ރިޕޯޓް / ލައިފްސްޓައިލް

ހުރިހާ އެއްޗެއް ދޫކޮށްލާފައި އެނބުރި ރަށަށް!

ރ. ފައިނުގެ ދެ އަންހެނަކު އެ ރަށު އަތިރިމަތީގައި ތިބެގެން މަސައްކަތް ކުރަނީ: ތޮއްޖެހިފައިވާ މާލޭގެ ދިރިއުޅުމަށް ވުރެ ރަށުގެ ހިތްހަމަޖެހޭ މާހުލަށް އެނބުރިދާން ގިނަ ބަޔަކު ބޭނުންވޭ-- ފޮޓޯ: ސޭވް ފައިނު ފޭސްބުކް

ފުރަތަމަ ދަރިފުޅަށް އެންމެ ތިން އަހަރުގައި އައިޝަތު ރިޒްނާ އާއި ފިރިމީހާ މާލެ ބަދަލުވި ގޮތަށް، މުޅި ދިރިއުޅުން ހަމަޖެހުނީ މި ތަނުގަ އެވެ. އޭގެ ފަހުން 15 އަހަރު ވީއިރު، ރަށަށް ދަނީ ހަމައެކަނި ލިބޭ ޗުއްޓީތަކުގަ އެވެ. އިތުރު ހަތަރު ކުދިން ލިބި، އާމްދަނީން ނުފުދި ދިރިިއުޅުން ދަތިވި ނަމަވެސް، އެނބުރި ރަށަށް ބަދަލުވުމުގެ ހިތްވަރެއް އެ މީހުންނަކަށް ނުލިބުނެވެ.

އެކަމަކު އެއީ ކޮވިޑް-19ގެ ބިރުވެރިކަން ލައިގަންނަން ދެންނެވެ. ރަށްރަށުން ބަނަސް ގެނެސްގެން މާލޭގެ ފިހާރަތަކަށް ވިއްކައިގެން ފިރިމީހާ ކުރަމުން އައި ވިޔަފާރި، ބަލިމަޑުކަމުގައި ބަނގުރޫޓުވެ، އާމްދަނީ ހުއްޓުނެވެ. ކުލި ދެއްކޭނެ ގޮތެއް ނެތި ދެ މަސް ފާއިތުވި އިރު، އެހެން ހަރަދުތަކަށް ވެސް ފައިސާއެއް ނެތެވެ. އެހެންވެ، ސްކޫލުތައް ބަންދުކޮށްފައިވުމާ އެކު ދަރިން ގޮވައިގެން އެ މީހުން އުފަން ރަށަށް ބަދަލުވީ، ހާލަތު ރަނގަޅުވަންދެން، ކުޑަ ދުވަސްކޮޅަކަށެވެ. އެކަމަކު ރަށުގެ ދިރިއުޅުން ދެކެ އެ މީހުން މާ ބޮޑަށް މިހާރު ލޯބިވެއްޖެ އެވެ.

"މާލޭގެ ދިރިއުޅުން ދަތިކަމުން އަބަދު ވެސް ރަށަށް ބަދަލުވާން ބޭނުންވޭ. މިދިޔަ ދެތިން އަހަރު އެކަމާ ވިސްނި ނަމަވެސް އެ ހިތްވަރެއް ނުލިބުން. އެންމެ ފަހުން ކޮވިޑް ކަންތަކާ މިކޮޅަށް ބަދަލުވާން މަޖުބޫރުވީ،" 18 އަހަރު ނުފުރޭ ފަސް ކުދިންގެ މަންމަ ބުންޏެވެ.

"އެކަމަކު މިހާރު ގަބޫލުކުރަން މިއީ ރަނގަޅު ނިންމުމެއް ކަމަށް. އަނބުރާ މާލެ ދިއުމުގެ ވިސްނުމެއް މިހާރަކު ނެތް."

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ގިނަ ބަޔަކު މާލޭގައި އުޅެނީ ކުއްޔަށް --ފޮޓޯ/މިހާރު

ތަނެއް ވެސް، ފަރުނީޗަރެއް ވެސް ބޭނުމެއް ނޫން

ތަކެތި ވިއްކުމާއި ކުއްޔަށް ދިނުމަށް ހާއްސަ، އޮންލައިން ބާޒާރެއް ކަމުގައިވާ "ގަނެވިއްކާ" ޕޭޖުގައި މިހާރު އެންމެ ގިނައިން މީހުން އިޝްތިހާރު ޖަހަނީ ކުއްޔަށް ދޭ އެޕާޓްމެންޓާއި އަގުހެޔޮކޮށް ފަރުނީޗަރު ވިއްކުމަށެވެ. ޕޭޖު ކުޑަކޮށް ހާވާ ބަލައިލި އިރު، ވޭތުވެ ދިޔަ މަދު ދުވަސްކޮޅެއްގައި މި ފަދަ އެތައް ޕޯސްޓެއް ހުއްޓެވެ. އިޝްތިހާރު ޖަހާފައިވާ ބައެއް މީހުންނާ ވަކިިން މެސެޖްކޮށް، ވާހަކަ ދައްކާލުމުން ގިނަ މީހުން ދިނީ ހަމަ އެއް ޖަވާބެކެވެ. ރަށަށް ބަދަލުވާތީ، ފަރުނީޗަރުތައް ދޫކޮށްލަނީ އެވެ. ނޫނީ ކުއްޔަށް އުޅުނު މީހުން ތަން ދޫކޮށް، ރަށަށް ބަދަލުވާތީ އަލުން ކުއްޔަށް ދެނީ އެވެ.

"މިތަނުގައި 20 އަހަރު އުޅުނު މީހުން ރަށަށް ބަދަލުވީ. އެ މީހުން ބޭނުމެއް ނުވި ފަރުނީޗަރުތައް ވެސް ގެންދާކަށް. އެހެންވެ، އަޅުގަނޑުމެން ތަން ކުޑަކޮށް މަރާމާތުކޮށްލުމަށް ފަހު އަލުން ކުއްޔަށް ދޭން އިޝްތިހާރު ޖެހީ،" މާފަންނުން، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދޫކޮށްލަން އިޝްތިހާރު ޖެހި މީހަކު ބުންޏެވެ.

ތަނުގެ ފެންވަރަށް ބަލާއިރު އެތަނުގެ އަގު ބޮޑެއް ނޫނެވެ. ފަނަރަ ހާސް ރުފިޔާއަށް އެތަން ދޫކޮށްލަން ނިންމީ، ކޮވިޑްގެ މި ހާލަތާ ގުޅިގެން ތިން މަސް ދުވަހުގެ ކުލި، 12،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. މާލޭގައި އާއްމުކޮށް ކުއްޔަށް ދޫކުރާ އަގަށް ބަލާފައި އެޑްވާންސް އަގު ވެސް ވަރަށް ކުޑަ އެވެ.

ތަންތަން ހަދައިގެން އާއްމުކޮށް ކުއްޔަށް ދޫކުރާ އެ މީހާ ބުނިގޮތުގައި މީގެ ކުރިން އެފަދަ ތަނެއްގެ އިޝްތިހާރު ޖެހުމާ އެކު، މަދު ވަގުތުކޮޅެއްގެ ތެރޭގައި ތަން ކުއްޔަށް ނަގަ އެވެ. އެކަމަކު އަލަށް މި ދޫކޮށްލި ތަނުގެ އިޝްތިހާރު ޖެހިތާ ހަފުތާއެއް ވީއިރު ވެސް އެއްވެސް މީހަކު ޝައުގުވެރިކަމެއް ފާޅެއް ނުކުރެ އެވެ.

ތޮއްޖެހިގެން މާލޭގައި އާއިލާއެއް ދިރިއުޅޭނެ ގޮތް ދައްކައިދިނުމަށް ކުޅެފައިވާ މަންޒަރެއް: މި ފަދަ އެތައް އާއިލާއެއް މާލޭގައި އުޅޭ

"ބައެއް މީހުން މެސެޖްކޮށް، ވަރަށް ސުވާލުތައް ކުރޭ. އެކަމަކު ތަން ނަގާކަށް ބޭނުމެއް ނުވޭ،" އޭނާ ބުންޏެވެ.

މިދިޔަ އެޕްރީލް މަހު މާލެ ތެރޭގައި ކޮވިޑް-19 ފެތުރެމުން ފެށުމާ އެކު. ވެރިރަށް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދުކުރުންވީ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ. މާލެ އާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލި ނުވަތަ އާމްދަނީއަށް އަސަރުކޮށް، އަތްމަތި ދަތިވި އެވެ. އެންމެ ބުރަ ބޮޑުވީ، މަހުން މަހަށް ލިބޭ އާމްދަނީން ގޭގެ ކުލި ދައްކައިގެން ދިރިއުޅެމުން ދިޔަ، މާލޭގައި އުޅޭ މީހުންނަށެވެ. އެހެންވެ، ގިނަ މީހުންނަށް ހައްލެއްގެ ގޮތުގައި ފެނުނީ އެނބުރި ރަށަށް ދިޔުމެވެ.

ފަހަރެއްގައި، ގެންގުޅުނު ފަރުނީޗަރުތައް ވެސް ދޫކޮށްލާފައި ނުވަތަ ހެޔޮ އަގުގައި ވިއްކާލާފައި ރަށަށް ބަދަލުވާން ނިންމީ، ކުރިމަތިވި މަޖުބޫރެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ.

ބޭނުންކޮށްފައި ހުރި ފަރުނީޗަރު ހެޔޮ އަގުގައި ވިއްކާ މީހުންނާ ސުވާލުކޮށްލުމުން، ގިނަ މީހުން ބުނީ ފަރުނީޗަރުތައް ހިފައިގެން ރަށަށް ބަދަލުވުމަކީ އިތުރު ތަކްލީފެއް ކަމަށެވެ. ކޮންމެ މީހަކު ވެސް ވީހާ ވެސް އަވަހަކަށް މާލޭން ފައިބަން ބޭނުންވެފައި ހުރި އިރު، ތަކެތި ޕެކްކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ދުއްވާ ވެހިކަލްތަކުގައި އެތަކެތި ގެންދިއުމަކީ ވެސް އުނދަގޫ ކަމެކެވެ.

ރ. އަތޮޅުގެ ރަށަކަށް އުފަން ރިޒްނާ ބުނިގޮތުގައި އޭނާ ރަށަށް ބަދަލުވީ ބަދިގޭގައި ބޭނުންކުރާ މަދު ސާމާނު ކޮޅަކާ އެކު އެވެ. ފިރިމީހާއަށް އާމްދަނީ ނުލިބޭތީ، ދެ މަސް ދުވަހުގެ ކުލި، ގޭގެ ވެރިފަރާތުން މާފުކޮށްދިން ނަމަވެސް، އެހެން ބިލްތަކަށް އަގު ކުރީ އެ މީހުން ގެންގުޅުނު ފަރުނީޗަރު ފަދަ ތަކެތިންނެވެ. ރަށުގައި އަމިއްލަ ގެ ހުރުމާ އެކު، ހިފާ ގެންގުޅޭ ސާމާނުގެ މާ ބޮޑު ދަތިކަމެއް އެ މީހުންނަކަށް ކުރިމައްޗެއް ނުވެ އެވެ.

މުޅި ދިރިއުޅުން މާލޭގައި، ހިިޔާލު ބަދަލުވާން ނެގީ ވަގުތުކޮޅެއް

ޝަރީފާ ހުސެން، 54، އާއިލާއާ އެކު މާލޭގައި އުޅޭތާ 30 އަހަރު ވެއްޖެ އެވެ. ކުޑަ ތަންކޮޅެއް ކުއްޔަށް ނަގައިގެން، އެތަން މަރާމާތުކޮށްގެން އުޅުނީ ބޮޑު ކުއްޔެއްގަ އެވެ. ކޮވިޑްގެ ހާލަތާ އެކު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، މާލޭގައި ކުލި ދައްކައިގެން ދިރިއުޅެވޭހާ ތަނަވަސްކަން އެ މީހުންގެ ހުއްޓެވެ. އެކަމަކު ތޮއްޖެހިފައިވާ މާލޭގައި އުޅުމުގެ ހިތްދަތިކަން އެ މީހުންނަށް އިހުސާސްވީ، އާއިލާ އެއްކޮށް، ކުޑަކުޑަ ތަންކޮޅެއްގައި ބަންދުވެފައި ތިބެން ޖެހުމުންނެވެ. އެހެންވެ، ލޮކްޑައުން ނިމޭހާ އަވަހަކަށް ރަށަށް ބަދަލުވާން އެ މީހުން ނިންމީ އެވެ.

ޝަރީފާގެ އާއިލާ މިހާރު އުޅެނީ އައްޑޫގަ އެވެ. މާލޭގައި އެ މީހުން ހިންގި، ކުޑަ "ކަންމަތީ ފިހާރަ" ރަށަށް ބަދަލުކޮށް، އާ ފެށުމަކުން ފަށަން ނެގީ މަދު ދުވަސްކޮޅެކެވެ. ޝަރީފާގެ ބަހުން ނަމަ، ރަށަށް ބަދަލުވުމުގެ ހިޔާލު އައީ ލޮކްޑައުންގެ ދަތިކަމާ އެކު ހަމަ ކުއްލިއަކަށެވެ.

އެކަމަކު މިހާރު އެ ނިންމުމާ މެދު އޭނާ އުފާވެ އެވެ. ގިނަ ދުވަސްތަކެއް ވާންދެން ބައްދަލުނުވެ ތިބި އާއިލާގެ މީހުންނާ އެކުގައި އަލުން ދިރިއުޅެން ލިބުމަކީ، ޝަރީފާ ދެކޭގޮތުގައި ނިއުމަތެކެވެ. ވިޔަފާރީގައި އަދި އެންމެ ފައިދާ ނުވި ނަމަވެސް، އުމުރުން ދުވަސްވީ ދުވަހު، އުފަން ރަށުގައި ދިރިއުޅެން ލިބުނީތީ އެކަމަށް އޭނާ ޝުކުރު ކުރެ އެވެ.

މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ގެތަކަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ބަޔަކު ސައިކަލްގައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ 15 އަހަރު ކުރިން މާލެއަށް ދިރިއުޅުން ބަދަލު ކުރި ރިޒްނާގެ އާއިލާގެ ވާހަކަ ވެސް ހަމަ އެ ފަދަ އެވެ. ފުރަތަމަ ދަރިފުޅާ އެކު މާލެ ބަދަލުވި ނަމަވެސް، ދަރިންގެ އަދަދު އިތުރުވުމާ އެކު ކުރަން ޖެހޭ ހަރަދުތައް ވެސް އޮތީ އިތުރުވެފަ އެވެ. އޭނާގެ ފިރިމީހާ އެކި ވަޒީފާ އަދާކޮށް، ފުދޭ ވަރެއްގެ އާމްދަނީއެއް ލިބުނު ނަމަވެސް، ކުލި ދައްކާފައި އިތުރު ހަރަދުތަކެއް ކުރާހާއެއް ނުވެ އެވެ. ހުއްޓާނުލައި، އަހަރުތަކެއް ވާންދެން މަސައްކަތް ކުރި ނަމަވެސް، ރަށަށް ބަދަލުވާން ބެލި އިރު އަތުގައި އެއްވެސް ފައިސާއެއް ރައްކާކުރެވިފައެއް ނެތެވެ.

ބަނަސް ވިއްކުމުގެ ކުރިން، ރިޒްނާގެ ފިރިމީހާ އަކީ ގިނަ އަހަރުތަކެއް ވަންދެން ޓެކްސީ ކުރި މީހެކެވެ. މަހެއްގެ މައްޗަށް، ބައެއް މަސް މަހު 32،000 ރުފިޔާ ލިބުނެވެ. އާއިލާގެ އާމްދަނީ އިތުރުކުރަން، ރިޒްނާ ގޭގައި އިނދެގެން ޖޫސްޕެޓީ ވިއްކި އެވެ. އަދި ގޭގައި ކުދިން ބައިތިއްބައިގެން ވެސް ފައިސާ ހޯދި އެވެ. އެކަމަކު ގޭގެ ކުއްޔާއި ބިލްތަކާއި ދަރިންނަށް ހަރަދުތައް ކޮށްފައި ބާކީ ކުރެވޭ ވަރެއް ނުވެ އެވެ. ލޮކްޑައުންއާ އެކު ފިރިމީހާގެ ވަޒީފާ ގެއްލި، އާމްދަނީ ލިބުން ހުއްޓުމާ އެކު ހުރިހާ ދޮރެއް އެ މީހުންނަށް ބަންދުވި އެވެ.

އެނބުރި ރަށަށް ބަދަލުވާން އެ މީހުން ވިސްނީ އެ ނޫން ގޮތެއް ނެތިގެންނެވެ. އެކަމަކު ރަށުގައި، ޕިކަޕް ދުއްވައިގެން ރިޒްނާގެ ފިރިމީހާއަށް މިހާރު ލާރި ލިބެ އެވެ. އޭނާ ބުނާ ގޮތުން، ފައިސާ ރައްކާކުރެވެން ފެށީ އަދި ކިރިޔާ އެވެ.

ދަތިތަކެއް ހުރި ނަމަވެސް މިހާރު މާ ހިތްހަމަ ޖެހޭ

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރިސޯޓު ބަންދުކުރުމުން، ބައެއް ޒުވާނުން ރަށަށް ބަދަލުވެ ދަނޑުވެރިކަން ފެށި އެވެ. ބައެއް މީހުން މަހަށް ނޫނީ ހުއިފި ލަނޑާ ނަގަން ގޮސް ލާރި ހޯދަން ފެށި އެވެ. އެންމެ ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް އެ މީހުންގެ ހިތްހަމަ ޖެހުމަކީ މައިންބަފައިންނާއި އަނބިދަރިންގެ ގާތުގައި ތިބެގެން މަސައްކަތް ކުރެވުމެވެ.

ކުރިން ނަމަ، އެންމެ ރަނގަޅު ބޭސްފަރުވާގެ ހިދުމަތް ރިޒްނާގެ އާއިލާއަށް މާލޭން ހޯދެ އެވެ. ދަރިން ކިޔަވަން ދަނީ ފެންވަރު ރަނގަޅު ސްކޫލުތަކަށެވެ. ގެއަށް ބޭނުންވާ އެއްޗެއް ހޯދަން، މާ ދުރަށް ހިނގާކަށް ނުޖެހެ އެވެ. އެކަމަކު ރަށަށް ބަދަލުވުމާ އެކު މި ފަސޭހަތައް ނެތިއްޖެ އެވެ.

ރަށު ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ނުލިބޭތީ، ހިދުމަތް ހޯދަން ދާން ޖެހެނީ ރ. އުނގޫފާރު ހޮސްޕިޓަލަށެވެ. ރަށުގައި ތިބެގެން އޭ ލެވެލް ފުރިހަމަ ކުރެވޭކަށް ނެތެވެ. ބޭނުންވާ ތަކެތި ފަސޭހައިން ގަންނާކަށް ނުލިބެ އެވެ. އެކަމަކު، ރިޒްނާ ބުނާގޮތުން މިހާރު ލިބޭ ހިތްހަމަ ޖެހުން، މި ފަސޭހަތަކާ ނުބައްދަލެވެ.

ރަށެއްގައި މޫދަށް އެރި އުޅޭ ކުޑަކުދިންތަކެއް ފަޅުތެރޭގައި އޮތް ޑިންގީއަކަށް އަރައިގެން މަޖާ ކޮށްލަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

"ދަރިފުޅު ބޮޑުވަމުން އައިއިރު އަޅުގަނޑުމެން އެންމެ ޖެހިލުންވީ މާލޭގައި ދަރިފުޅު ގޯސް މަގަކުން ދިޔުމުގެ ފުރުސަތު އޮތުން. އެކަމާ ވަރަށް ބިރުގަތް. އެހެންވެ، ކުރިން ވެސް ނިންމައިގެން ތިބީ ދަރިފުޅު ގްރޭޑް ދިހައެއް ނިމުމުން ރަށަށް ބަދަލުވާން. އެކަމަކު އެ ނިންމުން އޭރު ބަދަލުވީ އިތުރަށް ކިޔަވައިދޭން ބޭނުންވާތީ،" ރިޒްނާ ބުންޏެވެ.

މާލޭގައި ދިރިއުޅުނު އިރު ކުރިމަތިވި ބޮލުގެ ރިހުންތަކެއް މިހާރު ރިޒްނާގެ ދެމަފިރިންނަކަށް ނެތެވެ. ކުލި ނުދެއްކިދާނެތީ، އަތްމަތި ދަތިވެދާނެތީ ޖެހިލުމެއް ނުވެ އެވެ. އަމިއްލަ ގޭގައި ދިރިއުޅުމުގެ އުފާ ލިބޭއިރު، ދަރިން ދިރިއުޅޭ މާހައުލާ މެދު ވެސް ބިރުވެރިކަމެއް ނެތެވެ. އެހެންވެ، ރިޒްނާ ދެކޭ ގޮތުގައި، މާލޭގައި އުނދަގުލުގައި ދިރިއުޅުމަށް ފަހު އެނބުރި ރަށަށް ބަދަލުވުމަކީ މިހާތަނަށް ނެގުނު އެންމެ ރަނގަޅު ނިންމުމެވެ. މި ގޮތަށް ދެކޭނެ ގިނަ ބަޔަކު ތިބޭނެކަން ޔަގީނެވެ.

ދޫނިތަކުގެ އަޑާ އެކު ވައިފެން ހެޔޮ މާހައުލެކެވެ. ވަށައިގެން އާއިލާ އާއި ރަހުމަތްތެރިންނެވެ. އާމްދަނީ ހޯދާނެ ގޮތެއް ފެނިއްޖެ ނަމަ، އަނބުރާ މާލެ ދިޔުމުގެ ވިސްނުމެއް އެ މީހުންގެ ނެތެވެ.

80 ކޮމެންޓް, 288 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 5%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޕާ

08 September 2020

ވަންނާނެ ތަނެއްނެތް. ރަށެއްގެވެސް... ކުށަކީ މާލެއަށް އުފަންވުން. 12 ފޫޓް 12 ފޫޓް މަންމައަށް ލިބި 5 ދަރިން އަދި 8 މާމަދަރިން ތިބުން. އެންމެން އުފަންވީ މާލޭގައި މިތަނުގައި ކުއްޔަށް އުޅޭތާ 30 އަހަރު ވީ. ބައްޕަ ދުނިޔެދޫކުރި އިރު ރަށަކުންވެސް ބިމެއް ލިބިފައިނެތް. ވިލިގިނލިފަށައިގެން ތަނެއް ލިބޭތޯ އުޅެނީ. އަދި ކުފޫ ހަމަނުވާކަމަށް ސަރުކާރުން އަންގަނީ. މާލެއަށް އުފަންވުމަކީވެސް ބޮޑު ބަދު ނަސީބެއް. ރަށުގަ ދާނެ ތަނެއް އޮތީމަ ޝުކުރުވެރިވޭ

The name is already taken The name is available. Register?

ޙަބީބު

07 September 2020

ރި ސޯޓު މުވައްޒަފުންގެ ބުރަމަސަތްކަތް މިހާރު އިހު ސާ ސްވޭބާ

The name is already taken The name is available. Register?

ދޮންވެލި

07 September 2020

ސަރުކާރުގެ ޒިންމާ ވެސް އެބަ އޮތެވެ. ގޯހުން ގޯހަށް ދިޔަ އިރުވެސް ހަރަދު ކުޑަ ނުކޮށް ލޯނުތައް ނެގީ އެވެ.

The name is already taken The name is available. Register?

ޖަޒީރާ ރަށް

07 September 2020

ބަލަ މީ ޖަޒީ ރާއްޖެ އޭ.ހުރިހާ ރަށްރަށު މީހުން ރަށަށް ފޮނުވާލަން މާކުރިން ވެސް އޮތީ ނިންމާފަ.އެހްން އޮށްވަ މިކަމެން މިޖެހުނީ.ރަށްރަށުގެ މޮޔައިންނަކަށް ނޭގޭނެ.އެޖެންޑާ 19 ތަފާތު ވާނެ.

The name is already taken The name is available. Register?

ހުސެން

07 September 2020

ހުރިހާބޭފުޅުން ލ.ގަމަށް ހިޖުރަކުރަށްވާ، މާލޭން ލިބެންހުރި ހުރިހާ ފަސޭހަތަކެއްގެ އިތުރުންވެސް ދިރިއިޅުމަށް އާމްދަނީ ހޯދޭނެބައިވަރު ފުރުސަތުތަށް މިތަނުގައިއެބައޮތް، ރާއްޖޭގައޮތް އެންމެ ބޮޑުރަށް، ސައިކަލު ދުއްވާލަންވިޔަސް 18 ކިލޯމީޓަރުގެ ދިގުމަގެށް ތާރައަޅައިގެން ހަދާފައި އޮންނާނެ، އެއަރޕޯޓް އެބައޮތް، ބޭންކު، ޕޯސްޓްއޮފީސް، އައިޖީއެމްއެޗާ އެއްފެންވަރުގެ ހޮސްޕިޓަލެއް ސުކޫލުތަށް ޕާކުތަށް މިފަދަ ހުރިހާކަމެއް ލ.ގަމުގައި މިހާރު ވަނީ ގާއިމްކުރެވިފައި

The name is already taken The name is available. Register?

ރައްޔެތުން

08 September 2020

ވ ބޭނުން. ވ ރީތި އަޠޮޅެއް. ޙަމަ އެކަނި މައްސަލ އަކީ މަގުތައް ނުހަދާ އޮތުން

The name is already taken The name is available. Register?

ގޮއްޗެއް ވިއްކާ

08 September 2020

ބޭނުން

The name is already taken The name is available. Register?

ބެއްޔާ8

07 September 2020

އަލްހަމްދުލިލާހި . މާލެެ ވަޒަންވެރިއަކަށް ވެ ވަރަށް އުފާކުރުވި ހަބަރެއް. މާލޭގައި މީހުން ގިނަވެގެން ގޮަސް މިހާރު އެއްވެސް ހިތް ހަމަޖެހުމެއް ނުލިބޭ. އެއްވެސް ބައެއް މާލޭއިން މަދުވުން އެއީ ހިތްހަމަ ޖެހުން ލިބިދޭ ކަމެއް. މިސާލަކަށް އީދެއް އައިސްފިނި ނަމަ މޭލެ ތެރެއަށް ލިބިދޭ މަޑުމައިތިރިކަން ވަރަށް ހިތްހަމަޖެހޭ.

The name is already taken The name is available. Register?

ހުސެން

08 September 2020

މާލޭގެ ވަޒަންވެރިންނަށް ނުވަތަ އަސްލުމާލޭގެ މީހުނަށް މީވަރަށްވެސް ހިއްދަތި ހަބަރެއް ނުވަތަ ހިތްދަތި ކަމެއްގެ ކޮޅުމަތި، ސަބަބަކީ އަސްލުމާލޭ މީހުންގެ %99 މީހުނަކީ އަތުންފައިން ކަމެއްކުރާބައެއްނޫން، ނުއަގުގައި ތަންތަން ކުއްޔަށްދީގެން މީހުން ފެލައިގެން އުޅޭބައެއް، ރަށްރަށުގައި ދިރިއުޅުން ރަނގަޅުކަން މީހުނަށް އެނގި ގިނަބަޔަކު މިހެން ބަދަލުވާން ފެށުމުން މާލޭގެ އަސްލުރައްޔިތުންނަށް ކޮވިޑަށްވުރެން ބޮޑު މުސީބާތަކަށްވާނެ، ނުއަގުގައި ގެކުއްޔަކަށް ނުދެވޭނެ

The name is already taken The name is available. Register?

ސައްދާމް ހުސެއިން

08 September 2020

ހުސެން، މާލެ މީހުންނަށް ވިސްނާއިރު ރަގަޅުވާނީ މަލެއިން ހަމަ މީހުންތައް މަދުވިއްޔާ. އޭރުން މާލޭ މީހުންނަށްވެސް މަޖުބޫރުވާނެ ކޮންމެސް މަސައްކަތެެއް ކޮއްގެން ލާރި ހޯދައިގެން ދިރިއުޅުން ބިނާ ކުރަން ދެއްތޯ.

The name is already taken The name is available. Register?

ބެއްޔާ8

10 September 2020

ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ހަމަ ވެރިކަން ކުރާ ރަށުގެގެ މީހުންދެކެ ރަށްފުށު ހިސާބު މީހުން ރުޅި އާދޭ. އެއީ އިންސާނީ ތޮބީއަތް. ރަށްފުށު މީހުންނަށް ކުރަން އިނގުނު މަސައްކަތެއް ހަމަ މާލޭ މީހުންވެސް ކުރަމުން އައީ. މާލޭ އަށް އުފަންވުމަކީ ކުށަކަށް ހަދައިގެން ހުތުރު އެއްޗިސް ގޮވުމަކީ ގިނަ ރަށްފުށު މީހުން ވަރަށް ކުރާކަމެއް.

The name is already taken The name is available. Register?

ހަސަދު

07 September 2020

އަރާމުގައި ރަށުގައި އުޅެވެން އޮއްވާ ކީއްކުރަން މާލެ އައީ. ތޮއް ޖައްސާ އިންސާނުންނަސް އުޅެވޭ ވަރުތަނެއްނޫން މިހާރު މާލެ އަކީ. ނުވިތާކަށް ބަންގުލަދޭޝް ވެސް އެއްކޮށް މާލޭގައި. ސަރުކާރުތަކުގެ ދޯދިޔާ ސިޔާސަތުތަކާ ހެދި. މާލޭ މީހަކަށް މާލޭ ސަރަހައްދުން ލިބޭނެ އެއްވެސް އެއްޗެއް ނެތް.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

07 September 2020

ރާއްޖޭގެ ހުރިހާ ރަށެއްގަ އެއްވަރަކަށް ހުރިހާ ކަމެއް ނޯންނާނެ. އެކަމަކު އަމިއްލަ ރަށަށް ވުރެ ރަނގަޅު ދިރިއުޅުމެއް ހޯދަންޏާ މާލެ ނޫން އެހެން ރަށްރަށް ވެސް އެބަހަރި. މާލެ ފެންވަރަށް ނުދިޔަސް.

The name is already taken The name is available. Register?

މުހައް މަދާ

07 September 2020

މި ތަނަށް އައީ ވަރަށް ފޮނި އުއްމީދާއި އެކީ! 1 ކުދި ވެސް އަދި ކިޔަވާ ނުނިމޭ!އަންހެނުން މިހާރު އެހެން މީހަކާއި ހިތާވެ އޭނާއި އިނދެގެން އުޅެނީ! މިހާރު އާ ހިތްވަރަކާއި އެކީ އުޅެވޭތޯ އަހަރެން މި ބަލަނީ

The name is already taken The name is available. Register?

ނަޖްވާ

07 September 2020

ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454