އައްޑޫ ކައިރިން މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކަނޑުމަތީގައި: އެ މައްސަލާގައި ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ވަނީ އަންގާފައި
27 އޮކްޓޯބަރ 2020 - 13:45
ރާއްޖެ އެތެރެކުރަނިކޮށް އައްޑޫއިން އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބޭރުގެ ބަޔަކާ ގުޅިގެން މިމަހު ކުރީކޮޅު ކަނޑުމަގުން އައްޑުއަށް އެތެރެކުރަނިކޮށް އަތުލައިިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 16 މީހަކު ހައްޔަރުކޮށް، ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ. ބާކީ އަށް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ ތެރެއިން އެކަކު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިތަދޫ ކޯޓުން އޭނާ ދޫކޮށްލީ ހެކި ނެތިގެން ކަމަށް ބުންޏަސް، އޭގެކުރިން ދެ ފަހަރެއްގެ މަތިން އޭނާ ބަންދުގެ މުއްދަތު އެ ކޯޓުން އިތުރު ކުރިއިރު އެކަށީގެންވާ ހެކި ހުރި ކަމަށް ނިންމާފައިވާ އެބައޮތް ކަމަށެވެ. އަދި މި މަރުހަލާގައި ބަލަން ޖެހޭނީ ކުށް ސާބިތުވާ މިންވަރުގެ ހެކި ހުރިތޯ ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވާ ގޮތުން މި މަރުހަލާ ބަލަން ޖެހޭނީ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރިތޯ ނުވަތަ ނޫންތޯ އެވެ. އަދި އޭނާއާ ދެކޮޅަށް އެ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލާގެ ބާވަތުން އޭނާ ދޫކޮށްލާފައި ބެހެއްޓުމަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ދޫކޮށްލަން ހިތަދޫ ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އަދި މިއަދުން ފެށިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރާ ކަމަށެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
އެގޮތަށް ހައި ކޯޓުން އެންގިއިރު، ދަށު މަރުހަލާގައި ހިނގަމުންދާ މައްސަލަތަކުގައި ހައި ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރުމަކީ މިހާރު ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރޮށި
28 October 2020
ބަލަރަށުކޫދުން ކޮމިޝަންދޭ ކޫދުން އަފިރިންގެ ރަށަކޫދުންވީމަ ވަރިހަމަތާ ދޫކެރާނެތާ ފައިދާވޭހެ އެގޮތައްދޫކެރީމަ
ބިސް
27 October 2020
ހިތަދޫގެ ތި ފަނޑިޔާރު ތި ކޯޓަކަށް ކުފޫ ހަމައެއް ނުވޭ ނޫނީ ކޮރަޕްޓު. ޖޭއެސްސީ މިކަން ބަލާދިނުން އެދެން.
ބަބުރަންޖީ ހާޖީ
27 October 2020
ހައެއްކަދުވަސްތެރޭގާ ތިކަންވެސް އޮބިދާނެ ރައްޔިތުންވެސް ހުރިހާކަމެއް ހަދާންނެތިދާނެ. ދެން ހަމަ ތިމީހުން އެތެރެކޮށްލާނީ ޓަނެއް. ދެން އަނެއްކާވެސް ހަމަ ސޭމް ސްޓޯރީ އޮންނަނީ.