ޚަބަރު / އަބްދުﷲ ޔާމިން

ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއަށް ޔާމީން އިންކާރު ކުރައްވައިފި

ޔާމީން ޖަލަށް ވަޑައިގަންނަވަނީ: އެމަނިކުފާނަށް ކުރާ މަނީ ލޯންޑްރިިން އާއި ރިޝްވަތުގެ ދައުވާއަށް ވަނީ އިންކާރު ކުރައްވާފައި -- ފޮޓޯ//މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިިފި އެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ މުއާމަލާތާ ގުޅިގެން ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އެ ދެ ދައުވާއަށް ޔާމީން އިންކާރު ކުރެއްވިއިރު، ދައުވާއާ ގުޅޭގޮތުން ދެން ވާހަކަތައް ދެއްކެވީ އެ މަނިކުފާނުގެ ވަކީލުންނެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ އެ ދެ ދައުވާގައި ދައުލަތުން ތުހުމަތުކުރާ ކުށަކީ ހިނގާފައިނުވާ ކުށެއް ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އެއީ ސިޔާސީ ބޭނުމަށްޓަކައި ޒާތީ ހަސަދަތަކެއް ފިލުވާން ޕްރޮސެކިއުޓާ ކުރާ ދައުވާއެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރަނީ ޕީޖީ ގެންގުޅުއްވާ "މަސްލަހަތު ފުޅާ ސިޔާސަތު" ގެ ދަށުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީނަކީ ވެރިކަމުގައި ހުންނަވައިގެން ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވައި، އަދި ގާނޫނާ ޚިލާފް ކަންކަން ހުއްޓުވަން ފިޔަވަޅު އެޅުއްވުމުގެ އިތުރުން އިގްތިސާދީ ފުދުންތެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް އެ ދައުވާ ކުރަނީ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް އަދި އަސްލު ކުށްކުރި މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދީ، ހެކިންގެ ގޮތުގައި އެ މީހުން ހަމަޖައްސައިގެން ކަމަށެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ހުންނެވީ ޚާއްސަ އިނާޔަތްތަކާ އެކު އަމިއްލަ ގޭގައި ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ފުއްގިރި މައްސަލާގައި ވެސް މުއާމަލާތްތައް ހިންގެވީ އަދީބު ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފުއްގިރި މައްސަލާގައި ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރާ ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާއިރު، އެ މައްސަލަ ސާބިތު ނުވަނީސް އެ މަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކްރިކްގެ މައްޗަށް އެ ދައުވާ ސާބިތު ނުވެއްޖެ ނަމަ، އެ މަނިކުފާނަށް ދައުވާކުރާ އަސާސް ގެއްލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ކްރިކް ރިޒާގެ މައްސަލަ އާއި އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ ލިބޭ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްސަލަ މިވަގުތު ވަކިވަކިން ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަރުހަލާގައި ހުރިހާ މައްސަލަތަކެއް ގެންދާނީ އެއްކޮށް ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި އެ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީއަތް މަޑުޖައްސާލެވޭކަށް ނެތް

އެ މައްސަލާގެ ބައެއް ލިޔުންތައް ލިބިފައި ނެތަސް، މައްސަލަ ކުރިއަށް ގެންދަން ކުރީގެ އަޑުއެހުމުގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ވަކީލުން އެދިވަޑައިގަތެވެ. ޖަމީލް ވިދާޅުވީ ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދޭ ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ ހައި ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބުނާ ބުނުމެއް ފިޔަވައި އިތުރު ލިޔުމެއް ނެތް ކަމަށެވެ. ޝަރީއަތް މަޑުޖައްސާލާނީ އެފަދަ ލިޔުމެއް ގެނައުމުން ކަމަށް ވިދާޅުވި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހެޅިކަން އެނގޭނެ އީމެއިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. ގާޒީ ޝަކީލް ވިދާޅުވީ ގަބޫލުކުރާނީ ރަސްމީ ލިޔުމެއް ކަމަށެވެ. އަދި އެ މައްސަލާގައި ދެ ފަރާތުން ހެކި ހާމަ ކުރުމަށް އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑްރިިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތާ

01 February 2021

އިންކާރު ކުރާނެ ކަން މާކުރިންވެސް އިނގޭ ޔާމީނަކީ ފަސޭހައިން އެއްބަސްވާނެ މީހެއް ނޫން

The name is already taken The name is available. Register?

ފުތާ

01 February 2021

ބަޔަކު ބުނާހާ އެއްޗަކަށް ނުޖެހޭ އެއްބަސްވާކަށް.

The name is already taken The name is available. Register?

ތުއްތޮންބެ‫

01 February 2021

ސ‫ާބަހޭ މިވެރިކަމުގެ ކުރިމަތީގަ އެންމެ އިންޗިއެއްވެސް ފަހައްޖެހިވަޑައިނުގަންނަވާށެވެ. އިރާދަކުރެއްވިއްޔާ ވަރައްއަވަހައް ހައްގައްނަސުރުލިބި މަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެއެވެ. އަދި އަޅުގަންޑުމެން މިތިބީ 2023ވަނައަހަރު މަނިކުފާނު ދިވެހިސިންގާސަނާގައި ރެނދެލިކުރެއްވުމައް ކެތްމަދުވެފައެވެ.

The name is already taken The name is available. Register?

އުމަރުބެ

01 February 2021

ބަލަ ޔާމީނޫ އެހެރީ ބުރިޖާ ދިމާލުން ހެކިފެންނަން މާލޭ ގަހުރި އެންމެ އުސް އިމާރާތަކީ ކަލޭގެ ގެ އެއީ ކޮންތާކުން ހޯދި ފައިސާޔެއްތޯ ...ގޯނި އިސްމާއިލް ދިން ލާރިތޯ

The name is already taken The name is available. Register?

ބުމަރުބެ

01 February 2021

25 ބުރީގެ އިމާރާތާ ބްރިޖް ކޮންމެ ލާރިއަކުން އެޅިއަސް ކަލޭމެންނަށް އޯކޭވޭ.

The name is already taken The name is available. Register?

އާރީ

01 February 2021

ޖަމީލު ކަލޭ ހަމަތަ?

The name is already taken The name is available. Register?

ދިވެހި ރާއްޖެ

31 January 2021

ދިވެހިންވީ ރައްޖެ ސަލާމައްކުރަން މިހެން ތިއްބާ ޤައުމުގެ އާރާބާރު އެހެން ޤައުމަކުން ނަގާނީ ދިވެހި ވަން ތަކަން ގެއްލޭނީ

The name is already taken The name is available. Register?

އަލީ

31 January 2021

ކާކުތޯ ކުށައްއެއްބަސްވަނި ކޮންމެ މީހަކުވެސް ކުރާނީއިންކާރު އަދި އަމުދުން ޔާމީނު އެއްބަސްވާނެތަ. ކުރީމައްސަލާގަ ވެސްއެއްބަސް ވިތަ.

The name is already taken The name is available. Register?

އަލީ

31 January 2021

މީކޮންކަހަލަ ކޮންކަހަލަ ވާހަކަ ދައްކާމީހެއް އިއްޔެ ނުންތޯ ތިމަންނަ ނައިބުރައިސް ކަމުން ވަކިކުރީ ގާނޫނާ ގަވާއިދާހިލާފައް ކަމައްބުނެ ކޯޓައްސިޓީލައިގެންއުޅުނީ. މިއަދުމިކިޔަނީކީކޭބާ? ގާނޫނާ ގަވާއިދާ އެއްގޮތައް ވެރިކަން ކުރާތީތޯ ފިލައިގެންގޮސް އައްނި ފޫބުޑައް ވަދެއޮތީ.

The name is already taken The name is available. Register?

ރަށްއިތުމީހާ

31 January 2021

ލަންޑަންގަ ހުންނައިރު ޖަމީލަށް ޔާމީން ބޮޑު ވަގެއް ކަމަށް ސިފަވަނީ. ކުރީ ޤާނޫނީ ވެރިކަމަކަށް ނުވި. ރާއްޖޭގަ ހުންނައިރު ޔާމިން ސިފަވަނީ ވަލީވެރިއެއް ގޮތަށް. ތިޔަށްވުރެ ތަސައްރަފު ފުދެން ވެއްޖެނު.

The name is already taken The name is available. Register?

އަރުތަ

31 January 2021

"ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއަށް ޔާމީން އިންކާރު ކުރައްވައިފި"، ވަރަށް މަދު މީހަކު ކުރި ވައްކަމަށް (ކުށަށް) މިހާތަނަށް އެއްބަސްވެފަ ހުރީ، އެކަމަކު އެމީހެއްގެ މައްޗަށް ކުށް ސާބިތު ވާނަމަ އެއްބަސް ނުވިއަސް ކުރި ކުށަށް އަދަބު ދޭނެ، ޖަލުތައް ފުރިފަ ތިއޮތީ މުޅިންވެސް ކުށަށް އިއުތިރާފު ވެގެން ޖަލަށްލާފަ ތިބި ކުށްވެރިންނެއް ނޫން..........

The name is already taken The name is available. Register?

ޓިނު

31 January 2021

ކާކުތަ އަމިއްލައަށް ތިމަންނައަކީ ވަގެކޭބުނަނީ

The name is already taken The name is available. Register?

މަގުހިމަ

01 February 2021

ޖަލުން މިނިވަންވެ ގޭގަ ހުރެވޭނެކަމުގެ ޔަގީންކަން ލިބޭ މީހުން އެހެން ބުނެފަ އޮތީ. އެހެން ބުނީމަ އަދަބުނުދީ ވަރުގަދަ އިނާމުދެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454