ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
18 އޮކްޓޯބަރ 2016 - 11:19
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތާ ހެދި ސާކް ސަމިޓު ވެސް ފަސްކޮށްފައި ވަނިކޮށް، ޕާކިސްތާނުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން އިންޑިއާއާ ދެކޮޅަށް ދިވެހި ސަރުކާރުގައި ކެމްޕޭން ކުރައްވައިފި އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައްބާނީ ވަނީ އިއްޔެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި އިންޑިއާ އިން ޕާކިސްތާނާ ދޭތެރޭ އަމަލުކުރާ ގޮތް ކަމަށް ބުނެ އޭނާ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ރަޒާ ވަނީ އެފަދަ މައްސަލަތަކެއް ނަންގަވައިފަ އެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭން ނޫސްވެރިންނަށް ބެހި ލިއުމެއްގައި ބުނި ގޮތުގައި ޕާކިސްތާނުގައި ހަމަނުޖެހުން އުފައްދަން އުޅެނިކޮށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ވަރަށް ފަހުން ހައްޔަރުކޮށްފައިވާ ކަމަށް ރަޒާ ރައީސް ޔާމީނަށް ދެންނެވި އެވެ. އަދި ކުޑަކުދިންގެ ލޮލުގެ ފެނުމަށް އަސަރު ކުރާ ކަހަލަ ވަޒަން ފަދަ ތަކެތި ބޭނުން ކުރުމާއި އެ ނޫން ވެސް އެކި ގޮތްގޮތުން އިންޑިއާ ސިފައިން ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށް ވެސް އޭނާ ރައީސް އަރިހުގައި ވިދާޅުވި ކަމަށް ބުންޏެވެ.
"އެފަދަ ކަންތައްތަކުން ހާމަވަނީ އިންޑިއާ އިން މި ސަރަހައްދަށް އަތްގަދަ ކުރަން މަސައްކަތް ކުރާކަން،" ރަޒާ ވިދާޅުވި ކަމަށް އެ ލިއުމުގައިވެ އެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް ރަޒާ ރައީސް ޔާމީނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ އިތުރު މެމްބަރަކާ އެކު ރަޒާ ރައީސް ޔާމީނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުން ބޭނުން ވަނީ މި ސަރަހައްދުގައި ސުލްހަ ގާއިމްވެފައި އޮތުމަށެވެ. އެކަމަކު، އެކަން ހާސިލު ކުރެވޭނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާއާ ގުޅޭ ގޮތުން ރަޒާ ދެއްކެވި އެއްވެސް ވާހަކައެއް ރައީސް އޮފީހުން ނެރުނު ބަޔާނަކު ނެތެވެ. އެ ބަޔާނުގައި ވަނީ ބޭރުގެ އިއްޒަތްތެރިންނާ އެކު ރައީސް އާއްމުކޮށް ބާއްވަވާ ބައްދަލުކުރެއްވުންތަކަށް ފަހު ނެރޭ ބަޔާންތަކުގައި ވެސް ހުންނަ ކަހަލަ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެވެ.
ޕާކިސްތާނުގެ އިސް ވެރިއަކު އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ވާހަކަ ދައްކަވާފައި ވާއިރު، އަންނަ މަހުގެ 9-10 އަށް އިސްލާމްއާބާދުގައި ބާއްވަން ހަމަޖައްސާފައި އޮތް ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު، އެ ސަމިޓް ފަސްކުރިކަން، ސާކުގެ މި ދައުރުގެ ޗެއާ ނޭޕާލުން ވަނީ އިއުލާންކޮށްފަ އެވެ.
ސާކް ސަމިޓް ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ. ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ރާއްޖޭން ސީދާ ނުބުންޏަސް، ދިވެހި ސަރުކާރުން ވަނީ ސާކް ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މެމްބަރު ގައުމުތަކުގެ ކިބައިން އެދިފަ އެވެ.
ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. އެ ގޮތުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނު ފަޅިން އިންޑިއާ އަށް ދެމުން ދާ ހަމަލާތަކުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.
ކަޝްމީރުގެ އުރީގައި މިދިޔަ މަހު 18 ވަނަ ދުވަހު ހަމަލާދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާން އެކަހެރި ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.
ސާކުގެ މެމްބަރު އަށް ގައުމުގެ ތެރޭން އެންމެ ގައުމަކުން ސަމިޓުގައި ބައިވެރި ނުވިޔަސް އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
22 October 2016
ޕާކިސްތާނުގެ އިސްވެރިއަކު ވަޑައިގެން ދެއްކެވި ވާހަކަތައް ނޭންގުނަސް ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް އިންޑިއާ އިން ހިންގާ ލާއިންސާނީ ޢަމަލު ތަކަކީ އިޒްރޭލު ސިފައިން ފަލަސްތީނު ގައި ހިންގާ ފަދަ ނުވަތަ އެއަޢްވުރެވެސް ދަށުދަރަޖައިގެ ޢަމަލުތަކެއް ކަން އެނގެއެވެ. މުސްލިމުން ގެ ޙައިސިއްޔަތުން މިފަދަކަންކަމަކީ އަޅުގަނޑުމެން މުސްލިމުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަންކަމެވެ.
ބިރުން
18 October 2016
ޕާކިސްތާނުން ކޮތަރު ފޮނުވާތީ އިންޑިޔާ ބިރުން
އެދުރު
18 October 2016
އެއީ ހުސް ތެދު. އިންޑިއާ ސިފައިން ކަޝްމީރުގަ އަނިޔާވެރި ޢަމަލުތައް ހިންގާކަމީ އެންމެން ދަންނަ ބޮޑު ސިއްރެއް. ދެން އެވާހަކަ ޕާކިސްތާނުގެ އިސްވެރިޔަކު ދެއްކިޔަސް މިހާރަށް އެހާ އަސަރުކުރާކަށް ނުޖެހޭ. އިންޑިއާއިންވެސް ޕާކިސްތާނޭ ކިޔައިގެން ވަރަށް ވާހަކަ ދައްކާ. ރާއްޖެއަކުން ނޫޅޭ އިންޑިއާ އާ ގުޅުން ކަނޑާކަށެއް. ވަކިފަރާތަކަށް ޖެހުނަސް ތީ ބޮޑުވަރު. ދެން މި ކޮމެންޓު ނުޖަހާތި އޭރުން މިނިވަން ނޫސްވެރިކަމަށް ވާނީ. ހެހެ
ކަޅުބެ
18 October 2016
ރާއްޖޭގެ މީހުންވެސް އެމީހުން ގާތުގައި އިދިކޮޅު ސިޔާސީ މީހުން ކުށްވެރިކޮށް ވާހަކަ ދައްކާއިރު އެމީހުންނާ އިދިކޮޅު ފަރާތްތަށް ކުށްވެރިކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު އެމީހުންނަށްވެސް އޮންނަންވާނެނޫންތޯ ! އޭރުން ނޫންތޯ އެއްބަޔަކަށް އަނެއްބަޔެއްގެ ރުހުން ހޯދޭނީ !
މަހުދީ
18 October 2016
ކީވެ ކޮމަންވެލްތަށް އިންޑިޔާއިން ކުޑަކުދިންނާ ދެކޮޅަށް ލޮލުގެ ފެނުމަށް އަސަރު ކުރާ ކަހަލަ ވަޒަން ފަދަ ތަކެތި ބޭނުންކުރާއިރު މިކަން ކަން ނުބެލި ސީމެ އެކްސަންގުރޫފުން އަޅާނުލާ ތިބެނީ ކީވެހޭ؟ ކޮބާހޭ އެކުދިން އިންސާނީހައްގު؟
މީވެސް ޚަބަރު
18 October 2016
ޢާއްމު ގޮތެއްގައި ދޭދޭ ގައުމުތަކުގެ މެދުގަ ބޭއްވޭ ބައްދަލުވުން ތަކުގަ އެގައުމުތަށް ބޭނުންވާ ސަޕޯޓު ހޯދުމަށް ވާހަކަ ދަށްކާނެ. އެއަކީ "ކެމްޕެއިން" ކުރުމެއްނޫން. އެއަށް ކިޔާ އުޅެނީ ލޮބީ ކުރުން. މީހުރިހާ ގައުމުތަކުން ވެސް ކުރާކަމެއް. މީކީ މައްސަލައެއް ނޫން. އިންޑިއާ އާއި ޕާކިސްތާން އާއި ދޭތެރޭ އޮތް އެންމެ ބޮޑު މައްސަލައަކީ މުސްލިމުން އުޅޭ ކަޝްމީރު ގެ މައްސަލަ. އިންޑިއާ ކޮންޓްރޯކުރާ ކަޝްމީރުގައި މުސްލިމުންނާއި ދޭތެރޭ އިންޑިއާ ސަރުކާރުގެ ސިފައިން ކަންތަށް ކުރާ ލާއިންސާނީ ގޮތުން އެސަރަހައްދުގެ މުސްލިމުން ހަނގުރާމަކުރަނީ ޕާކިސްތާނުގެ އެހީގަ ކަމަށްވީމަ ދިމާވެގެން އުޅޭ މައްސަލަ. ދިވެހިންނަކީ މުސްލިމުން ކަމަށްވީ އިރު ދިވެހިންގެ ސަޕޯޓު ހޯަދުމަށް ޕާކިސްތާނުން ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ކަން ބޮޑު ވާންވީ ކަމެއްނޫން.
ތީވެސް ޚަބަރު
18 October 2016
ކަން ބޮޑުވާން ޖެހޭ. މީކީ ދިވެހިންނަކާ ބެހޭ މައްސަލައެއްނޫން.
ދިވެހި މުސްލިމުން
18 October 2016
ދުނިޔޭގެ ކޮންމެތަނެއްގަ އުޅޭ ބައެއް ކަމަށް ވިޔަސް މުސްލިމުން ނަށް ދިމާވާ ނުރައްކަލަކީ ހުރިހާ މުސްލިމުންނަށް ދިމާވާ ނުރައްކަލެއް. އެހެންކަމުން ކަޝްމީރުގެ މަސްއަލައަކީ ދިވެހިންނާ ބެހޭ މައްސަލައެއް. އެހެން ނޫނަސް އިންޑިއާ، އިގިރޭސިވިލާތް، އެމެރިކާ، ކޮމަންވެލްތުން ދިވެހި ރާއްޖޭގެ ކަންކަމާ ބެހެނީ ކޮންހަމަޔަކުން؟
ދިވެހި މުސްލިމުންނޯ
19 October 2016
ކަޝްމީރަކީ އިންޑިޔާ އާއި ޕާކިސްތާނުގެ ތަނެއް. އެތަނުގައި އުފެދިގެން އުޅޭ މައްސަލައެއްގެ ތެރެއަށް ކަމާނުބެހޭ ބަޔަކު ވަންނާކަށް ނުޖެހޭ. ހަމަ އެބީދައިން މުސްލިމަކަށް ވީތީ ކަލޭގެ ޒާތީ ދިރއުޅުމަށް އެހެން މީހަކު ބެހެންފެށީމަ ކަލޭ ތިޔަހެން ބުނާނެބާ؟ ދީނޭ ކިޔައިގެން ވާނުވާ ނޭނގުނަސް ވާހަކަ ދައްކާތި. މާތް ރަސްކަލާނގެ އިރާދަ ފުޅާއެކު އެކަން ހިނގަން އޮތް ގޮތަށް އެކަން އެހިނގަނީ. ނިކަން ކެރެންޏާ އެކަން ބަދަލު ކޮށްބަލަ. ވަރަށް ވެދުން. ހަޖަމް.
ޖިހާދީ ޖޯން
18 October 2016
މިރާއްޖޭގައި އެހެން ގައުމުތަކުގެ ދާހިލީކަންތައްތަކާއި ބެހުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެން ނުވާނެ.
ޝަހާމް އިބްރާހިމް
18 October 2016
ކަޝްމީރުގައި ތިބެނީ މުސްލިމުންނެވެ. އިންޑިއާއިން ހިސޯރު ކޮށްގެން އުޅޭ ކަޝްމީރުގެ އާބާދީގެވެސް %99 ޕަސަންޓަކީ މުސްލިމުންނެވެ. އަދި ޕާކިސްތާނަކީވެސް މުސްލިމު ބޮޑު ޤައުމެކެވެ. އެހެންވީރު، ރާއްޖޭން ޕާކިސްތާނަށް ވާގިވެރިވާން ވާނެއެވެ. ހަމްދަރުދީ ބޮޑަށް އޮންނާނީ ކަޝްމީރުގެ މުޖާހިދުންނަށެވެ. އިންޑިއާ އަކަށް ނޫނެވެ. ހަގީގަތަކީ އިންޑިއާއިން މި ސަރަހައްދުގެ ޤައުމުތަކަށް އިންތިހާއަށް ނުފޫޒު ފޯރުވަމުން ގެންދާކަމެވެ. އަދި ޕާކިސްތާނުގައި ސަމިޓް ބޭއްވުނަ ނުދިނުމަށް ބޯއީކޮށް ކުރި ޤައުމުތަކަކީވެސް އިންޑިއާގެ ނުފޫޒްގެ ދަށުގައި ހަރަކާތްްތެރިވާ ޤައުމުތަކެވެ. މިނުފޫޒުން ރާއްޖެ ސަމާލަތްވެ އޮތުން ވަރަށް މުހިންމެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވިއެވެ. އެކަމުގެ ނަތީޖާއެއްގެގޮތުން ވަރަށް ގިނަ ނުފޫޒާއި އުދަގޫތައް ދިވެހި ރައްޔިތުންނަށް އިންޑިއާއިން ކުރިމަތިކުރުވިއެވެ. ދެން ސާކަށް ބަލާއިރު، މިއީވެސް ހަގީގަތުގައި މައުމޫން ފައުންޑިންގ މެމްބަރކަަށްވި ތާކުން ތާކު ނުޖެހޭ ބޮޑީއެކެވެ. މިބޮޑީގެ އެންމެ ނުފޫޒުގަދަ ބަޔަކަށް ވެފައި އޮންނަނީ އަބަދުވެސް އިންޑިއާއެވެ. އެހެންކަމުން، ކޮމަންވެލްތުން ވަކިވި ފަދައިން ސާކުންވެސް ވަކިވުން މާރަނގަޅު ނޫންތާ. އަދި ބަދަލުގައި "އާސިޔާ" ގައި ރާއްޖެ ބައިވެރި ކޮށްދެއްވާ...!
ހަމޖެހުން ބޭނުންވަނީ
18 October 2016
މިއީ ދީނީ މައްސަލައެއްނޫން އިންޑިޔާގަވެސް މުސްލިމުން އުޅޭ ކަށިމީރުނޫނަސް. ތިހާކަންބޮޑުވަންޔާ ކަށިމީރު މުސްލިމް އާއިލާތކަށް ޕާކިސްތާނަށް ބަދަލުވުމުގެ ފުރުސަތު ދޭޏްވީނު ކޮން ބިމަކާ ތަޅާފޮޅާކަށް އަޖައިބު ހީވޭ. ނުޖިހޭ މިނިވަން މުސްތަްިއްލު ގައުމެއްގެ ސިޔާދަތަ ޕާކިސްތާނު ކުޅޭކަށް ކަޝްމީރުގަ އުޅެނީ މުސްލިމުްންނޭކިޔާފައެއް
ޝަހީމް އޭބްރަހަމް
18 October 2016
ޕާކިސްތާނާ އިންޑިއާގެ މައްސަލައަކަށް އަހަރުމެން ދިވެހިން ނުޖެހޭ ވަންނާކަށް. ވަރަށް ވެދުން. ހަޖަމް.
އަލިދީދީއައްޑޫސިޓީ
18 October 2016
މިއަދުގެ ސަރުކާރަށް ޕާކިސްތާނަށް އެހީވާން މަޖުބޫރުވާނެ ކަން އެންމެނަށް ވެސް އެނގޭ. ކޮމަންވެލްތުގައި ޕާކިސްތާނުން ރާއްޖެއަށް ކުޅެދިން ކާޑުގެ ބޭނުން މިއަދު ޕާކިސްތާނުން ހިފާނެތާ! ސާކުން ވެސް ރާއްޖެ ވަކިވާންވީ ނޫންތޯ؟ އިންޑިޔާ އާއި އެކު އޮންނަ ގުޅުން ވެސް ކަނޑާލަންވީ ނޫންތޯ؟ ޗައިނާ އިން ހަވާދު ގެ ބާވަތްތައް އެތެރެކުރާނީ. ހިލަ ހިލަވެލި ވެސް އެތެރެކުރާނީ. އަލުވި ފިޔާ ބިސް ވެސް އެތެތެރެކުރާނީ. ޕާކިސްތާނުން ޒުވާނުންގެ ބޭސް އެތެރެކުރާނީ. މިފެންވަރަށް ރާއްޖެ ވެއްޓުނީމަ ދެން ބުނެވޭނީ މިރާއްޖެ އެކޭ މާސިންގާ ކަނޑަށް އެއްލާލެވިފައި އޮތް ކާއްޓެކޭ އެއްވެސް ތަފާތެއް ނެތޭ.
އައްޑޫ ބެއްޔާ
18 October 2016
އިންޑިޔާ އާއިއެކު އޮންނަ ގުޅުން އެކަކުވެސް ނުކަނޑާނެ. އަންނި އަށް ދުނިޔެ ދަސްނުވާތި އިންޑިޔާ އުނގައް އަނގަވަތައް ވެއްޓިގަތީ. އޭގެ ހިތި ނަތީޖާ ފެންނާނެ. ދިވެހިންގެ ނަސީބު ވެރިކަން ވެއްޓި އެއަރޕޯޓް ދިވެހިންގެ އަތުން ބީވެގެން ނުދިޔައީ. އެހެންނުނަމަ ދިވެހިން ތިބެނެ ހާލު ފެންނާނެ ވަރށް ރީތިކޮށް. މި ދުނިޔޭގައި މަ މާމޮޅުކަމަސް ހެދިގެން އުޅެވޭނެ ވަރަށް މަދު ގައުމެއް އޮތީ. އެގެ ތެރޭގައި ހަމަ ގާއިމުވެސް އިންގިރޭސި ވިލާތެއް އަދި އިންޑިޔާ އެއް ނުހިމެނޭ.
ބަކުރުބެ
18 October 2016
އަތްގަދަ ކުރާވާހަކަ ދައްކާ އިރު ކޮންބްއެއް އެކަން ނުކުރަނީ.