ކޮވިޑް-19 އަށް ހާއްސަކޮށް ހޯދާފައިވާ ސިއްހީ ސާމާނުތަކެއް: އެމްއާރުއެލްއެސްއަށް ތަކެތި ފޯރުކޮށްދިނީ އުސޫލުން ކަމަށް އައިޖީއެމްއެޗުން ބުނޭ.
29 ނޮވެމްބަރ 2020 - 18:13
ހުޅުމާލޭގައި ހުންނަ އާރުއެމްއެލްއެސް ލެބޯޓްރީ ސާވިސް އަށް މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދިނީ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ އެކު އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ އިސް މަގާމެއް ފުރުއްވާ، އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގައި އަޅާނެ ފިޔަވަޅުތައް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ ލަތީފްގެ ހިއްސާ އޮތް އެމްއާރުއެލްއެސްއަށް އައިޖީއެމްއެޗުގެ ލެބޯޓްރީން ތަކެތި ފޯރުކޮށްދިނުން މައްސަލައެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އެކަމުގައި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތު ކުރަނީ، އާރުއެމްއެލްސްގައި ޑރ. އަލީ ލަތީފް ހިއްސާ އޮންނަ ކަަމަށް އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާތީ އެވެ.
އެމްއާރުއެލްއެސްގެ އިސްވެރިންނާ ގާތް ރަހުމަތްތެރިކަމެއް އޮންނަ ކަމަށް އެއްބަސްވެވަޑައިގެން، ހިއްސާގެ ވާހަކަ އަލީ ލަތީފް ދޮގުކުރެއްވި އެވެ. އެކަމަކު، އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އިން އޭނާގެ ހިއްސާ އެމްއާރުއެލްއެސްގައި އޮތް ކަމަށް ދައްކަނީ ކީއްވެ ކަން އަދި ސާފުކޮށެއް ނުދެއްވަ އެވެ.
އޭނާގެ ދިފާއުގައި ސޯޝަލްމީޑިއާގައި ލިއުނު އެކަކު ބުނެފައިވާ ގޮތުގައި އަލީ ލަތީފް ވަނީ އޭނާގެ ހިއްސާ މާ ކުރިން ދޫކުރައްވައިފަ އެވެ. އަލީ ލަތީފް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ހިއްސާ އޮތް ނަމަ، ދޫކުރެއްވި ތާރީޚެއް އަދި ސާފެއް ނުވެ އެވެ.
އަމިއްލަ މީހުން ހިންގާ ލެބޯޓްރީތަކަށް މެޑިކަލް ކޮންސިއުމަބްލްސް އައިޖީއެމްއެޗުގެ ލެބޯޓްރީން ފޯރުކޮށްދެނީ ކޮން އުސޫލަކުންތޯ "މިހާރު"ން ސުވާލު ކުރުމުން އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއާރުއެލްއެސް ލެބޯޓްރީގެ އިތުރުން ބައެއް ތަންތަނަށް ބޭނުންވާ ސާމާނު އިމަޖެންސީ ހާލަތްތަކުގައި ފޯރުކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި، އޭޑީކޭ އާއި ޓްރީ ޓޮޕާއި ސެނަހިޔާ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެމްއާރުއެލްސްގެ އިތުރުން ތަކެތި ފޯރުކޮށްދޭ އަމިއްލަ އެހެން ލެބޯޓްރީއެއްގެ ނަމެއް އައިޖީއެމްއެޗުން ނުބުނެ އެވެ. އެހެންވެ އަމިއްލަ ތިން ހޮސްޕިޓަލްގެ އިތުރުން މިހާތަނަށް އަމިއްލަ ބަޔަކު ހިންގާ ލެބޯޓްރީއެއްގެ ގޮތުން މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދެނީ އެމްއާރުއެލްއެސްއަށް އެކަނިތޯ އެހުމުން އޮފިޝަލް ވިދާޅުވީ ރިކުއެސްޓްކުރާ ތަންތަނަށް ފޯރުކޮށްދޭ ކަމަށެވެ.
"ރިކުއެސްޓްކުރީމާ އޮންނަ އުސޫލުން ފޯރުކޮށްދޭ އަމިއްލަ ތަންތަނަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
އާރުއެމްއެލްއެސްގެ ދިފާއުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސައީދު ވިދާޅުވެފަިއ ވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަބަދުވެސް ވަސީލަތްތަކާއި މުވައްޒަފުން ބަދަލު ކުރާ ކަމަށާއި އެކަން ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކްލިނިކްތަކުން ވެސް ބައެއް ފަހަރު ހޮސްޕިޓަލްތަކަށް ތަކެތި ފޯރުކޮށްދޭ ކަމަށާއި އެއީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މިއީ އަޅުގަނޑާ އެހެން މީހަކާ ހިއްސާ ވެގެން ކުރާ ކަމެއް. އަލީ ލަތީފަށް އެނގިގެނެއް ވެސް ނޫން މި ތަކެތި ގެންދަނީ. އެއީ ސީދާ އަޅުގަނޑުގެ މޭޒުން ސިޓީ ފޮނުވައިގެން ކުރާ ކަމެއް. އަނެއްކާ އެ ހުރިހާ އެއްޗެއް ލިޔެކިޔުމުން ފެންނަން ހުންނާނެ،" ސައީދު ވިދާޅުވި އެވެ.
އައިޖީއެމްއެޗާއި އެމްއާރުއެލްސްއާ ދޭތެރޭގައި ސިއްހީ ސާމާނު ބަދަލުކުރަނީ އޮޑިޓްކުރިޔަސް ފެންނާނެ ގޮތަށް ލިޔެކިޔުމުން ކަމަށާއި އެހެންކަމުން އޭއީ ވައްކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އައިޖީއެމްއެޗަށް ބޭނުންވާ ސާމާނު ގިނައިން ހޯދަނީ އެސްޓީއޯ މެދުވެރިކޮށެވެ. ބައެއް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ވެސް ބައެއް ސާމާނު ހޯދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކްނޯރިސް
01 December 2020
3 ވަނަ ބައި. ކެނެރީގޭ ނަޝީދުގެ ވެރިކަމުގައި ހުޅުލެ އެއާ ޕޯޓް ނުއަގުގައި އިންޑިއާ އަށް ވިއްކާލީ. ޢަދި ދިރާގާއި ފެން ކުންފުނީ ގެ ހިއްސާ ގެ ބައެއް ނުއަގުގައި ބޭރުގެ ގައުމުތަކަށް ވިއްކާލީ. މިހާރު ގެ ރައީސް އައި.އެމް.ސޯލިހުގެ ވެރިކަމުގައި އުސޫލާއި ޚިލާފަށް ބަދަލުގެ ގޮތުގައި ޕާޓީ ކުދިންނަށް އެތައް ބިލިއަން ރުފިޔާ ގެ ބަދަލު ދިނީ. މިކަންތައްތައް ނުވޭތަ ކޮންފްލިކްޓް އޮފް އިންޓެރެސްޓައް. މިއީ ހައްތާވެސް ޚިޔާނާތާއި ކޮރަޕްޝަން.
ޗަކްނޯރިސް
01 December 2020
ދެވަނަބައި. ޔާމީން ގެ ވެރިކަމުގައި އަނބިކަނބަލުން ގެ އެންޖީއޯ ސަދަގާތު ފައުންޑޭޝަން ހިންގަން ބިމެއްނުދޭ. ޢެކަމަކު ސަދަގާތު ފައުނޑޭޝަން އިން މިސްކިތެއް ބިނާކުރަންވެސް ސަރުކާރު ގެ ކުންފުނިތަކުން އެތައް މިލިއަން ރުފިޔާ ނެގީ. އަދި ލޮނުޒިޔާރަތް ކޮޅުން ޔާމީން ބޮޑު ބިމެއް ގަނެ 25 ބުރިއަށް ގެ ހިއްލާލީ. އަދި ޕިންކީންނަށް ހުޅުމާލެ އިން ގަ ވާއިދާއި ޚިލާފަށް ފްލެޓްދީ ކުންފުނިތަކުގެ ފައިސާއިން ހައްޖައް މީހުން ފޮނުވީ. މިހިރީ 3 ރައީސެއްގެ ކޮރަޕްޝަން ހުރިވަރު.
ޗަކްނޯރިސް
01 December 2020
ޑޜ. އެމް.ޑަބްލިއު ހަސަން މަނިކު ގެ ވެރިކަމުގައި އޭނަގެ އަންހެނުން އޯޓިސްޓިކް ކުދިންނަށް އެންޖީއޯ އެއް ހިންގަން 3000 އަކަފޫޓު ގެ ބިމެއް ހިލޭ އަނބިކަނބަލުންނަށް މިލްކުވާގޮތައް ހުޅުމާލެއިން ދިން. މިހާރުގެ ރޭޓުން ބެއްޔަސް އެބިމުގެ ގްރައުންޑް ފްލޯ 1 ލައްކަ ވިހިހާހަށް ދާނެ. އުސްތާޒު މައުމޫން ގެ ވެރިކަމުގައި އަނބިކަނބަލުން ތެލެސީމާ ކުދިންނަށް އެންޖީއޯ ހިންގަން ދިން ބިމުގައި ޝީ ބިލްޑިން އެހެރީ. މިވަނީ ކޮންފްލިކްޓް އޮފް އިންޓެރެސްޓް އަދި ކޮރަޕްޝަން އަށް.
ބިސްބުރި
30 November 2020
ވަކި ލަތީފެއް ނޫން. ތިކަހަލަ ކޮންފްލިކްޓު އޮފް އިންޓްރަސްޓު މުޅި ސަރުކާރުގަވެސް. އަބަދުވެސް. މިކަން ހައްލުކުރަންޖެހޭ. ދެކޮޅުން ކައިގެން މުއްސަދިވުން. ބިރަކާ ނުލާ.
ތުނިޔަ
30 November 2020
އޮންނަ އުސޫލަކީ އަމިއްލަ ޖީބު ފުރުން.
ބޯހުދު ޒިންދަގީ
30 November 2020
ބޯހުދު ގަބޫލުކުރާގޮތުން އުސޫލު އޮންނަނީ ބޮޑުމީހާގެ އެނދު ސާންތިފަތްދަށުގަ. އެ ފެންނާނީ ބޮޑުމީހާޔަށް އެކަނި.
ނެގުނުކަތީބު
30 November 2020
ހުރިހާ ތަނެއްގައި ކޮރަޕްޝަން ހިފައި ކައި ހުސްކޮށްފި! މިއީ ނިކަމެތި މީހާކުރި ކަމެއްނަމަ އޭނާ އޮންނާނީ ހުރަގޭގަ! އެކަމަކުދޯ؟؟؟؟؟؟؟؟؟؟؟؟؟
އަލި
30 November 2020
ކޮބާތަ ތިޔަބުނާ “އޮންނަ އުސޫލަކީ”. ތިޔަ ނޭންގޭ އުސޫލޭ މިގައުމު ހަލާކުކޮށް ނެތިމިކުރަނީ.
މެޑިކަލް ހުސައިން
30 November 2020
ރަށްރަށުގައި ހުންނަ ސިއްހީމަރުކަޒުތަކުން ރިކުއެސްޓްކުރާ މެޑިކަލް ކޮންޒިިއުމަބަލްސް ވެސް ނުލިބި އަމިއްލަ ކުންފުނިތަކަށް ލިބޭ؟
ހަކީމް
30 November 2020
"ރިކުއެސްޓްކުރީމާ އޮންނަ އުސޫލުން ފޯރުކޮށްދޭ އަމިއްލަ ތަންތަނަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ. ... " އޮންނަ އުސޫލު " މީމިގައުމުގައި ވަކި ހާއްސަ ބަޔަކަށް އޮންނަ އުސޫލެއް. މިހެން ފަޅާއަރާ ފަހަރަކު މިއިނގެނީ ދެންތިބޭ މީހުންނަށް މިއީ އޮންނަ އުސޫލެއްކަންވެސް. ތިތާގެ ސިއީއޯ އަކީ މ.ޑ.ޕ އިން ގުދަށް އޮންނާށޭ ބުނީމަ ގުދަށް ، ތެދަށް ހުންނާށޭ ބުނީމަ ތެދަށް ހުންނަ ބޭފުޅެއް.