މަޖިލީސް އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ)--ފޮޓޯ: މަޖިލިސްް
29 މާޗް 2021 - 15:40
ކެފޭ/ ރެސްޓޯރެންޓްތަކަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑަށް އަވަސް އެހީތެރިކަމެއް ނުލިބިއްޖެ ނަމަ، އަންނަ މަހު ފަށާ ރޯދަ މަހަށް ފަހު އެ ދާއިރާގެ 40 ޕަސެންޓު ވިޔަފާރި ބަނގުރޫޓުވާނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަަން އޮފް މޯލްޑިވްސް (ރެމް) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.
އިގްތިސާދީ ކޮމިޓީގައި ރެމްްގެ މެމްބަރު އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ހުސައިން އިސްމާއިލް ވިދާޅުވީ، ރެސްޓޯރެންޓާއި ކެފޭތަކުގެ ވިޔަފާރިއަކީ އާންމުންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ އާމްދަނީއާ ގުޅިފައިވާ ވިޔަފާރިއަކަށް ވިޔަސް ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ ހެދި އެ ތަންތަން ހިންގަނީ ގެއްލުމުގައި ކަމަށެވެ.
މި ހާލަތުގައި ކެފޭ/ރެސްޓޯރެންޓް ވިޔަފާރިތައް އޮތް އިރު ޔުޓިލީ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގައި ވެސް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިކަމުގައި ލުއިތަކެއް ހޯދައި ދިނުމަށް އިގްތިސާދީ ކޮޮމިޓީން މަސައްކަތް ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ދާދި ފަހުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، ކެފޭ/ރެސްޓޯރެންޓުތަކުގެ ތެރޭގައި ތިބެގެން ރޭގަނޑު 8:00 ގެ ފަހުން ކެއުން މަނާކުރި އެވެ. އަދި 10:30 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ވެސް މަނާކުރި އެވެ. މި ބަދަލުތަކާ އެކު ކެފޭ/ރެސްޓޯރެންޓް ވިޔަފާރި ކުރާ ފަރާތްތަކުން ނުރުހުން ފާޅުކޮށް، ގަވާއިދުތައް ބަދަލު ކުރުމަށް ގޮވައިލުމުން އަނެއްކާވެސް ވަނީ 10:30 އަށް ވަގުތު ދަންމައިފަ އެވެ.
ރާއްޖޭގައި 1،800 އަށް ވުރެ ގިނަ ކެފޭ/ރެސްޓޯރެންޓް ހިންގަމުންދެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.
"ފެނާއި ކަރަންޓާ މިއީ އަސާސީ ހިދުމަތެއް. އެއް ބިލު ޑިއު ވެފައި އިނަސް [އެމްޑަބްލިއުއެސްސީ] އިން [ފެން] ކަނޑާލާނަމޭ ބުނަނީ. އައިސް ހަމަ [ފެން] ކަނޑާލަނީ. ދެން ގުޅީމާ ބުނަނީ ހުރިހާ ބިލެއް ދެއްކީމައޭ ހިދުމަތް ދޭނީ. އެއް ބިލު ދައްކާނެ ފައިސާ ނެތް އިރު ހުރިހާ ބިލެއް ކިހިނެތްތޯ ދެއްކޭނީ؟،"ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސްޓެލްކޯ އިން އެދެނީ 50 ޕަސެންޓް ބިލް ދެއްކުމަށެވެ. އެކަމަކު 50 ޕަސެންޓް ބިލް ދައްކަން ވެސް ކެފޭ/ރެސްޓޯރެންޓްތަކުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ، މި ހާލަތުން އަރައިގަތުމަށް ކެފޭ/ރެސްޓޯރެންޓްތަކަށް ވީ އެންމެ އަވަހަށް ސްޓިމިއުލަސް ޕެކޭޖުތައް ބޭނުުންވާ ކަމަށެވެ.
ރެމްގެ ވައިސް ޕްރެޒިޑެންޓް މުހައްމަދު ސުޖާއު ވިދާޅުވީ، އެކި ރެސްޓޯރެންޓްތަކަށް ޕީކް ވަގުތުތައް ތަފާތު ކަމަށާއި މިދިޔަ ދެ މަސް ދުވަހު ރޭގަނޑު މާލޭގައި ރެސްޓޯރެންޓްތައް ބަންދުކޮށްފައި ހުންނަން ޖެހުމުން ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށެވެ.
"ރޭގަނޑު ގިނަ ރެސްޓޯރެންޓްތަކަށް ޕީކް ގަޑި އާދޭ. އެޗްޕީއޭ އިން ފިޔަވަޅުތައް އެޅުމުން އެތަންތަން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިވެއްޖެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
30 March 2021
ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތަކަކީވެސް ބިދޭސީންނަށް ވަޒީފާދޭން ހެދިފަ ހުންނަ ތަންތަނަށްވެ ނިމިއްޖެ!ރެމް އަށް އަންދާޒާވޭބާ މަހެއްގެ މައްޗަށް/ބިދޭސީންގެ މައްޗަށް އިޤްތިޞާދުން ބޭރުވަނީ ކިތައް ސަތޭކަ މިލިޔަންކަމެއް؟
އެމެރިކާ
30 March 2021
ބަގުރޫޓު ވަނީކީނުން ބަގުރޫޓް ކޮއްލަނީ. އަޅުވެތި ފަތިސް އެމްޑީޕީން
އައްޔުބޭ
29 March 2021
މި މަޖްލިސް އަކީ މިއީ މޮޔަ ވެގެން އުޅޭ ބައެއްތަ؟ ތިމަންނަމެންގެ މެންޑޭޓް އޮޅިގެން އުޅޭބައެއް، އަހަރެމެންނަށް މި ފެންނަނީ މުޅީން އެހެން މަންޒަރެއް، ގިނަ ޢަދަދެއްގެ ރެސްޓްރާންޓްތަކެއް މާރކެޓަށް އައިސް ޓްރެޑިޝަނަލް ތަންތަނަށް ވިޔަފާރި ގެއްލި ޒަމާނީ ކޮންސެޕްޓަށް ހިންގާ ތަންތަން ކުރިއަށް ދެމިލާ މަންޒަރު. ވިޔަފާރިކުރާ އެކަކުވެސް ނުބުނާނެ ފައިދާ ވެއެކޭ، ޔަހޫދީވާނެ، ސިމްޕަތީ ފޯރމިއުލާއިން އެޑްވާންޓެޖް ނެގޭ ތޯ އުޅޭނީ.
ޑިސްއޮނަރަބަލް ޑީޑީ
29 March 2021
ތިކަމެއްނޭންގެ! ވޭތުވެދިޔަ 2 މަސްތެރޭގާ މާލޭގެ އެތައް ކޮފީޝޮޕެއް ހުޅުވައިފި. އެއްޗެއް ނުލިބެންޏާ ހުޅުވާނެބާ؟ ނޫނީ ފޭލިވާންބާ ހުޅުވަނީ؟
ދެލިބެ
29 March 2021
ތި ކިޔާ ކެފޭތަކުން އިގްތިސާދަށް ވަނީ ކޮން ފާއިދާއެއް؟ ކިތައް ވަޒީފާ ދިވެހިންނަށް ދެވޭ؟ ބްލެކްމާކެޓް އިން ސަޕްލައި؟ ޓެކްސް ދެއްކުމުގައި ހީލަތާއި މަކަރު؟ ތި ކިޔާ %50 މާދަމާ ބަންދުކުރިއަސް އެއަދަދަށް ހަމަ އެ ދުވަހުން ދުވަހަށް ކެފޭ ހުޅުވާނެ މީހުން އެބަތިބި. މާ އިންފުލުއެންޝަލް ބައެއް ކަމަށް ހެދިގެން. މިހާރު ތިވީވަރުވެސް ނުވާނެ ވޯޓް ދުވަސްވަރު ނޫންނަމަ!
ބަޑީ
29 March 2021
ރެސްޓޯރަންޓް ވިޔަފާރިއަކީ އާއްމު ހިދުމަތަކަށްވުރެން ބޮޑަށް އަޅުގަޑަށް ވައްތަރީ ލަގްޒަރީ ހިދުމަތަކާ!! ރެސްޓޯރަންޓްން ނުކައިވެސް މިވަގުތު ފުއްދާލެވިދާނެ، ރެސްޓޯރަންޓްސް، ޕްލާންޓްސް/ފްލާވަރފަދަ ޝޮޕްސްތަކަށް ސްޓިމިއުލަސް ޕެކެޖް ދިނުމަށްވުރެން ސަރުކާރުން އެހީތެރިކަން ދެވިދާނެ އެހެން ބައިވަރު ދާއިރާތައް އެބަހުރިހެން އަޅުގަޑަށް ހީވަނީ. އަސްލު ސަރުކާރުން މާމެލާމެލި އިންފޯރޓަށް މިވަޤުތު 100 ގުނަ ބޮޑު ޑިއުޓީ ނަގަންޖެހޭ.