ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސަކަށް ހަމަޖެއްސެވި ހަސަން ވަހީދު.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
01 އޮކްޓޯބަރ 2020 - 17:48
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ ރައީސް ހަސަން ވަހީދު، މަސައްކަތް ކުރައްވާނެ އެކަށީގެންވާ މާހައުލެއް ނެތިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީގެ ރައީސް، ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑު ފެތުރިފައި ވިޔަސް އަދި ބޮންޑޭ ކުރެއްވި ތުހުމަތަށް ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.
އިސްތިއުފާ ދެއްވީތޯ ޔަގީންކުރަން "މިހާރު"ން ގުޅުމުން އަދި ކުރި މެސެޖްތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އެކަމަކު ހިތްހަމަނުޖެހުންތަކަކާ ހެދި އިސްތިއުފާ ދެއްވައިފި ކަމަށް އިއްޔެ އިން ފެށިގެން އެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޤާނޫނު 3/2013ގެ ދަށުން ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އާއި މެމްބަރުންނަށް އެ ޤާނޫނުގެ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާޙައުލެއް ނުލިބިގެން އިސްތިއުފާދޭންޖެހޭ ހާލަތަކަށް ދިޔުމަކީ ހިތާމަކުރާކަމެއް.!
— Ibrahim Rasheed (@BondeM4) September 30, 2020
ބޮންޑޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓަކޮށް އިވެލުއޭޓްކުރަން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސާއި މެމްބަރުންނަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލެއް ނުލިބިގެން އިސްތިއުފާދޭންޖެހޭ ހާލަތަކަށް ދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
އެކަމަކު އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި، ޕްރައިވަޓައިޒޭޝަން ބޯޑަށް ސިޔާސީ ބޭފުޅެއްގެ ނުފޫޒު ބޮޑުވުމުން، އެކަމާ މެދު ބޯޑުގެ ރައީސް ވަހީދުގެ ހިތްހަމަނުޖެހުން އޮތެވެ. މިނިވަންކަމާ އެކު ނިންމުންތައް ނިންމުމުގެ ބާރު ގާނޫނުން އޮންނަނީ އެ ބޯޑަށް ލިބިދީފަ އެވެ.
މި ސަރުކާރުގައި ވެސް ބައެއް ކުންފުނިތަކުގެ މައްސަލަތަކެއް ޕީސީބީން އައީ ބަލަމުންނެވެ. އެ ބޯޑު މިނިވަންކޮށް ހިނގާތޯ ކަށަވަރުކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްްއޯއީ ކޮމިޓީ)އަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ބޮންޑޭ ވަނީ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. މަޖިލީހަށް އެ މައްސަލަ ވެއްދީ އޭނާ ވިދާޅުވެފައިވާ ގޮތުގައި، ބޯޑު އުފެއްދި ގާނޫނުގައި ބުނާ ގަވައިދުތައް އަދިވެސް ނުހަދާ ހުރުމުންނެވެ. އެ ގަވާއިދުތައް ނުހަދައި ހުރުމަކީ އޭނާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގަން ހުޅުވާލާފައިވާ ދޮރެކެވެ.
ޕީސީގެ ޒިންމާ އަދާކުރާ ވަރު ބަލަން އޭނާ ހުށަހެޅުއްވި މައްސަލައިގައި ގިނަ ކަންތައްތަކެއް މަޖިލީހުން ބަލަން އެދިވަޑައިގެންނެެވި އެވެ. އެގޮތުން އެބޯޑުން މިހައިތަނަށް ހަދާފައިވާ ގަވައިދުތައް ހަދާފައި ވަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެޖްޓިސްއާ އެއްގޮތަށްތޯ ބެލުމާއި ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ނުހަދާ ހުރީ ކޮންކޮން ގަވައިދުތަކެއްތޯ ބެލުން ހިމެނެ އެވެ. ޕީސީބީ އުފެއްދި ގާނޫނުގައިވާ ގޮތަށް އެބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދޭ ތޯ ނުވަތަ ނޫންތޯ ބަލަން ވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ގާނޫނުގައިވާ ގޮތުން ބޯޑުގައި ތިބެން ޖެހެނީ ހަތް މެމްބަރުންނެވެ. މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.
ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. އެކަމަކު، ޕީސީބީ އަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ.
މި ސަރުކާރުގައި ބޯޑު އަލުން އައްޔަންކުރީ، ރައްޔިތުންގެ މަޖިލީހުން ރައީސަށް ލަފާ އެރުވުމުންނެވެ. އެއީ، ކުރީގެ ސަރުކާރުގައި ޕީސީބީގެ ރަނގަޅު އޮނިގަނޑެއް ހަދާފައި ނެތުމުން އިދާރީ ހިންގުމަށް ބޭނުންވާނެ ގާބިލް މުވައްޒަފުން ބޭނުންވާ އަދަދަށް ނުލިބުމާއި ބޯޑުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވުމާއި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންކަން ނުކުރެވުމާއި ގާނޫނު އެންމެ ފުރިހަމަ ގޮތަށް ތަންފީޒު ނުކުރެވޭ ކަމަށް މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުން އެނގުމުންނެވެ.
ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާ ނުވާ ތަންތަނާ މެދު އަޅާނެ އިސްލާހީ ފިޔަވަޅެއް ބޯޑުން ކަނޑައަޅާފައި ނެތެވެ. ބައެއް ކުންފުނިތައް ދިރާސާކޮށް ހިންގުން ހަރުދަނާ ކުރުމަށް ދޭން ޖެހޭ ލަފާ ބޯޑުން ދިނަސް، ހުރިހާ ކުންފުނިތައް ދިރާސާ ކުރާނެ ގާބިލް ކަމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރު އަލީ
06 October 2020
ވަރަށް ރަނގަޅު ނިންމުމެއް، ސަބަބަކީ އެސްއޯއީސް ހިނގަނީ ކޮންމެވެސް ނުފޫޒު ގަދަ މިނިސްޓަރެއްގެ ދުފާ ފޮށިން ދުފާގޮތަށް ، ކުންފުނިތަކުގެ އެމްޑީގެ ނުފޫޒު އޮވެ ގިނަ އެސްއޯއީސްގެ ބޯޑުތަކުގެ މެމްބަރުންގެ މުސްތައްގިލުންކަން ވަނީ ގެއްލި ގިނަ ކުންފުނިތަކުގެ އެމްޑީ އާއި ޑީއެއްމްޑީގެ ތަޅާފޮޅުން ، ޕަވަރ ސްޓްރަގްލް ކުރުމުގައި ގިނަ ކުންފުނިތައްށް ހިނގަމުންދަނީ އަދި ކޮރަޕްޝަން ސްމާޓްވެ އެކަމަށް ބަހެއް ބުނާ މީހާ ޖެހެނީ ޒައިޒްވާ ގޮަށް އެސްއޯއިސް ހިނގަނީ
ބޮޑު ވަޒީރު
03 October 2020
އުހުނ. މަޖިލީހު އެސްއޯއީ ކޮމިޓީ އުޅުނުގޮތުން މަށަށް ހީވި ޕީސީބީ އަކީ މިއީ ބާއޭ. ވަރަށް ހަޑިކޮށޭ އުޅުނީ. ނެތް ބާރެއް އޮތްކަމަށް ހަދައިގެން ކުންފުނިތަކުގެ މެނޭޖްމަންޓަށް އަމުރުކުރާ ހިސާބުގަ ތިބީ. ދެން އެހެން މީހުންގެ ވާޖިބު އަދާކުރާނީވެސް ކިހިނެއް.
ޖޭމް9
02 October 2020
ތިޔަތަނަށް ލާބަލަ ކުރީ އޭޖީ ނިޔާޒް. އެކަމަކު އެމްޑީިޕީ ބްރޯ ފެކްޝަނުން (ފަޔާ ޝިއްޕެ) ހިއެއް ނުވޭ ގަބޫލު ވާނެހެން. ކުންފުނިތަކުން ކަޓު ކާން އުނދަގޫ ވެދާނެތީ! މިއޮތީ ވާގައުމެއް.
ކަކުނިބޯ
02 October 2020
ކަ މެއްކުރަން އެގިގެން ކަ މެއްވާނީ ނުވަންޔާ އޮންނާނީ އިސްތިޔުފާދިނުން ނުހިންގިގެން ޕްރެޝަރ އަންނަންޔާ. ތިޔައީ ވަޒީފާއަކުން އިސްތިޔުފާދޭނެ ބޭފުޅެއްނޫން ނަޒާހަތްތެރިކަ މަކުން އެކންވަރަށްސާފު ހަ މަ ހިހޫތަނުން ކާންބޭނުންވަނީ
ތިލަފަޅު މޫސަ
01 October 2020
މާލީ ވަޒީރު މި މައްސަލައިން ނައްޓާފަ ނުދާނެ ! ފިނޭންސް މިނިސްޓްރީން ގެ ސެކެރެޓޭރިއަޓް އެހިވާންޖެހޭ މަޖިލީހުން ކަނޑައަޅާއިވާ ބޯޑެއް. މަގުސަދަކީ ސަރުކާރު ކުންފުނިތައް މޮނިޓަރކުރުން
ކަންނާޑި
01 October 2020
މަޖިލީހުން ރައްޔިތުން ގެ ރުހުންދީފައިވާ ބޯޑެއް ހިންގަންޖެހޭނީ މިނިވަންކަމާއިއެކު ޖަވާބުދާރީވާން ޖެހެނީ ރައްޔިތުންނަށްކަމަށް ވީއިރު ވަކި ވަޒީރަކު ބޭނުންވާ ގޮތަށް ރައްޔިތުން ގެ ވިޔަފާރި ކުންފުނިތަކަށް ނުފޫޒު ފޯރުވުމަކީ ކޮރަޕްޝަން.
މުދިމު ކަތީބު
01 October 2020
މަޖިލީހުން ބޯޑަށް ކަނޑައެޅި ފާރާްތްތަކަށް ގާނޫނުގައި ބުނާ ސަރުކާރު ކުންފުނިތައް މޮނިޓަރ ކުރުމާއި ގާވާއިދުތައް ހަދާ ގެޒެޓް ކުރުމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް އަދާކުރަން ހުރަސް އްޅުމަކީ ގާނޫނީ ބާރުކަނޑުވާލުން ރައްޔިތުން ގެ ބާރުކަނޑުވާލުން...! ގާނޫގައި މި ކުށަށް އޮތް އަދަބެއް ލަސްނުކޮށް އެފަރާްތަކަށް ދޭންޖެހޭ!
ޢިބޫ
01 October 2020
ބުރޯގެ ނުފޫޒު ފޯރުވަނީ ދޯ.؟ ކުންފުނި ތަކުގަ ގިނައިން ތިބީ ބުރޯގެ މީހުނޯ ކިޔާ އަޑު އިވޭ އެއީ ތެދެއްބާ؟
މަގު އޮޅި ދެފައި އޮޅި ސަރުކާރު
01 October 2020
ބޮންޑާ ތި ބޯޑް އާއި ހަވާލުވާން ވީނޫންތޯއެވެ. ޔައުޤުބު ވެސް އެ ހުރީ ބޯޑސކާ ހަވާލު ވެގެން ވިއްޔާއެވެ.
އަލީ އަނީސް
01 October 2020
ތިޔަ ހަސަން ވަހީދު އިސްތިއުފާ ދިނީ ކުންފުނިތަކުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބަލާތީ އެކަން މަޖިލީހުން ބަލަން ފެށުމުން ކަމަށްވަނީ.
ކައިޖީން
01 October 2020
އެއީ ކުންފުނި ތަކުގެ ކޮރަޕްޝަން ބަލަން އުފެއްދި ބޯޑެއް ނޫން. އެހެނަސް ކުންފުނިތަކުގެ އޮނިގަނޑާއި އިދާރީ ހިންގުމުގައި ކޮރަޕްޝަނަށް މަގު ފަހިވާ ކަންކަން ނުވަތަ ކޮރަޕްޝަން ހިންގޭނޭ ދޮރުތަކެއް ހުރިތޯ ބެލިދާނެ. ކޮރަޕްޝަން މައްސަލަތައް ބަލަން އޮންނާނެ ކޮމިޝަނެއް ޤާނޫނީ ބާރު ލިބިގެން ހަރަކާތްތެރިވާ.
ހައްވާޅު ގޯތި
02 October 2020
ދައުލަތުގެ ކުންފުނިތައް މޮނިޓާރކޮށް ކޮރަޕްޝްން މައްސަލަ އުޅޭ ނަމަ ދައުވާ ކުރަން ޕީޖީއަށް ވެސް ފޮނުވުމުގެ ގާނޫނީ ބާރުތައް ލިބިދީފައިވާ ބޯޑެއްް