ހއ. ފިއްލަދުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރާ ޕެކެޓުތަކުގެ ބަރުދަން 51 ކިލޯއަށް އަރާ. އެ އަތޮޅު ވަށަވަރުން ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނިފައިވޭ.
ފިއްލަދުއަށް އިއްޔެ ލެއްގި ކަޅު ދަބަސް: މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތައް އަޅާފައި ހުރީ މި ދަބަހަށް.-- ފޮޓޯ: ކިއުންތެރިއެއް
22 މާޗް 2021 - 12:33
ހއ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ލެއްގީ ކޮންމެވެސް ބޯޓަކުން ކަނޑަށް އުކާލި މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށްރަށުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް ލައްގާތީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. އެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިއަދު ހއ. އަތޮޅަށް ދާނެ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު މި މައްސަލައަ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
މަސްތުވާތަކެތި ލެއްގި ރަށްރަށުގެ ތެރޭގައި ފިއްލަދު އާއި ވަށަފަރު ހިމެނެ އެވެ.
ފިއްލަދޫން ފެނުނު ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި ކިލޯއެއް ހުއްޓެވެ. އެ ރަށުގެ ބަނދަރާ ދިމާލުން ފޮތި ގޯންޏެއްގައި ހިމެނޭ އެ ހުރިހާ ޕެކެޓެއްގައި 51 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
ވަށަފަރުން ހަތަރު ޕެކެޓްގެ ބަރުދަން ހަތަރު ކިލޯއަށް އަރަ އެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ގަބޫލުކުރައްވާ ގޮތުގައި އެއީ ކޮންމެވެސް ބޯޓަކުން އެއްލައިލި އެއްޗެހިތަކެކެވެ. އެ އެއްޗެހިތައް އަޅާފައި ހުރި ކަޅު ކުލައިގެ ބޮޑު ފޮތި ގޯނި އޮތީ ވަރަށް ބޮޑަށް ފީވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. ފަލާހު ލަފާކުރައްވަނީ އެ އެއްޗެހި ރަށަށް ލެއްގީ މޫދުގައި އޮންނަތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.
ހއ. ގެ ބައެއް ރަށްރަށުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރާ ޕެކެޓެއް.--
"މޫދުގައި އޮވެ ގިނަ ދުވަސް ވެފައި ހުރި ކަމަށް ބެލެވެނީ. ކަޅު ދަބަހުގައި ނަޖިސް ޖެހި ހިކިފައި ހުރީ ވެސް. ދަބަސް ވަރަށް ބޮޑަށް ފީވެ އިރައިގެން ދިޔަ،" ފަލާހު ވިދާޅުވި އެވެ.
ދަބަސް ތެރޭގައި 50 ޕެކެޓު އޮތެވެ.
ޕެކެޓްތައް ބަންދުކޮށްފައި ހުރީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ފެހި ކުލައިގެ ޕެކްތަކެއްގަ އެވެ. އެތެރޭގައި ހުރީ މުށި ކުލައިގެ ކުނޑިތަކެކެވެ.
ވަށަފަރުން ވާހަކަދެއްކެވި ކައުންސިލަރަކު ލަފާކުރައްވާ ގޮތުގައި އެއީ ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރޭގައި ކަނޑަށް އުކާލި އެއްޗެހިތަކެކެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އެކި އުކުޅުތައް ބޭނުންކުރެ އެވެ. ބޭރުގެ ބޯޓުތަކުގައި ރާއްޖޭގެ ސަރަހައްދަށް އައުމާ އެކު، ދިވެހިންގެ ބަޔަކު ދޯނީގައި ނުވަތަ ލޯންޗުގައި އެ ހިސާބަކަށް ދެ އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި އެފަދަ ކިތައްމެ އުޅަނދެއް ހިފަހައްޓައި އެތައް ބަޔަކު ހައްޔަރުކޮށްފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާރަށް ވެދުންސަލާމް
22 March 2021
މަސްތުވާ ތަކެތި އެތެރެވުން ހުއްޓުވަން އެދޭނަމަ ދިވެހިރާއްޖޭގެ ފުލުހުން އަދި ކަސްޓަމްސްގެ ވަޒީފާތައް ބޮޑޮތަނުން އިތުރުކޮށް ކެޕޭސިޓީ ބިލްޑް ކުރަން ޖެހޭ. ގާބިލު ގައުމަށް ވަފާތެރި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން އިތުރުކުރުން ކޮންޓްރޯލް ކުރުމަކީ މިފަދަ ކަންކަން އިތުރުވާކަމެއް.
އުދުހޭ
22 March 2021
ލެއްގީ މޫދުންއައި އެއްޗެހިތަކެއް. ލޮލް
މޮހިތު
22 March 2021
ވަރައް ހެއްވާ ކަމެއް..! ޕޮލިސް ނިދާފަ، ބަޔާން ނެރެނީ ކައުންސިލުން...!
ކޮވެލި
22 March 2021
ތި ތަކެތި އެތެރެކުރެވޭ މިންވަރަށް ބަލާއިރު މިގައުމުގައި ތިކަން ފެތުރިފައި އޮތް މިންވަރު ޚިޔާލަށް ގެނެވޭ. ކައުންސިލަށް ކުރިމަތިލާ އެކަކުވެސް ރަށުުންގ ޑްރަގް ހުސްކުރުމަށް މަސައްކަތްކުރާ ވަޢުދެއް ނެތް ކޮށްފަ. އެންމެނެވެސް ފުޓްސަލް ދަނޑު އަދި ގެސްޓް ހައުސް ވިޔަފާރި.