މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ: އާންމުން ގަބޫލުކުރަނީ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމަކީ އިންޓެލްގެ ބޮޑު ފެއިލިއާއެއް ކަމަށް-- ފައިލް ފޮޓޯ: މިހާރު
10 މެއި 2021 - 10:26
ރައީސް މުހަންމަދު ނަޝީދަށް ވަރަށް ބޮޑެތި، މަތީ ލެވެލްގެ ތްރެޓްތައް އޮތް ކަމަށް އެތައް ފަހަރަކު ރިޕޯޓް ކޮށްފައިވާ އިރު، އިންޓެލިޖެންސްގެ ތަޖުރިބާކާރަކު ކުރައްވާ އެއް ސުވާލަކީ މި އެވެ؛
"ގެކޮޅުން އެ މަނިކުފާނު ނުކުމެވަޑައިގެންނެވި އިރު ބޮޑީ ގާޑުންގެ ތެރެއަށް ވެސް އާންމު މީހަކު ވަދެގެންދާ ތަން ވީޑިއޯގައި އެބަ ފެނޭ. އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންހޭ އެހެން ދޫކޮށްލެވެންވީ. އާންމުން އެ މަގުގައި ހިނގާ އެބަ އުޅޭ. ދުއްވާ އެއްޗެހި އެބަ ދުއްވާ. އިންޓެލް އިން އެގޮތަށް އެސެސްކޮށްފައި އޮތް އިރު، އެ މަނިކުފާނަށް ދެވުނު ސެކިއުރިޓީ މިހެން އޮންނަން ޖެހޭ ސަބަބެއް އަޅުގަނޑަށް ނުވިސްނޭ. ކޮބައިތޯ އެސްޕީޖީ."
ރައީސް ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައާ އެކު އެންމެން ވެސް ދެއްކި އެއް ވާހަކައަކީ، މިވަރުގެ ހަމަލާއެއް ދިން އިރު އިންޓެލް ކޮބައިތޯ އެވެ؟ މި ހަމަލާގެ އެއްވެސް މައުލޫމާތެއް، ރާއްޖޭގެ އިންޓެލްތަކަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟
މި ހަމަލާ އަކީ ސީދާ ޕޮލިސް އިންޓެލް އާއި ސިފައިންގެ އިންޓެލްގެ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށް އާންމުން ގަބޫލުކުރެ އެވެ. މި ރިޕޯޓަށް ވާހަކަ ދެއްކެވި ކަމުގެ ވަރަށް ބޮޑެތި ތަޖުރިބާކާރުން ވެސް އެކަމަކަށް އިންކާރެއް ނުކުރައްވަ އެވެ. އެކަމަކު، އެ ތަޖުރިބާކާރުން އިތުރަށް ދެއްކެވި ބައެއް ވާހަކަތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ އިންޓެލްތައް، ހާއްސަކޮށް ސިފައިންގެ އިންޓެލް އޮތީ ވަރަށް ބޮޑެތި މައްސަލަތަކެއްގެ ތެރޭގަ އެވެ. ހަމަ އެހެންމެ، ދައުލަތުގެ ވެރިންގެ ސެކިއުރިޓީ އަކީ އެމްއެންޑީއެފްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވާއިރު، މިކަން ގޮސް ގުޅެނީ ވެސް ސިފައިންގެ އިންޓެލް، ނުވަތަ ޑިފެންސް އިންޓެލިޖެންސް ސާވިސް އާ އެވެ.
ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، ރައީސްް އަބްދުﷲ ޔާމީންގެ ދައުރު، އެ މަނިކުފާނު ވެރިކަމުގެ ފަސް އަހަރު ފުރިހަމަވީ ސިފައިންގެ އިންޓެލް ވަރަށް ބޮޑު ރޯލެއް ކުޅެގެންނެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުރީ ސަރުކާރުން އޭރު ސިފައިންގެ އިންޓެލްގެ ބޭނުން ވަރަށް ރަނގަޅަށް ކުރި އެވެ.
ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި ޒަހަމްވި ބައެއް މީހުންގެ ފައިވާން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އޭރު ވަރަށް ރަނގަޅު ޓްރެކްގައި ދިޔައީ. އެކަމަކު މިހާރު އެކަން އެހެނެއް ނޫން. ރަނގަޅަށް ފަންކްޝަނެއް ނުކުރޭ. އަނެއްކާ އިންޓެލްގެ ބޭނުން ރަނގަޅަކަށް ބޭނުމެއް ވެސް ނުކުރޭ، ބޭނުމެއް ނުވެސް ހިފޭ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއްވީ ސަރުކާރުތައް ބަދަލުވާއިރު، އިންޓެލިޖެންސަށް އަންނަ ބަދަލުތަކެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ ޓޮޕް ލެވެލް އަށް ކޮންމެ ފަހަރަކު އަންނަ ބަދަލުތަކާ އެކު އިންޓެލިޖެންސްގެ މަގާމުތަކަށް ބަދަލު އައުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
"އެތާނގައި ތިބޭނީ ބޭރުން ޓްރެއިންވެގެން އަންނަ މީހުން. މީހަކު އުފައްދަން ހަގީގަތުގައި އެބަ ނަގާ ދިހަ ވަރަކަށް އަހަރު. މިހެން މިކަން އޮންނަ އިރު ދެން އަންނަ ސަރުކާރަކުން ކޮންމެވެސް ގޮތަކުން އެ މީހާ އެހެން މަގާމަކަށް ބަދަލުކޮށްފާނެ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ތަންތަނުގައި އިންޓެލިޖެންސަކީ ދިގު މުއްދަތަށް ޕްލޭން ހަދައިގެން ކަންކަން ކުރާ ބައެއް. ރާއްޖޭގައި ފަސް އަހަރުން ސަރުކާރު ބަދަލުވާ އިރު އެއިން ކޮންމެ ފަހަރަކު ޕްލޭންތައް އޮންނަނީ ބަދަލު ކުރަން ޖެހިފައި. ކަމެއް ކުރަން، މިސާލަކަށް ދީނީ ހަރުކަށި މީހުންގެ މައްސަލަ ކަހަލަ މައްސަލަތަކަކީ ފަސް އަހަރުން ނިމޭނެ ކަމެއް ނޫން."
ދުނިޔޭގެ އެހެން ތަންތަނުގައި އިންޓެލިޖެންސަކީ ދިގު މުއްދަތަށް ޕްލޭން ހަދައިގެން ކަންކަން ކުރާ ބައެއް. ރާއްޖޭގައި ފަސް އަހަރުން ސަރުކާރު ބަދަލުވާ އިރު އެއިން ކޮންމެ ފަހަރަކު ޕްލޭންތައް އޮންނަނީ ބަދަލު ކުރަން ޖެހިފައި.
އަނެއްކޮޅުން އެއް ތަޖުރިބާކާރަކު ތުހުމަތު ކުރެއްވި ގޮތުގައި އިންޓެލިޖެންސްގެ ބޭނުން ވެސް އޭގެ ފުރިހަމަ ގޮތުގައި ހިފުމުގައި ކޮންމެ ސަރުކާރެއް ވެސް ވަރަށް ގިނަ ފަހަރު އޮންނަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ. މި ސަރުކާރުގެ ވެސް އެ މައްސަލަ އެބައޮތެވެ.
"ބައެއް ފަހަރު އެބަހުރި އިންޓެލްގެ މީހުން ދައްކާ ވާހަކަ ގަބޫލުނުކޮށް ޕާޓީގެ އެކްޓިވިސްޓުން ދައްކާ ވާހަކަ އަށް ބަރޯސާ ވެގެން ވެސް ކަންކަން ކޮށްފައި. މިހިރީ ވަރަށް ދެރަވަރުގެ ކަންކަން. މިއީ ކޮށްގެން ވާ ކަހަލަ ކަންކަމެއް ނޫން. އިންޓެލްގެ ބައެއް އިސް މަގާމުތައް އެބަހުރި ކަމާ ގުޅުން ނެތް، ތަޖުރިބާ ނެތް ބޭފުޅުންނާ ހަވާލުކޮށްފައި އޭނާ އަކީ ހަމައެކަނި އިތުބާރު ކުރާ މީހަކަށް ވާތީ،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ ނުފޫޒުތަކުގެ ތެރެއިން އިންޓެލް ސަލާމަތްކޮށްގެން ނޫނީ މިކަހަލަ ކަންކަން މައިތިރިއެއް ނުކުރެވޭނެ އެވެ. އިންޓެލް ފެއިލްވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ، ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، ސިޔާސީ ގޮތުން ނެގޭ ފިޔަވަޅުތަކުގެ ތެރޭގައި މުޅި ތަން ޚަރާބުވެގެން ދިއުމެވެ.
"އެކަމަކު އަޅުގަނޑެއް ނުދަންނަވާނަން އިންޓެލްގެ ބޭނުން މި ސަރުކާރުން ނުކުރެއެކޭ. މަސައްކަތް ވެސް ނުކުރެއެކޭ. މި ދަންނަވަނީ އޭގެ ގޮތުގައި ފަންކްޝަން ނުކުރާ ވާހަކަ. އެކަށީގެންވާ ވަރަށް މުވައްޒަފުން ވެސް އެބަތިބި. އެކަމަކު ފުރިހަމަ ގާބިލް މީހުން ޓޮޕްލެވެލްގައި ނެތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރަނގަޅު ބަޖެޓެއް ނެތުމާއި ވަސީލަތްތައް ނެތުމާއި ޓީމެއްގެ ގޮތުގައި އިންޓެލް މަސައްކަތް ނުކުރާކަން ފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި އެކަމަށް ޓޮޕް ލެވެލް އިން ސަމާލުކަން ދޭތަން ނުފެންނަ ކަމުގެ އެއް ހެކި ވެސް އެއް ބޭފުޅަކު ދެއްކެވި އެވެ.
"ބައެއް ކަންކަން ރިޕޯޓް ކުރީމަ ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު ފިޔަވަޅު އެޅޭ ތަނެއް ނުފެނޭ. އޭގެ ބައެއް ކަންކަން ފެނިގެން ވެސް ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ. "މިސާލަކަށް މާލެ ތެރޭގައި މިހާރު ވެސް ދީނީ ހަރުކަށި ފިކުރުގެ އެތައް ސަތޭކަ ބަޔަކު އެބައުޅޭ. ގާނޫނުތަކުން އެ މީހުންގެ ހަރަކާތްތައް މޮނީޓާ ކުރެވޭނެ ގޮތް އެބަހުރި. ޓެގް ހަރުކޮށްގެން ބެލެން އެބައޮތް. ކިތައް މީހުންގެ ބާ ޓެގް އަޅުވައިގެން މޮނީޓާ ކުރެވެނީ."
ރައީސް ނަޝީދަށް ދިން ހަމަލާ އަށް ފަހު، ތަޖުރިބާކާރުން ފާހަގަކުރެއްވި އަނެއް ކަމަކީ ހަމަލާ ދިން މީހާ މުޅި މާލޭގައި ހިނގާފައި އުޅުނު އިރު ސިފައިން އަންނަންވާ ވަރަށް އެލާޓަށް ނައިސް އޮތް މައްސަލަ އެވެ.
"އޭނަ ބްރިޖެއް ވެސް ހުރަސް ކޮށްގެން ހުޅުމާލެ އަށް ދިޔައީ. ސިފައިންނަށް އެ ވަގުތު މުޅި މާލެ ކޮންޓްރޯލް ކުރެވެން ވާނެ. އަންނަން ޖެހޭ އެލާޓަށް ނައިމަ އެހެން އުޅެވޭނީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ތަޖުރިބާކާރުންގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރޭގައި އިންޓެލިޖެންސް ޔުނިޓެއް އޮވެ، ސިފައިންގެ ތެރޭގައި ވެސް ހަމަ އެ މަސައްކަތް ކުރާ ޔުނިޓެއް އޮވެ، ރައީސް އޮފީހުގެ ތެރޭގައި ވެސް އޭގެ ޔުނިޓެއް އޮވެ، އަދި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގައި ވެސް ޔުނިޓެއް އޮވެ އެއް މަސައްކަތްތަކެއް އެތައް ބަޔަކު މިހާރު އަންނަނީ ކުރަމުންނެވެ.
"ސިފައިންގެ އިންޓެލް އިން ބުނާ އެއްޗެއް ފުލުހުންގެ އިންޓެލް އިން ގަބޫލެއް ނުކުރޭ. ފުލުހުންގެ އިންޓެލްް އިން ބުނާ ވާހަކަ ސިފައިން ގަބޫލެއް ނުކުރޭ. މިކަހަލަ ގޮތަކަށް މިހާރު މިކަން މި ދަނީ،" ތަޖުރިބާކާރުން ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޮމުގެ ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ
އޭގެ ހައްލަކީ އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ސެންޓްރަލް އިންޓެލިޖެންސް ސެންޓަރެއް ހަދައި އެ ހިދުމަތް މުޅިން ވަކިކޮށްލުމެވެ. އޭގެ ބައެއް ސަބަބުތައް ވެސް އެއް ބޭފުޅަކު ކިޔައިދެއްވި އެވެ.
"ސިފައިން ވީމަ ހުރިހާ ކަމެއް ކުރަން ޖެހޭނެ ސިފައިންގެ ގާނޫނު ބުނާ ގޮތުން. ފުލުހުން ވެސް ހަމަ އެހެން. މިގޮތަށް ވަކި ތަނެއް ހެދީމަ މިކަމަށް ފޯކަސްކޮށްގެން ނަތީޖާ ނެރެވިދާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.
ހުރިހާ އިންޓެލްތަކެއް އެއް ފުރާޅެއްގެ ތެރެއަށް ގެނައުމުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވިފައި ވެ އެވެ. މީގެ 13 އަހަރު ކުުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ ވާހަކަތައް ދެކެވުނެވެ. އޭގެ ގާނޫނެއް ވެސް ޑްރާފްޓް ކުރި ކަމަށް ވެ އެވެ.
"އެކަމަކު އޭރު ވެސް ވީ ގޮތަކީ ސިޔާސީ ބޭފުޅުން ބޭނުން ވެއްޖެ މަގާމްތައް. ދެން ކިހިނެއް މިކަން ވާނީ؟" ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ޓެރަރިޒަމާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ އަޑި ނޭނގޭ ހާލިތައް ރާއްޖޭގައި ވަކިހިއްޕާލައިފައިވާ އިރު އެކަންކަން ދުރާލައި ހުއްޓުވުމުގެ ބާރު އެންމެ ބޮޑަށް އޮތީ އިންޓެލްގެ އަތްމަތީގަ އެވެ. ހަގީގަތަކީ އިންޓެލް ރަނގަޅަށް މަސައްކަތް ކުރި ނަމަ، ރައީސް ނަޝީދަށް ދިން ހަމަލަ އެހާ ފަސޭހައިން ނުދެވުނީސް ކަމެވެ.
ތަޖުރިބާކާރުން ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. ހަމަލާ ދިނުމާ ހިސާބުން "އިންޓެލް ފެއިލްވީ" ކަަމަށް އެ ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު އޭގެ މުޅި ހައްލަކީ ސެންޓްރަލް ތަނެއް ހެދުން ކަމަކަށް އެއް ތަޖުރިބާކާރު ގަބޫލެއް ނުކުރައްވަ އެވެ.
"މީގައި ކުރަންވީ ކަމަކީ އިންޓެލްއަކީ ކިހާ މުހިންމު ބައެއްކަން ދެނެގަނެ އެއީ ވަރުގަދަ ހިދުމަތެއް ހޯދަން ޖެހޭ ތަނެއްކަން އެންމެ މަތީ ލެވެލް އިން ވެސް ގަބޫލުކުރަންވީ. އެ ހިސާބުން ކަންކަން ރަނގަޅުވާނެ. އެހެން ނޫނީ މިކަން އިތުރަށް ގޯސް ވެދާނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓެލް
13 May 2021
ދިވެހިރާއްޖޭގެ އިންޓެލްގެ އެންމެ ބޮޑު ފޭލިއާއަކީ 2008ވަނަ އަހަރުގެ ފަހުން އިންޓެލިޖެންސަށް ގެނެވުނު ބަދަލުގެ ތެރެއިން ބޭރުގައި މަސައްކަތްކުރަމުން ދިޔަ ކޮވާޓް އޮފިސަރުން އެމީހުންގެ ސޯސްތަކަކީ ކޮބައިކަން ބަޔަކުމީހުން ބަލަން ބޭނުންވެގެން އެކަމުގެ މައުލޫމާތު އެއްކޮށް އޭގެތެރެއިން ގިނަމީހުން ޔުނިފޯމް އަޅުވައި އަދި މިކަމުގެ ސަބަބުން ބައެއްމީހުން މަސައްކަތާއިދުރަށް ދިއުން، ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ އިންޓެލްގައި މިހާރު އިތުބާރުކުރެވޭ ސޯސްތައްމަދުކަން،
ފައްސިމޭން
11 May 2021
ކޮންމެހެން އެއްޗެކޭ ކިޔާފަ އާންމު ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތު އެއްކުރަން ފަށައިގެން ނުވާނެ، އަހަރުން ހޮވާފަ ތިބި އަހަރުންގެ ހާދިމުންނަށް ވާންޖެހޭ ބައެއްގެ ސަލާމަތަށޭ ކިޔާފައެވެ. ބޮޑުތަނުން ދެކޮޅު.
ސަލީމު އިދުރީސް
11 May 2021
މަޑުމައިތިރި ފިކުރު ހުއްޓުވާށޭކިޔާ ފަރާއްތަކައް ދަންވަން އެއްފިކުރުމީހުނަކީ މީހުންމެރުމައް ބޮންދާ މީހުން މަރާ ބަޔެއްނޫން ކަމަށް! އަދި މީހަކާ ހިޔާލު ތަފާތުވިއަސް ކަންފަތް މައްޗައް ކަޑިދަމާ ކަރުބުރި ކޮއްގެން މައްސަލަ ހައްލުކުރާ ބަޔެއްނޫންކަމައް! އެމިހުންނަކީ އެއްވެސް ވައްތަރެއްގެ ފިކުރިއްޔާތެއްގަ ޖެހި ސިކުންޑި ދޮވެވިފަ ވާބަޔެއް ނޫންކަމައް!
އަސްލުހާލަތު21
11 May 2021
އެމެރިކާގެ ސީއައިއޭ އިޒްރޭލުގެ މޮޒާޑް އިންޑިއާގެ ރޯވ ގޮތަށް ސިފައިންނާ ފުލުހުންގެ މުއައްސަސާގެ ބޭރުން ޤައުމީ އިންޓަލިޖެންސް އިދާރާއެއް އުފައްދަން އެބަޖެހޭ މި ރާއްޖޭގަ.. އެހާލަތު އެބަ އޮތް.. ހަމައެކަނި އެކަމަށް ފޯކަސްކޮށްގެން ހަރަކާތްތެރިވާ ޓްރެއިންޑް ބަޔަކު ތިބެގެން ނޫބީ މުސްތަޤުބަލުގަ ހިޔެއް ނުވޭ ޤައުމު އަތުވާނެހެނެއް މިހާރު މިދާ ވަރުން ދަންޏާ..
އައްމަޑޭ
11 May 2021
އާޓިކަލް ކިޔާލީމަވެސް އެބައެނގޭ އިންޓެލް އިން ކުރާ މައިގަނޑު މަސައްކަތަކީ ސިޔާސީ މަސައްކަތް ކަން. އިންޓެލިޖެންސް އިން ކުރަންޖެހޭ އަސްލު މަސައްކަތްކުރާނަމަ ޓެރަރުޒަމް ހުއްޓުވޭނެ.
އިންޓެލް
10 May 2021
ކިހިނެތް ރަގަޅުވާނީ!. ތިޔަ އިންޓެލިޖެންސް އެޖެންސީސް ތަކުން ކުރާހާވެސް ކަމަކީ ގައުމަށްހުރި ބޮޑެތި ނުރައްކާތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އަނެކާގެ ޒާތީ ދިރިއުޅުމަށް ފާރަލުމެވެ.
ކުމާރު
10 May 2021
މިނިވަން ސެންޓްރަލް އިންޓެލިޖެންސް ސާރވިސް އެއް އުފައްދަވައި އަދި ދިގު މުއްދަތުގެ ޕްލޭނެއް ބޭނުންވޭ. ހަމައެކަނި ހަރުކަށި ފިކުރުގެ މައްސަލަ އެކަންޏެއްނޫނެވެ. ކަންމަތީ ގްރޫޕްތަކުންވެސް ބޮޑެތި އޯގަނައިސްޑް ކްރައިމްސްތައް ރާވާހަދައިގެން މީހުން މަރަންވެގެން ވަޅިންވެސް ހަމަލާދެނީއެވެ.
1828
11 May 2021
މަޑުކަށި ފިކުރުގެ ޕްރޮގްރާމް ދުރާލާ ރާވައިގެން ހިންގުންވެސް އިންޓެލިޖެންސް އިން މޮނީޓަރކުރަން ޖެހޭ. އެކަމަކު މިސަރުކާރަށް މަޑުކަށި ފިކުރު އޯކޭ. ހަރުކަށި ފިކުރު އޯކޭއެއްނޫން. ގިނަ ދިވެހިންނަށް ކުރިން މިބުނި ދެ ފިކުރުވެސް އޯކޭއެއްނޫން.
ކަރީނާ
10 May 2021
ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ އެއް ހަދަން ވީ
ބޯނުކޮއެ
10 May 2021
އަބަދުވެސް އިންޓެލް މަސައްކަތްކުރަނީ އޭރެއްގއި އޮންނަ ސަރުކާރެއް ނަގަހައްޓާ އިދިކޮޅު މީހުން މަޅިއަޅުވަން. މިހާރުވެސް ކަން ހިނގަނީ އެހެން. މިހާރު ސަރުކާރު އެހިންގަނީ ސީދާ ކެނެރީގޭތެރެއިން. ފުލުހުންގެ އިންޓެލް އަށް ވެރިޔަކުނުލާ ތަން ހިންގަނީ ސީދާ އެމްސީހަމީދަށް ރިޕޯޓުކޮށްގެން. ދުވަހުގެ މަސައްކަތަކީ ސިޔާސީ އިދިކޮޅު މީހުން ބޭނޭނެ ގޮތެއް ހޯދުން. ދެން ކަމެއް ހިނގާްއިރަށް ބަޔަކު މަސައްކަތަކީ ހައްޔަރެއްކޮށްލުން
އެދުރުކަލޭގެފާނު
10 May 2021
ރައީސް މައުމޫނުގެ ދައުރުގައި އިންޓެލިޖެންސް ހިންގި ގޮތަށް ޚަރުދަނާކޮށް އެކަން ކުރިނަމަ މިމައްސަލަ ދިމާވުން ވަރައް ނާދިރުއެވެ. އޭރު އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވީ ތިމަރަފުށީ މެމްބަރު އަބުދުއްﷲ ރިޔާޒްއެވެ. އެދުރުކަލޭގެފާނު އާއި މިދެންނެވާ ރިޔާޒްއާއި ޒާތީ މައްސަލައެއް ޖެހި މިހާރުވެސް ވާހަކަ ނުދައްކައެވެ. އެކަމަކު މީހެއްގައި ހުރި ރަނގަޅުކަމެއް ނެތް ކަމަކަށް ނެހެދޭނެއެވެ. އެއާ ޚިލާފަތް މިހާރުގެ ކަމިޝްނާރ އަކީ ޤާބިލުކަމެއް ނެތް ރައްޓެއްސެކެވެ.