ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ދައުވާތަކަށް އަދީބު އިއުތިރާފް: އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ސަރުކާރުން ހިންގި ބޮޑު ސްކޭމެއް، އެންމެންނަށް ފައިދާ ލިބުނު

އަދީބު: އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެ ވަޑައިގެންފައި -- ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގެން، އޭގެ ތަފްސީލުތައް ފުރަތަމަ ފަހަރަށް ކޯޓުގައި ދެއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާ އެކެވެ. އެ މައްސަލަތައް އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން އެންގީ އެ މައްސަލަތައް އަލުން ކްރިިމިނަލް ކޯޓުން ބެލުމަށެވެ.

އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވުމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަމިއްލައަށް އިސްވެ، މި ވާހަކަތައް ކިޔައިދީ، އިއުތިރާފް ކިޔައިދެމުންދާ ވާހަކަތަކަށް ރިއާޔަތްކޮށް، ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދިނުން (އެދެން)." އޭނާ ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ކުރީގެ ސަރުކާރުން އެ މައްސަލަ ބަލަން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އޭރު މަސައްކަތްކުރީ ދެ ތިން މީހަކާ ހަމައިން މައްސަލަ ނިންމާލަން ކަމަށެވެ. އަދި އޭނާ ޖަލުގައި ހުންނެވި ދުވަސްވަރު އެކަމާ މެދު ވިސްނައިވަޑައިގެން، ދައުލަތަށް އެއްބާރުލުން ދެއްވަން ނިންމެވީ ކަމަށާއި އެގޮތުން މިދިޔަ އަހަރުން ފެށިގެން އެއްބާރުލުން ދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރިހާ މުއައްސަސާތަކަކުން ޖަވާބުދާރީ އެބަ ކުރުވާ. ކުރީގެ ސަރުކާރުން އެކަމެއް ނުކުރޭ." އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން މުއާމަލާތްތައް ހިންގަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އޭރު އެކަންކަން ކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމަށާއި އަދި ލިބުނު ފައިސާތައް ރައީސް ޔާމީނާއި މަޖިލީހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ހޭދަކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭނެ މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި." އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ލިބުނު ފައިސާތައް މާލީ އިދާރާތަކުގެ ތެރެއިން އެއްވެސް ހުރަހެއް ނެތި ދައުރު ކުރަމުން ދިޔައީ އޭރުގެ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ކުރެއްވި ހުރިހާ ކަމަކީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެކަމަކީ ދުރާލާ ރާވައިގެން ކޮށްފައި ހުރި ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުރީގެ ސަރުކާރުން ވަކި ގޮތަކަށް ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން ހިންގާފައިވާ ކަމެއް މިއީ." އަދީބު ވިދާޅުވި އެވެ.

ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނަވައިިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާތީ އެވެ. އޭގެ ތެރެއިން ގިނަ ރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ޖަމާވީ އެސްއޯއެފްގެ އެކައުންޓަށެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރަނީ މަގާމުގެ ނުފޫޒު އަދީބު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރުސީ ބޭނުން ކޮށްގެން ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ދޫކޮށް، ބަޔަކަށް ފައިދާތަކެއް ހޯދައިދީފައިވާތީ ކަމަށް ބުނެ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރަނީ ވެސް ބިޑް ކުރުމެއް ނެތި ބައެއް ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށް، ލިބެން ނުޖެހޭ މަންފާތަކެއް ހޯދައި ދީފައިވާތީ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ގަތުމަށް އެމްއެމްޕީއާރުސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ދެއްކި ފައިސާ އެސްއޯއެފް އާއި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ ހޯދުމާއި އެމްޓީޑީސީ އަތުން އެމްއެމްޕީއާރުސީން ލޯނެއްގެ ގޮތުގައި ހޯދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ އަދީބުު ހޯދާފައިވާ ކަމަށް ބުނެ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަން އެނގިހުރެ، އަދީބުގެ ބެލުމުގެ ދަށުން އެ ފައިސާ ބަހައްޓައި އަދި ބޭނުން ކޮށްފައިވާތީ ކަމަށް ބުނެ އެވެ. މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ ކުރަނީ އެމްޕީއެލްއާ އެކު އެމްއެމްޕީއާރުސީން ހިންގި ޑޮލަރު ވިއްކުމުގެ މުއާމަލާތުގެ ތެރެއިން ލިބުނު ފައިސާތައް އޭނާގެ ބެލުމުގެ ދަށުގައި ބަހައްޓައި، ބޭނުން ކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ފުރަތަމަ ދައުވާގައި އަދީބަށް އަންނާނީ ހަތަރު އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. ދެވަނަ ދައުވާގައި އަންނާނީ ދެ އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިިދާ ހޯދައި ދިނުމުގެ ދައުވާގައި ހަ މަހަށް އަދި ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ އަދަބެއްގެ ގޮތުން އެއް މަހަށް ޖަލަށްލުމުގެ އަދަބެއް އަންނަ ގޮތަށް އެއްބަސްވުމުގައި ހިމަނާފައި ވާއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހަށް ޖަލަށްލުމަށް އެއްބަސްވެފައިވެ އެވެ. މަނީ ލޯންޑްރިންގެ ދައުވާގެ ކޮންމެ ދައުވާއެއްގެ އަދަބެއްގެ ގޮތުން އެއްބަސްވެފައިވަނީ ފަސް އަހަރަށް ޖަލަށްލުމަށެވެ.

އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގަންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްގެ އެއްބަސްވުން ހެެދީ މަޖުބޫރު ކަމެއް އޮވެގެންތޯ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އެ ސުވާލުތަކަށް ފަހު ގާޒީ ނިންމެވީ އަދީބުގެ އިއުތިރާފް ބަލައިގަތުމަށެވެ.

އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގެންފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ. އަދި ހުކުމްކޮށް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ އަމުރު ކުރެއްވި އެވެ.

78 ކޮމެންޓް, 220 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 3%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވީލް007

03 October 2020

އިއުތިރާފު ވިއަސް މާފު ނުކުރެވޭނެ ދައުލަތައް ލިބުނު ގެއްލުން ދެމިއޮތްހާ ހިނދަކު. މީނަ ރަންކޮށްގެން މީނަގެ އަނބު ލަދެއް ނުގަނޭ. އަދީބުގެ ބޭންކް ހުރި ފައިސާ އައި ހުރިހާ މުސަލެއް ދައުކަތައް ނަގަންޖެހަެ އަދި ރ. ޔާމީނާ ޒިޔަތުގެވެސް.

The name is already taken The name is available. Register?

މަގޭފުތު

01 October 2020

އަދީބު ކަހަލަ ބަސްއަހާ ކުދިން މަދުވާނެ މިދުނިޔޭގަ. ޔާމީން ހަމަ ބުނެލާއިރަށް އެހުރިހާ ކަމެއް ކޮށްދިނީ އަމިއްލަ އެއްވެސް އެދުމެއް ނެތި ރަގަޅު ގޯހެއް ބެލުމެއްނެތި. ކީކޭ ދެން ބުނާނީ؟ ވިސްނާލީމަ ބަސްހުސްވާނެ ހަމަ.

The name is already taken The name is available. Register?

ފަން5

01 October 2020

ޔާމީނުގެ އިރުޝާދުގެ ދަށުން ކުރި ކަމެއްގައި ޔާމީނަށްވުރެ މީނަގެ ރައްޓެހިންނާ ދަންނަ މީހުންނަށް އެފައިސާއިން ފައިދާވީ. ޔާމީނު ބުނެގެން ހުރިހާ ކަމެއްކުރިނަމަ 1 ފަހަރު ނަމަވެސް މިދިޔަ ސަރުކާރުގައި އެވާހަކަ ނުބުނެވުނީ ކީއްވެބާ ޖަލުގައި އޮވެ ބޭނުންވާހާ ބަޔާންތައް ނެރުނުއިރު. ލޯންޗް ގޮއްވާލައިގެން ޔާމީން މަރުވިނަމަ ދެން ރައީސަކަށް ވާން ހުރި މީހާ ކިހާވަރަކަށް ތެދު ހަދާނެބާ؟ ޔާމީނު ބުންޏޭ ބުނުން ފިޔަވައި މީނާ ދެއްކި ހެއްކަކީ ކޮބައިބާ؟

The name is already taken The name is available. Register?

މުލޭ

01 October 2020

ތިޔަ އިޢުތިރަަފަކީ ގުޅިގެން ހިންގި ސްކޭމަކަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.

The name is already taken The name is available. Register?

އަބްދުއްﷲ މާލެ

01 October 2020

ތީ ހަމަ ޕީޖީ ޝަހީމް ގަސްދުގަ ކުރާކަމެއް... މިވަރުގެ ބޮޑުވަގަކަށް ދޫދީގެން ނުވާނެ

The name is already taken The name is available. Register?

12134

01 October 2020

މި ދައުރު ނިމޭއިރުވެސް ތިހެން ކިޔަކިޔާތިބެ. ވާކަމެއްނެތް

The name is already taken The name is available. Register?

ސަރީފު އަލީ

01 October 2020

ތިޔަ އޮތީ އަބަދު ލުއި ދޭނަމޭ ބުނެ ދައުލަތުން ބޭނުންވާ ގޮތަށް އިއުތިރާފް ލިޔެފައި...ކުރިންވެސް މިހާރުވެސް އެގޭ ކަމަކީ އަދީބު އެއީ ނަސީދުމެން ޔާމީނު ސަރުކާރުގައި އެޅުވި ފައްޔެއްކަން..މިހާރުވެސް އެކަން އެދަނީ އެގޮތަށް...މިސަރުކާރުން އަދީބު ފިލުވަން ޓަގުބޯޓަކަށްލީވެސް...އަދީބު ގެ މިސްޓޭކަކުން އިންޑިއާސިފައިން ބޯޓުން ބޭލުވީ އިންޑިއާމީހަކު ރިޕޯޓް ކުރީމައި..

The name is already taken The name is available. Register?

ރެކިފުތާ

01 October 2020

ވައްކަން ކުރި ކަމަށް އެއްބަސް ވީ މަ ވެސް "ވިދާޅުވަނީ"، ގައުމުގެ ވެރިން ކުރީމަ މާތްކަމަކީ ތަ ވައްކަމަކީވެސް.. ވަރަށް ދެރަ ކަމެއްމިވެސް.. ރިޕޯޓް ލިޔާ ކުދިންވެސް ވިސްނާލުން ރަނގަޅުކަމެއް ކަމަށް ފެނޭ

The name is already taken The name is available. Register?

ނެގުނުކަތީބު

01 October 2020

ތީތި ކަޑަ! މިހާރު ހުރިހާވެސް މީހަކީ ޕީޖީ؟ ޝަރީޢަތެއް ބާއްވާނެ ކަމެއްވެސް ނެތްތާއޭ، ޕީޖީގެ އެއްބަސްވުމުގައިވާ ހުކުމްޖައްސަވާ. ކޭމީހާއަށް ކޭކަމޭ! ނުކޭމީހާއަށް ބަނޑުހައިކަމޭ! ކޭމީހާއަށްހުރި އުފަލެއްގެ ބޮޑުކަމޭ! ނުކޭމީހާއަށް ހުރި ހާންތިކަމެއްގެ ބޮޑުކަމޭ! އެކަމަކު އާޚިރަތުގައި ކޭ މީހާއަށް ހުރި ނިކަމެތިކަންތާއޭ؟ އެކަމަކު ނުކޭމީހާއަށް އާޚިރަތުގައި ހުރި އުފަލެއްގެ ބޮޑުކަމެއްތާއޭ؟

The name is already taken The name is available. Register?

ޢަފްލާ

01 October 2020

ޕީޖީއަކަށް އަދަބް ކަނޑައެއް ނޭޅޭނެ މިކަމުގަ މިސަރުކާރުގެ އިސްވެރިންގެ ރޭވުން ތަށް އެބައޮތް ވަރައް ބޮޑަށް ރާވައިގެން ކުޅޭ ޑްރާމާއެއް މީ އަދީބް އެއްބަސްވުމަކީ އަދަބު ލުއިކުރަންޖެހޭ ސަބަބެއް ނޫން

The name is already taken The name is available. Register?

ޢަލީބެ

01 October 2020

އަދީބު އެއްބަސްވެގެން ހޯދޭނެ ފައިސާއެއްނެތް. އެހެންވީއިރު އަދަބު ލުއިކުރަންވީ ސަބަބެއް ނުވިސްނޭ. ފައިސާތައް ހުރީ ވަންތަންތަނަށް ވަދެ ފިލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454