07 ނޮވެމްބަރ 2020 - 07:32
ޖަޕާނުގެ އާބާދީ އިތުރުވުން ވަރަށް ބޮޑަށް ދަށްވެފައިވާތީ، ދަރިން ހޯދަން ބޭނުންވާ އަންހެނުންނަށް އެކަން ކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ދޭ މެޑިކަލް އިންޝުއަރެންސްގެ ތެރެއިން އައިވީއެފް ހެދުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
މިކަމަކީ މިދިޔަ ސެޕްޓެމްބަރު ޖަޕާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޔޮޝިހިޑޭ ސުގާގެ ވައުދެއް ވެސް މެ އެވެ. އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ އެހީގައި ދަރިން ހޯދަނީ އަންހެން މީހާގެ ހަށިގަނޑުން ބިސް ނަގައި ފިރިހެން މީހާގެ ދަރިފަންޏާ ގުޅުވައި ދަރިމައިކޮށް އެއަށް ފަހު އެ އެމްބްރިޔޯ ރަހިމު ތެރެއަށް ފޮނުވާލައިގެންނެވެ.
ޖަޕާނު ސަަރުކާރުން ބުނީ އައިވީއެފް ހަދަން ބޮޑު ހަރަދެއް ހިނގާތީ އަމިއްލަ އަށް އެކަން ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުން ހުރީ އައިވީއެފަށް ކުރަން ޖެހޭ ހަރަދު ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަހިކޮށް ދިނުމެވެ. އަދި މި އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
މީޑިއާތަކުން ބުނީ އައިވީއެފަށް ކުރަން ޖެހޭ ހަރަދު ސަރުކާރުން ކަވަރުކޮށްދޭން ފެށުމުން އެ ޕްރޮސީޖާގެ އެހީގައި ދަރިން ހޯދާ މީހުން ޖަޕާނުގައި އިތުރުވާން ފަށާނެ ކަމަށް ބޮޑުވަޒީރު ގަބޫލުކުރައްވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން ވެސް ވިދާޅުވަނީ ޖަޕާނުގެ އާބާދީ އަށް މިކަމުން ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ސައިތާމާ މެޑިކަލް ޔުނިވަސިޓީގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޕްރޮފެސަރު އޮސާމޫ އިޝިހާރާ ވިދާޅުވީ އައިވީއެފް ހަދަން ހަމައެކަނި މާލީ އެހީ ދިނުމުން ނުފުދޭ ކަމަށެވެ.
"މިއާ އެކު އެބަޖެހޭ ދަރިން ހޯދުމާ ގުޅޭ ގޮތުން ޖަޕާނުގެ ރައްޔިތުންގެ މެދުގައި އޮތް ވިސްނުން ވެސް ބަދަލުކުރަން. އަދި އައިވީއެފާ އެކު އެބަޖެހޭ ދަރިމައިވުމުގެ ކަންކަމާ ގުޅޭ ގޮތުން ފިރިހެނުންނާ ގުޅުން ހުރި ސިއްހީ ކަންކަމަށް ވަރަށް ބޮޑަށް ފޯކަސްކުރަން ވެސް." އޭނާ ވިދާޅުވި އެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާން ފާހަގަކުރެވިފައި ވަނީ ޒުވާނުންގެ އާބާދީ ވަރަށް ދަށް، މުސްކުޅިންގެ އާބާދީ އިންތިހާ އަށް ބޮޑު ގައުމެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން އިޖުތިމާއީ އިގުތިސާދީ މައްސަލަތައް އެ ގައުމަށް ތަޖުރިބާކުރަން ޖެހިފައިވެ އެވެ. މިހާރު ވެސް އެ ގައުމުގެ އާބާދީގެ 33.0 ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްލު މިއޮތީ
07 November 2020
އިންސާނުން ދުނިޔެއަށް ފޮނުއްވި މަގްސަދު އޮޅުވާލައި، ފިތުރަތުގެ އުސޫލުން ބޭރުވެގަނެއްޖެ ކޮންމެ ބަޔަކަށް އާހިރުގައި މިފަދަ އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު އެންގެވި ގޮތް ނޫން "މޮޅުގޮތްތަކެއް" ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން. ޖަޕާނުން އެފެންނަނީ އޭގެ ހެކި. މިރާއްޖެވެސް ދަތުރުކުރަނީ އެ މިސްރާބަށް. ވިސްނޭނީ ވިސްނާ ބަޔަކަށް. މީހަކު ބުނާހާއެއްޗެއް ގަބޫލްކުރާ ބަޔަކަށް ނޫން.