ފިނޭންސް މިނިސްޓަރު އަމީރު: މަޝްރޫއުތައް ދޭނެ ލިމިޓެއް ކަނޑައަޅަން ފިނޭންސް ނެރުނު އުސޫލުގެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މިހާރު
22 މާޗް 2021 - 13:53
ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކަށް އެވޯޑްކުރާނެ ވަކި ލިމިޓެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީން ނެރެފައިވާ އުސޫލު ބާތިލްކުރުމުގެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ޕްރޮކިއުމެންޓް ޕޮލިސީ ބޯޑުގެ ނިންމުމަކުން ފިނޭންސް މިނިސްޓްރީން އޭޕްރީލް، 2020 ގައި ނެރެފައިވާ އުސޫލުގައިވާ ގޮތުން ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް މަޝްރޫއުތައް ހަވާލުކުރުމުގައި، އެ ކުންފުންޏަކަށް އެވަގުތު އެވޯޑް ކޮށްފައިވާ ދައުލަތުގެ އެހެން މަޝްރޫއުތަކުގެ އަގަށް ބެލޭނެ އެވެ. އަދި ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަގުގެ ގޮތުން ވަކި މިންވަރަކަށް ވުރެ މަތިވާ ނަމަ، އެ ކުންފުންޏަކަށް އިތުރު މަޝްރޫއުއެއް އެވޯޑް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އުސޫލަކީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގަވާއިދާ ޚިލާފް އިއުލާނެއް ކަމަށް ބުނެ އެ އިއުލާން ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅީ ލޯ ފާމެއް ކަމަށްވާ އެޑްވޮކަސީ ޗެމްބާސް އިންނެވެ.
އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ނުވަތަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ގާނޫނުއަސާސީއާ ޚިލާފްވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ނެރުނު އުސޫލަކީ ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވާއިދު އޮތް ގޮތުން ދުސްތޫރީ މައްސަލައަކަށް ނުފެތޭ މައްސަލައެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދުު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
23 March 2021
އެކަމަކު ފިނޭންސް މިނިސްޓްރީން ނެރުނު އުސޫލަކީ ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވާއިދު އޮތް ގޮތުން ދުސްތޫރީ މައްސަލައަކަށް ނުފެތޭ މައްސަލައެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. މި ލިޔުނު މީހާ ހުރީ ހަމައިގަތޯވެސް ބަލަން ޖެހޭ.
ކޮކަޑި
22 March 2021
ތިޔަ ގޮތަށް ކާބަން ބަޖެއްވެސް ހަދަން މަޖިލީހުން އެބައުޅޭ
ބިލް ކުލިންޓަން
22 March 2021
މީ ބޭރުކުރާންޖެހޭ މީހެއް. އަދި "ބުރޯ"ވެސް.