ގަލްފް އެއާ އިން މިއަދު އެއާޕޯޓަށް ޖެއްސި ބޯޓު--ފޮޓޯ:އެމްއޭސީއެލް
13 ޑިސެމްބަރ 2020 - 15:56
ކޮވިޑްގެ ހާލަތަށް ފަހު އަނެއްކާވެސް ގަލްފް އެއާ އިން ބަހުރެއިން އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ގަލްފް އެއާ އިން ކޮންމެ ހަފްތާއެކު އެއް ދަތުރު ކުރާނެ ކަމަށެވެ. އެކަމަކު މި މަހުގެ 22 އިން 29 އަށް ކޮންމެ ހަފްތާއަކު ދެ ދުވަހު ގަލްފް އެއާގެ ދަތުރުތައް އޮންނާނެ އެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއާގެ ދަތުރުތައް މިދިޔަ އަހަރު އޮކްޓޫބަރު މަހު ފެށީ ރާއްޖެއަށް ދަތުރު ކުރާ ސީޒަނަލް އެއާލައިނެއްގެ ގޮތުގަ އެވެ.
ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެއަށް މިހާރު ގާތްގަނޑަކަށް 20 އެއާލައިނުން ދަތުރުތައް ކުރެ އެވެ. ޕީކް ސީޒަނާއި ދިމާކޮށް ރާއްޖެއަށް ޑިމާންޑް ބޮޑުވެ، އެހެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
Welcome back @GulfAir https://t.co/eZbbZa9auJ
— Maldives Airports Company Ltd - MACL (@MACLmedia) December 13, 2020
އެމްއޭސީއެލްގެ ޓްވީޓް
އެގޮތުން އެމިރޭޓްސް އިން ދުވާލަކު ތިން ދަތުރުކުރާ އިރު ސްރީލަންކަން އެއާލައިންސް އިން ވަނީ ލަންޑަނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފަ އެވެ.
ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވައިގެން އިއްޔެ އަކީ، 3،800 ޓޫރިސްޓުންނާ އެކު، އެންމެ ގިނަ މީހުން ރާއްޖެ އައި ދުވަހެވެ. އެމްއޭސީއެލް އިން ބުނީ ޕީކް ސީޒަނާ ދިމާކޮށް ޓޫރިސްޓުން އިތުރުވާތީ މި ހަފްތާގައި އެ އަދަދުތައް ވެސް މަތިވާނެ ކަމަށެވެ.
މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މި ހަފްތާގައި ބައި މިލިއަނަށް އަރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy