އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ދަނީ: އެ ކޮމެޓީގެ ޒިންމާތަކުން ޝުއައިބު ވަނީ ސަސްޕެންޑް ކޮށްފައި -- ފޮޓޯ/އެމްޑީޕީ
17 ސެޕްޓެމްބަރ 2020 - 16:47
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ކޮމެޓީން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ޝުއައިބު ސަސްޕެންޑްކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތުން އެ މަނިކުފާނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޝުއައިބު ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. ޝުއައިބު ސިޓީ ފޮނުއްވީ ފައްޔާޒް މަގާމުގެ އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން ހަސަން ލަތީފަށް ނަޝީދު ސިޓީއެއް ފޮނުއްވުމުންނެވެ.
އެމްޑީޕީން ބުނީ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމެޓީގެ ނައިބު މުގައްރިރުކަމުންނާއި މެމްބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާ ކަމަށެވެ. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން އެމްޑީޕީން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ސަސްޕެންޑްކުރީ ނަޝީދާއި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ ކާޓޫނެއް ކުރެހި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ނަޝީދު އެދިވަޑައިގަތީ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިވެ ވަޑައިގަތުމަށެވެ. އެކަމާ ގުޅިގެން ނަޝީދަށް ފިޔަވަޅު އަޅައިދޭން ޝުއައިބު ސިޓީ ފޮނުއްވުމުން އެމްޑީޕީން ޝުއައިބަށް ޖަވާބު ދިނީ ނަޝީދުގެ ސިޓީ އަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވި ސިޓީއެއް ކަމަށާއި އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ނަޝީދު ކަމަށެވެ.
ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ފައްޔާޒްގެ މަގާމު ދިފާއުކުރަން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
20 September 2020
ކޮމެންޓް ތަކުގެ ލައިކް ބަލާލީމާ މަންޒަރު ވަރަށް ސާފެވެ. މި މުސީބާތުން ސަލާމަތް ވެދާނެހެން ހީވެއެވެ.
ފުއްލާބެ
19 September 2020
ތިޔައީތޯ ޑިމޮކްރަސީއަކީ
އިސްލާހު
19 September 2020
ތިމާގެ ކުއް ތިމާއަށް ގަބޫލު ނުކުރެވޭ ވެރިންނަކީ ހުދުމުހުތާރު ޑިކްޓޭޓަރުންނެވެ. ޑިމޮކްރެޓިކް އަކީ ގަނޑެއްގައި ލިޔެފަ އޮންނަ އެއްޗަކަށް ވެއްޖެއެވެ.
ރުބީނާ
18 September 2020
ހުސް އެލެކްސްގެ ޕަޕެޓުން
އެހެ
18 September 2020
އަންނިއަށް ފިޔަވަޅު އަޅަން އުޅުމަކީ އެމީހަކާމެދު ފިޔަވަޅު އެޅޭނެ ކަމެއް. އަންނިއާ ބެހޭ ނޭދެވޭ ވާހަކަ ލިއެފަ ސިޓީލުމުން އެމީހަކާ ބެހޭ ނޭދެވޭ ވާހަކަ ލިއެފަ އެމީހަކާ ދެކޮޅަށް ސިޓީލެވޭނެ.
ދިވެހިމީހާގެ ދަރި
18 September 2020
ހަގީގަތުގައި މިއޮތީ ހަގީގީ ޑިކްޓޭޓަރަކު ފެނިފައި. ޑިމޮކްރަޓިކް ބަޔަކަށް ޑިކްޓޭޓަރަކާއެކު ތިބުން އުނދަގޫވާނެ. މިކަން މިފެންނަނީ.
Data Engineering
18 September 2020
ތިފެންނަނީ އަންނިގެ ހުދުމުހުތާރު ކަމުގެ މިސާލެއް. ތި ކޮމެޓީގައި ސުއައިބު ނޫނީ ތެން ތިބީ ހުސް އަންނިގެ ޕަޕެޓުން. ދެންވެސް ކިޔާތި ޑިމޮކްރަސީއޭ ނޫނީ ބަރުލަމާނީއޭ.
ޙަލީމު
18 September 2020
އިބްރާހިމް އިސްމާއީލު، ޑޮކްޓަރު މުނައްވަރު، ޑޮކްޓަރު ޑީޑީ، އަލްހާން ފަހުމީ، މިއީ ރައީސް ނަޝީދާއި އެއް ލެވެލް އެއްގައި އެމްޑީޕީގައި ތިބެދާނެ ކަމަށް ހީވެގެން ބޭރު ކޮށްލެވުނު މީހުން.
ޑޮކްޓަރ ރ
18 September 2020
ޝުޢޭބޫ ބުނަން ވާހަކަ އެއް. ތިޔަ ޖެއްސީ މާކުރީ ޒަމާނުގައި ޖައްސާ އުޅުނު ޓެކްނިކެއް. އެޒަމާނުގައި 14 ކޯނަރ އަކީ ގޯލެއް. މިހާރު ތީތި ކަނޑަ. އެއީ މިހާރު ރާއްޖޭ އެންމެންވެސް ތިބީ ކިޔަވައިގެން. އެންމެނަށް ވެސް އިނގޭ ޝުއެއިބު މިއުޅެނީ، "އޮފް ސައިޑް" ވިޔަސް ރެފްރީއަށް ނުފެންނާނެ ކަމަށް ހިތާކަމަށް. މިހާރު މިއީ ސީސީޓީވީގެ ޒަމާން. ރެފްރީ އަށް ޝައްކު ވިޔަސް، ވީޑިއޯ ރެކޯޑިންގު ބަލާލެވޭނެ ފާސްޓްފޯވަޑަށް ޖައްސައިގެން. މިބުނި އެއްޗެއް ގެޓް ވާނެކަމަށް ހީކުރަމެވެ.
ބޯގަޅި
19 September 2020
ޑޮކްޓަރ ރ އައް ތިޔަލިޔެވުނުއެއްޗަކާ ލިޔަންއުޅުނު އެއްޗަކާ، ތީގެން އޮޅުންފިލިއެއްޗެއް އެބައޮތްބާ. ބޮޑައްލަފާކުރެވެނީ ތި ރ ތިހިރީ ބަނގުވެފަކަމައް.!!!!.
ދެރަ
17 September 2020
ސުއައިބު ދެރަނުވާތި. ޢަހަރެމެން އާއްމުން މިތިބީ ސުއައިބުއާއެކު.