ހއ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ލެއްގީ ކޮންމެވެސް ބޯޓަކުން ކަނޑަށް އުކާލި މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށްރަށުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް ލައްގާތީ ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. އެ ތަހުގީގަށް މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިއަދު ހއ. އަތޮޅަށް ދާނެ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު މި މައްސަލައަ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
މަސްތުވާތަކެތި ލެއްގި ރަށްރަށުގެ ތެރޭގައި ފިއްލަދު އާއި ވަށަފަރު ހިމެނެ އެވެ.
ފިއްލަދޫން ފެނުނު ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި ކިލޯއެއް ހުއްޓެވެ. އެ ރަށުގެ ބަނދަރާ ދިމާލުން ފޮތި ގޯންޏެއްގައި ހިމެނޭ އެ ހުރިހާ ޕެކެޓެއްގައި 51 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
ވަށަފަރުން ހަތަރު ޕެކެޓްގެ ބަރުދަން ހަތަރު ކިލޯއަށް އަރަ އެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ގަބޫލުކުރައްވާ ގޮތުގައި އެއީ ކޮންމެވެސް ބޯޓަކުން އެއްލައިލި އެއްޗެހިތަކެކެވެ. އެ އެއްޗެހިތައް އަޅާފައި ހުރި ކަޅު ކުލައިގެ ބޮޑު ފޮތި ގޯނި އޮތީ ވަރަށް ބޮޑަށް ފީވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. ފަލާހު ލަފާކުރައްވަނީ އެ އެއްޗެހި ރަށަށް ލެއްގީ މޫދުގައި އޮންނަތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.
"މޫދުގައި އޮވެ ގިނަ ދުވަސް ވެފައި ހުރި ކަމަށް ބެލެވެނީ. ކަޅު ދަބަހުގައި ނަޖިސް ޖެހި ހިކިފައި ހުރީ ވެސް. ދަބަސް ވަރަށް ބޮޑަށް ފީވެ އިރައިގެން ދިޔަ،" ފަލާހު ވިދާޅުވި އެވެ.
ދަބަސް ތެރޭގައި 50 ޕެކެޓު އޮތެވެ.
ޕެކެޓްތައް ބަންދުކޮށްފައި ހުރީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ކޮފީ ބްރޭންޑެއްގެ ފެހި ކުލައިގެ ޕެކްތަކެއްގަ އެވެ. އެތެރޭގައި ހުރީ މުށި ކުލައިގެ ކުނޑިތަކެކެވެ.
ވަށަފަރުން ވާހަކަދެއްކެވި ކައުންސިލަރަކު ލަފާކުރައްވާ ގޮތުގައި އެއީ ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރޭގައި ކަނޑަށް އުކާލި އެއްޗެހިތަކެކެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އެކި އުކުޅުތައް ބޭނުންކުރެ އެވެ. ބޭރުގެ ބޯޓުތަކުގައި ރާއްޖޭގެ ސަރަހައްދަށް އައުމާ އެކު، ދިވެހިންގެ ބަޔަކު ދޯނީގައި ނުވަތަ ލޯންޗުގައި އެ ހިސާބަކަށް ދެ އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި އެފަދަ ކިތައްމެ އުޅަނދެއް ހިފަހައްޓައި އެތައް ބަޔަކު ހައްޔަރުކޮށްފައި ވެސް ވެ އެވެ.