އައިންތުގެ ކާރަށް ގެއްލުން ދިނުމުން އޭނާ ކާރު ކައިރީގައި މަޑުކޮށްލައިގެން: އެ މައްސަލާގައި ދައުލަތުން ދައުވާކުރި މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ވަނީ ހުކުމް ކޮށްފައި
24 ފެބުރުއަރީ 2021 - 14:01
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އައިންތުގެ ކާރު ޕާކް ކޮށްފައި އޮއްވައި އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ މައްސަލާގައި ދެ މީހަކު އޭރު ހައްޔަރުކުރި އެވެ. އޭގެ ކުރިން ވެސް އެކިފަހަރު މަތިން އެ ކާރަށް ގެއްލުން ދިނަސް، އެ މައްސަލާގައި އޭގެކުރިން ބަޔަކު ހައްޔަރެއް ނުކުރެ އެވެ.
އެންމެ ފަހުން ކާރަށް ގެއްލުން ދިން މައްސަލާގައި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ދައުލަތުން ކުރީ ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ. އޭނާ ވަނީ ކޯޓުގައި ކުށަށް އެއްބަސްވެ، އިތުރު މީހަކާ ގުޅިގެން އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް އިއުތިރާފްވެފަ އެވެ،
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 21،600ރ. އިން ޖޫރިމަނާކޮށް، އަދި އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައި އަންގާފައިވެ އެވެ.
ގާނޫނުލް އުގޫބާތުގައި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ހަމްދޫންގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅީ އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަދަބުގެ ބާވަތް ބަދަލު ކުރުމަށް ފަހު އެވެ. ބައެއް ބާވަތުގެ މައްސަލަތަކުގައި ޖަލު ހުކުމުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާއަށް ނުވަތަ މުޖްތަމައުއަށް ޚިދުމަތް ކުރުން ފަދަ އަދަބުތަކަށް ބަދަލު ކުރުމުގެ ބާރު ކޯޓަށް އޮވެ އެވެ.
އައިިންތުގެ ކާރަށް ގެއްލުން ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ގެނަ އެވެ. އެންމެ ފަހުން ކާރަށް ދިން ގެއްލުންތަކަށް ފަހު އެ ކާރު މަރާމާތު ކުރަން އައިންތުއަށް އެހީވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
25 February 2021
ހާދަ ހެއްވައޭ. ޖޫރިމާނާ ކުރީމާ ލާރިކޮޅު ސަރުކާރަށް. ކޮބައުގަ ގެއްލުމުގެ ބަދަލުގައި އައިތުއަށް ދިނީ ކޯންއެއްޗެއްތަ. މިތިބަ ދެއުޅިއެއްކުރަން ނޭގުނު ފަނޑިޔާރުންތާދޯ. ސަރުކާރުން ޖޫރިމާނާއަށް ހޯދަން ކަނޑައެޅިފައިސާ ހަމަކުރަން ބާރެއްލާފަ 100000.00 ޖުރިމާނާ ކުރިނަމަ ތިކަން ރަނގަޅުވާނިވެސް.
ަސދފ
25 February 2021
މާ ކުޑަ ތިވަރު..
އައިމިނާ
25 February 2021
އަނިޔާވެރިވި ސަބަބަކީ ކޮބައިތޯ؟
ޣުމްރާއު
24 February 2021
ދެން މިހާރު އައިންތުއަށް އައިންތުއަށް އިންސާފު ލިބުނީތަ. ސަރުކާރަކަށްނޫންތަ ލާރިކޮޅުލިބުނީ.
ހަސަން ލަތީފު
24 February 2021
ކްރިމިނަލް ކޯޓަކީ ބަދަލު ނަގާދޭ ތަނެއް ނޫން. އައިންތު ދެން ޖެހޭނީ މި ހުކުމް ހިފައިގެން ސިވިލް ކޯޓަށް ބަދަލު ހޯދަން ހުށަހަޅަން. އޭރުން ލިބުނު ގެއްލުމާ އެއްވަރުގެ ބަދަލެއް ނަގާދޭނެ.
ނެހެރާޒް
24 February 2021
ހުކުމް ވަރަށް ރަނގަޅު . އައިންތު އަށް އިންސާފުލިބިއްޖެ އަލްހަމްދުލިއްލާހި
ކަހީން
24 February 2021
އަދި އިންސާފުނ ނުލިބޭ. . އެކަމަކު، ތި ހުކުމް ހިފައިގެން ސިވިލްކޯޓަށް ދިޔުމުން، އެކޯޓުން އައިންތުއަށް ލިބުނު ގެއްލުންތަކުން އަރައިގަނެވޭނެ ފަދަ، އެކަށީގެންވާ ބަދަލެއް ނަގައިދީފި ކަމުގައި ވާނަމަ، ދެން ބުނެވިދާނެ، އައިންތުއަށް ބަދަލު ލިބިއްޖެއޭ. . އެކަމަކު އަދި މިހާރު ބުނެވޭނީ، ސަރުކާރުން އަނެއްކާވެސް އާންމު ރައްޔިތެއްގެ އަތުން ފައިސާ ކޮޅެއް ޕަކަޅުވާ ލައިފިޔޭ. . . މީ ހަގީގަތް. މީ އަސްލަކީ.