ޚަބަރު / ކޯޓް

ދީބާޖާގެ ބަދަލު 174 މިލިއަނަށް ކުޑަކޮށް، އެއްބަސްވުމެއް ހަދާފައެއް ނޯންނާނެ: ދައުލަތް

ސުޕްރީމް ކޯޓު: ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއު ކުރުމުގެ މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލާފައި -- ފޮޓޯ/މިހާރު

ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކޮށްގެން އެއްވެސް ކަހަލަ އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށް، ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން 2010 ގައި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން 2013 ގައި ބާތިލްކުރުމުން ބަދަލު ހޯދަން ހުށައެޅި މައްސަލާގައި، 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާއަށް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ކުރީގެ ސުޕްރީމް ކޯޓުން މިދިއަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ކުރިން އެ ހުކުމް ދެމެހެއްޓީ، ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި އޮއްވަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ދައުލަތުން އެދުމުން އޮތް އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އެތައް ސުވާލުތަކެއް ދެ ފަރާތަށް ވެސް ކުރި އެވެ. އެގޮތުން ދައުލަތަށް އަމާޒުކުރި އެއް ސުވާލަކީ، 348 މިލިއަން ރުފިޔާގެ ބަދަލު 174 މިލިއަން ރުފިޔާއަށް ކުޑަކޮށް، ދީބާޖާއާ އެކު އެއްބަސްވުމެއް ހަދާފައިވާނެތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލުންގެ ޓީމުން ބުނީ "އެފަދަ އެއްބަސްވުމެއް ނޯންނާނެ" ކަމަށެވެ.

ބަދަލުގެ މިންވަރު ކުޑަކޮށް ދީބާޖާއަށް ފައިސާ ދޭން އާ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީގައި މަޝްވަރާކުރިޔަސް، ވަކީލުން ބުނީ، އެކަމާ މެދު ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ކޮމިޓީގައި މަޝްވަރާކުރިއަށް ގެންދިއުމަކީ ދައުލަތަށް އޮންނަ ހައްގެއް ގެއްލިގެން ދާނެ ސަބަބެއް ނޫން ކަމަށް ވެސް، އެޓާނީ ޖެނެރަލްގެ ވަކީލުން ބުންޏެވެ.

ދައުލަތުން ދީބާޖާއާ ދެކޮޅަށް އެހެން ޕޮއިންޓެއް ވެސް ނެގި އެވެ. އެގޮތުން ދައުލަތުގެ ވަކީލުން ސުވާލުކުރީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް 174 މިލިއަން ރުފިޔާއަށް ކުޑަކުރަން، ސެޓްލްމަންޓް ކޮމިޓީގައި އެއްބަސްވީ ކީއްވެގެންތޯ އެވެ.

ދައުލަތުގެ ވަކީލުންގެ އެ ސުވާލަށް ދީބާޖާއިން ޖަވާބުދިނެވެ. އެގޮތުން ދީބާޖާ ތަމްސީލްކުރައްވާ ވަކީލް އަދި ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމު ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރެއްވުމަށް ފަހު މިހާރު ވަކީލެއްގެ ގޮތުން މަސައްކަތްކުރައްވާ މުހައްމަދު ހަލީމް ވިދާޅުވީ ބަދަލުގެ މިންވަރު ކުޑަކުރީ "ރައްޔިތުންނަށް ދޭ ހަދިޔާއެއް"ގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބަދަލުގެ މިންވަރު ކުޑަކުރަން އެއްބަސްވުމަކީ ބަދަލު ދޭން ނުޖެހޭ ކަމަށް ބުނެވޭނެ ސަބަބެއް ނޫނެވެ.

ކުރީގެ ހުކުމް އައީ ދައުލަތުން ހުށައެޅި ސަބަބުތަކަށް ރިއާޔަތްނުކޮށް

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ދީބާޖާއަށް ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރިން ހުކުމްކުރީ ދައުލަތުން ހުށަހެޅި ސަބަބުތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. ސިވިލް ކޯޓުން ދީބާޖާއާ އެއްކޮޅަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުން ލަސްވީ މަގްބޫލު ސަބަބުތަކެއް ހުރެގެން ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެކަމަކު އެ ސަބަބުތަކުގައި މަގްބޫލު އުޒުރެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް، ދައުލަތުގެ ވަކީލުން ފާހަގަކުރި އެވެ.

ދައުލަތުން ބުނި ގޮތުގައި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީބާޖާއަށް ދޭން ހުކުމްކުރި ގޮތް ނޭނގޭ ކަމަށް ހުށައެޅިޔަސް ސުޕްރީމް ކޯޓުން އޭރު އެކަމަށް ރިއާޔަތެއް ނުކުރެ އެވެ. އަދި އެވަރުގެ ބަދަލެއް ދޭން އެންގީ ކޮން ލިޔުމަކަށް ބިނާކޮށް ކަން ވެސް އެނގެން ނެތް ކަމަށާއި އެކަމަކު ދައުލަތާ ވަކިވަކި ސުވާލުތަކެއް ކުރުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް އިއްވީ މައުޟޫއީ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދީ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ދީބާޖާގެ ވަކީލް ހަލީމް ވިދާޅުވީ ބަދަލުގެ މިންވަރު ބޮޑުވުމަކީ އިސްތިއުނާފް މުއްދަތު ހަމަވާ ފަހުން އިސްތިއުނާފް ކުރެވޭނެ މަގްބޫލު އުޒުރެއް ނޫން ކަމަށެވެ. އަދި ދީބާޖާ މައްސަލައިގެ ހުކުމަށް ދާދި ފަހުން ސުޕްރީމް ކޯޓުގެ އެހެން ހުކުމެއްގައި ރިއާޔަތް ކޮށްފައިވާތީ އެ ހުކުމް މިިހާރު ވެސް ސުޕްރީމް ކޯޓުން ގަބޫލުކުރާ ކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ވާހަކަތައް ހުއްޓުވައިފަ އެވެ. އެ ހުކުމުގައި ދީބާޖާގެ މައްސަލާގެ ހުކުމަށް ރިއާޔަތްކުރީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ހަވާލާ ދިނުމުގެ ގޮތުން ކަމަށް، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗުން ބުންޏެވެ.

ދީބާޖާގެ ވަކީލުންގެ ޓީމަށް އިޝާރަތްކޮށް، ފަނޑިޔާރުންގެ ބެންޗުން އެންގީ ޝަރީއަތަށް އޮޅުވާލަން ވާހަކަ ނުދެއްކުމަށެވެ.

ހަލީމް ވިދާޅުވީ ބަދަލުގެ މިންވަރު ހިސާބުކުރި ގޮތް ނޭނގޭ ކަމަށް ދައުލަތުން ބުނާއިރު، ދީބާޖާއަށް ބަދަލު ދޭން އެންގީ މަޝްހޫރު އޮޑިޓް ފާމަކުން ހެދި ހިސާބުތަކަށް ފަހު ކަމަށެވެ. އެ ހިސާބުތައް ހަދާފައިވަނީ ދީބާޖާ އާއި ސަރުކާރާ ދެމެދު އެއްބަސްވުން ހެދި މުއްދަތަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން އޭނާ ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ފަހު ދީބާޖާއަށް ދޭން ޖެހޭ ބަދަލާ މެދު މިހާރުގެ ސަރުކާރުން މަޝްވަރާކޮށް، 174 މިލިއަން ރުފިޔާ ދޭން އެއްބަސްވި އެއްބަސްވުމެވެ.

ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަކަށް ވެސް ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ. އެގޮތުން އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފް ކުރުން ލަސްވީ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން ކަމަށް ދައުލަތުން ބުނާއިރު، އެޓާނީ ޖެނެރަލްގެ އޮފީހުގައި ވަކީލުންގެ މަސައްކަތްތައް ބަލާނެ ނިޒާމެއް ނޯވޭތޯ އާއި އެ މައްސަލަ އިސްތިއުނާފް ކުރަން ވަކީލަށް އިރުޝާދު ދީފައި ނުވަނީތޯ ބެންޗުން ސުވާލުކުރި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން ލަފާ ދިން ކަމަށެވެ. އެކަމަކު މައްސަލައާ ހަވާލުވެ ހުރި ވަކީލު އިސްތިއުނާފް ލިޔުންތައް ތައްޔާރުނުކޮށް ހުއްޓާ މުއްދަތު ހަމަވީ ކަމަށް ދައުލަތުން ބުންޏެވެ. އެކަން ފަހުން ފާހަގަވުމުން ކުރު މުއްދަތެއްގެ ތެރޭގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބުނެ، ދައުލަތުގެ ވަކީލުން އެ ސުވާލަށް ޖަވާބުދާރީވި އެވެ.

ދެން ބެންޗުން ސުވާލުކުރީ ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ރިވިއުކުރެވޭނީ ފާޅުކަން ބޮޑު ބޭއިންސާފެއް އޮވެގެން ކަމަށް އެ ކޯޓުގެ ގަވާއިދުގައި ބުނާ އިރު ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި އޮތް އެފަދަ ބޭއިންސާފަކީ ކޮބައިތޯ އެވެ. އެ ބޭއިންސާފު ސާފުކޮށްދެމުން ދައުލަތުގެ ވަކީލުން ބުނީ ބަދަލުގެ މިންވަރު ހިިސާބުކުރި ގޮތް އެނގެން ނެތުމާއި ބައެއް ނުކުތާތަކަށް ރިއާޔަތް ނުކޮށް ސުޕްރީމް ކޯޓުން މައްސަލަ ނިންމުމަކީ ބޭ އިންސާފެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ހައި ކޯޓަށް މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަން ދީބާޖާއިން ހައި ކޯޓުގައި ފާހަގަކުރިންތޯ، އެ ކުންފުންޏާ ސުވާލުކުރި އެވެ.

ދީބާޖާއިން ބުނީ އިޖްރާއީ ނުކުތާއެއްގެ ގޮތުގައި ހައި ކޯޓުގައިި އެކަން ފާހަގަކުރި ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަމަށް ވަކީލުން ބުންޏެވެ. އިޖުރާއީ ނިންމުންތައް ވަކިން އިސްތިއުނާފް ނުކުރީ، ވަކީލުން ބުނި ގޮތުގައި، ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލު އޮންނަ ގޮތުން އެގޮތަށް އެކަން ނުކުރެވޭނެތީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ދައުލަތުން ހުށަހެޅީ ނުވަ ވަރަކަށް މަސް ދުވަހު ފަހުން ކަމަށް ވާއިރު، އެއީ އެކަށީގެންވާ މުއްދަތެއްތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނީ ނިންމުންތައް ރިވިއުކުރަން ވަކި މުއްދަތެއް ގާނޫނުގައި ނެތް ކަމަށެވެ. އެހެންވެ، އެކަށީގެންވާ މިންވަރަށް ވުރެ ލަސްވެފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ދައުލަތުގެ ވަކީލުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

10 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫސުއްބެ

16 November 2020

ތިޔަ ޖެހޭނެ އެއްކޮށްދޭން, 2023 އަށް ކެމްޕެއިންވެސް ކުރަންއޮތީ ތީގެވެސް ބައެއް ބޭނުންކޮށްގެން. އެލެކްސް ހުއްޓާ ތިޔަނުދީ ވާނެ އެއްވެސް ގޮތެއްނޯންނާނެ.

The name is already taken The name is available. Register?

ދިއްދޫމީހާ

15 November 2020

ތިޔަ ދީބާޖާއިން ކުރި ކަމެއް އަދި ރައްޔިތުންނަ ދިން ހިދުމަތެއް ބުނެބަލަ؟؟ ކުރި އިންވެސްޓްމެންޓެއް ފެންނާކަނެތް، އެކަމުވެސް ބަދަލްދޭނެ، ބިގްއަ ބަދަލް ދިންގޮތައް ދީބާޖާއަ ވެސް ދޭނެ، ރޯޔަލް ބަދަލް، ރޯޔަލް ރޭޕް، ރޯޔަލް ވައްކަން ވިއްޔާ އޮންނަނީ،،،

The name is already taken The name is available. Register?

މުލޭ

15 November 2020

އަބަދުވެސް ބަދަލު މި ދެވެނީ އެއްކޮޅަށް. ތިޔަ ދީބާޖާއިން ފެރީގެ ނިޒާމުގެ ދަތުރުފަތުރުގެ ޚިދުމަތް ނުދިނީމަ ލިބުނު ގެއްލުމެއް ނެތީތޯ؟

The name is already taken The name is available. Register?

ތިމާވެށި

15 November 2020

އެމްޑީޕީގެ ތެރޭގަ ބޮޑު ކޯޅުންގަނޑެއް އުފެދޭނެ އެވެ. އެއްބަޔަކަށް އެތައް މިލިއަން ދީފަ އަނެއް ބަޔަކަށް ނުދިނީމަ އެވެ. ގާތް މީހުންނަށް ދީފަ ދުރު މީހުންނަށް ނުދިނީމަ އެވެ.

The name is already taken The name is available. Register?

ޙަސްން

15 November 2020

174 މިލިއަން ދޭން ރައީސް ނިންމެވި ނިންމެވުން އެއީ ކިހިނެއްވީ ކަމެއްބާ؟

The name is already taken The name is available. Register?

ބޮޑުވަޒީރު

15 November 2020

މަޝްހޫރު އޮޑިޓް ފާމަކުން އެހެން ބޭނުމަކަށް ދީފައި އޮތް ކަރުދާސް ކޮޅެއް. ސިވިލްކޯޓުން ބަދަލު ދޭން ނިންމި ނިންމުން ބިނާކޮށްފައި އޮތީ ޙޭ ހުރިމީހަކު ގަބޫލް ކުރާނެ އެކައުންޓިންގެ އުސޫލެއް ނޫން. މިފަހަރު ވާ އެއްޗެއް ބަލަން މިތިބީ.

The name is already taken The name is available. Register?

ހަކީމް

15 November 2020

348 މިލިޔަން ބަދަލު ދޭން ހުކުން ކުރީ ސިވިލް ކޯޓުން. މުހައްމަދު ހަލީމް އަކީ އޭރު ސިވިލް ކޯޓުގެ ގާޒީ އަކަށް ހުރި މީހެއް. މިހާރު ދީބާޖާ ގެ ލޯޔަރު. ކުރީގަ އޮތް ސްޕްރީމް ކޯޓު އޮތްއިރު މީނައަކީ ސްޕްރީމް ކޯޓުން އަނގަގޮތަށް ހުކުމް ކޮއްއުޅުނު މީހެއް ކަމަށް އަޑުތަށް އިވުނު. އޭރުގެ ޕޖ އިން މައްސަލަ އިސްތުނާފް ނުކޮއް ލަސްކުރީވެސް ރާވައިގެން. މިއީ ބޮޑުވެގެންވާ ވަރަށް ގިނަބަޔަކު ބައިއަޅައިގޮތަށް ހިންގާފައިވާ ބޮޑު ޖަރީމާ އެއް. އެންމެ ލޯލާރިއެއްވެސް ދޭކަށް ނުޖެހޭ.

The name is already taken The name is available. Register?

މުހައްމާ

15 November 2020

ހަލީ މްބާއި އަކީ އޭރު ސިވިލް ކޯޓު ޤާޒީ އެއްނޫން

The name is already taken The name is available. Register?

ކަސަބްލަންކާ

16 November 2020

ޙަލީމްއަކީ ދީބާޖާ މައްސަލާގަ ސިވިލް ކޯޓަށް އެކުންފުނީގެ ފަރާތުން ދިޔަ ވަކީލު، އޭގެ މާފަހުން އޭނަ އެކޯޓުގެ ގާޒީއަކަށްވީ. ނޭނގުނަސް ވާހަކަ ދައްކާތި

The name is already taken The name is available. Register?

ކޮސްގޮވާ

15 November 2020

ދިގުދެމިގެން ދާ މިމައްސަލަ ހައްލުވާނެ އިންސާފްވެރި ހުކުމެއް ނެރޭނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454