ފިނޭންސް މިނިސްޓްރީން ބުނީ، ކައުންސިލްތަކުގެ ބަޖެޓުން އެހީ ދެވޭނީ ޖަމާއަތުގެ ފައިދާ އަށާއި ރަށުގެ ތަރައްގީއަށް މަންފާ ކުރާ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގާ ޖަމިއްޔާތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަަށް. އެ ނޫން ފަރާތްތަކަށް އެފަދަ އެހީއެއް ނުދެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ލަފާދީފައި.
މީހަކަށް ފައިސާތަކެއް ދެނީ: ކަައުންސިިލްތަކުން އާންމުންނަށް ހިލޭ އެހީ އާއި ސަބްސިޑީ ދިނުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
23 މެއި 2020 - 14:38
ލޯކަލް ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ އާއި ސަބްސިޑީ ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކައުންސިލްތަކުން އާންމު ފަރާތްތަކަށް އެހީ ދިނުމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީގެ ދައުލަތުގެ އިންޓާނަލް އެޑްވައިޒަރީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ މާފުކުރުމާއި ސަބްސިޑީ އާއި އަމިއްލަ ފަރުދުންނަށް އެކި ބާވަތުގެ އެހީތައް ކައުންސިލްތަކުން ފޯރުކޮށްދޭ ކަމުގެ މައުލޫމާތު އެ ލިބެމުން އަންނަ ކަމަށެވެ.
އެކަމަކު މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން އެހީއެއް ދެވޭނީ ޚާއްސަ ހާލަތްތަކެއްގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން، އެ އޮފީހެއްގެ ބަޖެޓްގައި އެ ކަމަށް ޚަރަދު ކުރާނެ ފައިސާ ހުރެގެން ކަމަށް އެ ބަޔާނުގައިވެ އެވެ. ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު އޮތްގޮތުން ވެސް ޚިދުމަތެއްގެ އަގު ހެޔޮ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ ބަޖެޓުން ސަބްސިޑީއެއް ނުވަތަ އެހީއެއް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ކައުންސިލްތަކުގެ ބަޖެޓުން އެހީ ދެވޭނީ ޖަމާއަތުގެ ފައިދާ އަށާއި ރަށުގެ ތަރައްގީއަށް މަންފާ ކުރާ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގާ ޖަމިއްޔާތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެ ނޫން ފަރާތްތަކަށް އެފަދަ އެހީއެއް ނުދެވޭނެ ކަމަށާއި އެ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ލަފާ ދީފައިވާ ކަމަށް އެ ކޮމިޓީގެ ބަޔާނުގައިވެެ އެވެ.
އެހެންވެ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކައުންސިލްތަކުން އަމަލު ކުރުމަށާއި ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތާއި ޚިލާފަށް ސަބްސިޑީ އާއި އެ ނޫން ވެސް އެހީއެއް އެއްވެސް ފަރާތަކަށް ނުދޭން ގޮޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އެގޮތަށް ބުނިއިރު، ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ ރަށެއްގެ ހުރިހާ ގެއެއްގެ ކަރަންޓް ބިލް ދައްކައި ދިނުމާއި ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި މީގެ ކުރިން ފައިސާ ވެސް ބަހާފައިވެ އެވެ. މީގެ ދެ އަހަރެއް ކުރިން ރަށެއްގައި އީދު ފާހަގަ ކުރަން ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ޚަރަދުކުރަން ކުރަން އުޅުމުން އޭރު އެކަން ހުއްޓުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެެެެެެެެެެެހެންހ
24 May 2020
ކައުންސިލްތަކުގެ މާލިއްޔާ ބަ ހާ ހުސްކުރީމަ ތަރައްގީގެ ޕްްރޮޖެކްޓްތައް ހިންގާނީ ކި ހިނެއްބާ؟
ރާއްޖެ ތެރެ
24 May 2020
މާލޭގެ ވަޒީރު މަނިކުފާނު އޮފީހުން ރިސޯޓް އޯނަރުގެ ކުލި މާފްކޮށް ފަސްކޮށް ދަށްކޮށް ހެެދެންޏާ މި ސަރުކާރުން ބާރުވެރިކޮށް ދިން ކައުންސިލްތަކަށް ވެސް އެ ފުރުސަތު އޮންނަންވާނެ. ޙުރިހާ ކަމެއް ކުރަން މާލޭގެ ހުންނަ އޮފީހުން ހުއްދަ ހޯދަން ނުޖެހޭނެ.
އަހްމަދުކަލޯ
23 May 2020
އާނ އާނ ކައުންސިލް ތަކަށް ހަމައެކަނި އޮންނާނީ ކައިގެން އަޑުގަދަކުރުން ދޯ؟
ކައުންސިލަރު
23 May 2020
އެއްވެސް ކައުންސިލެއް ގާނޫނުގައި އޮތްގޮތަކަށް ނުހިނގާ. އެންމެ ކުޑަ މިނުން ތިޔަ ކައުންސިލް އުފެއްދި ގާނޫނުގެ ފުރަތަމަ ބާބަކީ މިއަދާ ހަމައަށްވެސް އެއްވެސް ކައުންސިލަކަށް ފެންނަ ބާބެއް ނޫން. ދެން ކިހިނެތް ތިޔަ ކައުންސިލުތައް ގާނޫނާ އެއްގޮތަށް ހިނގާނީ.
ޖެނެރަލް އަންދަރޭ
23 May 2020
މިވެސް ކައުންސިލްތައް ބާރުވެރިކުރުމުގެ ވައްތަރެއް. ކައުންސިލުން ހޯދާ އާމްދަނީ ސަރުކާރަށް ނަގާފައި، ސަރުކާރުން ދޭ ބަޖެޓުފައިސާ ބޭނުންކުރަންވީމައި ވަޒީރު މަނިކުފާނަށް އާދޭސްކުރުން.
ސޮންޓޭ މާވަށް
23 May 2020
މާވށ ކައުންސިލުންވަނީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މޮނިޓަރިންގ އެއް ނެތްހާލަތުގަވެސް ކެފޭތަށް ބަންދުކުރުމަށް އަންގާފަ އަދި ކައުންސިލުން ދޫކޮށްފައިހުރި ކެފޭތަކަށް 3 މަސްދުވަހަށް ކުލި މައާފްކޮށްދީފަ އަދި ކައުންސިލުން ކަނޑައަޅާ ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކޮޮށްފަ އޭރުވެސްބުނިން މިހާލަތުގަ ކައުންސިލަކަށް ލިބިގެންވާ ބާރެއްނޫނޭ މީހުންގެ ވިޔަފާރިތަށް ހުއްޓުވުމާ ދަތުރުފަތުރު ހުއްޓުވުމަކީ އެކަމަކުވެސް ކަންކުރެވޭކަންދައްކަންކުރި މޮޅުކަންކަން މީ
ސުލައިމާން
23 May 2020
އެއްކޮޅުން ކައުންސިލުތަކުގެ މުހިއްމުކަމުގެ ވާހަކަ ދައްކާއިރު އަނެއްކަމުން އެމީހުންގެ ނާގާބިލުކަން. ޝަރުތު ކަނޑައަޅައިގެން ނަމަވެސް ގާބިލު މީހުންނަށް ކައުންސިލްތަކުން ޖާގަ ދޭންޖެހޭ. އަހަރެމެންގެ ޙާލަތު އަހަރެމެން ބަދަލުކުރަން ނޭދޭހާ ހިދަކު ބަދަލެއް ނުވާނެއެވެ.
ގައްދާރު
23 May 2020
ހަމަޖެހޭ ތަސައްރަފު ފުދޭ އެންމެ ކައުންސިލެއް މިގައުމުގައި ނެތް. ފާއިތުވެދިޔަ ތަނުގައި ކައުންސިލްތަކުން އެތައްބަޔަކަށް ނުހައްގުން އަދި ގަވާއިދުތަކާއި ގާނޫނުތަކާއި ޚިލާފަށް އެހީނަމުގައި ފައިސާ ބަހާފައިވޭ. އެއީ ބެލެންޖެހޭ ކަންކަން. އަދި ކޮންމެވެސް ހިސާބަކުން ހުއްޓުވެންޖެހޭ.
ދަރަނި ދަންތުރަ
23 May 2020
ސަރުކާރުން މިކިޔާ އެއްޗެއްނޭގުނު ހުރިހާ ބާރެއްދޭވާހަކަވެސްބުނި އިންތިހާބު ލަސްވީމަ ވާހަކަ ބަދަލްވީތަ ؟ ކައުންސިލްތަކަށް 1 ބިލިޔަން ރުފިޔާ ދޭވާހަކަވެސް ބުނި ތިމަންނަމެން ކައުންސިލްތަށް ބާރުވެރި ކުރުވާނަމޭ ބުނި...
ނޭނގެންޏާ...
23 May 2020
ނޭނގެންޏާ ވާހަކަ ނުދެއްކުން ރަނގަޅުވާނީ!! އެ ގަވާއިދު ހަދާފައި އޮންނަތާ އަހަރެއް ވަނީ މި!
ހިޔާލު3
23 May 2020
ކައުންސިލްތަކަށް ދެވޭނެ އެހީތަކާއި ބާރުތައް ސާފުކޮށް ކަޑައެޅިފައިނުވާނަމަ އެހާލަތަކައި ގުޅިގެން އެކަށީގެންވާ އެހީތެރިކަމާއި ބާރު ދީނާއި ޚިލާފު ނުވާގޮތުގެ މަތިން ބޭނުން ކުރުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެން ވާންްޖެހެއެވެ.
ރަށު ތަކުރު
23 May 2020
ކައުންސިލްތަގެ މެމްބަރުން އަދި ރައީސުލް ޖުމްހޫރިއްޔާ ވިޔަސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރުތައް ބޭނުން ކުރެވޭނީ ގާނޫނު ތަކުގައި ކަޑައަޅާފައިވާ ހުދޫދު ތަކުގެ ތެރެއިން. ގާނޫނުން ބޭރުން މާލިއްޔަތު ފައިސާ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ބަހައި ހުސް ނުކުރެވޭނެ.