންތިޚާބުގައި ވާދަކުރާ މީހުންގެ ޖުމްލަ އަދަދެއް އިލެކްޝަންސުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy