ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް. އޭނާ ވިދާޅުވީ އެމްޑިޕީގެ ޕީޖީ ގްރޫޕްގެ އިތުބާރު ނެތް މިނިސްޓަރަކު ހުރުމަކީ ލަދެއް ކަމަށް
09 ފެބުރުއަރީ 2021 - 12:19
ޓެލެކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި އޮންނަތާ ދެ މަސް ދުވަސްވީ އިރު ވެސް އޭނާ މަގާމުގައި ހުންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ މަލީހުގެ އިތުބާރު ނެތް ކަމަށް ނިންމީ އޭނާގެ މިނިސްޓްރީގެ އެތައް މުވައްޒަފުންނެއް ސޮއިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެ ސިޓީގައި ބުނެގައި އޮތީ މީކާއީލް ވިދާާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުގައިދޭ އިންޓަނެޓްގެ ހިދުމަތާއި ރާއްޖޭގައި ދޭ ހިދުމަތް އަޅައި ކިޔައި ދިރާސާއެއް ހަދަން އުޅުމުން މަލީހު އެކަމަށް ހުރަސް އެޅުއްވި ވާހަކަ އެވެ. ދިރާސާ ކުރަން އުޅުމުން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހުރަސް އަޅުއްވައި އެ ބޭފުޅުންނަށް ބިރުދެއްކި ކަމަށް ވެސް އެ ސިޓީގައި އޮތް ކަމަށް އޭނަ ވިދާޅުވި އެވެ.
"ދެ މަހެއްހާ ދުވަސް ވެއްޖޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އިތުބާރުނެތް މިނިސްޓަރެއް ކެބިނެޓްގައި އިންނަވާތާ. އަޅުގަނޑަށް ހީވަނީ މިއީ ދެން ތަންކޮޅެއް ލަދުވެތި ވާހަކައެއް ހެން،" މީކާއީލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނިންމުން ތަންފީޒުކޮށްދޭން އެ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ އަރިހުން މީކާއީލް އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރު މަލީހު، އޭނާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައި.
ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ކަންތައްތައް ތަރުތީބުކޮށްފައި ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތުކުރައްވައި، އެކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރިން ހުށަހަޅުއްވާފައިވާ ގަރާރެއްގެ ބަހުސްގައި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް މިމޭރުމުން ވާހަކަދެއްކެވި އެވެ.
ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވީ ޓެލެކޮމް ހިދުމަތް ރެގިއުލޭޓްކުރަން އޮތް އިދާރާއިން އެކަން ނުކުރާ ނަމަ އެތަނުގެ ވެރިން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްގެން އެބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެ އިދާރާއިން ކުރަން ޖެހޭ ކަންތައް ނުކުރާ ނަމަ މިނިސްޓަރު ވެސް ހާޒިރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްއޫލިއްޔަތު އަދާނުކުރެވޭ ކަަމަށް ވަންޏާ އަޅުގަނޑުމެން އެބަ ޖެހޭ އެ މީހަކު މަގާމުން ދުރުކުރަން. އެކަންތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިއްޒަތްތެރި މަޖިލީހުން ކުރާނަން،" އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ވަޒީރެކޭ ކިޔާފައި އެއްވެސް ކަމެއް ނުކުރިޔަސް ތާއީދުކޮށްގެން އެމްޑީޕީ މެމްބަރުން ނުތިއްބަވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޗި
09 February 2021
ދެން އިތުބާރު ނެތް ކަމުގައި ވޯޓު ނަގަންވީނު؟
ކާޖާ
09 February 2021
އަބަދު ޒާތީ ވެގެން މީހެއްގެ ގައި އަޅައިގަނެގެން އުޅޭ ބައެއް! ކިހިނެތް ރަގަޅަށް ސަރުކާރު ހިންގާނީ!
ޒުލޭހާ
09 February 2021
ޢެކަމެއް ވާކަށް ނެތް
މާލޭމާ
09 February 2021
ތއައީ ބޮޑުރޭވުމެއް، ވެރިކަންހޯދާފައި ކޯލިޝަންގެ އެންމެން މަޤާމްތަކުން ވަކިކުރުމަކީ، އެމް.ޑީ.ޕީ ގެ އަމާޒު.
އެން.ސީ.އައިޓީ
09 February 2021
އަދިވެސް ކޮމިއުނިކޭޝަންސް މިނިސްޓްރީ އާއި އެން.ސީ.އައިޓީ ގެ މުވައްޒަފުން އޮފީހަށް ހާޒިރުވާން މަޖުބޫރު. މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ބޭނުމެއް ނުވޭ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުސަތު ދޭކަށް.
ދިއްދޫމީހާ
09 February 2021
ބަލަ މަލީހޭ ފިނިފެންމަލޭ ނުކިޔާ ނިކަން ގަޓް ހުރިއްޔާ އިންޓަނެޓްގެ އަގު ކަނޑައަޅާބަލަ( އިންޓަނެޓްގެ އަގާ ބެހޭ ބިލެއް ފާސްކޮއްބަލަ) އެއިރުން ޖެހޭނީ ތަންފީޒް ކުރަން، އަދި އެއްވާހަކަ މީކައިލް ކިރުބޯ ޅަކުއްޖެގެ ގޮތުގާ ހުއްޓާ ދިރާގުގެ ހިއްސާ(ދިވެހި ސަރުކާރުގެ) ވަނީ އެބޭޅާ ވެރިކަމުގާ ވިއްކާލާފަ، ދެން މަލީ ކުރާނެކަމެއް ބުނެބަލަ، މަލީ ބުނާނީ ރައީސްއޮފީހުންނޭ ދެން ކުރަންޖެހޭ ކަމެއްކުރާނީ،،
ލޯމާފާން
09 February 2021
ރޫހާނީ ލީޑަރު ވެރިކަމަށް އަރާ ދިރާގުގެ މެޖޯރިޓީ ޝެއަރ ވިއްކާލީ މަލީހުގެ ސަބަބުން ތަ؟ މިހާރު އަގު ހެޔޮ ކުރެވޭނީ މަޖިލީހަށް.
ރާއްޖެ
09 February 2021
އެމްޑިޕީ މެންބަރުން ބުނާ ގޮތުން ބަގާވާތް ކޮއްފަ ތިބި މީހުން އޯލެވެލް ނަހަދާ މީހުން ވަޒީރު ކަމުގަ އެބަ ތިބި. މާ ލަދުވެތި ނޫންތޯ؟ އެމްޑީޕީ މެންބަރުންގެ އިތިބާތު ނެތް މީހެއްގެ މަައްސަލަ މަޖިލީހުގެ ތަޅުމަށް ވައްދަން މިކާއީލް ލަދު ގަންނަނީތޯ؟ މާދަން ވެސް ތަޅުމުން އިތުބާރު ނެތް ކަމަށް ފާސްކޮއްލީމާ މަލީހު ހުންނަން ޖެހޭނީ ގޭގަ ގަސް އިންދަން.
މިއަދު
09 February 2021
އަފީފުވިދާޅުވިއަސް ތިބުނީ ރަނގަޅަކަށްނޫން ކަމެއްނުކުރިއަސް އެމްޑީޕީ މިނިސްޓަރެއްވިއްޔަ ހުންނާނެ ކޯލިޝަންގެ އެހެންޕާޓީތަކުގެ މިނިސްޓަރެއްވިއްޔަ ނުބަހައްޓަން ތިއުޅެނީ ތިކަންކުރޭ އެކަމު އައިޝާއާއި ނުބެހޭތި
އިއްސެ
09 February 2021
މާލަސް ވެއްޖެ ، މަލީހު ވަކި ކުރޭ .