ޑްރަގް އައްޑާގެ ގޮތުގައި މާލޭގައި މިހާރު ހިންގަމުން ދަނީ 30 ތަނެއް ކަމަށާއި ހަ ތަނެއްގެ ވެރި ފަރާތަށް ދައުވާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި ވެސް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ އަހަރު ވިދާޅުވެފައި ވަނީ، ސަރުކާރުގެ އިމާރަތްތައް ހިމެނޭގޮތަށް މާލޭގެ 50 ތަނެއް ޑްރަގު އައްޑާގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ.
ނަމަވެސް، ފުލުހުން މިއަދު ބުނީ ބޭނުންކުރާ އައްޑާތަކުގެ އަދަދު މިހާރު 30 އަށް މަދުވެފައިވާ ކަމަށެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ ކެފޭގެ އުސޫލުން ޑްރަގްސްގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން، ހަ ގެއެއްގެ ވެރިންނަށް ދައުވާކޮށް، ޝަރީއަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެއްވެސް މައްސަލައެއްގައި ހުކުމަކާ ހިސާބަކަށް އަދި ނުދެ އެވެ.
ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ބަންދުކުރަން ދަތިވާތީ ފުލުހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމަކު، އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އައްޑާތައް ބަންދުކުރަން ފަސޭހަވެ، އެ ތަނުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.