ކުޅިވަރު / އަންޑަ 21 ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: ފައިނަލުގެ ފުރަތަމަ ޖާގައަށް ޓީސީ އާއި އީގަލްސް ވާދަކުރަނީ

އީގަލްސްގެ އަންކޮ (ކ) ޓީސީގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

14 އޮކްޓޯބަރ 2016 - 08:23

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާއިރު ދެ ޓީމުން ވެސް ވިސްނަނީ ތިން ވަނަ ސެމީ އަކަށް ނުގޮސް ފައިނަލުގެ ފުރަތަމަ ޖާގައަށް ކަމަށް ބުނެފި އެވެ.

މި މުބާރާތުގައި އަލަށް ވާދަކުރާ ޓީސީ ލީގު ބުރުގެ އެއް ވަނަ ދިޔައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ދެ ވަނަ ހޯދީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.

ޓީސީގެ ޔޫތު ޓީމުގެ ޒުވާން ކޯޗު އަހުމަދު އަހުސަން ބުނީ އެހެން ކްލަބްތަކާ އަޅާބަލާއިރު އާދައިގެ ސްކޮޑެއް އޮތް ޓީސީ ގޮވައިގެން މިހާތަނަށް ހޯދުނީ ވެސް ކާމިޔާބެއް ކަމަށެވެ.

"ޔޫތު މުބާރާތަށް ޓީސީ އަކީ އާ ޓީމެއް. މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމުތަކެއް އޮއްވާ ޓީސީން ވަރަށް ހިތްވަރުން މިހާ ހިސާބަށް މިއައީ. މިއީ ޓީސީ ކަހަލަ ކްލަބަކަށް ވަރަށް ބޮޑު ކާމިޔާބެއް. ބޭނުމީ މި ހިތްވަރުގައި ކުރިއަށް ގޮސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދަން. ތިން ވަނަ ސެމީ އަށް ދާން ބޭނުމެއް ނޫން،" އަހުސަން ބުންޏެވެ.

އޭނާ ބުނީ މެޗަކުން ބަލިނުވެ ސެމީއާ ހަމައަށް ދިއުމަކީ ވަރަށް ބޮޑު ހިތްހަަމަ ޖެހުމެއް ކަމަށެވެ.

"މެޗަކުން ބަލިނުވެ މި ހިސާބަށް މިއައީ. މި ހިސާބުން އަދި މަސައްކަތް މިފެށުނީ. ޓާގެޓަކީ މި ގޮތަށް ގޮސް ޗެމްޕިއަން ހޯދުން. އެއީ މުބާރާތަށް ނުކުތްއިރު ވެސް ޓާގެޓެއް. އެކަމަކު މި ވަގުތު ހުރިހާ ކަމެއް ވެސް ހުއްޓިފައި އޮތީ އީގަލްސް މެޗަށް،" ކުރީގެ ގޯލްކީޕަރު އަހުސަން ބުންޏެވެ.

ޓީސީ އަށް މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އެ ޓީމުގެ ސީނިއާ ޓީމަށް ވެސް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ވަހީދު (އިއްބެ) އާއި އަލީ ހާފިޒު (އައްޔަ) އެވެ.

ކުޅުންތެރިންނަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ސްކޮޑު އޮތީ އީގަލްސްގަ އެވެ. އީގަލްސް ސީނިއާ ޓީމުގައި ހިމެނޭ 16 ކުޅުންތެރިއަކު ޔޫތު މުބާރާތުގެ ސްކޮޑުގައި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ލީގުގެ ތާވަލް ރޭވިފައި އޮތް ގޮތުން ސެމީ ފައިނަލަށް ނުކުންނައިރު އީގަލްސް އަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަންސަރު އިބްރާހިމް (އަންކޮ)، އިބްރާހިމް އައިޝަމް އަދި ހަސަން ރާއިފް އަކީ ސީނިއާ ޓީމަށް މި ސީޒަނުގައި ގިނަ މެޗުތަކުގައި ކުޅުނު ކުޅުންތެރިންނެވެ.

"އީގަލްސްގެ ފުރިހަމަ ސްޓްރެންތުގައެއް ނޫން ސެމީ އަށް މި ނުކުންނަނީ. ސީިނިއާ ޓީމުގައި ހިމެނޭ 16 ކުޅުންތެރިއަކު ހިމެނޭ ޔޫތު ޓީމުގައި. އޭގެތެރެއިން ފަސް ކުޅުންތެރިއަކީ ސީނިއާ ޓީމުގެ މުހިއްމު ކުޅުންތެރިން. ޔޫތު ޓީމު ސެމީ ފައިނަލުގައި ޓީސީއާ ދެކޮޅަށް ނުކުންނަތާ އެއް ދުވަސް ފަހުން ސީނިއާ ޓީމު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރަން ވެލެންސިއާއާ ދެކޮޅަށް ކުޅެން ޖެހޭ. ސީނިއާ ޓީމަށް ބޭނުންވާ ކުޅުންތެރިން ނުލައި ޒުވާން ޓީމު ސެމީ އަށް ނުކުންނާނީ،" އީގަލްސް ޔޫތު ޓީމުގެ ކޯޗު އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުންޏެވެ.

ޝާކިއްޓެ ބުނީ އީގަލްސް އިން ކޮންމެ ޓީމެއް ނުކުތް ނަމަވެސް ޓީސީ އަށް ދުލެއް ނުދޭނެ ކަމަށެވެ.

"ފުލް ސްޓްރެންތުގައި ނުނިކުތުމަކީ އަހަރެމެން ފަސޭހަވާނެއޭ ބުނަންވީ ސަބަބެއް ނޫން. ތިބި ކުޅުންތެރިން ލައިގެން ވެސް އީގަލްސް ނުކުންނާނީ ފައިނަލުގެ ފުރަތަމަ ޖާގައަށް ފައިޓްކުރަން. މި ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ނުވާނެ ކަމެކޭ ނުބުނާނަން. އީގަލްސްގައި ތިބި ޒުވާން ކުޅުންތެރިންގެ ފެންވަރު އެބަހުރި،" ޝާކިއްޓެ ބުންޏެވެ.

ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ޓީސީ ވަނީ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ.

އީގަލްސް އާއި ޓީސީ ބައްދަލުކުރާ ޔޫތު މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 15:50 ގަލޮޅު ދަނޑުގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454