ހަރަދުތައް ބޮޑުވެގެން "ވެންޑީޒް" އިނގިރޭސި މާކެޓް ދޫކޮށްލީ 2001 ގައި
11 މެއި 2021 - 08:48
އެމެރިކާގައި ދެވަނަ އަށް އެންމެ ބޮޑު ބާގާ ޗެއިން ވެންޑީޒް" އިން 20 އަހަރު ފަހުން އަލުން އަނެއްކާ ވެސް އިނގިރޭސި މާކެޓަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ހަތަރެސްކަން ބައްޓަމަށް ހުންނަ ބާގާ އަށް މަޝްހޫރު ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ 2001 ގައި ދޫކޮށްލި މާކެޓަށް އަލުން ނުކުންނަ އިރު، ވެންޑީޒްގެ ފުރަތަމަ އައުޓްލެޓް އަންނަ މަހު ހުޅުވާނީ ރީޑިންގައި ކަމަށެވެ. ޖުމްލަ 400 އައުޓްލެޓް ހުޅުވަން ނިންމާފައިވާ އިރު، ފުރަތަމަ ހުޅުވާ ތަންތަނުގެ ތެރޭގައި ދެން ހިމެނެނީ އޮކްސްފޯޑާއި ސްޓްރެޓްފޯޑެވެ.
ވެންޑީޒް އިން ބުނި ގޮތުގައި އަމާޒަކީ އިނގިރޭސިވިލާތުގެ މާކެޓްގައި ރަސްކަންކުރަމުން އަންނަ އެމެރިކާގެ މެކްޑޮނަލްޑްސް އާއި ބާގާ ކިންގާ އެކު ވަރުގަދަ ވާދަވެރި ކަމެއް އުފެއްދުމެވެ. އިނގިރޭސިވިލާތުގައި ހިންގާ މެކްނޮޑަލްޑްސްގެ އައުޓްލެޓްތަކުގެ އަދަދު 1،300 އަށް އަރަ އެވެ. އަދި ބާގާ ކިންގްގެ އައުޓްލެޓްތަކުގެ އަދަދަކީ 500 އެވެ.
Wendy's to rival McDonald's and Burger King as fast food chain returns to UK https://t.co/8srDVlewRf pic.twitter.com/lmXLso2MwS
— The Mirror (@DailyMirror) May 9, 2021
ވެންޑީޒް އިން ބުނި އެ ކުންފުނީގެ ހިދުމަތް އަލުން އިނގިރޭސިވިލާތުގައި ފެށުމުން 12،000 ވަޒީފާ ވެސް އުފެދިގެން ދާނެ ކަމަށެވެ. އެގޮތުން ކޮންމެ އައުޓްލެޓެއްގައި މަދުވެގެން 30-50 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ވެންޑީޒްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އަބިގައިލް ޕްރިންގްލް ވިދާޅުވީ އިނގިރޭސި މާކެޓަށް އަލުން ނިންމި މި ދަނޑިވަޅަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށްވާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނި އަލުން ނުކުތުމާ އެކު ބާގާގެ ވިޔަފާރީގައި އިތުރު ވާދަވެރި ކަމެއް އުފެދި، ވިޔަފާރި ފުޅާވާން ވެސް ފަށާނެ އެވެ.
"ހަމަމިއާ އެކު އަހަރެމެން އިނގިރޭސިވިލާތަށް އެނބުރި އައުމަކީ މުޅި ޔޫރަޕަށް ވިޔަފާރި ފުޅާކުރަން ވެސް ހުޅުވޭނެ ބޮޑު ދޮރަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.
ރީޑިންގައި ހުޅުވާ ވެންޑީޒްގެ އައުޓްލެޓްގެ މަންޒަަރެއް.
ވެންޑީޒް އިން އަލުން އިނގިރޭސި މާކެޓަށް ނުކުންނަ އިރު، ކުރިން ނުލިބޭ ބާގާގެ ވަރަށް ގިނަ ވެރައިޓީތައް މި ފަހަރުގެ މެނޫގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ވަކިން ހާއްސަކޮށް ވެޖެޓޭރިއަން ބާގާ ހިމެނެ އެވެ.
އެމެރިކާގެ އޮހައިއޯ އަށް ނިސްބަތްވާ ވެންޑީޒް އަކީ 1969 ގައި އުފަންވި ވިޔަފާރިއެކެވެ. އެ ކުންފުނީގެ އައުޓްލެޓްތަކުގެ އަދަދު މިހާރު 6،800 އަށް އަރަ އެވެ.
ދެހާސް އެކެއްގައި ވެންޑީޒް އިނގިރޭސިވިލާތް ދޫކުރީ ކުލި ބޮޑުވެގެންނާއި ވިޔަފާރި ފުޅާކުރަން ހުރި ހުރަސްތަކާ ހެދި ހަރަދު ބޮޑުވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑިންގ
11 May 2021
ރީޑިންގ އެއް ނޫން. ރެޑިންގ