ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް އިތުރުވެ އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި އެވެ.

އެއާޕޯޓުން ބުނީ، މިއަދު ތާވަލްކޮށްފައިވާ ފްލައިޓްތަކުން 3،800 މީހުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ކޮވިޑާ ގުޅިގެން ބޯޑަރު ހުޅުވައިލި ފަހުން ރާއްޖެ އަށް އެންމެ ގިނަ މީހުން އަންނާނެ ދުވަހެވެ.

އެއާޕޯޓުގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، އަންނަ ހަފްތާގައި ވެސް އިތުރު ރެކޯޑްތަކެއް ހަދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ޕީކް ސީޒަނާ ދިމާކޮށް އަންނަ ޓޫރިސްޓުން އިތުރުވުމެވެ.

ރާއްޖެ މިއަދު އައި އެއް ލައްކަ ވަނަ ޓޫރިސްޓް އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި--ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރާއްޖެ މިއަދު އައި އެއް ލައްކަ ވަނަ ޓޫރިސްޓް އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި--ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިދިޔަ ނޮވެމްބަރު މަހު އެއާޕޯޓުގެ މޫވްމަންޓް ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވެފަ އެވެ.

އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުވެ އަންނަ މީހުން ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މިހާރު 20 އެއާލައިންގެ ފްލައިޓްތައް ޝެޑިއުލް ކުރެވިފައިވެ އެވެ. ބޯޑަރު ހުޅުވައިލި ފަހުން މިއަދު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން މިއަދު އައިސްފައިވާ އިރު އަންނަ ހަފްތާގައި ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.