ފީޗާސް / އޭޑީކޭ ހޮސްޕިޓަލް

ނަޝީދުުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ޑޮކްޓަރުން ބޮޑު ގުރުބާނީއެއް

ދަގަނޑުކޮޅު އިނީ މައި ލޭ ހޮޅިއެއްގެ ތެރޭގައި. ޑޮކްޓަރުން ވިދާޅުވި ގޮތުން އެއީ ޑޮކްޓަރުންނަށް ކިޔަވައި ދޭއިރު، ފޮތްތަކުގައި ވެސް ނުހުންނަ ފަދަ ނާދިރު އަދި މަދުން ކުރިމަތިިވާ ހާލަތްތަކެއް.

ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމުގެ: ނަޝީދުގެ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނު --- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި އޮތީ އެ މަނިކުފާނުގެ ހާލުކޮޅަށެވެ. ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށް ގޮއްވާލި އައިއީޑީއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ވަގުތުން ފަރުވާ ދޭން ފަށައި، އޮޕަރޭޝަންތަކެއް ކުރި އެވެ. އޮޕަރޭޝަނަށް ފަހު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ވަމުން އަންނައިރު، ފުރާނަ ސަލާމަތް ކުރަން 16 ގަޑިއިރު ވަންދެން އޭޑީކޭގެ ޑޮކްޓަރުން ހުއްޓުމެއް ނެތި، ކުރީ އުނދަގޫ އަދި ބޮޑު މަސައްކަތެކެވެ.

ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮކްޓަރުން ވަނީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފަރުވާ ދިނުމުގައި އަމަލުކުރި ގޮތް ތަފްސީލުކޮށް ވިދާޅުވެފަ އެވެ. އެކަން ކުރީ ނަޝީދުގެ އާއިލާ އާއި އެ މަނިކުފާނުގެ ހުއްދައާ ވެސް އެކު އެވެ.

ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ އެކު، އިމަޖެންސީ ރޫމުން އެންމެ ފުރަތަމަ އެ މަނިކުފާނު ބެއްލެވީ ހޭނެއްތުމުގެ ހާއްސަ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ރަނގަޅަށް ހަރަކާތް ކުރައްވައި އަދި ޖަވާބު ދެއްވަ އެވެ. އެ މަނިކުފާނުގެ ހަށިކޮޅުން އޭރު ގިނަ އަދަދަކަށް ލޭފައިބަމުން ދިއުމުން ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ އެވެ.

ވަގުތީ ގޮތުން ލޭ މަނާކޮށް، ނަޝީދުގެ ހަށިކޮޅުގެ ސީޓީ ސްކޭން ހެދުމުން ނަޝީދުގެ ހަށިކޮޅުގެ އެތެރޭގައި ދަގަނޑު ރޭޒާ ފުއްތައް ހުރި ކަމަށް ފާހަގަ ކުރެވުނެވެ. ޑޮކްޓަރުން އެންމެ ކަންބޮޑުވީ ނަޝީދުގެ ފުއްޕާމެއާ ދިމާލުގައި ރޭޒާ ފުކެއް ތާށިވެފައި އޮތުމުންނެވެ. އެއީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބެލެވޭތީ އެންމެ ފުރަތަމަ އިސްކަން ދިނީ އެ މަނިކުފާނުގެ އެ ދަގަނޑުކޮޅު ނެގުމަށެވެ.

"ހިތަށް ދަގަނޑުކޮޅެއް ނުވަދެ ސަލާމަތްވީ ކިރިޔާ"

ޑޮކްޓަރުން ބުނިގޮތުގައި އޮޕަރޭޝަންކޮށް ބެލިއިރު، އެ ދަގަނޑުކޮޅު ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިން އެ ރޭޒާ ފުއް ދިޔަ ނަމަވެސް އޭތި ގޮސް ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުން ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. އަދި ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗް އަޅަން ޖެހުނެވެ.

"އެއް ސެންޓިމީޓަރު ތިރިއަށް ޖެހުނު ނަމަވެސް އެއީ ހިތަށް ވަންނާނެ ކަހަލަ ވަރަށް ނުރައްކާތެރި އެއްޗެއް." އެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އޮޕަރޭޝަން ޑޮކްޓަރު މުހައްމަދު ޝާފިއު ވިދާޅުވި އެވެ.

އެންމެ ބޮޑު ގެއްލުން ބަނޑު ތެރެއަށް

ދެން ފެށީ ބަނޑު ތެރެއަށް ލިބިފައި ހުރި ގެއްލުންތަކަށް ފަރުވާ ދިނުމަށެވެ. ބަނޑުގެ އެތެރޭގައި ތިން ދަގަނޑުކޮޅު އޮތް ކަމަށް ސީޓީ ސްކޭނުން ދެއްކި އެވެ. ކެމެރާއެއް ބަނޑު ތެރެއަށް ފޮނުވައިގެން ބެލިއިރު މަސްގަނޑު ފޫއަޅުވާލައި އަދި ބަނޑު ތެރޭގައި ގިނަ އަދަދެއްގެ ލޭ ޖަމާ ވެފައި ހުއްޓެވެ. ވަގުތުން ދެވަނަ އޮޕަރޭޝަންކޮށް، ބަނޑު ތެރޭގައި ޖަމާވެފައި ހުރި 600 މިލިލީޓަރުގެ ލޭ ބޭރުކުރި އެވެ. ބަނޑުގެ އެތެރެއިން ހުރި އަނިޔާތައް ފެނުނީ އެ ހިސާބުންނެވެ.

"ފާހަގަ ކުރެވުނީ ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރި ކަމަށް. ހުރި ދެ ތަނަކުން ފޫ އަޅާފައި. އެއީ އެއްކޮޅުން ވަދެފައި އަނެއްކޮޅުން ނިކުމެފައި އިިން ތަން. ދެން އޭގެ އިތުރުން މައިދާއޭ މިކިޔާ ބަނޑު ނުވަތަ ސްޓޮމަކް ފޫ އަޅާފައި އިން ކަން ފާހަގަ ކުރެވުނު. އެއީ ވެސް އެއް ފަރާތުން ވަދެފައި އަނެއް ފަރާތުން ނިކުމެފައި އިނީ،" އޮޕަރޭޝަން ޑޮކްޓަރު އަހުމަދު ނިޝާން ވިދާޅުވި އެވެ.

ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކުގެ ފޮޓޯއެއް --- ފޮޓޯ/އޭޑީކޭ

ގޮހޮރު ފޫ އަޅުވާލައިފައި ހުއްޓަސް، ބަނޑު ތެރެއަށް ނަޖިހުގެ މާ ބޮޑު އަސަރެއް ކޮށްފައި ނެތުމަކީ ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ، ބޮޑު ނަސީބެކެވެ. އެކަން އެގޮތަށް ދިމާވީ މިއީ ރޯދަ މަސް ކަމަށްވުމުން، ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

"ބައިވަރު ނަޖިސްތަކެއް އެޅިފައެއް ނެތް. އެހެން ނަމަވެސް ގޮހޮރު ތެރެއަށް އެއްޗެއް ދާއިރު ކޮންމެވެސް ވަރެއްގެ އެއްޗެހިތަކެއް، ކޮންމެވެސް ވަރެއްގެ ނަޖިހުގެ އަސަރެއް ހުންނާނެ. އެހެންވީމަ އިންފެކްޝަންގެ ޗާންސް ހައިވާނެ،" ނިޝާން ވިދާޅުވި އެވެ.

ދެން ޑޮކްޓަރުން މަސައްކަތް ފެށީ ބަނޑުގެ އެތެރެއިން ލިވާއަށް ލިބިފައި ހުރި އަނިޔާތައް ބެލުމަށެވެ. ލިވާ ވެސް ފޫ އަޅުވާލައި، ލިވާގެ އެތެރެއަށް ދަގަނޑުކޮޅެއް ވަދެފައި އޮތެވެ. ލިވާއަކީ ނާޒުކު ގުނަވަނަށް ވާތީ އެ ދަގަނޑުކޮޅު ނެގުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. އެ ދަގަނޑުކޮޅު ނެގީ ލިވާއާ އެންމެ ކައިރިން ނެގެން އިން ދިމާލެއް ބަލައިގެންނެވެ.

އަތާއި ފައިގެ އުނދަގޫ އޮޕަރޭޝަންގެ ކުޑަ ވަގުތުކޮޅަކުން

ނަޝީދުގެ އަތާއި ފައިގަ ހުރި ދަގަނޑުކޮޅުތައް ނެގުމުގެ މަސަައްކަތް ކަށީގެ ޑޮކްޓަރުން ފެށީ އެ ހިސާބުންނެވެ. އެއީ ވައާތު ފައިގެ ކަކުލު ހުޅުގައި އިން ދެ ދަގަނޑު ކޮޅާއި ފަލަމަސްގަނޑުގައި އިން ދެ ދަގަނޑުކޮޅު އަދި ވައަތުގެ އުޅަބޮށީގައި އިން ދަގަނޑުކޮޅެވެ. އެ ހުރިހާ އެއްޗެއް ނަގައި، އެ އޮޕަރޭޝަން ނިންމަން ޑޮކްޓަރުންނަށް ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. އެއީ އިތުރު ނަޝީދުގެ ސީޓީ ސްކޭނަކަށް ތައްޔާރު ވަމުންދާތީ އެވެ.

އަތާއި ކަކުލުގައި އިން ދެ ދަގަނޑުކޮޅު އިނީ ކަށިގަނޑު ފޫ އަޅުވާލައި، ތާށިވެފަ އެވެ. ކަކުލުގައި އިން ދަގަނޑުކޮޅު އިނީ ކަކުލުގެ ފަހަތުގައި ނާރެއް ކައިރީގަ އެވެ. ދަގަނޑު ކޮޅުތަކުގެ އިތުރުން ބައެއް ޕްލާސްޓިކޮޅުތައް ވެސް އެތެރެއަށް ވަދެފައި ހުއްޓެވެ.

"ގަޑިއެއްހާއިރު ތެރޭގައި ހުރިހާ އެއްޗެއް ރިމޫވްކޮށް، ސީޓީ ސްކޭނަށް ޝިފްޓް ކުރެވެން ވާއިރަށް ހުރިހާ އެއްޗެއް ރިޓްރީވް ކުރެވުނު،" ކަށީގެ ޑޮކްޓަރު މުހައްމަދު މިޝްވާރު ވިދާޅުވި އެވެ.

ނަޝީދުގެ އިސްތަށިފުޅާ ދިމާލުން ވެސް ދަގަނޑުކޮޅެއް އެތެރެއަށް ވަދެފައި އިނެވެ. އެއީ ވައަތް ފަރާތު ކަންފަތާ ދިމާލު މަތިންނެވެ. އެކަމަކު ނަސީބަކުން ބޮލުގެ ނުވަތަ ސިކުނޑިއަށް އޭގެ އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި މާބޮޑު އުނދަގުލަކާ ނުލައި އެ ދަގަނޑުކޮޅު ފަސޭހައިން ނެގުނެވެ.

"ބޮޑަށް ބުރަވެވެނީ އޭގެ ސަބަބުން އިންފެކްޝަނެއް ނުވެޖިއްޔާ އިތުރު މައްސަލައެއް ނުޖެހޭނެ ކަމަށް." ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވި އެވެ.

އެންމެ ބޮޑު އޮޕަރޭޝަން: "ދިމާވީ ވަރަށް ނާދިރު ހާލަތެއް"

ޖެހިގެން އައި ދުވަހު ހެދި ދެވަނަ ސީޓީ ސްކޭނުން ދެއްކީ އިތުރު ދަގަނޑުކޮޅެއް ހަށިގަނޑުގެ އެތެރޭގައި ދައުރުވަމުންދާ ކަމެވެ. ދަގަނޑު ބޯޅައަކަށް ވާތީ އެއްވެސް ހުރަހަކާ ނުލައި، ފަސޭހައިން އެ ދަގަނޑުކޮޅު ދަތުރު ކުރަމުން ދިޔަ އެވެ. އެ ދަގަނޑުކޮޅު އިނީ މައި ލޭ ހޮޅިއެއްގެ ތެރޭގަ އެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުން އެއީ ޑޮކްޓަރުންނަށް ކިޔަވައި ދޭއިރު، ފޮތްތަކުގައި ވެސް ނުހުންނަ ފަދަ ނާދިރު އަދި މަދުން ކުރިމަތިިވާ ހާލަތްތަކެވެ.

"މިއީކީ ޑޮކްޓަރުންގެ ޓެކްސްޓް ފޮތްތަކުގައި ވެސް ލިޔެފައި ހުންނަ ކަންކަމެއް ނޫން. މިގޮތަށް ފޮރިން ބޮޑީއެއްގެ ބައި ހޮޅިއަކަށް ވަދެގެން ނެގުން. ތި ބޭފުޅުން ހިތަށް އަރާފާނެ މައި ހޮޅިއަށް ވަދެޖިިއްޔާ ކިހިނެއްތޯ ވާނީ. އެއީ މި ދެންނެވިހެން ހަށިގަނޑުގައި އިން އެންމެ މައި ހޮޅި ބްލަޑް އަނބުރާ ހާޓަށް ގެނެސްދޭ. އެހެންވީމަ ރޭޒަރު ފުށް ހާޓަށް ވަދެއްޖިއްޔާ ދެން ހާޓް ޕަމްޕް ކުރާ ގަޑީގައި ވިއްސައިގެންދާނީ ލަންގަށް." ޑޮކްޓަރު ޝާފިއު ވިދާޅުވި އެވެ.

އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/މިހާރު

ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ، މައި ހޮޅި ތެރެއިން ހިތުގެ ތެރެއަށް ދަގަނޑުކޮޅު ދިޔަ ނަމަ، ނަޝީދުގެ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރަން ޖެހުނީ ވެސް އާންމުކޮށް އެފަދަ އޮޕަރޭޝަން ނުކުރާ ފަދަ ގޮތަކަށެވެ. އާންމުކޮށް ކެތު ލެބްގައި އޮޕަރޭޝަންތައް ކުރަނީ ބަލި މީހާ އުއްޑުން ސީދަލަށް ބާއްވައިގެން ކަމަށް ވިޔަސް، ހިތުގެ ތެރެއަށް އެ ދަގަނޑުކޮޅު ގޮސްދާނެ ކަމުގެ ބިރަށްޓަކައި ނަޝީދުގެ ހަށިގަނޑު ބޭއްވީ ވަކި ޕޮޒިޝަނެއްގަ އެވެ. އެކަން ކުރީ ނާރުގެ އޮޕަރޭޝަންތައް ކުރާ ކަހަލަ އެނދެއްގަ އެވެ.

"އަޅުގަނޑުމެން އާންމުކޮށް މިކަހަލަ ސީރިއަސް ކޭސްތައް ވެންޓިލޭޓްކޮށް ހަދަނީ ފްލެޓް ޕޮޒިޝަނެއްގަ. މި ކޭސްއަށް އަޅުގަނޑުމެން ޖެހުނީ މޮޑިފައި ކުރަން. އެގޮތަށް ބަލާފައި 45 ޑިގްރީގައި ޕޭޝަންޓް ބޭންދީ. އެއީ އޭތި އަރާފާނެތީ، ގްރެވިޓީ ބޭނުންކޮށްގެން އޭތި ތިރީގައި ބައިންދަންވެގެން." ޝާފިއު ވިދާޅުވި އެވެ.

"އިންފެކްޝަނެއްގެ ނުރައްކާ އަދިވެސް އޮވެދާނެ"

ތިން ވަނަ އޮޕަރޭޝަނަށް ފަހު ނަޝީދު އައިސީޔޫ އަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ދިގު އޮޕަރޭޝަނެއް ކޮށްފައިވާތީ އިއްޔެ އެމަނިކުފާނު ބޭއްވީ ވެންޓިލޭޓަރުގަ އެވެ. މިއަދު ނޭވާލުން ރަނގަޅުވުމާއި ވެންޓިލޭޓަރުން ނެގިޔަސް، ކުރިއަށް އޮތް މަގު ވަރަށް ދިގެވެ. އެއީ އިންފެކްޝަނެއްގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.

"އިންފެކްޝަނަކީ ވަރަށް ގާތުން ބަލަން ޖެހޭ ކަމެއް. މިވަރުގެ އޮޕަރޭޝަންތައް ކޮށްފައި ހުރީމަ ވަރަށް ގާތްވާނެ އެކިވަރުގެ އިންފެކްޝަންތައް އައުން. އަދި އެއާ ގުޅިގެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަންނަ ގެއްލުން. އެހެންވީމަ އަޅުގަނޑުމެންގެ ފޯކަސް ދެން އޮންނާނީ މި ހުރިހާ ކަމަކަށް ފޯކަސްކޮށްގެން ވަރަށް ގާތުން މިކަން ބަލައި، ފަރުވާ ދިނުން،" ޑރ. ނަޝީދާ ސައީދު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ރާއްޖެއިން ބޭރުގެ އެހީތެރިކަން ވެސް ހޯދަން ދަނީ ތައްޔާރުވަމުންނެވެ.

60 ކޮމެންޓް, 95 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 64%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖީޓީ

12 May 2021

މިތާ މަށަށް ފާހަގަކޮށްލެވުނީ ޑަކްތަރުންގެ ޓީމުގައި ތިބީ ޒުވާން ދިވެހި ދޭސީ ޑަކްޓަރުންކަން. ނަޒުލާ ވިދާޅުވާ ބަންގްލާ ބޭފުޅުންނެއްވެސް އަދި އިންޑިއާ ކުމާރެއް ވެސް ނެތްކަން.

The name is already taken The name is available. Register?

ޤޫރުބާނީގެ ބިލް

09 May 2021

ތިޔަ ޤުރުބާނީގެ ފުރިހަމަ އަގު ރައްޔިތުންގެ ފައިސާއިން ދޭން މަޖުބޫރު ވާނެއެވެ. ލަފާ ކުރެވޭނީ 15،000،000 ރުފިޔާ (ފަނަރަ މިލިއަން) ވަރު ވާނެ ކަމަށެވެ. މި ބިލުގެ ކޮޕީއެއް ލިބިދާނެ ތޯއެވެ؟

The name is already taken The name is available. Register?

އޭކު ސަވާލް

09 May 2021

ތިޔަ ޤުރުބާނީގެ ބިލައް އަރަނީ ކިހާ ފައިސާއެއް ތޯއެވެ؟ އަސްލު އަގު އެތައް ގުނަޔަކަށް ބޮޑުވެގެން ރައްޔިތުންގެ ޓެކްސް ފައިސާއަށް ދަރުމަވެތި ޚިޔާނާތެއް ނުހިނގާނެ ތޯއެވެ؟

The name is already taken The name is available. Register?

ޙަޔާތު

09 May 2021

މޮޅު މީހާއަށް މޮޅު ގޮތް.. ނިކަމެތި މީހާ ޖެހޭނީ ސަލާން ޖަހަން.. ތި އޮޕަރޭޝަން ތަކުގެ ބިލްވެސް ދައްކަނީ ޓެކްސް ފައިސާއިން.. ދެން އަވަހަށް އިތުރު ފަރުވާއަށް ބޭރަށް ވަޑައިގަންނަވާ..

The name is already taken The name is available. Register?

ޢައިން

09 May 2021

ކޮބާ ދެން ތިބި ސްޓާފުންގެ ވާހަކަ ޑޮކްޓަރުން ގެ ވާހަކަ އެކަނި ފާހަގަ ކުރީމަ ކަމަކު ނުދޭ ތިތާ ނުނިދާ ނުކައި ބުރަކޮށް މަސައްކަތް ކުރި ސްޓާފުން އަށް ވެސް ތައުރީފް ހައްގު

The name is already taken The name is available. Register?

ފޫޅު އަލިބޭބެ

09 May 2021

މިއީ އިންސާނިއްޔަތު ދެމިއޮތުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއް. މީހުންނަށް ބޭސްކޮށް ފުރާނަ ސަލާމަތް ކުރުމަކީ ޑަކުޓަރުކަން ކިޔަވައިގެން އައިސް އެ ދާއިރާއަށް ޚިދުމަތަށް ނިކުމެއްޖެ ކޮންމެ މީހެއްގެ ވާޖިބު. ޕައިލެޓަކު ކޮންމެ ދުވަހަކު އެތައް ފުރާނަޔަކައިގެން ގޮސް ބޯޓު ރަންވޭގަ ޖައްސާ ބީދައިން ޓީޗަރު ކިޔަވައިދޭ ބީދައިން ޑަކުޓަރުންވެސް ވަކި އައުކަމެއް ނުކުރޭ. ރަނގަޅު އެންމެން އަދާކުރަނީ ވެސް ގައުމީ ޒިންމާ. ގައުމީ ގުރުބާން

The name is already taken The name is available. Register?

ޕުރިންޓޭ

12 May 2021

އެކަމަކު ރަސްމީ ގަޑީގެ އިތުރުން އެތައްވަގުތެއް ސްކޫލް ކަންތަކުގައި ހޭދަކުރާއިރުވެސް ޓީޗަރަކަށް ނުލިބޭ ރާއްޖެތެރޭ މެޖިސްޓްރޭޓް ކޯޓެއްގެ ވޮޗަރުމީހާއަށް ޖުޑިޝަރީން ދޭމުސާރަވެސް. އެމީހާ އެތާ ގޮނޑިއެއްގައި ރޭޑިޔޯ އަޑުއަހަން ނުވަތަ ނިދާފަ 6 ޖެހީމަ ދިދަ އަރުވާބޭލުން، އަލިފްހާ

The name is already taken The name is available. Register?

ނުގުޅޭ

09 May 2021

މި އާޓިކަލްގައި ލިޔެފައި އޮތް އެއްޗަކާ، އޭގެ ސުރުޚީއާ އެއްވެސް ވަރަކަށް ދިމަލެއްނުވޭ. މުޅި އާޓިކަލް އެއްކޮޅުން އަނެއްކޮޅަށް ކިޔާ ނިމުނުއިރުވެސް ތިޔަ ބުނާ ޤުރުބާނީ އެއް ނުފެނުނު. ފެނުނީ، ޑޮކްޓަރުން ކުރި ހިތްވަރާ، މިކަމަށް ދިން ސަމާލުކަމާ، ރ.ނަޝީދުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ކުރި ބުރަ މަސައްކަތް. ޤުރުބާނީ އާ މި ދެންނެވި ކަންކަމާ އެއީ ދޭއްޗެއްކަން ލިޔުންތެރިޔާ އަށް އެނގިވަޑައިނުގަންނަވަނީތޯ؟

The name is already taken The name is available. Register?

ޝާވިން

09 May 2021

މިގޮތަށް ކޮންމެ އާދައިގެ ނިކަމެތި މީހާގެ ފުރާނަ ސަލާމަތް ކޮށްދޭން ޑޮކްޓަރުން އުޅެދޭނަމަ. ދެރަ ނިކަމެއްޗެއްގެ ފުރާނަ އެއީ ފުރާނަ އެއް ނޫންތޯ.

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

09 May 2021

ކޮންމެ މީހަކަސް ޑޮކްޓަރުން ހަމަ މަސައްަކތް ކުރަނީ މިހާ ބުރަކޮށޭ... އެވާހަކަތަކަކީ ޕަބްލިކް އިންޓްރަސްޓު ނެތް ވާހަކަތައް ވީމަ ނޫހުގައި ނުޖަހަނީ

The name is already taken The name is available. Register?

އަބްޑޫޅް

09 May 2021

އެއީ "ދަގަނޑު ބޯޅަ" އެއް ނޫން. އެއަށް ކިޔަނީ "ރޭޒާ ފުއް". ދަކުތަރުކަން ކިޔަވައިދިން އެދުރުގޭގަ ބަސް ކިޔަވައި ނުދެނީތަ؟

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

09 May 2021

ރޭޒާ ފުކަކީ ވަކި މާނައެއްގައި ކިޔާ އެއްޗެއް. ޑޮކްޓަރުން އެއަށް ކިޔާނީ ދަގަނޑު އެތިކޮޅެކޭ... ދަގަނޑު ބޯޅާއެކޭ... މިއުޅެނީ ދިވެހި ކުލާހެއް ހިންގާކަށްނޫން/

The name is already taken The name is available. Register?

ކަމަނަ1

09 May 2021

‫އިތުރު ފުރުސަތެއް އޮތްނަމަ ގައިމުތާ ފަރުވާ ހޯދާނީ ރާއްޖެއިން ބޭރުންކަން.... ތިޔަތާ ތިބީ ހުސްނަމުގަ ތިބިމީހުން.. ކަމުގަ އެއް ނޫން

The name is already taken The name is available. Register?

ޢަލީ އަމީރު / މިނެޓް

09 May 2021

އެތާ ތިއްބެވީ ދުނިޔޭގެ ފެންވަރުގެ ޤާބިލް ޑޮކްޓަރުން. މިއީ ރާއްޖޭގައި އާންމުކަމެއް ނޫން. ޑޮކްޓަރުންވެސް ތިބޭނީ ސޮކްގައި. އަދި މުޅި ޤައުމު ހުއްޓިފައި އޮތީ ހޮސްޕިޓަލުން ވިދާޅުވާ ޚަބަރަކަށް. 16 ގަޑި އިރު 6 ޑޮކްޓަރުން ނުވެސް ކައި ފުލުފުލުގައި ކުރި އޮޕްރޭޝަންތަކާއި ފޮލޯކުރި ޕްރޮސީޖަރ ތަކުން ނޫންނަމަ އެމަނިކުފާނުގެ ފުރާނަ ސަލާމަތް ނުވީސް. ޝުކުރިއްޔާ ޑޮކްޓާރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454