ވެސްޓޯ: މި ފިހާރަ ފަޅާލައިގެން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެއް -- ފޮޓޯ: ވެސްޓޯ ފޭސްބުކް ޕޭޖް
26 އޯގަސްޓް 2020 - 16:51
މާލޭގެ މަޖީދީމަގުގައި ހުންނަ ވެސްޓޯ ފިހާރަ ފަޅާލައި އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ވަގަށް ނެގި ތަކެތީގެ ތެރެއިން 78،240 ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެސްޓޯ ފިހާރަ ފަޅާލައިގެން ވައްކަންކުރި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ވަގަށް ނެގި ތަކެތި ފެނުނީ، މޯބައިލް ފޯނާއި އިލެކްޓްރޯނިކް އެކި ސާމާނު ވިއްކުމުގައި މަޝްހޫރު ވެސްޓޯގެ ފިހާރައިން ވައްކަންކުރި މައްސަލާގައި ހައްޔަރުކުރި މީހާ އުޅޭ ގެ އާއި އޭނާއާ ގުޅުން ހުރި ތަންތަނުންނެވެ.
ފުލުހުން ބުނީ ވެސްޓޯ އިން 101،720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ވައްކަމުގެ ތުހުމަތުކުރެވޭ މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން ވަނީ 15 ދުވަހުގެ މުއްދަތު ކޯޓުން ދީފަ އެވެ.
މާލޭގައި މި ފަހުން ފައިސާގެ ބޮޑެތި ވައްކަންތަކެއް ކޮށްފައި ވާއިރު އެ ވައްކަންތަކުގައި ތުހުމަތުކުރެވޭ މީހަކު ވެސް އަދި ވަގަށް ނަގާ ފައިސާ ވެސް ހޯދިފައެއް ނުވެ އެވެ. މި ހަފުތާގައި ވަނީ ޔޫރޯ މާކެޓިންގެ އޮފީސް ފަޅާލައި އެތަނުގެ ތިޖޫރިން ބައި މިލިއަނެއްހާ ރުފިޔާ ވެސް ވަގަށް ނަގައިފަ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރިޖިނަލް މޮހަނު
27 August 2020
ދުވާލު މެންދުރު އާންމު މީހާގެ ގޯތިންނާ ކޮންސްޓްރަކްޝަން ސައިޓުން ވައްކަންކުރާ ވަގުން ކައިރީގަ އެތަކެއް ކެމެރާއަށް އަރާއިރުވެސް ނުހޯދެނީ ކީއްވެތޯ ޕޮލިހަށް ސުވާލުކޮށްލަން ބޭނުން.
ރަދީފްއޮފިޝިއަލް
26 August 2020
''ވެސްޓޯ ފަޅާލައި ވަގަށް ނެގި 78،000ރ. ގެ ތަކެތި ހޯދައި ވަގު ހައްޔަރުކޮށްފި''.ވ.ވެދުން