ލ.ކަލައިދޫ: މަސްތުވާތަކެތީގެ ފަރުވާ ފުރިހަމަ ކުރާ މީހުން ތަމްރީނު ކުރުމަށް އެ ރަށުގައި މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި
03 ޑިސެމްބަރ 2020 - 20:15
މަސްތުވާތަކެތީގެ ޝިކާރައަކަށް ވި ނަމަވެސް އެއިން ސަލާމަތް ވުމަށް ފަރުވާ ހޯދާފައިވާ މީހުން، އަނބުރާ މުޖުތަމައުއަށް ގެނައުމަށް އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށް ލ. ކަލައިދޫގައި މަރުކަޒެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކާއި ހިދުމަތްތައް ފައްޓަވައިދެއްވުމަށް މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތި ޝިކާރައަކަށްވެ، އާއިލާތަކުގައި އުޅުމުގެ ފުރުސަތު ގެއްލިފައިވާ މީހުން، އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެއީ ވޭތުވެ ދިޔަ އަހަރުތަކުގައި އަޅާ ނުލެވި އޮތް އިޖްތިމާއީ އަދި އިގްތިސޯދީ ބޮޑު މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހަމައެކަނި އަދަބު ދީގެންނެއް އެ މައްސަލައެއް ހައްލެއް ނުކުރެވޭނެ. އެހެންވެ، ސަރުކާރުން އަންނަނީ އެ ފަދަ ޒުވާނުން ސަލާމަތްކޮށް، ބިނާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ކަލައިދޫގައި މަރުކަޒެއް އަޅަނީ، ސަރުކާރުގެ އެ މަޝްރޫއުގެ ދަށުންނެވެ. އެތަނުގައި އަޅާ މަރުކަޒުގައި، މަސްތުވާތަކެތިން ފަރުވާ ހޯދާފައިވާ ޒުވާނުންނަށް، ތައުލީމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އަދި އެ މަރުކަޒުން ތަމްރީނުތައް ފުރިހަމަ ކުރާ މީހުންނަށް، އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް ސަރުކާރުން އެހީ ވެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް ހާއްސަ އެކްޝަން ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އޭގެ ދަށުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް އޮޕަރޭޓް ކުރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރުން ހުއްޓުވުމަށް އިސްކަމެއް ދޭނެ އެވެ އަދި ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރަކާއި ކުޑަކުދިންގެ ރިހިބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ މައްސަލަތައް އަވަސް ކުރުމަކީ ވެސް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން،" ރައީސް އިތުރުކުރެއްވި އެވެ.
މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހި ގެދޮރު ގެއްލިފައިވާ މީހުން ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނެވެ. އެ ފަދަ ގިނަ މީހުން އުޅެނީ، މާލޭގެ މަގުތައް މަތީ ނިދައިގެން ޑަސްބިން ހޮވައިގެން ކައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްދުއްމަތި .................
04 December 2020
ލާމަރު ކަޒު ކުރުމަކީ މާލެ ނޫން ހުރިހާ ރަށެއްގައި ޖަލާއި ޑްރަޤު ސެންޓަރު ހެދުންތޯ ؟؟ އެހެން ކަމަށް ވާނަމަ އަހަރުމެނަށް ރަނގަޅީ ކ. އަތޮޅު މާލެ ލާމަރުކަޒުކުރުން.
ކޯޑިނޭޓަރ
04 December 2020
ސެންޓަރު ނުހެދިގެން ތޯ ތި އުޅުއްވަނީ ، މިދިޔަ އަހަރު ހަނިމާދޫގައި ހެދި ސެންޓަރުން ވެސް އެހެރީ ހުސްކޮށް. އިމާރާތްބަލަހައްޓަންށާ މުވައްޒަފުންނަށް ބަރާރަށް މުސަަރަ ހިނގާ.
ވަތަން އިސްކުރަންޖެހޭ
04 December 2020
އައްޑޫ އަކީ ގާމަތީ ރަޝެއް. ގދލުގަ ހުރިހާ ރައްތަކެ އޮތީ.
އެހެންތަ ؟
04 December 2020
ފަރުބަދަ މަތީ ރަށްރަށްވެސް ނުވަތަ ސަހަރާތެރޭގެ ވާދީ ތައްވެސް މިރާއްޖޭގައި އެބަހުރިތޯ؟ އަހަރެން ހީކުރަނީ މުޅިންވެސް ހުރީ ގާމަތީ ރަށްތައްކަމަށް.
ހުސޭނު. / ވާދޫ
04 December 2020
ތިނަދޫ މީހުނަކާއި ހެދީ އަހަރުމެންގެ ތެރޭގައި އޮތް އެކުވެރި ގުޅުމަށް ބުރޫ އަރާކަށް އަހަރުމެން ނޭދެން. ހުވަދު އަތޮޅަކީ ހަމަ އެކަނި ތެނަދޫ އެއްނޫން. ހަމަޖެހިގެން ތިބޭ.
ހުސެންކޮއި
04 December 2020
ހީވަނީ މިއީ އޮޅުމެއްހެން! ލ.ކަޅައިދޫ (މިހާރު ފަޅުރަށެއް) ގައި ޑީޓޮކްސިކޭޝަން ސެންޓަރެއް އަޅާވާހަކައެއް އަޑުއިވިފަ އޮތީ! ކަލައިދުއަކީ، އިސްދޫ ކަލައިދޫ!
އޮނަރަބްލް އަފީފު ދީދީ
04 December 2020
ލ.އަތޮޅުގައި ހަދާންވީ ޑްރަޤް ސެންޓަރެއްނޫން އިގޭތޯ؟ ދިވެހި ރާއްޖޭ ތަރައްޤީގެ މަގުގައި ކުރިއަރާދިއުމަންޓަކާ ކުރާންޖެހޭ އެންމެ މުހިންމު ކަމަކީ ކ.އަތޮޅު މާލެއިން ވެރިކަމުގެ ބާރު އެހެން ރަށަކަށް ބަދަލު ކުރުން. # ކ.އަތޮޅު މާލެއަށްވުރެން ބިންބޮޑު އަދި އިތުރަށް ބިން ބޮޑު ކުރެވެންއޮތް ލާމް އަތޮޅު ގުޅިފައިވާ ރަށްތަކަށް ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުކުރާން މާލޭސަރުކާރުގެ މައްޗަށް އަމުރުކޮށް ޤާނޫނުއަސާސީ އިސްލާހި ކުރާން މަޖިލީހުން މަސައްކަތްފައްޓާ 2024 ގެ ކުރިންމިކަންކުރާންޖެހޭ.
ބެސްޓް
04 December 2020
ލ. އަތޮޅަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާން އެންމެ ރަނގަޅުތަން.
ދިވެހިއަފުރާދުން
04 December 2020
ސުކުރިއްޔާ މިހާރުން ކުރާ ހިއްވަރަށް. ނޫހުގައި ނުޖަހާނަމަ އަޑެއްވެސް ނުކިޔާނެ.
އޮނަރަބްލް އަފީފު ދީދީ
03 December 2020
ފުލުހުންނާއި ސިފައިންތިބީ ކ.އަތޮޅު މާލޭގައި. ޖަލާއި ޑްރަޤް ބޯމީހުނަށް ފަރުވާދޭތަންތަން އެރަށުގައި ހަދާންވީނޫންތޯ. # މާލޭމީހުންގެ މިފަދައަމަލުތަކަށް އަހަރުމެންރައްޔިތުންނާއި ރައްޔިތުންވޯޓުދީގެން ހޮވާފައިތިބި ކައުންސިލްމެންބަރުން ފާޅުގައި ދެކޮޅުހަދާންޖެހޭ. # ލ. އަތޮޅާއި އައްޑޫސިޓީ ފަދަ މާލެއަށްވުރެން ބިންބޮޑު ރަށްރަށުގައި ތިބެނީ 10 ވަރަކަށް ފުލުހުން. ޑްރަޤާއި ވައްކަންކުރާމީހުންގެ އުދަގުލާއިހެދި ރައްޔިތުންތިބީ ބިރުގެންފަ. އެކަމަކު އަދިވެސް އަޅަނީ ޑްރަޤްސެންޓަރު؟؟!!
ތެދެއް.
03 December 2020
ބަރާބަރު . މިކަން ހުއްޓުވާން ޖެހޭ. ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލު ކޮށްފަ ލާމަށް ޑްރަޤު ސެންޓަރެއް؟؟ ނަސްލީ ތަފާތު ކުރުމާއި ޙަސަދަވެރިކަން ހައްދުން ނައްޓައިފި.
ޕައްލަންބޭ.
03 December 2020
ޔަގީން. އިންޑިޔާއިން ލ. އަތޮޅުގައި އަޅާން އުޅުނު ހޮސްޕިޓަލް ތިއޮތީ މާލެ އަށް ބަދަލު ކުރާން ނިންމާފަ. އަދިވެސް ލާމަރުކަޒޭ ނުކިޔާ ކަހެރުވަކޭ ކިޔާބަލަ.
ބުރެވ
03 December 2020
އެންމެ ރަނގަޅު ވާނީ މީހުން ދިރި ނޫޅޭ ރަށެކެވެ.
މޮހޮދޮފުތާ
03 December 2020
ބޭނުމަކީ ރާއްޖޭގެ ބޮޑެތި ރަށްރަށް ހަލާކުކޮށްލުން. ތިކަން ހުއްޓުވާންޖެހޭ.
ދިއްދޫމީހާ
03 December 2020
މިޔަދު ދޫކޮއްލީ ޑްރަގް ބޭނުން ކުރާމީހުންނަ ފަރުވާދޭ ބޭފުޅެއްތައް؟؟ މަސްތުވާތަކެތި ރާއްޖެ އެތެރެކޮއްގެން އުމުރު ދުވަހަ ޖަލު ހުކުމް ކޮއްފަ ހުރި މީހެއް، އަނެއްކާ އޭގެ ދެން ބޮޑަކަށް ހުރި މީހާ ނެރެން އެއުޅެނީ، ދައްކާ ވާހަކަ ދިމާވޭތޯ؟؟؟