ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް މިއަދު ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަކަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ލައްގަމުންދާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ޕެކެޓްތައް ލެއްގި ރަށްރަށުގެ ތެރޭގައި ވަށަފަރާއި ފިއްލަދޫ ހިމެނެ އެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވިދާޅުވީ އެ ރަށުގެ ބަނދަރާ ދިމާލަށް މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ބޮޑު ގޯންޏެއް ލައްގާފައިވާ ކަމަށެވެ. އެ އެއްޗެހި އެންމެ ފުރަތަމަ ފެނުނީ ހެނދުނު 11:00 ހާއިރު އެ ރަށުގެ ބަނދަރާ ކައިރި ކުރި މަސް ދޯންޏެއްގެ ބަޔަކަށެވެ.
ފަލާހު ވިދާޅުވީ އެ ގޯނީގެ ތެރޭގައި 50 ވަރަކަށް ޕެކެޓު ހުރި ކަމަށެވެ.
ޕެކެޓު ބަންދުކޮށްފައި ވަނީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ޕެކެޓަކުންނެވެ. އޭތި ނައްޓާލުމުން މުށިކުލައިގެ ކުނޑިތަކެއް ފެންނަ ކަމަށް ވިދާޅުވި އެވެ.
"އެތަނުން އެއް ޕެކެޓު ކަނޑާލާފައި ބަލާލިން. މުށިކުލައިގެ ކުނޑިތަކެއް ގޮތަށް ހުރީ. ފުލުހުން އަންނަންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި އެ ޕެކެޓުތަކެއް ހުރީ،" ފަލާހު ވިދާޅުވި އެވެ.