މަލީހް: އޭނާ ވިދާޅުވަނީ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހަޅަނީ އޭނާގެ ޒިންމާއެއް އަދާނުކުރައްވައިގެން ނޫން ކަމަށް.
16 ނޮވެމްބަރ 2020 - 12:30
އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއްގައި ފަރުވާކުޑަކުރައްވައިގެން ނޫން ކަމަށާއި ހައްގެއްގެ ބޭނުން ކުރެއްވުމުން އިތުބާރު ނެތިއްޖެ ނަމަ، "ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ" ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޯލިޝަނުން އުފެދުނު މި ވެރިކަމުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހް މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅަން މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގެންދަވަނީ ކުރައްވަމުންނެވެ. މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރެއާ ހަމައަށް އެމްޑީޕީގެ 10 މެމްބަރަކު ސޮއި ކުރެއްވި އެވެ.
މަލީހަށް އިތުބާރު ނެތުނީ އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދުމުންނެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް މައްސަލައިގައިވެ އެވެ.
މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ "މިހާރު" އަށް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައާ ތުހުމަތެއް ގުޅުވަނީ ނުބައިކޮށް ގާނޫނު މާނަކޮށްގެން ކަމަށެވެ. އޭނާ އެދިވަޑައިގަތީ މައްސަލައިގެ ކުރިން ކޭމް ހިނގާ ގޮތް މެމްބަރުން އޮޅުން ފިލުއްވުމަށެވެ.
ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އޭނާގެ މައްސަލައެއް ކަމުގައި ދައްކަވާއިރު އެއީ ގާނޫނީ ވަކި ޝަހުސެއް ކަމަށް މަލީހް ވިދާޅުވި އެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ.
"ގާނޫނު މާނަކުރުމުގައި އެ އޮތީ އޮޅުވާލާފައި، މިނިސްޓަރަކަށް އިންސްޓްރަކްޝަން ދެވޭ ގޮތަކަށް ނޫން، މިނިވަން ޝަހުސެއް [ކޭމް] އެއީ،" މަލީހް ވިދާޅުވި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހަވާލާދީފައިވާ ގަވާއިދަކީ، މަލީހް ވިދާޅުވި ގޮތުގައި، 2015 ގައި ފާސްކުރި ގާނޫނުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ގަވާއިދެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ކަންކަން އިސްލާހުކުރަން ފަށައި، އެ ގަވާއިދު ހަދަން އޭނާ ކޭމް އަށް އިލްތިމާސްކުރެއްވި ކަމަށާއި އެ ލިއުންތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ އޭނާގެ ވުޒާރާ އަށް މި ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި އަމާޒުތަކަށް ހާސިލްކޮށްފައިވާއިރު، މި ސަރުކާރުގައި އެއްވެސް މިނިސްޓްރީއަކަށް އޭ ރިޕޯޓް ދޭ ނަމަ އެ މިނިސްޓްރީ އަށް ލިބޭނެ ކަމަށެވެ. އެ ވުޒާރާއާ 100 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ ކަންކަން ހާސިލްވެފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ފާހަގަކުރެއްވާފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޭމްގެ ގަވާއިދަކާ ގުޅުވައި އޭނާއާ ދެކޮޅަށް ނަގައިގެން އުޅޭ މައްސަލައިގައި އަސާސެއް ނެތެވެ. އެއީ އޭނާ ޒިންމާ އަދާނުކުރެއްވި ކަމަށް ދެއްކޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މަލީހް ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެއީ، ގާނޫނުއަސާސީން ވަޒީރަކަށް ވެސް ލިބިފައި އޮންނަ ހައްގެއް ކަމަށާއި ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ އަބަދުވެސް ކުރާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި މަލީހް ވާހަކަ ދެއްކެވީ އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.
"އަޅުގަނޑު އެ ޕްރޮގްރާމްގައި ދެއްކީ އެއްގޮތަކަށް ވެސް ގާނޫނުއަސާސީއާ ޚިލާފު ވާހަކައެއް ނޫން. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. ދެ ވަނަ ކަމަކީ، ސަރުކާރު ހިނގާނެ ގޮތް ކަނޑައަޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާ. މަޖިލީހަކުން ނޫން، އެއީ ވެސް ގާނޫނުއަސާސީގައި އޮންނަ ވާހަކައެއް،" މަލީހް ވިދާޅުވި އެވެ.
ކޭމްގެ ގަވާއިދާ ގުޅުވައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، އެ މައްސަލައިގައި ވޯޓަކަށް ދާން ޖެހޭ ސަބަބަކީ "ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ކުރުން" ލިއުއްވަން މަލީހް އެދިވަޑައިގަތެވެ.
"އަޅުގަނޑަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން،" މަލީހް ވިދާޅުވި އެވެ.
މަލީހް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާއިރު، މަލީހަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއް މައްސަަލައަކީ އިންޓަނެޓްގެ އަގު ހެޔޮ ނުވުމެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން މި މައްސަލައިގައި ކުރިމަތިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީއެއް ނުވެ އެވެ.
މަލީހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ އަގު ހެޔޮކުރެވޭނީ ރައީސް އޮފީހުން ވަކި ގޮތަކަށް ކަންކަން ނިންމައި، އެންގުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖީލު
18 November 2020
ކޮބާ ބޭއިންސާފަކީ؟ކަލޯއަށް 2 އަހަރު ތެރޭ ބުނި އެއްވެސް ކަމެއްކުރެވިއްޖެތަ؟ގޭގެ ޓެރަސްމަތީ ލޭޑީސް ފިންގާ އާއި ދިގު ބަށި ހެއްދުން ފިޔަވައި އެއްވެސްކަމެއްނުކުރެވޭ.ތާހިރު ގޮތަކީ އަމިއްލަޔަށް އިސްތިއުފާ ދިނުން.
އެޑަމް
17 November 2020
އަންނިވެރިކަމައް އައިސްފުރަތަމަވެސް ނުއަގުގާ ވިއްކާލީ ދިރާގު ދެންފެންކުންފުނިދެންމިއަދު ނެޓުއަގުހެޔޮކޮއްދިނުމުގެ ކޮންބާރެއްސަރުކާރައްއޮންނާނީ ދެންޖެހޭނީ ގާނުނުިސްލާޙުކުރަން ޤައުމެއްގެ ހުންގާނު ނާގާބިލްމީހެއްގެ އަތްމައްޗައް ދޫކޮއްލާފިނަމަ މިކަހަލަ ކިތަންމެކަމަކާ ރައްޔިތުން ކުރިމަތިލާންޖެހޭނެ!!
ބޮނޑިބަތް ޖަމީލާއްތަ
17 November 2020
ޖަމީލު ބުނާގޮތަށް ބަސްބުނުމުގެ އާދަ ދޫކޮށްލާ ކޮއްކޯ ):
ޒަކަރުދިޔަހިއްކާ
17 November 2020
މަލީހަކީ އިންޓަނެޓް ހުއްޓުވަން އުޅުނު ބޭފުޅެއް. 2012ގައި އޭނާ އުޅުނީ އެކަން ކުރެވޭތޯ. މިފަދަ ނާތަހުޒީބީ ބޭފުޅަކު ޓެކްނޮލޮޖީ މިނިސްޓަރަކަށް ބަހައްޓަން ހެޔޮނުވާނެ.
1828
17 November 2020
ސާބަސް. އެމްޑީޕީ ކުރިމަތީގައި އެއްވެސް މީހަކު ނުޖެހޭނެ ސައިޒްވާކަށް.
ކަންނާޑި
16 November 2020
ކުފޫ ހަމަވާވަރު މީހަކާއި މަގާމު ހަވާލުކުރަން ޖެހޭ
ބިސް
16 November 2020
ސަރުކާރަށް ދެ އަހަރު ނުވާއިރު މިނިސްޓަރުން އަބަދުވެސް މި ތިބެންޖެހެނީ އިތުބާރު ނެތްކަމުގެ ވޯޓުގެ ދިފާއަށް ކުޅެން. ނަޝީދު އަޑީގައި ހުރެގެން މި ސަރުކާރަށް ކުރަމުންދާ ޕުރެޝަރުގެ ބޭނުމަކީ ކޯލިޝަން ސަރުކާރެއް ނުހިއްގޭނެކަމަށް ދެއްކުމެވެ. ބޭނުމަކީ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ހިތްޖެއްސޭތޯ ބެލުމެވެ. އިންޓަރނެޓް އަގުހެޔޮ ނުވެގެން އުޅެނީ ސަރުކާރުގެ ސިޔާސަތު އެގޮތަށް އޮތީމައެެވެ. މަލީހު ކަމެއް ނުކޮށްގެނެއްނޫނެވެ.
މަލީހާ
16 November 2020
މީ މަލީހުގެ ކޮމެންޓެއްތަ؟
ވަތަން އިސްކުރަންޖެހޭ
16 November 2020
މަލީހު މެން ހޭވި ހަޑީތައް ދިވެހިންނާ ކުރިމަތި މިވަނީ. އޭރުވެސް އެތައް ބަޔަކު ބުނި އެމްޑީޕީ އަކީ ފީކަޅާ ބައެކޭ.
ޝޮކްތެރަޕީ
16 November 2020
މަލީހު ކިތައްމެ ކަމެއް ކުރަން ނިމްމިޔަސް ސަރުކާރުން އާބަސް ނުބުނަންޏާ ކަމެއް ނުވާނެދޯ.
ޝާޑް ހަމީދު
16 November 2020
މާއްދާ 27ގެ ދިފާއުގައި އަނެއްކާވެސް ނިކުންނަން ޖެހިފަ