12 މެއި 2021 - 09:34
އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގައި އާބާދީ އިތުރުވާ ރޭޓަށް ފާއިތުވި 10 އަހަރު ވެސް ކުރިއެރުމެއް ނާންކަން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެގޮތުން ކޮންމެ 10 އަހަރުން އެއް ފަހަރު ކުރިއަށް ގެންދާ ބޯހިމެނުގެ ނަތީޖާތަކުން، މިދިޔަ އަހަރުގެ ބޯހިމެނުގެ ނަތީޖާ ދައްކާ ގޮތުން ފާއިތުވި 10 އަހަރު އުފަންވުމުގެ ރޭޓް ހުރީ އެންމެ 0.53 ޕަސެންޓުގަ އެވެ. އެއީ 2000-2010 އާ ދެމެދު ނިސްބަތް ހުރި ވަރަށް ވެސް ދަށް މިންވަރެކެވެ. އެ މުއްދަތުގެ ތެރޭގައި އުފަންވާ ރޭޓް ހުރީ އަހަރަކު 0.57 ޕަސެންޓުގަ އެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުގައި އުފަންވެފައި ވަނީ 12 މިލިއަން ކުދިންނެވެ. އެއީ ހަ އަހަރު ކުރިއަށް ބަލާ އިރު ހަ މިލިއަންގެ ދަށްވުމެކެވެ. ދެހާސް ސޯޅައިގައި ޗައިނާގައި އުފަންވި ކުދިންގެ އަދަދަކީ 18 މިލިއަނެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެރިޔާ ނިންގް ޖިޒޭ ވިދާޅުވި ގޮތުގައި އުފަންވާ ކުދިންގެ އަދަދު މަދުވާ ސަބަބުތަކުގެ ތެރޭގައި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން އާންމުންގެ ދިރިއުޅުމަށް އަންނަ ބަތަލުތަކާ އެކު ދަރިމައިވުމުގެ ރޭޓް ދަށްވުން ހިމެނެ އެވެ.
China's #population on the mainland reached 1.41178 billion, the National Bureau of Statistics (NBS) said Tuesday, citing data from the seventh national population #census.https://t.co/vRdrlMqOeh pic.twitter.com/pX67q6m3Uy
— China SCIO (@chinascio) May 11, 2021
ޗައިނާ އަކީ ކުރިން އާބާދީ ކޮންޓްރޯލްކުރަން އާއިލާތަކުން އެންމެ ކުއްޖަކު ހޯދުމުގެ އުސޫލުތަކެއް ވެސް ގެންގުޅު ގައުމެކެވެ. ނަމަވެސް ފަހުން އުފަންވާ ރޭޓް ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން "ވަން ޗައިލްޑް ޕޮލިސީ" 2016 ގައި ވަނީ އުވާލައިފަ އެވެ.
ނަމަވެސް ތަރައްގީ އާއި ކުރިއެރުންތަކާ އެކު ގިނަ ބަޔަކު ތައުލީމު ހޯދަން އިސްކަންދޭ މިންވަރު ބޮޑުވުމާއި ކެރިއަރަށްދޭ ސަމާލުކަމާއި ކައިވެނިކުރުން ފަސްކުރުން ފަދަ ކަންކަމާ ހެދި ދަރިމައިވާ ރޭޓް ކަންބޮޑުވާން ޖެހޭ ވަރަށް ޗައިނާގައި ދަށަށް ގޮސްފައިވެ އެވެ.
އާބާދީ އިތުރުނުވާ މައްސަލާގައި ޗައިނާ މިހާރު އޮތީ ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އޭގެ ސަބަބުން ގައުމުގެ ބިނާކުރަން އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އޭގެ ތެރޭގައި ޒުވާނުންގެ އަދަދު މަދުވެ، މުސްކުޅި އާބާދީ އިތުރުން ހިމެނެ އެވެ.
ޗައިނާގެ މިހާރުގެ އާބާދީ އަކީ 1.4 ބިލިއަނެވެ.
ޗައިނާއާ އަވަށްޓެރި ގައުމުތަކަށް ބަލާ އިރު ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކަކީ ވެސް މި ފަހުން އުފަންވާ ރޭޓް ދަށްވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކެވެ. އެހެންވެ ދަރިން ހޯދަން ހިތްވަރުދޭން އެ ގައުމުތަކުން އެކި ކަހަލަ ޕްލޭންތައް ވެސް އިއުލާންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy